ކްލަބު ވެލެންސިއާއިން މާދަމާ ރޭ ބަންގްލަދޭޝްގައި، އެގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދިއުމަށް ދަތުރުގެ ހުރިހާ ކަންކަމެއް، ހުރިހާ ހަރަދެއް ހަމަޖައްސައި ފައިސާ ޖަމާކުރަން ބެލި އިރު، ކްލަބުގެ އެކައުންޓް ނެތް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރު ވެލެންސިއާއިން ފެށީ ފުރަތަމަ މެޗުގައި މިިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ މާލޭގައި ބޫޓާންގެ ޕަރޯ އެފްސީ 2-1 އިން ބަލިކުރުމަށް ފަހުގައެވެ. ބޫޓާންގެ ޗެމްޕިއަން ޕަރޯގެ މައްޗަށް ވެލެންސިއާ އިން ކުރި ހޯދީ 120 މިނެޓް ކުޅެގެންނެވެ. ދެން ދެވަނަ މެޗަށް ދާން އޮތީ ބަންގްލަދޭޝްއަށެވެ. އެއީ މާދަމާ ރޭ ޑާކާ އަބަހާނީއާ ދެކޮޅަށް އޮންނަ މެޗަށެވެ. އެ މެޗަށް ދާން ފުރަން ދެފަހަރަށް އުޅެ، އިއްޔެ ވެލެންސިއާއަށް ފުރޭ ގޮތެއް ނުވިއެވެ. ފައިސާވެސް ހަމަ ނުޖެހި، ދަތުރުގެ ކަންކަން ހަމަ ނުޖެހި ދިގުލައިގެން ގޮސްގެންނެވެ. ކްލަބުގެ އިތުރު ބައެއް ކަންކަންވެސް ހަމަނުޖެހި އޮތުމުންނެވެ.
އެ މައްސަލަ ހޫނުވެ، އެކިއެކި ގޮތްގޮތަށް ކްލަބާއި ބައެއް އޮފިޝަލުންވެސް ވާހަކަ ދައްކާފައިވާ އިރު، މިނިސްޓްރީގެ ފަރާތުން ކަންކަން ހަމަޖެހުން ލަސްވި ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެ ވާހަކަތަކަށް މިނިސްޓްރީން ވަނީ ރައްދު ދީފައެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ 12 ވަނަ ދުވަހުގެ ރޭ ބަންގުލަދޭޝްގައި އޮތް މެޗަށް ޓީމުގެ ޓިކެޓާއި އެކޮމޮޑޭޝަން ފައިސާ ހަމަޖައްސައިދޭން ކްލަބުން އެދުނީ މިމަހުގެ ހަވަނަ ދުވަސް، މިދިޔަ ހަފުތާގެ ބުދަ ދުވަހުގައި ކަމަށެވެ. އެގޮތަށް ކަންކަން ހަމަޖެއްސުމުގެ މިނިސްޓްރީގެ ފާރަތުން އެދުމުގެ ފުރުސަތަކީ އޭއެފްސީ ކަޕްގައި ކުޅޭ ޓީމުތަކަށް އޮންނަ ފުރުސަތެއް ކަމުން މިނިސްޓްރީން އެކަން ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެއާއެކު 27 ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓަށް 28،809 ޑޮލަރު، އެކޮމޮޑޭޝަނަށް 4731.36 ޑޮލަރު، ޖުމުލަ 33،540.36 ޑޮލަރު ހަރަދުކުރަން މިނިސްޓްރީން ނިންމި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެ ހުރިހާ ފައިސާއެއް ހަމަޖައްސައި، މިމަހުގެ ހަތްވަނަ ދުވަހު ވެލެންސިއާގެ އެކައުންޓަށް ޖަމާކުރަން ބެލި އިރު، އެ ކްލަބުގެ އެކައުންޓް ނެތް ކަމަށް މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެ ހިސާބުންވެސް މިނިސްޓްރީން އެފްއޭއެމް މެދުވެރިކޮށް، ވެލެންސިއާއަށް ފައިސާ ފޯރުކޮށްދޭން މަސައްކަތް ކުރި ކަމަށާއި، އެ ފައިސާ ނުދެވި އޮތީ މިމަހުގެ އަށެއް އަދި ނުވައެއް އެއީ ހަފުތާ ބަންދު ދުވަސްތަކަކަށް ވުމުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އެފަދަ ގޮތަކަށް ފައިސާ ޖަމާ ނުކުރެވި އޮތް ނަމަވެސް، މިމަހުގެ ނުވަވަނަ އަށްވީ ހޮނިހިރު ދުވަހު ވެލެންސިއާ އިން ޓިކެޓަށް އެދުމުން ހުރިހާ ޓިކެޓެއް މިނިސްޓްރީން ނަގައިދީފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ އެކޮމޮޑޭޝަނާއި ކެއުމުގެ ހަރަދުވެސް މިނިސްޓްރީން ހަމަޖައްސައިފައި އޮތް ނަމަވެސް، ދައުލަތުގެ ފައިސާ ހަމަޖެހިފައި އޮންނަ ގޮތުން ޖަމާ ނުކުރެވި އޮތުމުން، މުބާރާތަށް ކުރާ ހަރަދުތައް ކުރިންވެސް އޮންނަ އުސޫލުން ރިއިންބާސް ކުރާ ގޮތަށް، ކްލަބުން ޒިންމާ ނަގާ ގޮތަށް ކުރުމަށް އެންގި ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައިވެސް ވަނީ ވެލެންސިއާގެ ކުޅުންތެރިންގެ ވިސާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މާ ކުރިން ޝެޑިއުލް ލިބިފައި އޮތް މެޗަކަށް ފުރަން 24 ގަޑިއިރަށް ވެފައި އޮތް އިރުވެސް، ވިސާ ކަންކަން ހަމަނުޖެހި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކްލަބުތަކަކީ ގާނޫނުން ބާރު ލިބިދޭ އަމިއްލަ މިނިވަން ޝަހުސުތަކެއް ކަމުން، ކްލަބުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަކީ ކްލަބުތަކުގެ އަމިއްލަ ޒިންމާތައް ކަމަށެވެ. އަދި އެއީ މިނިސްޓްރީގެ މެންޑޭޓުގެ ކަންކަން ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ މިނިސްޓްރީން ނެގި ނޮން ރިފަންޑެބަލް ޓިކެޓުތަކަށް ކްލަބު ވެލެންސިއާއިން ދަތުރު ނުކުތް އޮތް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް މިނިސްޓްރީން ދޫކުރާ ފައިސާ ދޫކުރާ އިރު، ދެން ވެލެންސިއާއަށް ފައިސާ ދޫކުރާނީ އެ ޓިކެޓުތަކުގެ ހަރަދު ކެނޑުމަށްފަހުގައި ކަމަށެވެ. އޭގެ އިތުރުން މިނިސްޓްރީން ބުނީ އޭއެފްސީ ކަޕް ފަދަ މުބާރާތްތަކުގައި ގައުމު ތަމްސީލުކުރަން ލިބޭ ފުރުސަތުތައް ގެއްލުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބޭނެ ފޫނުބެއްދޭ ވަރުގަދަ ބޮޑެތި ގެއްލުންތައް ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ