ރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ވަރުގަދަ އެއް ކްލަބެވެ. ކްލަބު ވެލެންސިއާއެވެ. މީގެ 40 ހަކަށް އަހަރު ކުރިން 1970 ގެ އަހަރުތަކަށް ވުޖޫދަށް އައި ފުޓުބޯޅައިގެ "ރީނދޫ" ނަމެކެވެ. 1980 ގެ އަހަރުތަކުގެ އިތުރުން 90ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅުގައިވެސް އޭޝިއާގެ ފެންވަރުގައި ރާއްޖެ ތަމްސީލުކުރި ކާމިޔާބު ކްލަބެކެވެ. އެ ކާމިޔާބީތައް ފަނޑުވެ، 2018-19 ވަނަ ސީޒަނާއި ހިސާބުގައި ވެލެންސިއާ ރެލިގޭޓްވެ، ދެވަނަ ޑިވިޝަނަށް ވެއްޓުނެވެ. ދެން އެނބުރި އައީ 2020 ވަނަ އަހަރު ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްގެންނެވެ.

މިދިޔަ އަހަރުގެ ސީޒަނަށް ވެލެންސިއާ ނުކުތީ އާ އުންމީދެއްގައެވެ. ކްލަބުގެ ޒަމާންވީ ސަޕޯޓަރުންނަށް އާ ޖީލެއް ގެނެސްދިނުމަށް ވަރުގަދަ ކޮށެވެ. ކްލަބުގެ ލެޖެންޑުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) ފަދަ ކުޅުންތެރިންވެސް ޓީމަށް އެނބުރި ގެންދިޔައެވެ. ކޮންމެއަކަސް ރަނގަޅު ސީޒަނަކަށްފަހު މިފަހަރުގެ ސީޒަން ފެށީ ޕްރެސިޑެންޓްސް ކަޕްގެ ތަށްޓާވެސް އެކުގައެވެ. އުފާވެރި ފެށުން، ލީގު ފެށިތާ ދުވަސްކޮޅެއް ނުވެ ފަނޑުވެއްޖެއެވެ. އަނެއްކާވެސް ކުއްލިއަކަށް ކްލަބު "އިނދަ ޖެހިއްޖެ" އެވެ.

އެއީ ހާލަތަށް ބަލައި، ވެލެންސިއާ ކުޅުންތެރިޔަކު އުންމީދުވެސް ކުރި ގޮތެއް ނޫނެވެ. ކުރިއަށް އޭއެފްސީ ކަޕްވެސް އެޓީމަށް އޮތް އިރު، އެ ހާލަތަށް ކްލަބު ވެއްޓުންވީ ގަބޫލުކުރަން ދަތި ކަމަކަށެވެ. އެހެން ނަމަވެސް އެ "ރިޔަލިޓީ" އައިސް ޖެހިއްޖެއެވެ. އޭއެފްސީ ކަޕްގެ މެޗެއް ގެއްލުމުގެ ތުންފަތް މައްޗަށް ކްލަބު ވެއްޓިއްޖެއެވެ.

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރު ވެލެންސިއާއިން ފެށީ ފުރަތަމަ މެޗުގައި މިިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ މާލޭގައި ބޫޓާންގެ ޕަރޯ އެފްސީ 2-1 އިން ބަލިކުރުމަށް ފަހުގައެވެ. ބޫޓާންގެ ޗެމްޕިއަން ޕަރޯގެ މައްޗަށް ވެލެންސިއާ އިން ކުރި ހޯދީ 120 މިނެޓް ކުޅެގެންނެވެ. ދެން ދާން އޮތީ ބަންގްލަދޭޝްއަށެވެ. އެއީ މާދަމާ ރޭ ޑާކާ އަބަހާނީއާ ދެކޮޅަށް އޮންނަ މެޗަށެވެ. އެ މެޗަށް ދާން ފުރަން ދެފަހަރަށް އުޅެ، އިއްޔެ ވެލެންސިއާއަށް ފުރޭ ގޮތެއް ނުވިއެވެ. ފައިސާވެސް ހަމަ ނުޖެހި، ދަތުރުގެ ކަންކަން ހަމަ ނުޖެހި ދިގުލައިގެން ގޮސްގެންނެވެ. މިހާރު އޮތީ މެޗު ގެއްލޭ ހިސާބުގައެވެ.

"ވަރަށް ދެރަވި، މިއީ ފުޓުބޯޅަ ހަޔާތުގައި އެންމެ މާޔޫސްވި ދުވަސް ކަންނޭނގެ އަސްލު. ކުޅުންތެރިން ތިބީ ގައުމު ތަމްސީލުކުރަން ތައްޔާރަށް. އަސްލު ޓީމު ކުޅެމުންދަނީ މުސާރައަކަށްވެސް ނޫން. މުސާރަ ނުލިބިގެން ރޫހު ގެއްލިފައެއްވެސް ނޫން އޮތީ. އެހެންވީމަ ދެވުނު ނަމަ ޔަގީން ޑާކާ އަބަހާނީއަށް ރަނގަޅު ޗެލެންޖެއް ދެވޭނެ. ކިކްގަ އޮތީ،" ވެލެންސިއާއާއެކު ބަންގްލަދޭޝްއަށް ނުދެވުމުން ދެރަވެފައި ހުރި އެކަކު "ވަން" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކްލަބުގެ ފައިސާގެ ހާލަތު ވަރަށް ގޯހެވެ. މުސާރަވެސް ނުދެވެއެވެ. އެހެން ނަމަވެސް ކުޅުންތެރިން ތިބީ މެޗަށް ދާށެވެ. ރޫހު އޮތީ ރަނގަޅަށެވެ. ނުދެވުނީ އެންމެ ފަހު ވަގުތު ކްލަބުގެ އެހެނިހެން ކަންކަން ހަމަނުޖެހިގެންނެވެ.

"އާންމުކޮށް މި އޮންނަ ގޮތަކީ އޭއެފްސީ ކަޕަށް ދާ ޓީމުތަކަށް ހަރަދުކުރަން މިދެނީ ޔޫތު މިނިސްޓްރީން. އެއީ މެޗަށްފަހު އެ ހަރަދު އޭއެފްސީން ލިބުނީމަ ރި އެމްބާސްކުރާ ގޮތަށް. ވެލެންސިއާއިން ދިޔައީ އެކަމަށް މަސައްކަތް ކުރަމުން، މިނިސްޓްރީން ޖަވާބެއް ދިނީ ހުކުރު ދުވަހު އެގޮތަށް ހަދަން. އަސްލު ހުކުރު ދުވަސްވީމަ ފަންޑިންއަށް ގޮތެއް ހަމައެއް ނުޖެހުނު ވެލެންސިއާއަކަށް. ވެލެންސިއާއިން މަސައްކަތް ކުރިވެސް މެ. އެކަމަކު ހަރަދު ހަމައެއް ނުޖެއްސުނު އެކަމަކަށް. އަސްލު މިނިސްޓްރީންވެސް ލަސްވި ކަމަށް ބުނެވޭނީ،" ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކު ވެލެންސިއާގެ ދަތުރު ހަމަނުޖެހުމާއި ގުޅިގެން "ވަން" އަށް ބުންޏެވެ.

ރާއްޖޭގެ ކްލަބުތަކުގެ ތެރެއިން އެއްމެ ކްލަބެއް ފިޔަވައި އޭއެފްސީގެ އަވޭ މެޗަކަށް ހަރަދުކުރެވޭނެ ފެންވަރު ހުރި އެހެން ކްލަބެއް ނެތްކަން އެއީ މިއަދުގެ ފުޓުބޯޅަ ހަގީގަތެވެ. އެހެންކަމުން އެފަދަ އަވޭ މެޗުތަކަށް ހައްލު ހޯދަނީ އެފްއޭއެމްއާއި ޔޫތު މިނިސްޓްރީ، އަދި އެ ކްލަބެއްވެސް ގުޅިގެންނެވެ. އެފަދަ ހާލަތެއްގައި އެކަށޭނެ މުއާމަލާތްތައް ކުރެވުމުގައި ބައެއް އުނދަގޫތައް ވެލެންސިއާގެ ދަތުރު ކެންސަލްވުމުގެ ތެރޭގައި ހިމެނިފައިވާކަމަށް ބުނެވިދާނެއެވެ.

ކަންކަން ހަމަޖައްސަން މިނިސްޓްރީން ކުރި މަސައްކަތުގެ މައުލޫމާތު ހޯދަން "ވަން" އިން ގުޅިނަމަވެސް އެކަމަށް އެންމެ އެކަށޭނެ ޖަވާބެއް މިނިސްޓްރީ ފަރާތުން އަދި ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިނިސްޓްރީން ހަރަދު ކުރެވޭނެ ގޮތެއް ހުކުރު ދުވަހު ހަމަޖެއްސި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަންކަމުގެ ތެރެއިން ވެލެންސިއާއިން އެފްއޭއެމްއާވެސް ގުޅިގެން ޓިކެޓް ބުކިން ހެއްދި ކަމަށް އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ލިބިފައިވާ އިރު، ހަމަނުޖެހި އޮތީ ބަންގްލަދޭޝްގައި ތިބުމާއި، ކެއުމުގެ އިތުރުން ޓްރާންސިޓްވާ ވަގުތުތަކަށް ކުޅުންތެރިންނަށް ކުރާނެ ހަރަދުތައް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭގެ އިތުރުންވެސް ވެލެންސިއާގެ ބިދޭސީ ކުޅުންތެރިންތަކެއް ވިސާ މައްސަލައެއް އުޅުނު ކަމަށްވެސް "ވަން" އަށް ވަނީ އެނގިފައެވެ. އެ މައްސަލަތަކުގެ ސަބަބުން ބިދޭސީ ކުޅުންތެރިންނަށް ފުރޭ ގޮތް ނުވެ އޮތް އޮތުންވެސް އެއީ ވެލެންސިއާއަށް ދިމާވި އިތުރު މައްސަލައެކެވެ. އެ މައްސަލައިގައި ވިސާ ކަންކަން އިމިގްރޭޝަނުން ހަމަޖައްސައި އަލުން ހައްލު ކުރެވެން އޮތީ ފައިސާގެ އަދަދެއް ދައްކައިގެން ކަމަށްވާ އިރު، އެ ފައިސާ ދައްކަންވެސް ވެލެންސިއާއަށް އޮތީ އުނދަގޫވެފައެވެ.

"އަޅުގަނޑަށް އެނގިފަ އޮތް އޮތުމުގައި މެނޭޖުމަންޓަށް ކަންކަން ހަމަނުޖެހި އޮތީމަ ނުފުރުނީ. އެއީ ފައިސާގެ ކަންކަމާއެކު އެކިއެކި ގޮތްގޮތުން ހަމަނުޖެހި ހުރި ބައެއް ކަންކަން. އެއީ ކޯޗަށް އެނގޭނެ ކަންކަމެއްވެސް ނޫން. ފުޓުބޯޅައިގައި މިހާ ދުވަހު ހޭދަކުރި މީހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުން ވަނީ މިއީ ވެލެންސިއާ އެކަންޏެއް ނޫން. މުޅި ފުޓުބޯޅައަށްވެސް ލިބިގެންދާ ބޮޑު ގެއްލުމެކޭ. އޭއެފްސީ ކަޕްގައި ލިބޭ ފުރުސަތުތަކަށް އަސަރު ކޮށްފާނެ ކަމެއް މެޗެއް ގެއްލުން އެއީ،" ވެލެންސިއާގެ ކޯޗު ކަމުގައި މިވަގުތު ހުރި ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރު، އަހުމަދު މުޖުތަބާ (ފެސްކޯ) "ވަން"އަށް ބުންޏެވެ.

ފެސްކޯގެ ކަންބޮޑުވުން އިންތިހާއެވެ. ޓީމެއްގެ ތެރެއިން ދިމާވާނެ އެންމެ ދަތި ހަނދާންތަކަށްވެސް އެކަންތައް ވެގެންދާނެއެވެ. ވެލެންސިއާއަށް އޭއެފްސީ ކަޕް މެޗެއް ގެއްލުމާ ގާތް ވެފައިވާ އިރު، މިއީ ރާއްޖޭގައި ޓީމަކަށް އޭއެފްސީ ކަޕަށް ނުފުރި، އެފަދަ އުނދަގޫތަކެއް ދިމާވާ ފުރަތަމަ ފަހަރެވެ. އެފަދަ މައްސަލަތަކަކީ އޭއެފްސީން، ޑިސިޕްލިނަރީ މައްސަލަތަކުގެ ގޮތުގައި ބަލާ ކަންކަމެވެ. ފިޔަވަޅު އަޅާނެއެވެ. ވެލެންސިއާގެ އިތުރުން ދިވެހި ފުޓުބޯޅަ، އެ "ކޮންސިކުއެންސަސް" އާ ކުރިމަތިލާން ޖެހޭނެއެވެ.

"މިއީ ވަރަށް އުނދަގޫ ހާލަތެއް. ވަރަށް ބޮޑު ގެއްލުމެއް ހަގީގަތުގަ. މި ކަންކަމާ ކުރިމަތިލާން ދިވެހި ފުޓުބޯޅައަށް އުނދަގޫވާނެ. ވެލެންސިއާއަށްވެސް މެޗަށް ދާން މަސައްކަތް ކުރެވުނު. އެކަމަކު ކަންކަން ހަމަޖެހޭ ގޮތެއް ނުވި. މި ކޮންސިކުއެންސަސްއާ ކުރިމަތިލާން މުޅި ފުޓުބޯޅައިން ޖެހޭނެ. މިއީ ނާ އުންމީދީ ކަމެއް،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "ވަން" އަށް ވިދާޅުވިއެވެ.

ފުޓުބޯޅައިގެ ހާލަތު ވަރަށް ބޮޑުތަނުން ދަށަށް ދާކަން ދައްކުވައިދޭ ނިޝާނެކެވެ. އަހަރުތަކެއް ކުރިންވެސް ކްލަބުތަކުގެ ހިންގުން އޮތީ އެ މިސްރާބަށްކަން ސާފެވެ. ހާއްސަކޮށް ލީގަކުން، ކްލަބަކަށް އެއްވެސް ފައިދާއެއް ނުވަދެ، ކްލަބުތައް ހިންގަމުން އަންނަނީ އަހަރުން އަހަރަށް ސްޕޮންސާޝިޕާއި އެހީތެރިކަމުން ލިބޭ ފައިސާގައެވެ. އޭގެ ޒާތުގައި ވިޔަފާރި އުސޫލަކަށް އޮތީ އެންމެ ކްލަބަކަށްވީ ހިނދު، އެ ކްލަބު ފިޔަވައި ދެން ހުރި ހުރިހާ ކްލަބަކުން މުސާރަތައް ދޭންވެސް އޮތީ "ސަލާން ޖެހުމެވެ." ލީގުގެ ބްރޭންޑް ވެލިއު ވަރަށް ބޮޑުތަނުން ދަށަށް ދާކަން ސާފުވަނީ ކުޅިބަލަން ވަންނަ މީހުންގެ އަދަދުންނެވެ. އެ ވެލިއު ދަށްވުމާއެކު ކްލަބުތަކަށް ސްޕޮންސާ ހޯދުމަކީވެސް އުނދަގޫވާނެ ކަމެކެވެ. އެއީ ބަލާނެ މީހެއް ނެތް، ދަށް ލީގެއްގައި ސްޕޮންސާ ކުރާނެ ކުންފުނިތައްވެސް ނުހުންނާނެތީއެވެ.

އެތައް ފަހަރަކުވެސް ދެއްކިދާނެ ވާހަކައެކެވެ. ކްލަބުތަކާއި ލީގު ހަރުދަނާ ކުރުމުގެ ވާހަކައެވެ. އެކަމަކު އެ "މެންޓާލިޓީ"، އެ "ފިލޯސަފީ" އަދި ރާއްޖެއަކު ނެތްކަން ސާފެވެ. ކޮންމެ ދުވަހަކު މިދަނީ ފުޓުބޯޅައިގެ ކަޅު މަންޒަރެއް އާ ވަމުންނެވެ. ލީގުގެ އަގު ދަނީ ވެއްޓުމުންނެވެ. ކްލަބުތަކަށް އަމިއްލައަށް ހިންގުމުގެ ގާބިލުކަން ކުޑައެވެ. ބަރޯސާ ވާން ޖެހެނީ އެފްއޭއެމްއާއި ޔޫތު މިނިސްޓްރީގެވެސް އެހީތެރިކަމަށެވެ.

އެ ބާރޯސާ ވުން ބަދަލުކުރަންވެސް ޖެއެވެ. ބުނެލަން ފަސޭހައަކަސް، ހާލަތު ގޯސްކޮށް އޮތް ކްލަބުތަކަށް އެއީ އެއްދުވަހަކުން ނުގެނެވޭނެ ބަދަލެއްކަންވެސް އެނގެއެވެ. ހާއްސަކޮށް ދިވެހި ޕްރިމިއާ ލީގު ފަދަ މުބާރާތްތަކުގެ މާކެޓިންނާއި ބްރޭންޑިން، މިހާރު އޮތް ފެންވަރުގައި އޮއްވައި އެ ބަދަލު ގެންނަން އުނދަގޫވެސް ވާނެއެވެ.

"ފުޓުބޯޅައިގެ ނަޒަރުން ޖުމުލަ ހައްލަކީ ކްލަބުތައް އަމިއްލަ ފައިމައްޗަށް ތެދުވުން. އެއީ އަސްލު ކްލަބު ހިނގަން ޖެހޭނެ ގޮތަކީ. އެކަމަށް މަގުފަހިކުރުވޭނެ ބައިވަރު ގޮތްތައް އެބަހުރި. އެ ކަންކަން ހޯދައި، ކްލަބުތައް ކްލަބުތަކުގެ ވަރުގައި ހިންގަން ފަށަން ޖެހޭ. މާޒިޔާގެ މޮޑެލަށް ބަލާއިރު، އެ ކްލަބު އެހެން ކްލަބުތަކަށްވުރެ ފުދުންތެރި. އެއީ ތަންކޮޅެއް ބިޒްނަސް މޮޑެލަކަށް މި ހިނގަނީ. އެއީ ކާމިޔާބު މޮޑެލެއް. އެއަށް ކްލަބުތަކުން މިސްރާބުވެސް ޖެހިދާނެ،" ވެލެންސިއާ ކޯޗު ފެސްކޯ ބުންޏެވެ.

ކްލަބު ހިންގުމަށް ތާ އަބަދު މިއަންނަނީ ބަހުސް ކުރެވެމުންނެވެ. ސަރުކާރުން އެކިއެކި ނިޒާމުތަކުގެ ދަށުން ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަން ކްލަބުތަކަށް ސްޕޮންސާޝިޕްތައްވެސް މީގެ ކުރިން ހޯދައިދިން އިރު، އެކަން ދެމެހެއްޓިފައެއް ނުވެއެވެ. އަބަދުވެސް ފުއްދާލަން މިޖެހެނީ އަހަރުން އަހަރަށް ފައިސާ އެއްކޮށް، އަހަރުން އަހަރަށް އެ ހަރަދުކުރާނެ އުސޫލަކަށެވެ. ފައިދާގައި ކްލަބެއް ހިންގައި އެ ކްލަބަކީ ބިޒްނަސްއެއްގެ ގޮތުގައި ވެގެންދާތަން ފެނިގެން ނޫނީ ހިންދެމިލެވޭކަށް ނެތެވެ.

މުޅި ރާއްޖެއަށް ލީގު ފުޅާކޮށް، އެ ލީގު އެފްއޭއެމްއިން ހިންގައި، އެ ލީގުގައި މުޅި ރާއްޖެއިން ކުޅޭ ހުރިހާ ޓީމަކަށް އެފްއޭއެމްއިން ހަރަދުކުރަން ވެއްޖެ ނަމަ، އެއީވެސް އެކަށޭނެ މޮޑެލަކަށް ނުވެއެވެ. އަތޮޅު ތެރޭގެ ބައެއް ކްލަބުތައް މިހާރުވެސް ހިންގަމުންދާ އުސޫލުން، ކްލަބުގެ ޒާތުގައި ހިންގާ ކްލަބުތަކެއް އޮންނަން ޖެހެއެވެ. ފުރަތަމަ ޑިވިޝަންގައިވެސް މެއެވެ. ފުރަތަމަ ޑިވިޝަނާއި ދެވަނަ އަދި ތިންވަނަ ޑިވިޝަންގެ ކްލަބުތަކުންވެސް ދެމެހެއްޓެނިވި، ބިޒްނަސް ކޮންސެޕްޓަކަށް ގޮސް، ފައިދާގައި ހިންގަން ފަށަން ޖެހެއެވެ. ހިންދެމިލެވޭނީ އޭރުންނެވެ. ފުޓުބޯޅައިގެ މާޔޫސީ މަންޒަރަށް ކުޑަ ފިނިކަމެއް ލިބެން އޮތީވެސް ކްލަބުތައް އަމިއްލަ ވެ، މުސާރަވެސް ދެވިގެންނެވެ.

ފުޓުބޯޅައިގެ ކްލަބުތަކާއި، އިސް އިދާރާތަކުގެ ވާހަކަ އަބަދުހެން މިއަންނަނީ ދެކެވެމުންނެވެ. އެ ވާހަކަތައް ދެކެވެނީ ހައްލަކަށް ބޭނުންވާތީކަން ޔަގީނެވެ. ހައްލު ބޭނުންވާކަން ގަބޫލުކުރުންވެސް މުހިއްމެވެ. އެއީ ހައްލު ހޯދަން ފެށުމުގެ ކުރިން ނިންމަން ޖެހޭ އެންމެ މުހިއްމު ނިންމުމެވެ. ހައްލު އޮތީ އޭގެ ފަހުންނެވެ.