އަންނަ އަންގާރަ ދުވަހުގެ ރޭ ބަންގުލަދޭޝްގެ ޑާކާ އަބާހާނީއާ ދެކޮޅަށް، ރާއްޖޭގެ ކްލަބު ވެލެންސިއާއިން ކުޅެން އޮތް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗަށް އެގައުމަށް ދެވޭ ގޮތް ނުވެ، ވެލެންސިއާއަށް އެ މެޗު ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެއެވެ.
ވެލެންސިއާއިން ދެފަހަރެއްގެ މަތިން ކޮށްފައިވާ މަސައްކަތްވެސް ނާކާމިޔާބުވެފައި ވަނީ އެފްއޭއެމްއާއި ޔޫތު މިނިސްޓްރީންވެސް ހަމަޖައްސަން ޖެހޭ ކަންކަން ހަމަނުޖެހުމުންނެވެ. ވެލެންސިއާ މާލީގޮތުން ދަތި ހާލަތެއްގައި އޮތް އިރު، މާލީ ދަތިތަކާއެކު އަމިއްލައަށް ގިނަ ކަންކަން ހަމަޖައްސަން ވަނީ އުނދަގޫވެފައެވެ.
ވެލެންސިއާ އިން ޕްލޭއޮފް ދެވަނަ ބުރުން ފުުރުސަތު ހޯދީ މިިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ މާލޭގައި ކުޅުނު ކޮލިފައިން ފުރަތަމަ މެޗުގައި ބޫޓާންގެ ޕަރޯ އެފްސީ 2-1 އިން ބަލިކުރުމަށް ފަހުގައެވެ. ބޫޓާންގެ ޗެމްޕިއަން ޕަރޯގެ މައްޗަށް ވެލެންސިއާ އިން ކުރި ހޯދީ 120 މިނެޓް ކުޅެގެންނެވެ.
މި ދޭތެރެއިން އަނެއްކާ ވެލެންސިއާއިން ލީގުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މެޗެއް ކުޅެފައިވާ އިރު، ވެލެންސިއާއިން އެ މެޗު ފަސްކޮށްދޭންވެސް އެދުނެވެ. އެހެންނަމަވެސް އެފްއޭއެމުން އެ މެޗުވެސް ވެލެންސިއާއަށް ފަސްކޮށްދީފައެއް ނުވެއެވެ. ބަންގުލަދޭޝްއަށް ދާން ވެލެންސިއާ އިން ފުރަން އެންމެ ފުރަތަމަ މަސައްކަތްކުރީ ރޭގައެވެ. އެކަމަކު ބައެއް އިންތިޒާމުތައް ހަމަނުޖެހޭތީ ވެލެންސިއާއަށް ރޭ ނުފުރުނީއެވެ.
ދެވަނަ ފަހަރަށް މިއަދު ފުރަން މަސައްކަތް ކުރި އިރު، މިއަދު މެންދުރު ފަހު ވެލެންސިއާ އިން ފުރަން މަސައްކަތް ކުރީ މިއަދަށް ޓިކެޓް ލިބިގެންނެވެ. އެހެންނަމަވެސް ފުރަން ކުރި މަސައްކަތް ކާމިޔާބުނުވީ މާލީގޮތުން ހަމަޖެހިފައި ހުންނަން ޖެހޭ އިތުރު ކަންކަމާ ގުޅޭ އިންތިޒާމުތައް ހަމަނުޖެހޭތީއެވެ. އަދި މާލީ ގޮތުން ދަތި ހާލަތުގައި އޮތުމުން އިދާރީ ގޮތުން ބަލާ އިރު، ބިދޭސީ ކުޅުންތެރިންގެ ވިސާގެ ބައެއް ކަންކަން ވެސް ހަމަނުޖެހި ހުރުމުން މެޗަށް ފުރެން ނެތީއެވެ.
އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެޓީމުގެ ގިނަ ހަރަދުތައް ހަމަޖައްސަނީ އެފްއޭއެމާއި ޔޫތު މިނިސްޓްރީ އަދި އެ ކްލަބަކުންނެވެ. އެއީ އޭއެފްސީ ކަޕްގައި ކުޅޭ ކްލަބުތަކުން ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން (އެއާ ޓިކެޓާއި ހޮޓެލް ބުކިން ފަދަ އިންތިޒާމު) ފުރިހަމަކުރުމަށް ފަހު މިނިސްޓްރީ އާއި އެފްއޭއެމަށް ހުށަހެޅުމުންނެވެ. މިއީ ތިން ފަރާތް ގުޅިގެން ހަމަޖައްސަން ޖެހޭ ކަންކަމެވެ.
އެނގިފައިވާ ގޮތުގައި ފަހަކަށް އައިސް ބައެއް އަހަރުތަކުގައި އޭއެފްސީ ކަޕްގައި ކުޅޭ ބައެއް ކްލަބުތަކުން މުބާރާތުގެ ހަރަދުތައް ކުރުމުން މިނިސްޓްރީން ރީއިމްބާސް ކޮށްދޭ ގޮތަށް ވެސް ވަނީ އަމަލުކޮށްފައެވެ. އެކަމަކު، ވެލެންސިއާގެ ކުޅުންތެރިން އިއްޔެ އިން ފެށިގެން ފުރަން ތައްޔާރީ ހާލަތުގައި ތިބި އިރު، ގިނަ ކަންކަން ހަމަނުޖެހި މިހާތަނަށް މެޗަށް ދެވޭ ގޮތް ނުވީއެވެ. އަދި މިއަދު މެންދުރުގެ ވަގުތެއްގައި ވެލެންސިއާ އިން ވަނީ އޭއެފްސީ ކަޕް މެޗަށް ފުރެން ނެތް ކަމަށާއި މާދަމާ މާލޭގައި ޕްރެކްޓިސް އޮންނާނެކަން ކުޅުންތެރިންނަށް އަންގައިފައެވެ.
ވެލެންސިއާއަށް އަބަހާނީ މެޗަށް ނުފުރި ތިބި އިރު، ވެލެންސިއާއަށް މެޗު ކުޅެން ބަންގުލަދޭޝަށް ނުދެވިއްޖަނަމަ އެކަމުގައި ގޮތެއް ނިންމާނީ އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ. މެޗު ގެއްލިއްޖެނަމަ ބަންގުލަދޭޝްގެ ޑާކާ އަބަހާނީއަށް މެޗު ލިބޭނެ ކަމަށް ބެލެވެއެވެ. އަދި ވެލެންސިއާއަށް ޖޫރިމަނާއެއްވެސް އަންނާނެ ކަމަށް ބެލެވެއެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މިވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. ދެން އެ ގްރޫޕަށް ވަންނާނީ ކޮލިފައިން ކާމިޔާބުުކުރާ ޓީމެކެވެ. އަންނަ މަހު 18-24 އަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކަލްކަތާގައެވެ.
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ