މާލޭގެ ގެއެއްގެ ތަޅުންގަނޑެއްގެ ދަށުގައި ފޮރުވާފައިވާ ހުއްޓައި ފެނުނު 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އަބްދުﷲ ނަޝީދަކީ މީގެކުރިން މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ މީހެއް ކަމަށް ފުލުހުން މިއަދު ކުރިމިނަލް ކޯޓުގައި ބުނެފިއެވެ.

އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓް ކަމަށްވާ އެފްސީޕީޑީ އޮފީސް ކުރިމަތީގައި ދެބުރިއަށް ނަގާފައި ހުރި ގެއަކުން 42 ކިލޯގެ މަސްތުވާތަކެތި ހޯދީ މިދިޔަ މަހުގެ 24 އަދި 25 ގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިމާޓްމަންޓް (ޑީއީޑީ) އާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައެވެ. މަސްތުވާތަކެތި ފެނިފައިވަނީ އެގޭގެ ތަޅުންގަނޑުގެ އަޑީގައި ކުޑަ ގޯޅިއެއްހެން ހަދާފައި އިން ތަނަކުންނެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ އަބްދުﷲ ނަޝީދުގެ އިތުރުން ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ އަހުމަދު ހުސައިންއެވެ. 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މޭސްތިރިޔާކަމަށް ތުހުމަތު ކުރަނީ އަހުމަދު ހުސައިން އަށެވެ.

އަބްދުﷲ ނަޝީދުގެ ބަންދަށް ކުރިމިނަލް ކޯޓުން މީގެ ކުރިން ދިން 15 ދުވަހުގެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އިތުރު 15 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓްގައި ވިދާޅުވީ އަބްދުﷲ ނަޝީދަކީ މީގެކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއް ސާބިތު، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެއް ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރީ 2006 ގައެވެ. ނަމަވެސް ޕެރޯލްގެ ދަށުން ޝަރުތުތަކެއް ކޮށް އޭނާ ހުރީ ދޫކޮށްލައިފައެވެ.

ސާޅީސް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ވަނީ އަބްދުﷲ ނަޝީދާ ދެކޮޅަށް ގިނަ ހެކިތަކެއް ވެސް ހުށަހަޅައިފައެވެ. ފުލުހުން ބުނީ އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިިސާ ފެނުނު ކަމަށާއި އޭނާގެ އޮފީހުން މައްސަލައާ ގުޅޭ ލިޔުންތަކެއްވެސް ހޯދާފައިވާ ކަމަށެވެ.

ދިފާއުގައި އަބްދުﷲ ނަޝީދުގެ ވަކީލު ވިދާޅުވީ، އެ ގޭގައި މަސްތުވާތަކެތި ހުރީ އޭނާއަށް އެނގިގެންކަން ނުވަތަ އެތަކެތި ފޮރުވީ އޭނާއަށް އެނގިގެންކަން ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާކަން އައިއޯ ބުނެދޭން ޖެހޭނެ ކަމަށެވެ.

ކޯޓުން ބުނީ އޭނާގެ ބޭންކް ސްޓޭޓްމަންޓުތަކަށާއި އެހެން ހެކިތަކަށް ބަލާއިރު، އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ބެލެވޭ ކަމަށެވެ.

މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމާއި އެތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށްތަކުގައި ޖަލުގައި ތިބޭ މީހުންނަށް ޕެރޯލްގެ ފުރުސަތު ދެނީ އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ޕެރޯލް ފުރުސަތު ދެނީ 10 ގްރާމަށްވުރެ ދަށުން ހުކުމް ކޮށްފައިވާ މީހުންނާއި މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއްނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ.

މި މައްސަލައިގައި މޭސްތިރިއެއް ކަމަށް ތުހުމަތުކުރާ އަހުމަދު ހުސައިން އަށް މިދިޔަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.