ވާހަކަ

ހަގީގީ ވާހަކަ: ޅަފުރާގައި އިއްފަތް ފޭރިގަތް މީހުން އެނގުނީ އެމީހުން ހައްޖަށްދާން ހިތްހަލާލު ހޯދަން އެދުމުން!

މަރިޔަމް ޝަފާ އިބްރާހިމް

2

ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އަމިއްލަ ނަފުސާއި ތިމާ ހެއްދެވި ފަރާތާ ދެމެދު ފޮރުވިފައިވާ ސިއްރުތަކެއް ވާނެއެވެ. ހަމަ އެހެންމެ އާންމުކޮށް މީހުންގެ ތެރޭގައި ދައްކަން ފަސޭހަ ނޫން ފޮރުވާފައި ހުންނަ ވާހަކަތައްވެސް ބައެއް މީހުންގެ ދިރިއުޅުމުގައި އެމީހުންގެ މާޒީގައި ފޮރުވިފައި ހުރެއެވެ. އޭގެ ތެރޭގައި އެވާހަކަތައް ދެއްކުމުން އަމިއްލަ ހިތާއި ސިކުނޑިއަށް ވޭނަކަށްވާ، ރިހުމަކަށްވާފަދަ ވާހަކަތަކާއި އެވާހަކައެއް ދެއްކުމުން މުޖުތަމައު ތެރޭގައި ތިމާއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެދާނެ ކަމުގެ ބިރުހީވެ ނުދައްކައި ހުންނަ ވާހަކަތަކާއި އަދި އެހެންމެ ބައެއް ފަހަރު ހަޔާތުގެ ދަތުރުގައި ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާތީ ނުދައްކައި ހުންނަ ވާހަކަތައްވެސް ހުރެއެވެ.

**********

އަހަރެން މިކިޔައިދެނީ އަހަރެންގެ ހަޔާތުގެ ދަތުރުގައި މިހިސާބަށް އައިއިރު މީހުންގެ ތެރޭގައި އަހަރެން ނުދައްކައި ސިއްރުކޮށްފައި އޮތް އަހަރެންގެ ހަޔާތުގެ ބޮޑު ވާހަކައެވެ.

އަހަންނަކީ މިހާރު ރާއްޖެއިން ބޭރުގައި ފިރިއަކާއި ލޯބިލޯބި ދެއަންހެންދަރިންނާއި އެއްފިރިހެން ދަރިފުޅަކާއެކު އުފާވެރި އަދި ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި ދިރިއުޅެމުން އަންނައިރުވެސް އަހަރެންގެ ކޮންމެ ދުވަހެއްގައި އެހަގީގަތަކީ އަހަރެންގެ ހަޔާތުގެ ބައެއްކަން ދެނެގަނެގެން، އެތަޖުރިބާއިން ލިބިފައިވާ އިބުރަތުން އަހަރެންގެ ދިރިއުޅުން އުޖާލާ ކުރުމަށް މިންނެތް މަސައްކަތް ކުރަމުން އަންނަ 43 އަހަރުގެ ދިވެއްސަކީމެވެ. އިޓަލީގެ ޕައްލަންޒާގައި އަހަންނާއި އަހަރެންގެ ފިރިމީހާއާއި ތިންކުދިން ދިރިއުޅެނީ އަމާންއޮމާން މާހައުލެއްގައެވެ. އަހަރެންގެ ކުދިން ދިރިއުޅޭ މާހައުލު އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ނިކަން ލޯހުޅުވައިގެން މަސައްކަތް ކުރަމެވެ. އަމިއްލަ ރެސްޓޯރެންޓެއްގެ ވިޔަފާރި ފަށައިގެން އަހަރެމެން ޕައްލަންޒާގައި ވަޒަންވެރިވީ މީގެ އަށް އަހަރު ކުރިން އިޓަލީގެ މިލާނުގައި ދިރިއުޅޭ އަހަރެންގެ ދުވަސްވީ ރަހުމަތްތެރިއެއްގެ އެހީގައެވެ.

އަހަންނަކީ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ އާއިލާއެއްގެ ފަސްކުދިންގެ ތެރެއިން ތިންވަނަ ދަރިފުޅެވެ. އަހަރެންގެ އާންމު، ރައްޓެހިންނާއި އާއިލާގެ ތެރޭގައި އަދި އަހަރެން ދަންނަ މީހުންގެ މެދުގައި މަޝްހޫރު އެނގޭ ނަމަކީ ތަންނު އެވެ. އަމިއްލައަށް ތައުރީފު ކުރާކަށް ނުވަތަ އަމިއްލައަށް ރީތިކަމާމެދު އެއްވެސް ކިބުރުވެރިކަމެއް އޮވެގެނެއް ނޫނެވެ. އެކަމަކު މީހުން ކިޔާ ގޮތުގައި އަހަރެމެންގެ އަތޮޅުގެ އަހަރެންގެ އުފަން ރަށުގެ ފިރިހެންވެސް އަދި ހާއްސަކޮށް އަންހެންކުދިންގެ ގައިން އަރަބި ކުލަވަރު ފެންނަން ހުރެއެވެ. ކިތަންމެ އަބުރަށް ހުތުރުވާކަހަލަ ވާހަކައަކަށްވިޔަސް މީހުން އެހެން އެކިޔަނީ ރާއްޖެއަކީ ނިސްބަތުން އަރަބި ދޮންކުލައާއި ލޮލުގެ ކަޅުކަޅި ކަޅުކުލަ ގަދަވެފައި ހުދުކަޅި އެހާ ސާފު މީހުން އެހާ ގިނަތަނަކަށް ނުވާއިރު އަހަރެންގެ ރަށުގައި މިސިފަތައް ވަރަށް އާންމުވީމައެވެ. ކާބަފައިންގެ ޒަމާނުގައި ރަށަށް ވިޔަފާރިވެރިންނާއި ބޯޓުފަހަރުތަކުން އަންނަ އަރަބި ޕާކިސްތާނު، ތުރުކިސްތާނުގެ މީހުންގެ އަސަރު ފޯރާފައި އޮތީއޭ ކިޔާ ފާޑެއްގެ ރައިވަރަކާއި ލަވައެއްވެސް ކިޔައިއުޅެއެވެ.

މިހެން ކަމުން އަހަރެންގެ ގައިގެ ކުލައާއި ސިފަތައްވެސް ނަންކޮށް ވަރަށް ތައުރީފުކުރާނެއެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެންގެ ކޮލުން ފާޅުވާ އަޑިކޮޅާއި ދޮންކުލައާއި ރީތިކަމަށް އެންމެންވެސް ވަރަށް ތައުރީފު ކުރެއެވެ. އެކަމަކު އަހަންނަކީ އެފަދަ އެއްވެސް ކަމަކަށް ސަމާލުކަންދޭ މީހެއް ނޫނެވެ. އެއަށްވުރެ މާސާދާ އާދައިގެ މީހަކީމެވެ.

އެންމެ ދުރުހަނދާނަކަށް ހުންނަނީ އިރުއޮއްސެންވާއިރަށް ފުޅިބައްތިތައް ދިއްލާ ހަނދާނެވެ. ކަރަންޓް ނޯންނަ ފުޅީބައްތީގެ ޒަމާނެވެ. ކޮންމެ ދުވަހަކު ހަވީރު ގޭގެ އެއްފުރައިގެ ހުރިހާ އަންހެންކުދިން ގޯތިތެރެއަށް ބައްތިތައް ނެރެ ސާފުކޮށް އެއަށް ތެޔޮއަޅައި އިރުއޮއްސި ހައެއް ޖަހާއިރަށް ބައްތި ދިއްލާނެއެވެ. ކޮންމެއަކަސް އެއީ ވަރަށް އުފާވެރި ހަނދާނެކެވެ.

އަހަރެން ބޮޑުވަމުން އައީ ވަރަށް އެއްބައިވަންތަކާއި ލޯބި އޮންނަ އެހާމެ ފުދުންތެރި އާއިލާއެއްގެ ތެރޭގައެވެ. ނަމަވެސް އަހަރެންގެ އުމުރުން އެންމެ ހަ އަހަރުގައި މަންމައާއި ބައްޕަ ދޮށްޓަށް ތިބި ދެކުދިންނާއި ހަގު ދެކޮއްކޮ ގޮވައިގެން މާލެ ބަދަލުވެއްޖެއެވެ. ސަބަބެއްކަމަށް ބުނީ ބޮޑުދައިތައާއި ޅިޔަންބޭބެއަށް ކުދިން ނުލިބޭތީ އަދި އަހަރެން ދުނިޔެއަށް ލޯހުޅުވާލި ވަގުތުން ފެށިގެންވެސް އެދެމަފިރިން އަހަރެންދެކެ ވަރަށް ލޯބިވާތީއެވެ. އެހެންވެ އެގޮތުން އަހަރެން ރަށުގައި ބެހެއްޓީ ބޮޑުދައިތައާއި ޅިޔަންބޭބެގެ އެދުމުގެ މަތިންކަމަށް ފަހުން މަންމަ ބުނެދިނެވެ.

ބޮޑުދައިތައާއި ޅިޔަންބޭބެ އަހަރެންދެކެ ވަރަށް ލޯބިވެއެވެ. ހީވާހީވުމެއް ނޫނެވެ. މަންމައާއި ބައްޕަ، މާލޭގައި ތިބެގެން އަހަންނަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދެއެވެ. ވަރަށް ކުޑައިރު އަހަރެންގެ އަމިއްލަ ބައިސްކަލެއް ހުއްޓެވެ. އަަހަރެން އެކަނި އުޅޭ އަމިއްލަ ކޮޓަރިއެއް ހުރެއެވެ. އެކޮޓަރީގައި ޓީވީއާއި ވީސީއާރް، އެކިވައްތަރުގެ ވީޑިޔޯ ޓޭޕް، ހޮޅިލެއްވޭ ލަވަޖަހާ އެންމެ މޮޅު ސެޓު، އެތައް ވައްތަރެއްގެ އެތައް ބައިވަރު ލަވަހޮޅި، ސީޑީ، އެންމެ ފުރަތަމަ ރަށަށް ގޭގެއަށް ލެވުނު ފޯނުލައިނުތަކުގެ ތެރޭގައި އެކޮޓަރީގައި ހުންނަ ފޯނުގެލައިން ހިމެނޭނެއެވެ. އަހަރެންގެ އަމިއްލަ ނިދާ އެނދާއި އަމިއްލަ އަންނައުނު ލާ ރީތި އަލަމާރިއާއި ރީތިވާ މޭޒާއި އަންނައުނާއި ރީތިވާ މޭކަޕު ސާމާނު، ކޮންމެ ހަވީރީ ހެދުމަކާ ގުޅޭ ފައިވާނާއި ބޫޓު، މިހެން ގޮސް ނަންހުސްކޮށް ހުރިހާ ސާމާނެއް ހުރެއެވެ.

ހަ އަހަރުގައި މަންމަމެން މާލެ ދިޔަފަހުން އަހަރެން ސުކޫލަށް ގޮސް އައިސް އުޅުމުގައި ދުވަހަކުވެސް ބެލެނިވެރިޔަކު ނުހުންނާނެއެވެ. އެއީ އަހަންނަށް މާބޮޑުކަމެއްވެސް ނޫނެވެ. އެންމެ ފުރަތަމަ އެކަން ދެރަވާ ކަމަކަށްވިޔަސް ފަހުން ފަހުން އައިސް އަހަރެން އެދެރަވުމަށް ހޭނިއްޖެއެވެ.

އަހަރެން ބޮޑުވަމުން އައީ ސުކޫލުގައި ހުރިހާ ހަރަކާތަކާ ބައިވެރިވުމާއެކުވެސް މުޅި ސުކޫލުން އެއްވަނަ ރަންވަނަ ނަގަމުން އަންނަ ދަރިވަރުގެ ގޮތުގައެވެ. އިތުރުގަޑީގެ ހަރާކަތްތަކާއި ކުޅިވަރުގައިވެސް ބައިވެރިވަމެވެ. އަހަރެންގެ ހާއްްސަ އެކުވެރިންގެ ތެރޭގައި ރުހޫ، އިފާ އަދި މަލާ ހިމެނެއެވެ. މީގެތެރެއިން އިފާގެ ގެއަށް އަހަރެމެން އާންމުކޮށް ބައެއް ދުވަސްދުވަހު ކުޅެން ދަމެވެ. އެގޮތަށް ގޮސް އުޅޭއިރު އެގެއާއި ޖެހިގެން އޮންނަ ހުސްބިމަށް ވޮލީ ކުޅެން ދިއުމަކީ ވަރަށް ކުޑައިރުވެސް އަހަރެން ކުރާހިތްވާ ކަމެކެވެ.

އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު އެންމެ ބޮޑެތި ދުވަސްތައް، އެންމެ މުހިންމު ވަގުތުތައް އަހަންނާއި ކުރިމަތިލިއިރު އަހަރެންގެ ވާހަކަ އަޑުއަހާނެ، އަހަރެން ނޭނގިގެން ކަންބޮޑުވާ ކަންތައްތަކާ ބެހޭ މައުލޫމާތު އަހަންނަށް ބުނެދޭނެ އެއްވެސް މީހަކު ނެތެވެ. އަންހެން ކުއްޖަކަށްވީތީ އަހަންނަށް ހާސްވެ ބިރުގަންނަ ކަހަލަ ކަންތައްވެސް ދިމާވިއެވެ. ކުރާނެ ކަމެއްނެތީމަ ޑައިރީ ގާތުގައި އެކަހަލަ ވާހަކަތައް ކިޔައިދެނީއެވެ.

އަހަރެންގެ ޅަފުރާ، ނުވަތަ ޗައިލްހުޑް ގެ އެންމެ ފަހު ދުވަހަކަށްވީ މާޗްމަހެއްގެ މެންދުރެވެ. ގޭދޮށުގައި އޮންނަ ވޮލީ ކޯޓުގައި ހިސާބުގަނޑުގެ ކުދިން ވޮލީ މެޗެއް ކުޅޭތީ އަހަރެންވެސް ޓީމުގައި ހިމެނެއެވެ. އުމުރުން ދިހައަހަރު ނަމަވެސް އަހަރެން ހުންނަނީ ތަންކޮޅެއް އިސްކޮޅުން ދިގުކޮށް ވަރަށް ސިއްހަތު ރަނގަޅުކޮށެވެ. މެޗުގެ މެދުތެރެއިން އަހަރެން ގެއަށް ދިޔައި ފިނި ފެންފުޅިއެއް ބަލައެވެ. ވޭތުވެދިޔަ އަހަރު ރަށަށް ކަރަންޓު ލިބެން ފެށުމާއެކު އަހަރެމެންގެ ގެއަށް އައިސްއަލަމާރިއެއް ގެނެސް މުޅި އަވަށަށް އައިސްފެން ލިބޭ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ފެންފުޅި ހިފައިގެން ދުއްވައިގަތްތަނާ ބޭރު ގޯތިތެރޭގައި ތޮރާ ކޮށަން އިން މާމަ ބާރަކަށް ކޮންތާކަށްހޭ، އެހީމަ މިދަނީ ކުޅެންކަމަށާއި ނިމިގެން އަންނާނެ ކަމަށް ބުނެފައި އަނެއްކާވެސް ދާންކަމަށް ހީކޮށްލީމެވެ. އެކަމަކު ވަރަށް ނުރުހިފައި ހުރި މާމަ ތަށްޓާއި ތޮރާތައް ބަހައްޓާފައި އައިސް އަހަރެންގެ އަތުގައި ހިފައިގެން ގެންދިޔައީ ގިފިއްޔަށެވެ. ކުޑަ ގޮނޑިއެއް ބަހައްޓައި އޭގައި ބޭންދިއެވެ. އަދި ވަޅުން ނެގި ފެންދާނި ބިސްމި ކިޔާފައި އަހަރެންގެ ބޮލަށް އަޅައިލިއެވެ.

"ބަލަމާމާއޭ. ހެދުމާއެކު ފެންއަޅަނީ ކީއްކުރަންހޭ އެހުމުން މަޑުން އިނދެ މާމަ ކިޔާގޮތަށް ފަހަތުން ކިޔާށޭ، މީގެ ފަހުން ތިގޮތަށް ބޭރުތެރެއަށް ނުކުމެ ފިރިހެންކުދިންނާއެކު އުޅުން ހުއްޓާލަންވީއޭ ކިޔައި އަހަރެން ފެންވަރުވަން ފެށިއެވެ.

ފެންވަރުވައި ނިމިގެން ކޮޓަރިއަށް ގެންގޮސް ކޮންމެވެސް އަރަބި އެއްޗެހިތަކެއް ކިޔަމުން އަހަރެން ރީތި ކުރަން ފެށިއެވެ. ވެގެން އުޅެނީ ކީއްކަން އެނގުނީ ދެނެވެ.

އެދުވަހަކީ ދެރަވި ދުވަހެކެވެ. މަންމަ ހުންނަން ބޭނުންވި ދުވަހެކެވެ. މީ، މަންމަ ނެތުމުން އެހެންޏާ ދެރަނުވާ ވަރަށް ދެރަވެ ރޮވޭގޮތްވި ދުވަހެކެވެ. އަހަންނަށް މިވީ ކަމާ ބެހޭ ގޮތުން މާމައަށް ބުނެދޭން އެނގުނީ ނުވަތަ މާމަމެންގެ ވިސްނުން ހުންނަ ގޮތުން އަހަރެމެން ވަރުގެ ކުދިންނަށް އެނގެން ޖެހޭ ވަރަށް މާމަ ބުނެދިނެވެ. އެކަމަކު މަންމަ ހުރިނަަމަ އަހަރެން އިތުރަށް އޮޅުންފިލުވީމުހެވެ. މިހެންވީމަ ދެން ކަންތައް ކުރަންވާ ގޮތް އަމަލި ގޮތުން އެނގުނަސް ރައްކާތެރިވާންވީ ނުވަތަ ސަމާލުވާންވީ ކަންތައްތަކާއި އަދިވެސް ކިތަންމެ ކަމެކެވެ.

އޭރެކޭ އެއްގޮތަށް މިހާރުވެސް ބައެއް ހިސާބުތަކުގައި ހޭލުންތެރިކަން ކުޑައެވެ. ދަރިންނާއި ދޮށްޓަށް ތިބޭ، އާއިލާގެ މީހުންނާ އޮންނަ ގުޅުން އެހާ ގާތެއް ނޫނެވެ. ހަގީގަތުގައި އަހަރެންގެ ނަޒަރުގައި ކުދިން ރައްޓެހިން ހޯދަން ގެއިން ބޭރަށް ދާކަށް ނުޖެހޭނެއެވެ. މައުލޫމާތު ހޯދަން މާދުރު މީހުން ގާތު އަހާކަށް ނުޖެހޭނެއެވެ. މިފަދަ ކަންތައްތަކާ ބެހޭގޮތުން، ބޮޑުވަމުން އަންނަ ކުއްޖާއަށް ބުނެދޭނީ އެކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ނުވަތަ ދޮށްޓަށް ތިބޭ އާއިލާގެ މީހުންނެވެ.

އުމުރުން ދިހައަހަރުގައި އަހަރެން ބޮޑުކުއްޖަކަށް ވީއެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކާއި މޫނަށް އަންނަ ތަފާތު ބަދަލުތަކާމެދު އެއްވެސް އެއްޗެއް ބުނެދޭނެ އެއްވެސް މީހަކު ނެތެވެ. އެކަމަކު ސުކޫލުގައި އޭރު އެކީގައި އުޅުނު ހުރިހާކުދިންހެން ދިޔައީ މިދުވަހާ ކުރިމަތިލަމުންނެވެ. އެހުރިހާ ކުދިންގެ ތެރޭގައި އެންމެ ނޭނގިފައި ހުންނާނީ އަހަންނެވެ. އެކަމަކު ދީނުގެ ކަންތަކުގައި އެނގެން ޖެހޭ ބައިތައް ބަރާބަރަށް އަހަންނަށް އެނގެއެވެ. އެހެންކުދިންގެ ފަރާތުން ލިބޭ މައުލޫމާތުން އަަހަރެން ނޭނގޭ އެއްްޗެހި ދެނެގަންނަމުން ދިޔައީމެވެ.

ހަމަ އެއަހަރެވެ. އެއީ ޖުލައި މަހުގެ 27ވިލޭރެއެވެ. އުމުރުގައިވެސް އަބަދުވެސް އަހަރެން ހަނދާން ހުންނާނެ ތާރީހެކެވެ. ސުކޫލުގެ އަހަރީ ދުވަސްކަމަށް ވެފައި އިނާމު ދިނުމުގެ ރަސްމިއްޔާތާއެކީގައި ކުރިއަށް ގެންދިއުމު ސަބަބުން ނިމުނީ ފުދޭވަރަކަށް ލަސްވީފަހުންނެވެ. ގާތްގަނޑަކަށް ނުވައެއް ޖަހާއިރަކީ އޭރު ރަށުތެރެ ނިދައި ހިމޭންވާ ގަޑިއެކެވެ.

ހުރިހާ ކުދިން ބަލައި އެކުދިންގެ ބެލެނިވެރިން ނުވަތަ އާއިލާގެ ކޮންމެވެސް މީހަކު އައިސް ހުއްޓެވެ. މުޅި ސުކޫލުން އެއްވަނަ އަދި އެހެން އެތައް ރަންވަނަތަކެއް ހާސިލު ކުރީތީ ބޮޑުދައިތައަށް ދައުވަތުވެސް ދެވުނެވެ. އެކަމަކު އެކަކުވެސް ނާދެއެވެ. ކަަމަކީ އަހަންނަށް އާކަމަށް ނުވިޔަސް ރޭގެ ގޮތުން ދެރަވިއެވެ. އެހާ ބައިވަރު ހަދިޔާތަކާއި ލިޔުންތަކާއި ހަނދާނީ ފިލާ ހޯދުމުން އެކަކުވެސް ނާދެއެވެ. މިރޭ ކޮންމެހެންވެސް ދާނަމޭ ބޮޑުދައިތަ ބުނީ ކީއްކުރަން ހެއްޔެވެ؟ އެކި ކަންކަމުގައި ބިޒީވީކަން ޔަގީނެވެ. މިރޭ ބޮޑުދައިތަ އުޅޭ ރކއ.ކޮމިޓީގެ ފަރާތުން ކުރިއަށްދާ ކޮންމެވެސް ކަމެއް އޮތީއެވެ. އާންމުކޮށް ނަޔަސް އަންނާނަމޭ ބުނެފައި އޮތުމާއި އަދި އަމުދުން މިހާ ލަސްވުމުން އަންނާނެކަމަށް އަހަންނަށް ކުރެވުނީ ކުށްހީއެކެވެ. އެމޮޔަ އުއްމީދުގައި އެތާގައި ނުހުރެ ގެ ހުންނަ ހިސާބުގެ ބަޔަކާއެކު ގެއަށް ދެވުނު ނަމައޭ ހިތަށްއެރިއެވެ.

ހުރިހާ އެއްޗެހި އަޅާފައި ހުރި ބޮޑު ރަތްކޮތަޅު ހިފައިގެން އާންމުކޮށް ގެއަށްދާ އަތިރީ މަގުން ގެއަށް ދިއުމަށް ހިނގައިގަތީމެވެ. މަގަކީ އަހަންނަށް ފަރިތަ މަގެކެވެ. އަބަދާއި އަބަދު ހިނގާ ހިނގާ ލޯމަރައިގެން ހުރެވެސް ދާން ފަރިތަވެފައިވާ މަގެކެވެ.

ސަހަރާ ހުރަސްކޮށް ފަޅުގޯއްޗާއި ގަސްތައް ކައިރިންލާފައި ދަނިކޮށް ކުއްލިއަކަށް ގަސްބޮނޑި ތެރެއިން ނުކުތް އަތްތަކެއް އަހަރެންގެ ގައިގައި ހިފައި ގަސްތަކުގެ ތެރެއަށް ދަމައިގަތެވެ. ހަޅޭއްލެވުމަށް ހުޅުވާލި އަނގައަށް ބާރު ހުރި ފޮތިގަނޑަކުން ބަންދުކޮށްލުމާއެކު ބިންމައްޗަށް ވައްޓާލައިފިއެވެ. އަހަރެންގެ ދެއަތާއި ދެފައިގެ މައްޗަށް އަރައި ހުރީ ބާރު އެންކަލްތަކަކުންނެވެ. އެވަރުގެ އަނިޔާއެއް އަހަންނަށް ދޭން ޖެހުނީ ކީއްވެގެން ކޮންކަމަކާ ހެދިކަމެއް ނޭނގެއެވެ. އަހަރެން ބޮޑު ކުއްޖަކަށްވީ މީގެ ތިންމަސް ކުރިންނެވެ. މިހާ އަވަހަށް ބަގީޗާގައި އިން ނުފޮޅޭ މާ ވަގުތުގެ ކުރިން ފިޔަތައް ހުޅުވައި ފޮޅުވާލަން މަސައްކަތް ކޮށް އެމަލުގެ ނާޒުކުކަން ފިސްފިސްކޮށް ޗިސްކޮށްލައިފިއެވެ.

އަހަރެންގެ އިއްފަތްތެރިކަމަށް އަރައިގަތީ އެކަކަށްވިޔަސް އަނިޔާ ކުރުމާއި ވޭންދެނިވި ބިރުވެރި ސަޒާ ދިނުމުގައި ބާކީ ތިބިމީހުން ހިއްސާވިއެވެ.

އަހަރެންގެ ގައިމައްޗަށް އޮއްސާލީ ދިރޭ ކުރަފިތަކެކެވެ. އުދުހޭ ކުރަތްޕެވެ. އޭގެސަބަބުން މިއަދުގެ މިހިނދުކޮޅުވެސް އުދުހޭ ކުރަތްޕެއްގެ ފިޔައިގެ އަޑުއިވުނަސް އެއީ ކޯޗެއްކަން އެނގި ބިރުން ފިތްކަޑައިގެންދާހާ ވެއެވެ. ކިިތަންމެ ކުޑަނަމަވެސް ދިރޭ ސޫތްޕެއް ފެނިއްޖެނަމަ އަހަރެން މިއަދުވެސް ވަރަށް ބިރުގަނެއެވެ.

ކުރަފިތަކުން ސަލާމަތްވާން މަސައްކަތްކުރަމުން ދިޔަދިޔުމުގެ ތެރެއިން އަހަރެންގެ ހޭވެރިކަން ނެތުނީއެވެ. އަހަންނަށް މީހުން ވަކިވެ ތަންދޮރު އެނގޭވަރުވީ އަނެއްދުވަހުގެ އިރުއޮއްސެންދަނިކޮށެވެ. ބޮޑުދައިތަ ބުނި ގޮތުން ނަމަ އަހަރެން އިނީ އެނދާއި ފާރާ ދޭތެރޭ ގުޅަވެގެން ފިލައެވެ. ކޮޓަރީ މޭޒުމަތީގައި އިނާމުތަކާއެކު ހަދިޔާތައް ހުއްްޓެވެ. އަހަރެންނަށް އެނގޭހާވެސް ކަމަކީ އެއީ އަހަރެންގެ ކޮޓަރި ހުންނަނީ ގޭގެ ގޯތިތެރޭގައި ގޭގެ އެތެރެގެއާ ވަކިންކަން އެނގޭ މީހަކު ކުރިކަމެއްކަމެވެ. އެކަން ޔަގީންވާ ގޮތަކީ އަހަރެންގެ ޔުނިފޯމް ބަދަލުކުރުވައި އަހަރެންގެ ހެދުންތަކުގެ ތެރެއިން ކޮންމެވެސް ހެދުމެއް ލައްވައި ކޮޓަރީގެ އެނދުގައި އަހަރެން ބާއްވާފައި އޮތުމުންނެވެ. އަހަރެން އެރޭ ލައިގެން ހުރި ޔުނީފޯމެއް ނެތެވެ. އިތުރު ހަތަރު ޔުނީފޯމް އަލަމާރީގައި އޮތެވެ.

އޭގެ ފަހުން ސިއްސައިގެން ދިއުމާއި ނިދީގައި ރުއިމާއި ބައެއްފަހަރު އަޑުންއަޑުނަގައި ރުއިން އާންމުކަމަަކަށްވުމުން އާއިލާގެ މީހުންނަށް ހީކުރެވުނީ އަހަރެން އެރޭ ގެއަށް އައިމަގުމަތީ ޖިންނި އަވަލީކަމަށެވެ. ފަރުވަދޭން ގެނައި ފަންޑިތަވެރިޔާ އާއިލާގެ ލަފަޔަށް ޔަގީންކަން ދިނެވެ. ސަހަރާ ކައިރިން އަންނަނިކޮށް ކައްޑެވި އަހަންނާ އަޅައިގަތީޔޯލައެވެ. އަހަންނަށް ފާޑުފާޑުގެ ތަށި ގިރާފައި ބޯންދިނުމާއި ދުން އެޅުމާއި ތަވީދު އެޅުންވެސް ފަރުވާގެ ތެރޭގައި ހިމެނުނެވެ. އެއީ ހޭލުންތެރިކަމެއް ނެތުމާއި ބޯދާ ފިކުރުގެ ސަބަބުން ދިމާވިކަމެކެވެ.

އޭރު އަހަރެންގެ ބެލެނިވެރިންނަކީ މާމައާއި ބޮޑުދައިތައެވެ. އެމީހުންނަކަށް އަހަރެންގެ ކަނދުރާގައި ވަކިއެޅިފައި ހުރި ތަނެއް ބޯދުޅަވެފައި އަދި ގައިގައިވެސް އަނިޔާގެ ނިޝާން ތަކެއް ހުރިކަމެއް ފާހަގައެއް ނުކުރެވުނެވެ. އަދި އެފަދަ ޖިންސީ ގޯނާއެއްގެ ޝިކާރައަކަށް އަހަރެން ވީކަމެއް އަހަންނަށް އޭގެން ވީ ގެއްލުމާއި ދިމާވިހާ ކަންތައް އެމީހުންނަކަަށް ފަހުމެއް ނުވިއެވެ. ކިޔައިދޭކަށްވެސް އަހަންނަކަށް ނޭނގެއެވެ.

އެތައް ހާލަކުން އަހަރެން ހިތްވަރުކޮށްފައި ހަށިގަނޑު ކޮޅަށް ނަގައި ދުނިޔޭގެ ހަގީގަތާ ކުރިމަތިލީމެވެ. އެއްވެސް މީހަކަށް އެރޭގެ ވާހަކަ ކިޔައެއްނުދެމެވެ. އަހަރެން އެވާހަކަ ކިޔައިދޭނީ ވަކިކާކަށް ހެއްޔެވެ؟ އާއިލާގެ ތެރޭގައި އަހަރެންގެ ވާހަކަ ހިއްސާކޮށްލާނެ މީހެއް ނެތްއިރު ބޭރުތެރެއިން ވަކި މީހަކު ވެދާނެހެއްޔެވެ؟

ކޮންމެއަކަސް އަހަރުތައް ފާއިތުވަމުން ގޮސް ރަށުން ކިޔެވެން ހުރި ވަރަކަށް ކިޔަވައިގެން މާލެއަށް ބަދަލުވީ އިތުރަށް ކިޔެވުމަށްޓަކައެވެ. މަންމައާއި ބައްޕަ އަދި ދޮށްޓަށް ހުރި ބޭބެއާއި ފަހަރީގެ ހަމަޖެހޭ ދިރިއުޅުމުގެ ތެރެއަށް އަހަރެން ވަނުމުން ދެން ޖެހެން ފެށީ އާންމުކޮށް ގޭގޭގައި ޖެހޭ މައްސަލަތަކެވެ. ހަރަދުބޮޑުވުމާއި ބިލުތަކަށް އަރާވަރު އިތުރުވުމެވެ. އަނެއްކޮޅުން މަންމައާއި ބައްޕަގެ ކޮޓަރީގައި އުޅެން ޖެހުމުން، ހަތަރުފާރުން އެތެރޭގައި ފޮރުވިފައި އޮންނަ ކޯޅުމުން ބައެއް، އަހަންނަށް އޭގެ ރޯޅިވެސް އަންނަން ފެށިއެވެ.

މިކަހަލަ ސަބަބުތަކާ ހެދި އަހަރެން ރައްޓެހިންނާއެކު ގެއިން ބޭރުގައި އުޅެން ފެށީމެވެ. މާތް ﷲ އިރާދަކުރެއްވިޔަތީ މަގު އޮޅި ގެއްލި ހަލާކުވެގެން ނުގޮސް، ކޮންމެ ހާލެއްގައިވެސް އަހަރެން އިސްލާމްދީނުގެ މެދުމިނުގެ އީމާންތެރިކަމުގައި ހިފަހައްޓަމެވެ. މަސްތުވާތަކެއްޗާއި ފައިސާ ހޯދުމަށް ކަޅުބާޒާރަށް ވެއްޓުން ފަދަ ކަންތަކުން އަހަރެންގެ ނަސީބުރަނގަޅުކަމުން ސަލާމަތްވެއެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރެވުނެވެ. ކުޑައިރު ވަރަށް ފޯރާ، ބޭނުން ކޮންމެ އެއްޗެއް ލިބެމުން އައި އަހަރެން ވަރަށް ބޮޑަށް ނިކަމެތި ފަގީރަކަށް ވިއެވެ.

އެހެންވިޔަސް ކޮންމެ ހާލެއްގައިވެސް ކިޔެވީމެވެ. ރައްޓެހި ކުދިންގެ ހެދުން ލައިގެން އެގޭގޭގައި ނިދައިވެސް އުޅުނީމެވެ. އެކުދިން ބޭނުންކޮށްފައި ހުންނަ ބޫޓަށް އަރައިގެން ސުކޫލަށް ދިޔައިމެވެ. އެގޮތަށް ކުދިން ބޭނުންކޮށްފައި ހުންނަ ފޮތާއި އެހެންވެސް ސުކޫލަށް ބޭނުން ހިފޭ ސާމާނު ބޭނުން ކުރީމެވެ. އެންމެ ހިތްދަތިވާ އެއްކަމަކީ ބައެއް މަސްމަހު ފައިސާ ނެތިގެން މަހަކު އެއްފަހަރު ގަންނަން ޖެހޭ ޒަރޫރީ މަޖުބޫރު މާއްދާ ގަންނާނެ ފެންވަރު ނެތިގެން ބޭނުން ކޮށްފައި ހުންނަ ގަޔަށް ބާރުވެފައި ހުންނަ އުއި ފޮތީގެ ހެދުންތައް ހަލާކުކޮށްގެން އޭގެންވެސް ފޮތިބޭނުން ކުރަން ޖެހުނެވެ.

މިދަތި އުނދަގޫ ހާލަތުން ސަލާމަތްވުމަށް މީހަކާ އިނުމަށް ގަސްދުކުރީމެވެ. އޭރު އޭލެވެލްގެ ނަތީޖާ ލިބެން ދުވަސްކޮޅެއް އޮތެވެ. އަހަރެންދެކެ ލޯބިވެގެން އަހަންނަށް ތައުރީފުކޮށްފައި ސަލާމާއި ނޯޓު ފޮނުވާ އެތައް ޒުވާނަކު ތިއްބެވެ. ކުޑައިރުގެ އެހާދިސާގެ ލަދަށް ބިރަށް ހުސްހަށިބައިކޮށް އުޅުނަސް ދެން ބޭނުންވީ މީހަކާ އިންނާށެވެ.

ދީނަށް ލޯބި ކުރާ، ފޯރާ ގަދަރުވެރިއާއިލާއެއްގެ ޒުވާނަކާ ކައިވެނިކޮށްފީމެވެ. އެކަމަކު ހީކުރި ގޮތާ ހިލާފަށް އެއީ އަހަންނަށް ދިމާވި އިތުރު އުނދަގުލެކެވެ. އަހަރެންގެ ނިދީގައި ޖެހޭ މައްސަލަތަކާއި އެކީގައި އުޅުމުގައި ދިމާވާ ބިރުގަތުން، ހާސްވުން، ފޮޅުވާލާފައި ދުރަށް ދިއުން، ރުއިމާއި ބިރުގަތުން، މިކަންތައްތައް ހަމައެކަނި ބޭސްފަރުވާއިން ރަނގަޅު ކުރެވޭނެކަމަށް އޭނާ ނިންމިއެވެ. އެންމެ ފަހުން އަހަރު ދުވަސްވިތަނާ ރީތިގޮތުގައި އަހަރެން އޭނާއާ ވަކިވީމެވެ.

ވަރިވެގެން އަނބުރާ ގެއަށް އައުމުން އަނެއްކާވެސް އެއްކަލަ މައްސަލަތަކުގެ ތެރެއަށް ވަންނަން ޖެހިއްޖެއެވެ. އަހަރެންގެ އުމުރުން 25އަހަރުގެ އުފަންދުވަސް ފާހަގަކުރުމަށް ކުރީގެ އެކުވެރިންނާ ބައްދަލުވެ ރަށުގައި ދެދުވަހަކު މަޑުކޮށްލަން ދިޔަ ދަތުރުވީ މުޅި އުމުރަށް އަހަރެން އިތުރު ވޭނެއް އުފުލަން ޖެހުނު ދަތުރަކަށެވެ. އިފާގެ ބޮޑުބޭބެމެން ވަރަށް ރައްޓެއްސެވެ. އުފަންދުވަހުގެ ހަދިޔާއެއް ދޭން ބައްދަލު ކުރުމަށް ބުނެ ގުޅީ އިފާގެ ބައްޕައާއި އެއްބަނޑު ތިން ފިިރހެނުންނާއި އިފާގެ ދެބެންގެދެދަރި ކުއްޖެކެވެ. އެއްވެސް އިތުރު މީހަކާ ނުލައި އައުމަށް ބުނުމުންވެސް އަހަންނަކަށް މާބޮޑު އެއްޗެއް ނުވިސްނެއެވެ. އެއީ ކުޑައިރުއްސުރެ އެނގޭ ދަންނަ މީހުންވިއްޔާއެވެ. އޭގެ ތެރެއިން އެންމެ މީހަކަށްނޫނީ އަހަރެން އެންމެނަށްވެސް ގޮވަނީ ބޭބެ ކިޔައިފައެވެ.

ކުޑަކުޑަ ސަޔެއް “ޓޭސްޓީ ކެފޭ” ގައި އޮތެވެ. ދެއްކި އެކި ވާހަކަތަކުގެ ތެރޭގައި ކުޑައިރު އަހަރެން ހުސެންގެ މޫނުމަތީގައި އެތިފަހަރެއް ޖެހިވާހަކައެވެ. އަހަރެން ރަކިވެފައި ސޮރީއޭ ބުނީމެވެ. އެބުނާ ދުވަހަކު އެހަތަރު މީހުން އެގޭ ފާރުމަތީ ތިބެފައި އަހަރެން ހުރަސްކުރަނިކޮށް ހުސެން ފުންްމާލައިގެން އައިސް އަހަރެންގެ ކޮލުގައި ވިކައި އިސްތަށިގަނޑަށް ދަމައި ހެދިއެވެ. އައި ރުޅީގައި އަތްމަޅައިލުމުން ޖެހުނީ ހުސެންގެ އަނގަމަތީގައެވެ.

ހުސެން އަހަންނާ ކުރީ މަޖާ ސުވާލެކެވެ.
“ތަންނު އަދިވެސް ހާދަހާ ރީއްޗޭ. މިހާރު ޑިވޯސްއެއްނު. މަށާ މެރީ...”
އަހަންނަށް ހީނގަނެވުނެވެ. ހުސެންބޭބޭ މޮޔަވީހޭ އަހަރެން ގެނައީ ތިވާހަކަ ދައްކަންހޭ ބުނެ އަހަރެން ދެއަތުން ހޯހޯއޭ ބުނެ އަތްހޫރީމެވެ. އަހަރެން އެހެން ބުނުމުން އެމީހުންގެ އަޑު މަޑުވެ މުޅި ތަން ހިމޭންވެއްޖެއެވެ. ދެން ކިޔައިދިނީ އެމީހުން އެދައްކަން އުޅޭ ވާހަކައެވެ. ތިންމީހުން ހައްޖަށް އަދި އެންމެ ހަގު އަލީ އުމުރާއަކަށް ދާން ފުރާތީ އަހަރެންގެ ހިތްހަލާލު ހޯދަންބޭނުންވެެގެންނެވެ.

އަނެއްކާވެސް އަހަންނަށް ހީނގަނެވުނީއެވެ، އެކަމަކު ހުނުން ހުއްޓި އަހަރެން ގަބުއަރައި ދެލޯބޮޑުވެ ކަރުގައި އަޑާއި ނޭވާ ތާށިވީ ދެން ހުސެން ބުނި ވާހަކައިންނެވެ. ހުސެން ބުނި ގޮތުގަ އަހަރެންގެ ފޮނިމީރު ލިބުނީ ހުސެންއަށްވީމަ އަަހަރެންގެ ފިރިއަކަށްވާން އެންމެ އައުލާކަންބޮޑީ އޭނާއަށެވެ. އަހަންނަށް އެރޭ ދިމާވި ހާދިސާ އެނގޭނީ އެކަން ކުރި މީހުންނަށާއި އަހަންނަށެވެ. ދެން އެންމެ މޮޅަށް ހުރިހާ ކަމެއްމެ ދެނެވޮޑިގެންވާ މާތްރަސްކަލާނގެއަށެވެ. އެހެންވިއްޔާ އެރޭގެ….އަހަންނަށް އިނދެވުނީއެވެ. އެމީހުން ފަހަރަކު މީހަކަށް ދެއްކި ވާހަކަތައް އަހަންނަށް އިވުނީ މާދުރުން ކަހަލައެވެ.

މިއީ ފިލްމެއް ޑްރާމާއެއް ނުވަތަ ވާހަކައެއް ނޫނެވެ. މިއީ ހަގީގީ ދިރިއުޅުމެއްގެ ވާހަކައެވެ. އަނިޔާވެރިން ތިބީ ކުރިމަތީގައެވެ. އެއީ ކޮންބައެއްކަން ނޭނގޭތީ އެއްގޮތަކުން އަހަރެން އުޅުނީ ވަރަށް ހަމަޖެހިގެންނެވެ. އެކަމަކު އެންމެ ފަހުން އެކުޑަކުޑަ ހިތްހަމަޖެހުންވެސް ދިޔައީއެވެ.

ރޯންވީކަމެއް ހޭންވީކަމެއް އަޑުންއަޑުނަގައި ހަޅޭއްލަވަންވީކަމެއް އަހަންނަކަށް ނޭނގުނެވެ. ޔާރައްބިކަލާކޯއެވެ. އިންސާނުންގެ ތެރޭގައި ހައިވާނުންނަށްވުރެވެސް ދަށުދަރަޖައިގެ މީހުން މިއުޅެނީނޫންހެއްޔެވެ؟ ހައިވާނުން އެއެއްޗެހީގެ ކުދި ދަރިންކޮޅު، އެއީ ކޮންމެ އެއްޗެއްގެ ދަރިއަކަސް ވަކި އުމުރަކަށް ދާންދެން ނުހަނު ރައްކާތެރިކަމާއެކު ސަލާމަތުން ހިމާޔަތްކޮށްދީގެން ގެންގުޅެއެވެ. އެވަރުވެސް އަހަރެމެން ބުއްދީގެ ނިއުމަތް ލިބިފައިވާ އިންސާނުންނަކަށް ނުވެއެވެ. ޝައިތާނާވެސް މިފަދަ އިންސާނުންނާ ހިސާބުން މަލާމާތްކޮށް އަވަހަށް ޖާނާއިގެން ސަލާމަތްވޭތޯ ‘ތިމަންނާއަށްވުރެންވެސް ނުބައި ބައެއްތާއޭ’ ބުނެ އަވަހަށް ފިލާނެއެވެ.

އަހަރެން މަޑުމަޑުން ތެދުވީމެވެ. އަދި ދާން ހިނގައިގަތީމެވެ. އެހެންނަމަވެސް މަޑުކޮށްލާފައި އެނބުރި އަހަރެން ބުނެލީމެވެ. އަހަރެން މާފުކޮށް ހިތްހަލާލުކުރުމުން މަށަށް ލިބޭނީ ކޮންއެއްޗެއް ހެއްޔެވެ. މަގޭ ގެއްލުނު ޅަފުރާއާއި އަދިވެސް ކުރިއަށް ނުގޮސްގެން މިއުޅޭ ދިރިއުޅުން އަމާން އޮމާން އެއްޗަކަށް ހެދޭނެ ހެއްޔެވެ. އެހެންނޫނަސް މާފު ކުރުމުން އެކަންތައް ހަނދާން ނައްތައިލެވޭނެނަމައެވެ. އާއެކެވެ. ކޮންމެ ދިރިއުޅުމެއްގައިވެސް މާފު ނުކުރެވޭނެ، ހަނދާން ނުނެތޭނެ ކަންތައްތަކެއް ހުންނާނެއެވެ. މިއީ އަހަރެންގެ ދިރިއުޅުމުގެ އެކަންތައް ކަމަށް ޔަގީންކޮށްލާށެވެ.

ގެއަށް ދިޔަ މަގުމަތީގައި އަތިރިމައްޗަށް ނުކުމެ ގޮނޑުދޮށަށް ފޭބީމެެވެ. މީހެއްގެ ހިލަމެއް ނެތް ފަޅު ހިސާބެކެވެ. ބޮލުގައި އަތްއަޅައިގެން އަޑުގެ ނެތްތަނަށް ހޭރިރޮއިގަތީމެވެ. އަހަރެންގެ ގައިގައި އެވަގުތުވެސް އެއްކަލަ ރޭގެ ތަދުތަކާއި ވޭންތައް އެޅި ކަހަލައެވެ. މިފަދަ ޝައިތާނީ އަމަލުތައް ކުރާ ފިރިހެނުން އެމީހުންގެ ހިތުގައި އަންހެނުންނާމެދު އެއްވެސް ކުލުނެއް ނެތްތާނގައި ވިސްނައިވެސްނުލާ ކަހަލަައެވެ.

ކޮންމެ އަންހެނަކީވެސް ކޮންމެވެސް މީހެއްގެ މަންމައެކެވެ. ކޮންމެވެސް މީހެއްގެ ދަރިއެކެވެ. ދައްތައެކެވެ. ކޮއްކޮއެކެވެ. ގައިމު އެފަދަ ފިރިހެނުން ދުނިޔެއަށް އަންނާނީވެސް ކޮންވެސް އަންހެނެއްގެ ރަހިމުގައި އޮވެފައެވެ. އެމީހުންގެ ލޯބީގެ އުފާތައްވެސް ލިބޭނީ އަންހެނެއްގެ ފަރާތުންނެވެ. އެމީހުންނަށް ވާރިސެއް ދޭ ދަރިންވެސް ލިބޭނީ އަންހެނެއް މެދުވެރިކޮށެވެ. ވީއިރު އަންހެނަކަށް އެފަދަ އަނިޔާއެއް ދޭއިރު ހަމައެއްވެސް އެއްޗެއް ނުވިސްނޭބާވައެވެ. މާދަމާ ތިމާގެ ދަރިފުޅަށް މީހެއްގެ ފަރާތުން މިފަދަ ކަމެއް ދިމާވެއްޖެއްްޔާ ތިމާގެ ގައިގައި އަޅާނެ ވޭން ހިތަށް ނާރަނީބާވައެވެ.

އޭގެ ފަހުން މާލެއައިސް އުޅެން ފެށީ މުޅިން ތަފާތު މީހެކެވެ. އަހަރެން ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. ގިނަގިނައިން އައިޖީއެމްއެޗްގު އީއާރްގައި އަހަރެން އޮންނަންޖެހެން ފެށިއެވެ. އަހަރެންގެ މިހާރުގެ ފިރިމީހާ އަދި އަހަރެންގެ ކުދިންގެ ބައްޕައާ ބައްދަލުވީ އައިޖީއެމްއެޗު ކެންޓީނުންނެވެ. އަތުގައި ގުޅާފައި ހުރި ކެނިއުލާއަށް ތަދުވާވަރުން ދޮރު ނުހުޅުވިގެން އުޅެނިކޮށް އައިސް އެހީތެރިވެ ތައާރަފުވެލިއެވެ.

އަހަންނަށް ހެޔޮލަފާ އިންސާނަކާ ބައްދަލުވީއެވެ. ތެދަށް ބުނަންޏާ ހަޔާތުގައި ފުރަތަމަ ފަހަރަށެވެ. ވިސްނުންތޫނު، ކަންތަކުގެ ނުފެންނަ ފުށްވެސް ދެނެގަންނަ، މީހާ ފަސޭހަކަމާއެކު ދަސްކޮށްލާ ފިރިހެނެކެވެ. ހިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އޭނާ ގާތުގައި ހުރުމުން އިހުސާސްވެއެވެ. ހޮސްޕިޓަލުގައި އަހަރެންގާތު ހޭދަކުރި ފަސްދުވަސްތެރޭ އޭނަ އަމިއްލައަށް އަހަރެންގެ މައްސަލަތަކާއި ނިދީގައި އަަހަރެންގެ ކަންތައް ހުންނަ ގޮތުން އަހަރެންގެ ޅަދުވަހުގެ ކަންތައް ދެނެގަތީ އަހަރެން ގާތު އެއްވެސް ސުވާލެއް ނުކޮށް އޭނަ އަމިއްލައަށެވެ. އަހަރެންގެ ގޮތްހުސްވެ އުއްމީދުކެނޑިފައިވާ ހަޔާތަށް އަލިކަމަކާއެކު އެހީގެ އަތެއް ފޯރުކޮށްދިންމީހަކީ އެއީއެވެ.

އަހަރެންގެ މިހާރުގެ ކާމިޔާބު ދިރިއުޅުމުގެ ހަގީގީ އެހީތެރިއަކީ އަހަރެންގެ މިތިންކުދިންގެ ބައްޕައެެވެ. އަހަރެންގެ ހަޔާތުގެ ނާ ބިރުވެރި، ހުޅިލާ ބޮޑެތި ރާޅުތަކުން ސަލާމަތްކޮށްގެން އަމާން އޮމާން ރައްކާތެރި އައްސޭރިއަކަށް ގެނެސްދިނީ މިހާރު އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އެމީހެއްދެކެ އިންތިހާއަށް ލޯބިވާ ފިރިމީހާއެވެ. އަހަރެންގެ ހަޔާތުގެ ނުދައްކާ ވާހަކަ އެންމެ ފުރަތަމަ ހިއްސާ ކުރި މީހަކީ އެއީއެވެ. ދެން އެވާހަކަތައް ކިޔައިދިނީ އަހަރެންގެ އެކުވެރިއަކަށެވެ. އެއީ މުޖުތަމައު ހޭލުންތެރި ކުރުވުމަށް އެހީއަކަށް ވެދާނެކަމުގެ އުއްމީދުގައި މިވާހަކަ ލިޔެ ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދޭ ފަރާތަށެވެ.

މިކަހަލަ ކިތަންމެ ކަންތައްތަކެއް އަޅުގަނޑުމެންގެ މުޖުތަމައުތެރޭގައި ހިނގަމުން އެބަދެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާ ދިރިއުޅުމެއްގައި ނުދައްކާ ސިއްރުކުރެވޭ ވާހަކަތައް އުފަންވާނެއެވެ. މިފަދަ ކަންތައްތަކުން ދަރިން ސަލާމަތްކޮށް މުޖުތަމައުގައި އެކުދިން ރައްކާތެރި ތިމާވެށްޓެއްގައި ބޮޑެތިވާ ކުދިންނަށް ހެދުމަށް ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަޑާ ކުރާނަމަ މިފަދަ ކަންތައްތަކުން މުޖުތަމައު ސަލާމަތްކުރެވޭނެއެވެ. މުޅި ދުނިޔޭގައި ވެސް އަދި ރައްޖޭގައިވެސް ކުޑަކުދިންނަށް ކުރާ އަނިޔާއާއި ޖިންސީ ގޯނާތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭ މިންވަރަށްވުރެ ފޮރުވައި، ސިއްރުކުރެވޭ މިންވަރު ގިނައެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް ހެޔޮހިތަކާއެކު ކޮންމެވެސް ސިފައެއްގައި އެހީގެ އަތެއް އެފަދަ ކުދިންނަށް ދިއްކޮށްލެވޭނެއެވެ.

މިހެން ކަންތައް ދިމާވާން ޖެހެނީ ހޭލުންތެރިނުވުމާއި ބުނެދިނުމުގައި ދަތިހުރަސްތައް ހުރުމާއި އެނގިގަތުމުގައި ފަހުމުވުމުގެ މައްސަލަތައް ހުރުމާއި ކަންތައްތަކަަށް ލޯހުޅުވި ތަރައްގީވެފައިއޮތަސް ބުއްދިއާއި ވިސްނުން ތަރައްގީވެ ތަމައްދުންވެ ތަހުޒީބުނުވުމުންނެވެ. މިވާހަކައިންވެސް އިބުރަތެއް ހާސިލުކޮށް މިފަދަ ކަންތައްތަކަށް ސަމާލުވެ އިތުރަށް ދުނިޔެއާ ކުރިމަތިލާނެ ހިތްވަރު ނެތިއްޔާ އެހިތްވަރު ލިބިގަތުމަށްވެސް މިވާހަކަ ފުދޭނެކަމަށް އުއްމީދުކުރަމެވެ. އަދި ގޮތް ހުސްވެފައިވާ މާޔޫސީގެ ދުނިޔެއިން ބޭރަށް އެހީގެ އަތެއް ލިބޭތޯ ނުުކުތުމަށް ހިންދެމިލާފަ ތެދުވާށެވެ.

އެޑިޓަރުގެ ނޯޓު: މިއީ ރާއްޖޭގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. ބައެއް ނަންތަކަށް ބަދަލު ގެނެސްފައިވާނެއެވެ.