ކަޅި ޖަހާލުމެއް ނެތި އެއަންހެންކުއްޖާއަށް ބަލަން ދައްޔާނަށް ހުރެވުނެވެ. ހިތުގައި އުފެދުނު ޝައުޤާއެކު އޭނައަށް އެހެން ދިމާއަކަށް ނުވެސް ބެލުނެވެ. ލައިގެން ހުރި ސޭޖް ކުލައިގެ ހެދުން ގަޔަށް ދޫކޮށް އޮތް ކަމުގައި ވިޔަސް، ހަށިގަނޑުގެ ވަނާތައް ހުންނާނެ ގޮތަކާ މެދު ދައްޔާނަށް ވިސްނުން ހިންގާލެވުނެވެ. ޝަހުވަތުން ފުރިގެން އައި ޚިޔާލުތަކުން ދައްޔާނަށް ހިނިތުންވެވުނެވެ. ފުން ނަޒަރަކުން އެއަންހެންކުއްޖާގެ މޫނަށް ބަލަންފެށިއެވެ. އޭނައަށް ވުރެން އުމުރުން ބޮޑުވާނެކަން ނަގައިގަނެވުމުން ތަފާތު ޖޯޝެއްގެ ވިންދު މޭގައި ޖަހާލިއެވެ.

ބޭއިހްތިޔާރުގައި ދައްޔާނަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެވަނަ ސިކުންތުގައި މަޑުޖެހިލެވުނީ ފެނުނު މަންޒަރަކުންނެވެ. ބުމަކައިރިކޮށްލެވުނީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. ޒަރާރް ފެނުނު ހިނދުން ފެށިގެން ދައްޔާންގެ މޫޑު ހަރާބުވެއްޖެއެވެ. ދުރުގައި ހުއްޓި ހުރީ ޒަރާރްގެ މިސްރާބު ނަގައިގަނެވުމުންނެވެ.

''ތަނޫ...'' ފުޅާ ހިނިތުންވުމަކާއެކު ތަނާލްގެ ގާތަށް ޒަރާރް ހުއްޓުނެވެ. މާމަމެންނާއެކު ހުރެފައި އޭނަ އައީ ތަނާލް ފެނިގެންނެވެ. ތަނާލްގެ އިންތިޒާރުގައި އޭނަ ހުންނަތާ ވަރަށް ގިނަ އިރު ވެއްޖެއެވެ. މިއަދު ބިޒީކޮށް އުޅުމުން ތަނާލްގެ މޫނު ދުށުމުގެ ނަސީބެއް ނުލިބުނެވެ. ދުށުމަށް ބޭޤަރާރުވެފައިވި ސޫރާ ފެނުމާއެކު ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ދެލޮލުން ފާޅުވީ އުފާވެރިކަމުގެ ކުލަވަރެވެ.

''ބަލާ ނުދެވުނީތީ ސޮރީ އިނގޭ...'' ޒަރާރް މަޢާފަށް އެދުނެވެ.

''ދެން ސޮރީ ބުނެގެން ނުވާނެ، އަހަންނަށް ކުރިން ވެސް އެނގުނޭ ޒަރާރް ބިޒީވާނެކަން...'' ތަނާލް ބަލައިލީ ޒަރާރް އަށެވެ. ވަގުތުން ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެއްޖެއެވެ. ތަފާތު ވިދުމެއް ޒަރާރްގެ ތޫނުފިލި ދެލޮލުން ފާޅުވާހެން ތަނާލްއަށް ހީވިއެވެ. އެޖާދޫގައި އޭނަ ޤައިދުވީ އިހްތިޔާރަކާ ނުލައެވެ. ޒަރާރްގެ ފިރިހެންވަންތަކަން ވެސް ތަނާލްއަށް ފާހަގަ ކުރެވުނެވެ. ރޯޔަލް ބްލޫ ކުލައިގެ ކަސްޓަމް ސޫޓްގައި ޒަރާރް ފެންނަނީ ވަރަށް ސްމާޓްކޮށެވެ. މިރޭގެ ހަފްލާއަށް ތުނބުޅި ކުޑަކޮށް ޓްރިމްކޮށްލައި، އިސްތަށިގަނޑު ސްޓައިލްކޮށްފައިވި އޮތް ގޮތް ތަފާތެވެ. އެހުރިހާ ބަދަލެއް ތަނާލްއަށް ކަމުދިޔައެވެ. އެހާ ގާތުން ޒަރާރްއާއި ނަޒަރު ސީދާވުމުން މެޔަށް އެނގުން ވިއެވެ. އަވަސްވި ހިތުގެ ވިންދާއެކު ލިބުނު ހާސްކަން ސިއްރުކުރުމުގެ ނިޔަތުގައި ހިނިތުންވެވުނެވެ.

''ކާފަ ހުރީ ތަނޫއާ ބައްދަލުކޮށްލަން ބޭނުންވެފަ، އައި މޭއި ހޭވް ހައިޕްޑް ޔޫ އަޕް އެ ލިޓިލް... އޯކޭތަ ކާފައަށް ތަނޫ ތަޢާރަފްކޮށްދިނަސް؟...'' ތަނާލްއާއި ނަޒަރު ވަކިކުރުމެއް ނެތި ޒަރާރް އެހިއެވެ. ''އިފް ޔޫ އާރ ނޮޓް ކޮމްފޮޓަބަލް، ދެޓްސް އޯކޭ...''

''ނޫނޭ، ބޭނުން ބައްދަލުކުރަން...'' ތަނާލްއަށް ހިފާލެވުނީ ޒަރާރްގެ އަތުގައެވެ. އެކަން ރޭކާލުމާއެކު ޒަރާރްގެ އަތުން ދޫކޮށްލަން އުޅުނެވެ. އެހިނދު ލުއި ހިނިތުންވުމަކާއެކު ތަނާލްގެ އަތަށް ޒަރާރް ފިތާލިއެވެ. ދެޒުވާނުންގެ ދެމެދުގައި އާދަޔާ ޚިލާފު ގާތްކަމެއް އުފެދިފައިވާ ކަމުގެ އިހުސާސް ތަނާލްއަށް ކުރެވުނެވެ. ޒަރާރް އޭނައަށް ބަލައިލާ ގޮތެވެ. ހިނިތުންވެލާ އިރު ފެންނަ އުފާވެރިކަމެވެ. އެހެނަސް މާހައުލުގެ ގޮތުން އެކަމާ ފުންކޮށް ވިސްނާލާނެ ފުރުސަތެއް ނުލިބުނެވެ.

''ތަނޫ...'' ކުރިއަށް ހިނގައިގަތުމުގެ ކުރިން ޒަރާރް ގޮވާލިއެވެ. އެރާގުން ޒަރާރްގެ ކަންބޮޑުވުންތައް ތަނާލްއަށް ފަހުމު ކުރެވުނެވެ.

''އައިމް ފައިން...'' މާހައުލުގެ ހަލަބޮލިކަމުން އޭނައަށް ލިބިދާނެ ނުތަނަވަސްކަމަށް ޒަރާރް ސަމާލުވުމުން ބަޔާންކުރަންދަތި ރާހަތެއް ލިބުނެވެ. ''ލެޓް މީ ޓެލް ޔޫ އެ ސީކްރެޓް...''

ޒަރާރް ބުމަ އަރުވާލިއެވެ. ތަނާލް ބުނަން އުޅޭ އެއްޗަކަށް ޝައުޤުވެރިވިކަމުގެ އިޝާރާތަކެވެ. އެވަގުތު ޒަރާރްގެ ގާތަށް ތަނާލް ފިޔަވަޅެއް އަޅާލިއެވެ.

''އައި ޓުކް މައި މެޑިސިން، އެހެންނޫނަސް ޒަރާރް އަހަރެން ގާތު ހުންނާނަމެއްނު، ޔޫ ވޯންޓް ލީވް މީ އެލޯން، ވުޑް ޔޫ؟...'' ތަނާލް ބުންޏެވެ.

''ނެވާރ...'' ދެފަރާތަށް ބޯހޫރަމުން ޒަރާރް ބުންޏެވެ. އެއްމިޔަކަނިން ހިނިތުންވެވުނީ އޭނައާއި ތަނާލް ސަމާސާކޮށްލުމުންނެވެ.

''ބަހުގެ ޔަޤީންކަން ތިދިނީ، ދެން އަނބުރާ ނުގެންދެވޭނެ އިނގޭ...'' ތަނާލް ބުންޏެވެ.

''އައިމް އެޓް ޔޯރ ސާރވިސް...'' މޭގައި އަތްތިލަ ޖައްސާލަމުން ޒަރާރް ބުންޏެވެ. އެމަންޒަރު ބަލަން ހުރި ތަނާލްއަށް ހީނލެވުނެވެ. ހަމަ ތަނާލްގެ އަޑުގެ ދަށުން ޒަރާރްއަށް ވެސް ހެވުނެވެ.

''ޝެލް ވީ؟...'' ޒަރާރް އިޝާރާތްކޮށްލީ ތަންކޮޅެއް ދުރުގައި ހުރި މޭޒަކަށެވެ. އެމޭޒު ދޮށުގައި ތިބީ ޒަރާރްގެ ޢާއިލާއެވެ. މާމައާއި ކާފަގެ އިތުރުން ބައްޕައާއި އަޒީލާ އެވެ.

''ބައިދަވޭ....'' ޒަރާރްއާއެކު ތަނާލް ކުރިއަށް ހިނގަމުން ދަނިކޮށް ޒަރާރް ބުނެލިއެވެ. އޭރު ދެޒުވާނުންގެ ފިޔަވަޅުތަކަށް ލަސްކަމެއް އަތުވެއްޖެއެވެ. އެހެންކަމުން ޒަރާރްގެ ކުރިމައްޗަށް ތަނާލް ހުއްޓުނެވެ. ނިތް އަރުވާލަމުން ޒަރާރްއަށް ބަލަން ފެށިއެވެ.

ބޮލުގެ ފުއްކިބައިގައި އަތްތިލަ ހިންގާލަމުން ފުންނޭވާއެއް ޒަރާރް ދޫކޮށްލިއެވެ. ތަނާލް ފެނުނީއްސުރެން އެހިތަށް ކޮށްފައިވި އަސަރުތައް ނުބުނެ ހުންނަން އޭނައަށް އުނދަގޫ ވެއްޖެއެވެ. ދުލުން ބޭރުކުރެވޭ ލަފުޒުތަކަކީ އިމްތިހާނަކަށް ވާނެއެވެ. އެދެމެދުގައި އޮތް ގުޅުން ތަފާތު ފަތްތަރަކަށް ގެންގޮސް ދޭނެއެވެ. އެކަމުގެ އަމުޖަ ބަލައިނުލައި ދޫކޮށްލަން ނަފުސު ދެކޮޅު ހެދިއެވެ. ރޫހަށް ދިރުން ލިބެން އޮތީ ހަމަ އެންމެ ގޮތަކަށެވެ. ބިރުވެރިކަމާއި ކުމަތިލައިގެންނެވެ.

މާމަގެ ދިން ނަސޭހަތުގައި ހިފަން ޒަރާރް ހުރީ ތައްޔާރަށެވެ. ހިތުގެ ހާލު ބަޔާންކުރަން ފަސްޖެހިއްޖެނަމަ މާމަ ބުނިފަދައިން ފަހުން ހިތާމަކުރަން ޖެހޭ ހާލަތެއް ކުރިމަތިވެދާނެއެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ ލޯތްބަށް އިޤުރާރު ނުވެވެނީސް އެހެން ހިތަކަށް ތަނާލްގެ ލޯބި މިންވަރު ވެއްޖެނަމަ އަމިއްލަ ނަފުސަށް ދުވަހަކު މަޢާފެއް ނުކުރެވޭނެއެވެ. ހިތާމަޔާއި މޮޅިވެރިކަމުގެ ދިގު ސިލްސިލާއެއްގައި ހަފުސް ވެގެން ގޮސްދާނެއެވެ. އެފަދަ ދުވަހަކާއި ބައްދަލުކުރަން ވެއްޖެނަމަ ވާނެ ގޮތެއް ސިކުނޑިއަށް ގެންނަން ދައްޗެވެ. އޭނަގެ ދުޢާ ތަކުގައި ވަނީ ތަނާލް އެވެ. އެލޯބި އޭނައަށް ނަސީބުކޮށްދެއްވުމެވެ. ފުރާނައިގެ ބައިވެރިޔާއަށް ވުމަށެވެ. ޒަވާޖީ ހަޔާތެއް ބިނާކުރަން ބޭނުން ވަނީ ހަމައެކަނި ތަނާލްއާއެކުގަ އެވެ.

''ޒަރާރް؟...'' ހިމޭންކަމުގެ ސުކޫތަކަށްފަހު ތަނާލް ގޮވާލިއެވެ.

''ޔޫ... ޔޫ ލުކް ޕްރިޓީ، މާޝާﷲ.... ކުރިން ބުނަން ބޭނުންވި، ނޭނގޭ ކީއްވެކަމެއް ނުބުނެވުނީ...'' ތަނާލްގެ ކަންފަތް ދޮށުގައި ޒަރާރް ބުނެލިއެވެ. އެއަށްފަހު ހިތާއި ދެކޮޅަށް ތަނާލްއާއި ދުރަށް ޖެހިލައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ތިބެވުނު މާހައުލާ މެދު ވިސްނާލަން ޖެހުނީއެވެ. ދެޒުވާނުންނަށް ސިއްރުސިއްރުން ހުއްޓެމުންދާ ލޯތައް ޒަރާރްއަށް ފާހަގަ ކުރެވުނީ އެވެ.

ޒަރާރްގެ ބަރު އަޑު ތަނާލްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކަނދުރާމަތިން ގޮސް އަތުގެ ލޯލިތައް ވެސް ކޮޅަށް ޖެހުނެވެ. ޖިސްމަށް އެލަފުޒުތަކުން އަސަރުކޮށްފިއެވެ. އޭނަގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ. އުއްމީދުގެ ހުޅުކޮޅެއް ރޯވެގެން ގޮސްފިއެވެ. ޒަރާރްގެ ޖުމްލައިން ކޮންމެވެސް އެހެން ވާހަކައެއް ބުނެދޭ ކަހަލައެވެ. އެއާއެކު ހިތް ތެޅިލައިފިއެވެ.

ތަނާލްގެ މޫނުން ސިހުމާއި ނުރުހުމުގެ ޒައްރެއްގެ މިންވަރު ވެސް ޒަރާރްއަކަށް ނުފެނުނެވެ. އޭގެ ބަދަލުގައި ފެނުނީ އުފާވެރިކަމުގެ ނޫރެވެ. ތަނާލްގެ ތުންފަތަށް ވެރިވި ލަދުރަކި ހިނިތުންވުން، ރުވާފަ ދޫކޮށްލި ތީރެއްގެ މިސާލުގައި ޒަރާރްގެ މޭގެ ފުންމިނަށް ހެރުނެވެ. ހަށިގަނޑަށް އެނގުން ގެނުވަމުންނެވެ.

''މިރޭ... މިރޭ އަހަންނަށް ތަނޫ ހާއްސަވެފައިވާ މިންވަރު ބުނެދޭނަން...'' ޒަރާރް އޭނަގެ ނަފުސަށް ވަޢުދުވިއެވެ.

*****

ދުރުގައި ތަނާލްއާއި ޒަރާރްގެ ކޮންމެ ހަރަކާތަކަށް ފާރަލަމުން ދިޔަ ދައްޔާނަށް ހުރިހާ މަންޒަރެއް ފެނުނެވެ. ތަނާލްއަށް ޒަރާރް ބަލައިލާ ނަޒަރެވެ. ވެދުން ކުރި ހިނިތުންވުންތަކެވެ. ގާތްވެލައި ތަނާލްގެ ކަންފަތް ދޮށުގައި ސިއްރެއް ބުނި މަންޒަރު ވެސް ދުށްޓެވެ. އެއާއެކު ދައްޔާންގެ މޫނުން ފާޅުވީ ނުރުހުމުގެ ކުލަވަރެވެ. ބުމަކައިރިކޮށްލަމުން ފަޓުލޫނުގެ ޖީބުގައި އޮތް އަތްތިލައަށް ބާރުކޮށްލެވުނެވެ. އޭނައަށް ކަމުދިޔަ އަންހެންކުއްޖަކާއި ޒަރާރް ހާއްސަ ގުޅުމެއް ބާއްވަން ހަމަހިލާ އޭނަގެ ޒަމީރު ތަނެއް ނުދިނެވެ.

''ހޫ އިޒް ޝީ؟... ޒަރާރްއާއީ އޮތީ ކޮން ގުޅުމެއްތަ؟...'' ދައްޔާނަށް ވިސްނާލެވުނެވެ. އެސުވާލުގެ ޖަވާބު އޭނަ ބޭނުމެވެ. އެހިނދު ދުރު ހަނދާނެއް އާލާވެގެން ދިޔައެވެ. އޭނަ އޮފީހަށް އައި ދުވަހު، ޒަރާން ނިކަން ގަޔާވެފައި އަންހެންކުއްޖަކާ ފޯނުން ވާހަކަދެއްކި ދުވަހުގެ މަންޒަރުތައް ފެންނަން ފެށިއެވެ. އެދުވަހު އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބުނީ އަދި ކިރިޔާއެވެ. ނަމަވެސް އެޖަވާބާ މެދު ރުހެވޭ ގޮތެއް ނުވިއެވެ. ޤަބޫލުކުރަން ވެސް ބޭނުމެއް ނުވިއެވެ.

*****

ވާހަކައިގައި ތިބެފައި ޒަރާރްގެ ހިލަންވެގެން ޖާބިރު ބަލައިފިއެވެ. ތަނާލް ފެނުމާއެކު، ސަރުވާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ގެނުވިއެވެ. ޢާއިލާގެ އެންމެނަށް ތަނާލް ތަޢާރަފްކޮށްދޭން ޒަރާރް އަވަސްވެގަތެވެ. ސަރުވާއާއި ޖާބިރުގެ ފަރާތުން ހޫނު މަރުހަބާއެއް ލިބުނެވެ. ތަނާލްގެ ޚިޔާލުތަކުން ހަފްލާއަށް ގެނަސްފައި ހުރި ބަދަލުތަކާ ގުޅިގެން ޖާބިރު ވާހަކަދެއްކިއެވެ. ހުޅުމާލޭގައި ހުޅުވަން އުޅޭ ހޮޓެލުން ވެސް ތަނާލްގެ ހުނަރު ފެންނާނެކަމަށް ކުރާ އުއްމީދު ހާމަކޮށް ތަނާލްގެ މަސައްކަތަށް ތަޢުރީފުކޮށްލިއެވެ.

ޒަރާރްގެ ޢާއިލާއާއި ބަދައްލުވި ފުރަތަމަ ވަގުތުކޮޅު ތަނާލް ހުރީ ޖެހިލުންވެފައެވެ. މޭޒު ދޮށުގައި ތިބި ކޮންމެ މީހެއްގެ މޫނަށް އޭނަ ވަކިވަކިން ބެލިއެވެ. ގާތްކަމާއި އެކުވެރިކަން ކޮންމެ މީހެއްގެ މޫނުން ފެނުނެވެ. ޖާބިރުގެ ވާހަތަކުން އަމިއްލަ ނަފުސަށް އޮތް އިތުބާރަށް ދިރުން ލިބުނެވެ. ހިތް ޝުކުރުން ބަންޑުން ވިއެވެ. ސަރުވާ ވެސް ތަނާލްއާއި ވާހަކަދެއްކިއެވެ. ކުރީ ދުވަހު ސަރުވާއާއި ބައްދަލުވެ އެހިތްހެޔޮކަމާއި ކުލުނުވެރިކަން ތަނާލްއަށް އޮތީ އިހުސާސްކުރެވިފައެވެ. މިރޭގެ ހަފްލާއިން ވަކިން ބޮޑަށް އެގާތްކަން ފެނުނެވެ. ތަނާލް ހުރީ އުފަލުންނެވެ. މަސްރޫރު ވެސް ގަޔާވެފައި ތަނާލްއާއި ވާހަކަދެއްކިއެވެ.

ހިތްހަމަޖެހުމުގެ ވަގުތުކޮޅަށް ނިމުމެއް ގެނައީ އަޒީލާއެވެ. އަޒީލާއަށް ތަނާލް ބަލައިލުމާއެކު އެމޫނުން އޭނައަށް ފެނުނީ ބީރައްޓެހިކަމެވެ. ތަނާލްގެ މެޔަށް ފިނިވެލިއެވެ. އޭނަގެ ހަނދާނަށް އައީ ސަރުވާ އިންޑަސްޓްރީސްގެ ފަރާތުން ރިސޯޓުގައި ބޭއްވި ހަފްލާ މަތިންނެވެ. ހަފްލާ ތެރެއިން ކުރީގެ ރައްޓެހިންނާ ބައްދަލުވެ އުފެދުނު ހާސްކަމާއި ދުރުވާންވެގެން އުޅެވުނު ގޮތެވެ. ސާފު ވައިދޮފެއް ހޯދަން އުޅުމުގެ ތެރެއިން އަޒީލާއާއި މުޑި އެރި މަންޒަރެވެ. އޭނަގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލަމުން ދިން ރުޅިވެރިކަމުގެ ނަޒަރެވެ. މިރޭ ވެސް އަޒީލާގެ މޫނުން ތަނާލްއަށް ފެނުނީ ނުރުހުމުގެ ކުލަވަރެވެ. އެކަމުން އޭނަގެ ނުތަނަވަސްކުރުވިއެވެ. އަޒީލާއާ މެދު ދެކެވެމުންދާ ނަޒަރިއްޔާތު ބަދަލުކުރަން ތަނާލް ބޭނުން ވިއެވެ. މަންމަގެ އެކުވެރި ޖަމްޝީދާގެ ފަރާތުން އަޑުއިވިފައިވަނީ މުޅިން ވެސް އަޒީލާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ވާހަކައެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދީވޭތޯ ތަނާލް ބެލިއެވެ. ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް އަޒީލާއަކީ ޒަރާރްގެ ޢާއިލާގެ މެންބަރެކެވެ. މިއަދު ޒަރާރްގެ މަންމަގެ މަޤާމުގައި ހުރީ ވެސް އަޒީލާ އެވެ. އެހެންކަމުން އަޒީލާއާއި އޭނަގެ ފުރަތަމަ ބައްދަލުވުން ހަނދާން ނައްތާލައި އާފެށުމަކުން ފަށަން ތަނާލް ގަސްދުކުރިއެވެ. އިސްވެ އަޒީލާއަށް ތަޢާރަފްވެލީ އެހެންވެގެންނެވެ.

އަޒީލާގެ މޫނުން ފެނުނީ ބީރައްޓެހިކަމެވެ. ތަނާލްއާއި ބައްދަލުވިކަމުގެ އެއްވެސް ހަނދާނެއް އޭނަގެ ނެތެވެ.

ތަނާލް ދިއްކޮށްލި އަތުގައި އަޒީލާ ހިފީ މޭޒު ދޮށުގައި ތިބި ޖާބިރާއި ސަރުވާއަށް ބަލާފައެވެ. ތަނާލްއަށް ސަރުވާގެ ސަމާލުކަން ދެވިފައިވާތީ އެކަމާ އަޒީލާއަށް ވިސްނުން ހިންގާލެވުނެވެ. އެއަށްފަހު ޒަރާރްއަށް ވެސް އޭނަ ބަލައިލިއެވެ. ދެން އޭނަގެ ނަޒަރު ހުއްޓުނީ ތަނާލް އަށެވެ. އެރޭގެ އިވެންޓަށް ތަނާލްއަށް ޒަރާރް ދައުވަތު ދިނުމުން ބުނެދޭން އުޅޭ ސިއްރު އަޒީލާ ނަގައިގަތެވެ.

ކަމުދާ އެއްވެސް ސިފައެއް ތަނާލްގެ ފަރާތުން އަޒީލާއަކަށް ނުފެނުނެވެ. އާދައިގެ ސިފަތަކެކެވެ. ހަމުގެ ކުލަ އަނދިރިވުމުން ފާޑެއްގެ ފޫއްސެއް ވިއެވެ. އޭނަ ދެކޭގޮތުގައި އަންހެންކުއްޖަކު ރީތި ވާނީ ހަމުގެ ކުލަ އަލިވުމުންނެވެ. ޒަމާނީ ހެދުންތައް ލުމުންނެވެ. ކުރީ ޒަމާނުގެ ކަޓު ވިސްނުމާއި އާދަކާދަތައް މިހާރާއި ގުޅޭނެ ހެއްޔެވެ؟

ސަލާމަށްފަހު ތަނާލްގެ އަތުން އަޒީލާ ދޫކޮށްލިއެވެ. އަދި ނޫންކަމަށް ހަދާފައި ހެދުމުގެ ފަސްބައިން އަތް ފޮހެލީ ފަކުރުގެ ލިސާންތައް ސިއްރުކުރަމުންނެވެ. ތަނާލްއަށް ޒަރާރް ބަލައިލާ ހިނދު، ޒަރާރްގެ ދެލޮލުން ދެހިތް ނުފެންނަކަމޭ އަޒީލާގެ ހިތަށް އެރިއެވެ. އެކަމާ ހުރެ ނުލަފާ ހިންޏެއްވެސް އައެވެ. ޒަރާރްއާއި އެކަށީގެންވަނީ އެކަހަލަ ހުތުރު ކުއްޖެކެވެ.

ޢާއިލާއާއި ވާހަކަދައްކާލަން ކުޑަ ވަގުތުކޮޅެއް ހުސްކޮށްލަމުން ތަނާލް ގޮވައިގެން ޒަރާރް ދިޔައީ ކެއުމަށް ހާއްސަކުރެވިފައި ހުރި ބުފޭއާއި ދިމާއަށެވެ. އެމަންޒަރު ބަލަން ތިބެފައި ޖާބިރާއި ސަރުވާ ބަލައިލީ އެކަކު އެނެކަކުގެ މޫނަށެވެ. ދެމަފިރިންގެ ދެމެދުގައި ހިނިތުންވުމެއް ބަދަލުކުރެވުނެވެ. ޖާބިރަށް ވެސް ކަމެއް ފާހަގަ ކުރެވުނީއެވެ. ސަރުވާ ބޯޖަހާލުމާއެކު ޖާބިރަށް ޔަޤީންކުރެވުނެވެ.

''ސޯ، ހައުޒް ވޯޒް އިޓް؟...'' އޭނަގެ ޢާއިލާއާއި ބައްދަލުވުމަށްފަހު ތަނާލްގެ ޚިޔާލު ހުރި ގޮތެއް ބަލައިލަން ޒަރާރް ބޭނުންވިއެވެ.

''ކުޑަކޮށް ހާސްވެފަ ހުރީ، އެކަމަކު އެންމެން ހާދަ ރަނގަޅޭ...'' ތަނާލް ބުނެލިއެވެ. އަޒީލާއާއި އޭނަގެ ފުރަތަމަ ބައްދަލުވުން ޒަރާރްއަށް ތަނާލް ކިޔައިނުދިނެވެ. އެކަމާ ހުރެ އަޒީލާ ދެކެ ޒަރާރް ހިތްހަމަނުޖެހިދާނެތީއެވެ.

''އަދި އެންމެންނަކާ ބައްދަލެއް ނުވޭ އިނގޭ...'' ޒަރާރް ބުނެލިއެވެ.

''ތިބުނީ؟...'' ތަނާލްއަށް އަހާލެވުނެވެ.

''މައި އާންޓް އެންޑް އަންކަލް...'' ޒަރާރް ބުނެލިއެވެ.

''އޯހ!، އިރާދަކުރެއްވިއްޔާ އަދި ބައްދަލުވާނެއެއްނު...'' ތަނާލް ބުނެލީ މާނަ ފުން ޖުމްލައެވެ. ޒަރާރް ބޯޖަހާލިއެވެ.

''ދާން ވެސް ހުންނާނެ...'' ޒަރާރް ބުނެލިއެވެ.

*****

''ދޮންބޭ...'' ބުފޭ ކައިރީގައި ހުއްޓާ ޒަރާރްއަށް ދައްޔާނުގެ އަޑުއިވުނެވެ. ޤަބޫލުކުރަން ދަތިވެފައިވާ ހާލު ފަސްއެނބުރި ބަލައިލެވުނެވެ. އޭރު ދައްޔާނު އައިސް ކައިރިއަށް ހުއްޓެނީއެވެ. ވަގުތުގެ ގޮތުން ޒަރާރް ހުރީ އެކަންޏެވެ. ތަނާލް އުޅުނީ ބުފޭގެ އަނެއްކޮޅުގައެވެ. ފޮނިއެއްޗެހީގެ ސްޓޭޝަން ކައިރީގައެވެ.

''ދާން...'' ޒަރާރް ހިނިތުންވެލިއެވެ. ފުރަތަމަ ފަހަރަށް ދައްޔާން އޭނައަށް ދޮންބެއޭ ކިޔާ ގޮވާލުމުން ދައްޔާނާ މެދު އުފެދިފައިވި ކަންބޮޑުވުންތަކަށް ނިމުމެއް އަތުވެއްޖެއެވެ. އޭނަ ހުންނަނީ ދައްޔާނާ ވާހަކަ ދައްކަން ބޭނުންވެފައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އުޅެން ޖެހުނީ ބިޒީ ކޮށެވެ. އެހެންކަމުން ދައްޔާނާއި ބައްދަލުކުރެވޭ ގޮތެއް ނުވީއެވެ.

''އައިމް ސޮރީ...'' ދައްޔާން ބުނެލީ ކޮންމެހެން ސުލްހަ ޤާއިމުކުރާކަށެއް ނޫނެވެ. ޒަރާރްއާއެކު ހުރި އަންހެންކުއްޖާ ފެނުނުފަހުން އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން ވެގެންނެވެ. ކުލުނާއި ލޯބީގެ އަނދުން ޒަރާރްގެ ލޮލުގައި އަޅުވާލީ އެކަމަށް ޒަރާރް އެދޭ މިންވަރު އެނގޭތީއެވެ. ޒަރާރްގެ އިހުސާސްތަކާއި ކުޅެލަން ދައްޔާނު ނިކަން ކުޅަދާނައެވެ.

''އެދުވަހު ކުޑަ ކަމެއްގެ ސްޓްރެސް ވެފަ ހުރީމަ ދޮންބެ ދެކެ ރުޅި އާދެވުނީ، ފަހުން ވަރަށް ދެރަވި، ލަދު ވެސް ގަތް، އެހެންވެ ދޮންބެ ގާތުން މަޢާފަށް އެދެން ނުކެރުނީ...'' މޮޅިވެރިކަމުގެ ރާގަކަށް ދައްޔާން ބުންޏެވެ.

''އިޓްސް އޯކޭ، ދެން ފަހަރަކުން ވާނެ ދޮންބެއާއި ޝެއާރކޮށްލަން، އޭރުންތާ ދާންއަށް އެހީއެއް ވެވޭނީ... އަދި ބުނަން، ދޮންބެއާއި އެއްވެސް ވާހަކައެއް ހިއްސާކުރަން ޖެހިލުން ނުވައްޗޭ، ދޮންބެ އަޑުއަހާނަން...'' ދައްޔާންގެ ގައިގައި ބައްދާލަމުން ޒަރާރް ފުން ނޭވާއެއް ދޫކޮށްލިއެވެ.

ދައްޔާން ގަޔާ ނުވިޔަސް މޫނުން އެކަމުގެ ކުލަވަރު ފާޅުވިޔަކަ ނުދިނެވެ. ރުޅިވެރިކަމުގެ ހޫނު އޭނަ ކޮންޓްރޯލް ކުރިއެވެ. އެހެން މުރާދެއް ހިތުގައި ވާތީ އެވެ.

ޗޮކްލެޓް މޫސް ތަށްޓެއް ހިފައިގެން އައި ތަނާލްއަށް ޒަރާރްގެ ގައިގައި ބައްދާލައިގެން ހުރި ޒުވާނާ ފެނުނެވެ. އެއާއެކު އެއީ ދައްޔާންކަން ނަގައިގަނެވުނެވެ. ތަނާލްގެ މޫނުން ފާޅުވީ އުފާވެރިކަމެވެ. ދެބެއިން ސުލްހަވުމުން ޒަރާރް އުފާވާނެ މިންވަރު ތަސައްވަރުކުރެވުނީއެވެ.

''އެންޑް ހޫ މައިޓް ދިސް ބީ؟...'' ޒަރާރްއާއި ދުރަށް ޖެހިލި ދައްޔާންގެ ލޮލުގައި ތަނާލް އަޅައިގަތެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން ތަނާލްއަށް ބަލައިލީ ޒަރާރް އޮޅުންފިލުވައިދޭނެކަން އެނގި ހުރެއެވެ.

''ދާން، މީ ތަނާލް...'' ޒަރާރް ބުންޏެވެ. ''ތަނޫ، މީ އަހަރެންގެ ކޮއްކޮ، ދައްޔާން، ދާން ކިޔަސް ރަނގަޅުވާނެ...''

''ތަނޫ...'' ތަނާލްގެ ނަން ކުރުކޮށްލަމުން ދައްޔާން ގޮވާލިއެވެ. ކައިރިން ތަނާލް ފެނުމުން އެރީތިކަން ދައްޔާނަށް ވަޒަންކޮށްލެވުނެވެ.

''މީ ދޮންބެގެ ގާރލްފްރެންޑްތަ؟...'' ކުއްލިޔަކަށް ދައްޔާންކޮށްލި ސުވާލަކުން ޒަރާރް ސިހުނެވެ. އޭނައަށް ބަލައިލެވުނީ ތަނާލްގެ މޫނަށެވެ. މެޔަށް ފިނިވެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.

(ނުނިމޭ)