ދަންވަރެވެ. އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތް ޒަރާރްއަށް ނިދޭ ގޮތެއް ނުވިއެވެ. އޭނަގެ ލޮލާއި ނިދި ރުޅިވެފައިވާ ކަހަލައެވެ. ދެއަތަށް ދުރޮޅެމުން ގޮސް ހަށިގަނޑު އައްސިވުމާ ގާތަށް ހިނގައްޖެއެވެ. އެންމެފަހުން ހަށިފުރާ ދޫކޮށްލި ފުންނޭވާއަށްފަހު، ކޮޅަށް ތެދުވެ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ދެން އޭނަގެ ނަޒަރު ހުއްޓުނީ އެނދުގެ އަރިމަތީކަބަޑު މަތީ ޗާޖަށް ޖަހާފައި އޮތް ފޯނަށެވެ. އަތް ދިއްކޮށްލަމުން ފޯނު ނަގައި ހުޅުވާލިއެވެ. އާދަވެފައިވާ ކަމެއް ފަދައިން އޭނައަށް ހުޅުވާލެވުނީ ތަނާލްއަށް ކޮށްފައިވާ މެސެޖު ތްރެޑެވެ. ނިންޖާ ދުރުވެފައިވާ މައިގަނޑު ސަބަބަކީ އެއެވެ. ތަނާލްގެ ޚިޔާލުތަކުން ސިކުނޑިއަށް ވަނީ ބާރުބޮޑުވެފައެވެ. އުދާސްކަމެއްގެ ތެރެއަށް ނަފުސު ގެނބެމުންދާ ކަހަލައެވެ. ހިތުގައި އުފަންވެފައިވާ އިހުސާސްތައް އޮއްބާލާނެ ގޮތެއް އޭނައަކަށް ނޭނގެއެވެ. ކާމިޔާބުލިބުމެއް ނުވާ ހަނގުރާމައެއްގައި ޤައިދުވެފައިވާ ކަހަލަހެއެވެ.
''ކީއްވެތަ ހިތަށް ވިސްނައިނުދެވެނީ؟، ތަނޫއަކީ ހަމައެކަނި އަހަރެންގެ ރައްޓެއްސެއްގެ ގޮތުގައި ވުމަށް އަހަރެން ހިތެއް ނުރުހޭ، އައި ވޯންޓް މޯ، އެކަމަކު އެއީ ނުވާނެކަމެއް، ރިލޭޝަންޝިޕަކަށް ތަނޫ ތައްޔާރެއް ނުވާނެ، ދެން ކީއްވެތަ އެކަން ޤަބޫލުކުރަން އަހަންނަށް އުނދަގޫވަނީ؟، ވަޓް ޝުޑް އައި ޑޫ؟، ކްލިއާރލީ އައިމް އަންއޭބަލް ޓު އިގްނޯރ ދީސް ފީލިންގްސް!، އެކަމަކު ތަނޫ ގާތު ބުނެވޭކަށް ވެސް ނެތް...'' ބޮލުގައި އަތް ފުނާ އަޅަމުން ޒަރާރްއަށް ބުނެވުނެވެ. އޭނަ ކިޔަމުން ދިޔައީ ތަނާލްއަށް ފޮނުވާފައި ހުރި މެސެޖުތަކެވެ. އެދެމެދުގައި ބަދަލުކުރެވިފައިވި ސަމާސާތަކުން ޒަރާރްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ގެނެސްދިނެވެ. ނަމަވެސް އެއީ ވަގުތުކޮޅެއްގެ އުފާވެރިކަމެކެވެ.
ނުނިދޭނެކަން ޔަޤީންވުމުން ޒަރާރް ކޮޅަށް ތެދުވިއެވެ. އޭރު މެންދަމުން އަނބުރާ ދޭއް ޖަހައިފިއެވެ. އަލަމާރި ހުޅުވާލަމުން ނެގި ޖޯޒީއާއި ސޯޓު ލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭނަގެ މިސްރާބަކަށް ވީ ބަދިގެއެވެ. ގޭތެރެއަށް ވެރިވެފައިވި ފަނޑު އަލިކަމާއި މަރުގެ ހިމޭންކަމުގެ ތެރެއިން ބަދިގެއަށް ވަނެވެ. ގަޑީގެ ގޮތުން ޚާދިމަކު ނޫޅެއެވެ. ބޮކި ދިއްލަމުން ޒަރާރް ހުއްޓުނީ ކޮފީ މެޝިން ކައިރިއަށެވެ. ކޮފީއެއް ތައްޔާރުކޮށްގެން އޭނަ ނުކުތީ ޕާޓިއޯ އަށެވެ. ސޯފާގައި ހަމަޖެހިލަމުން ހޫނުއަރަމުން ދިޔަ ކޮފީ ތަށީގެ ރަހަ ބަލައިލިއެވެ. އޭނަގެ ނަޒަރު ބަގީޗާއަށް ހުއްޓިފައި ވިޔަސް ޚިޔާލުތަކުގައި ވަނީ މުޅިން އެހެންކަމެކެވެ.
އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ވަނިކޮށް ޒަރާރް ސިހުނީ މީހަކު ގޮވާލި އަޑަށެވެ. ސިހުނުވަރުން އަތުގައި އޮތް ކޮފީ ތަށި ބަންޑުން ނުވީ ހަމަ ކިރިޔާއެވެ. އަޑުއައި ދިމާއަށް ޒަރާރް ސަމާލުވެލިއެވެ. ޕާޓިއޯއަށް ނިކުންނަ ދޮރު ކައިރީ ހުރި މާމަ ފެނުނީ ދެނެވެ. ކުރިމަތީ ހުރި މޭޒު މަތީ ކޮފީތަށި ބަހައްޓަމުން މާމައަށް ޒަރާރް ހިނިތުންވެލިއެވެ. ބާރަށް ތެޅެމުން ދިޔަ ހިތުގެ ވިންދުތައް ހަމައަކަށް އެޅުވޭތޯ އޭނަ ބެލިއެވެ. މެންދަމުގެ ހަމަހިމޭންކަމުގެ ތެރެއަށް ގެއްލިފައި ވަނިކޮށް މާމަ ގޮވާލުމުން ބިރުގަތީ އެވެ.
''ދަރިފުޅު ބިރުގަންނަވާލެވުނީދޯ؟...'' އެގަޑީގައި ޕާޓިއޯއިން ޒަރާރް ފެނުމުން ސަރުވާ ހައިރާންވިއެވެ. ''މިގަޑީގަ ވެސް ދަރިފުޅު ބޮނީ ކޮފީ ތަ؟...''
''ނުނިދިގެން...'' ޒަރާރް ބުނެލިއެވެ. މާމަ އިށީންނަން ސޯފާއިން ޖާގައެއް ޒަރާރް ހުސްކޮށްލި އެވެ.
''ނުނިދިގެން އުޅުނީމަ ކޮފީތަ ބޮނީ...'' ލުއި ހިނިތުންވުމަކާއެކު ސަރުވާ ބުނެލިއެވެ. ދަމުނަމާދަށް ތެދުވުނު ސަރުވާ ބަދިގެއަށް ދިޔައީ ފެންޖަގު ހުސްވެފައި ހުރީމައެވެ. ބަދިގެއަށް ދިޔަ މަގުމަތީ ޕާޓިއޯގެ ދޮރު ހުޅުވަފައި ހުރުމުން އުފެދުނު ޝައުޤުވެރިކަމުގައި އާދެވުނީއެވެ. ފަހަރެއްގައި ވެސް އެތަނުގައި ޒަރާރް ހުރެދާނެ ކަމަށް ނޫނެވެ. ދައްޔާނަށް ވެދާނެ ކަމަށެވެ. ނަމަވެސް ފެނުނު މަންޒަރާއި، ޒަރާރްގެ މޫނުން ފެނުނު އަސަރުތަކުން ކަމެއް ގޯސްވެއްޖެކަން އޭނަ ދެނެގަތެވެ. އޮޅުންފިލުވުމުގެ ނިޔަތުގައި ޒަރާރްއާ ވާހަކަދައްކާލަން ސަރުވާ ބޭނުން ވިއެވެ. އެއީ ޒަރާރްގެ ތަބީއަތާއި މުޅިން ނުބައްދަލު ސިފައަކަށް ވީމައެވެ.
''ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެ، މާމަ ގާތު ނުބުނާންތަ؟...'' ޒަރާރްގެ މޫނަށް ފުން ނަޒަރަކުން ބަލަމުން ސަރުވާ ސުވާލުކޮށްލިއެވެ.
މާމަގެ ސުވާލާއެކު ޒަރާރް ހަމައެކަނި ހިނިތުންވެލީއެވެ. ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ނުތަނަވަސްކަން މާމައަށް ފާހަގަވުމުން ޒަރާރް ހައިރާނެއް ނުވިއެވެ. ނަފުސުގެ ހަމަޖެހުން ގެއްލެމުންދާކަމުގެ އިހުސާސް ޚުދު އަމިއްލައަށް ވެސް ކުރެވޭތީއެވެ. އޭނަގެ މިޒާޖަށް ބަދަލުތަކެއް އަންނަކަމުގެ ހިލަން ތަނާލްއަށް ވެދާނެ ހެއްޔެވެ؟ ތަނާލްގެ ފަރާތުން ސުވާލެއް ކުރިމަތިވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ތެދުތެދަށް އޭނައަށް ޖަވާބުދާރީ ވެވޭނެ ހެއްޔެވެ؟
''ދަރިފުޅާ...'' ޒަރާރްގެ މުލައްދަނޑީގައި ފިރުމާލަމުން ސަރުވާ ބުނެލިއެވެ.
''ނޭނގޭ މާމާ...'' އޭނައަށް ވެގެން އުޅޭ ގޮތެއް ބުނެދޭން ޒަރާރްއަށް އުނދަގޫވިއެވެ.
''މާމަ އަޑުއަހާނަމޭ، އޮފީހުގެ ކަމެއް ވީތަ؟، ބައްޕަ އެއްޗެކޭ ބުނީތަ؟...'' ސަރުވާގެ މެޔަށް ފިނިވެލިއެވެ. މަސްރޫރުއާއި ޒަރާރްގެ ގުޅުން ރަނަގަޅުވަމުން އަންނަނިކޮށް މައްސަލައެއް ޖެހުނީކަމަށް އޭނައަށް ހީކުރެވުނެވެ. އިހުނަށްވުރެން ބޮޑަށް ކަންބޮޑުވެއްޖެއެވެ.
''ނޫނޭ މާމާ...'' އަވަސްއަވަހަށް ޒަރާރްއަށް ބުނެވުނެވެ. ''އެކަހަލަ ކަމެއް ނޫވޭ...''
''ދެން ކޮން ކަމަކާތަ ދަރިފުޅު ހާސްވެފަ ތިހުންނަނީ؟، ނިދި ނަގާލައި މިތާ ދަރިފުޅު ތީނީ ކޮންމެވެސް ކަމެއް ދިމާވީމަ...'' ޒަރާރްގެ ޖުމްލައިން ކޮންމެވެސް ވަރަކަށް ސަރުވާ ހަމަޖެހުނެވެ. އޭނަގެ ބިރު ހަޤީޤަތަކަށް ނުވީތީއެވެ. އެހެނަސް، ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބެއް ނުލިބުނެވެ.
''މާމާ...'' މާމާއާއި ދިމާއަށް އެނބުރެމުން ޒަރާރް ގޮވާލިއެވެ. އިހުސާސްތައް ގަދަކަމުން ސިއްރުކުރަން އުޅެފިނަމަ ގޯސް ނަތީޖާއެއް ނިކުމެދާނެތީ މީހެއްގެ ޚިޔާލެއް ހޯދަން ޒަރާރް ހުރީ ބޭނުންވެފައެވެ. ފަހަރެއްގައި އިތުރު މީހަކަށް އެހިތުގެ ހާލު ބަޔާންކުރެވިއްޖެނަމަ ކުޑަމީސް ތަސައްލީއެއް ލިބިދާނެއެވެ. ހަމައެއާއެކު މާމައަކީ ދުރުވިސްނޭ މީހެކެވެ. އެފަދަ ކަންކަމަށް ޚިޔާލުދޭން މާމަގެ ތަޖުރިބާ ވެސް ހުންނާނެއެވެ.
ޒަރާރްގެ އަތުގައި ސަރުވާ ހިފާލިއެވެ. އެއަށްފަހު ބޯޖަހާލިއެވެ. ކުރިއަށް ދިއުމަށް ދިން އިޝާރާތެކެވެ.
މާމައަށް ބަލައިލަމުން ޒަރާރް ހިނިތުންވެލިއެވެ. ފަށަންވީ ކިހިނެއްކަމެއް ނޭނގުނެވެ. އޭނަ ހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެންނެއް ނޫނެވެ.
''މިސާލަކަށް އަޅުގަނޑަށް ކަމުދާ ކަހަލަ ކުއްޖަކު ހުރިއްޔޯ، އެކަމަކު އެކުއްޖާ ގާތު ކަމުދާކަން ހާމަކުރެވެން ނެތިއްޔޯ، އެފަދަ ހާލަތެއްގައި ކިހިނެއްތޯ ހަދާނީ...'' ސިކުނޑިއަށް ބާރުލަމުން ކޮންމެވެސް ވަރަކަށް އެހިތުގެ ހާލަތު ޒަރާރް ހާމަކޮށްދިނެވެ.
ޒަރާރްއަށް ބަލަން އިން ސަރުވާގެ ތުންފަތް ދެމިލީ ފުޅާ ހިނިތުންވުމަކުންނެވެ. ފުރަތަމަ ފަހަރަށް ކަމުދާ ކުއްޖަކު ހުރި ވާހަކަ ޒަރާރް ހާމަކުރުމުންނެވެ. އެފަދަ ދުވަހަކަށް އޭނަ އިންތިޒާރުކުރަމުން އަންނަތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ. ޒަރާރް ޒަވާޖީ ހަޔާތެއް ފަށައި އުފަލާއެކު ދިރިއުޅުމެއް ބިނާކުރާނެ ދުވަހެއް ދެކެން ސަރުވާ ނިކަން ބޭނުމެވެ. އެކަމާ ގުޅިގެން އެއްޗެއް ނުބެނެ ހުންނަނީ ހަޔާތުގެ ބައިވެރިޔަކު އިހްތިޔާރުކުރުމުގެ ފުރިހަމަ މިނިވަންކަން ޒަރާރްއަށް ދޭން ބޭނުންވާތީއެވެ. އެފަދަ ކަންތައްތަކަކީ އަވަސްއަރުވާލެވޭނެ ކަހަލަ ކަންތައްތަކެއް ވެސް ނޫނެވެ.
''މާމަ އަޅުގަނޑަށް މަލާމާތްކުރަނީތޯ؟...'' ޒަރާރްއަށް އަހާލެވުނެވެ.
''ނޫނޭ، ފުރަތަމަ ފަހަރަށް ދަރިފުޅު ތި ކަހަލަ ވާހަކައެއް ދެއްކީމަ އުފާވީ، މާމަގެ ދަރިފުޅަށް އެންމެފަހުން ކުއްޖަކު ދެކެ ލޯބި ވެވުނީދޯ؟...'' ޒަރާރްގެ އަތުގައި ފިރުމާލަމުން ސަރުވާ ބުނެލިއެވެ.
މާމާގެ ސުވާލާއެކު ލަދުގަންނަ ގޮތް ވިޔަސް ޒަރާރް ބޯޖަހާލިއެވެ. އެއީ ހަޤީޤަތް ނޫން ހެއްޔެވެ؟ އޭނައަށް ތަނާލް ދެކެ ލޯބިވެވިއްޖެއެވެ. ކުރިމަތިލާން ދަތިވެފައިވާ ޖަޒުބާތަކީ އެއެވެ.
''ލައްބާ މާމާ... އެކަމަކު ލޯބިވާކަން ހާމަކުރެވޭކަށް ނެތް...'' ޒަރާރްއަށް އިސްޖަހާލެވުނެވެ. ''ވަގުތާ ހާލަތު އެކަމަށް ތަނެއް ނުދޭ...''
ޒަރާރްގެ ޖުމްލައާއެކު ސަރުވާގެ ތުންފަތުގައިވި ހިނިތުންވުން މިލައިފިއެވެ. މޫނުން ފާޅުވަމުން ދިޔަ އުފާވެރިކަމަށް ވެސް ނިމުން އަތުވެއްޖެއެވެ. ޒަރާރްގެ މޫނުން ހިތާމައިގެ ލިނާސްތައް އޭނަ ދުށްޓެވެ. ކެކުޅުމުގެ ވޭނުން ކިލަނބުވެފައިވި ޒަރާރްގެ ދެލޮލަށް ސަރުވާގެ ކަޅި ހުއްޓުނެވެ. އެއާއެކު ސަރުވާގެ މެޔަށް ނުބައި ގޮތެއް ވެއްޖެއެވެ. ރޭގަނޑުގެ ނިދި ގެއްލި އެކަނިވެރި މާހައުލަކުން ޒަރާރް ފެނުނު ސަބަބު ނަގައިގަނެވުނީ ދެނެވެ.
''ދަރިފުޅާ...'' ސަރުވާއަށް ގޮވާލެވުނެވެ.
''ކޮންކަމަކާތަ ދަރިފުޅު ބިރުގަންނަނީ، ލޯތްބަކީ ކުއްލިޔަކަށް ވެވޭ އެހެނަސް މާނަ ފުން ޖަޒުބާތެއް، ފުރަތަމަ އެކަން ރޭކާލުމުން ފަސްޖެހުމަކީ މައްސަލައެއް ނޫނޭ، އެކަމަކު އެއިހުސާސްތައް ސިއްރުކުރަން ހަދައިފިނަމަ ހެދޭނީ ގޯސް...'' ސަރުވާ ބުންޏެވެ.
''މާމަގެ ވާހަކަ އަޅުގަނޑު ޤަބޫލުކުރަމޭ، އެކަމަކު... އެކަމަކު ލޯބިވާ ވާހަކަ ބުނެފިނަމަ އެކުވެރިކަމަށް ނިމުން އަތުވެދާނެތީ އަޅުގަނޑު ބިރުގަންނަނީ...'' ޒަރާރް ހާމަކުރިއެވެ. ދެން މާހައުލަށް ވެރިވީ ހިމޭންކަމެވެ. އެހިމޭންކަމުގެ ތެރެއިން ޒަރާރްއަށް ވިސްނައިދޭނެ ގޮތެއް ފެނޭތޯ ސަރުވާ ބެލިއެވެ.
''ދަރިފުޅަށް އެނގޭތަ؟، ދަރިފުޅުގެ ކާފައާއި މާމަ ބައްދަލުވި ހިނދު ފުރަތަމަ ލޯބި ވެވުނީ މާމައަށް، ލޯބި ހާމަކުރަން މާމަ ވަރަށް ބޮޑަށް ބިރުގަތް، ކާފަ ފެނުނަސް އަނބުރައިގެން ވެއްޓިދާނެހެން ހީވޭ، އެފަދަ ހާލެއްގައި މާމަ ވަނިކޮށް ކާފަ ވާހަކަދެއްކީ، ދެހިތުގައި ވެސް އެއް އިހުސާސެއް ވިންދުޖަހަމުންދާކަން އެނގުނީ އެދުވަހު، ދެމީހުން ވެސް ތިބީ ބިރުން، އެނެކަކު ދީފާނެ ޖަވާބެއް ނޭނގޭތީ، އިންކާރުކޮށްފިނަމަ އެލިބޭނެ ހިތާމަތަކާ ކުރިތިލާން ފަސްޖެހެވުނީތީ، އެބިރާ ކުރިމަތި ނުލިނަމަ މާމައާއި ކާފަގެ ދިރިއުޅުން މިއަދު ވަރަށް ތަފާތުވީސް... ދަރިފުޅާ... ލޯތްބަކީ އޭގައި ތަފާތު ބާރެއް އެކުލެވިގެންވާ އިހުސާސެއް، ކުރިން ނުކުރެވޭނެހެން ހީވާ އެތައް ކަމެއް ލޯބީގެ ހައްޤުޤައި ކުރުމަށް ހިތްވަރުލިބިގެންދާނެ... ލޯތްބަށްޓަކައި މުޅި ދުނިޔެއާއި ހަނގުރާމަކުރުމުގެ ހިތްވަރު ލިބެޔޭ ބުނާ އަޑު އަހަމެއްނު؟، އެއީ ހަޤީޤަތެކޭ، ލޯތްބަކީ ތަފާތު ރާހަތެއް އެކުލެވިގެންވާ ޖަޒުބާތެއް، އެކަމުގައި ގިނަ މީހުންގެ ތަޖުރިބާ ތަފާތުވާނެ...'' އޯގާތެރިކަމާއެކު އޭނަގެ މާޒީއަށް އަލިއަޅުވާލަމުން ސަރުވާ ވާހަކަދެއްކިއެވެ. އޭނަގެ މަޤުސަދަކަށްވީ ލޯބީގެ ހައްޤުޤައި ތެދުވުމަށް ޒަރާރްއަށް ހިތްވަރު ދިނުމެވެ. މާޔޫސްކަމުގެ ފުން ކަނޑެއްގައި ގެނބިގެން ދިއުމުގެ ކުރިން އުއްމީދު ހޯދައިދޭށެވެ. އުދާސްތަކާ ދުރަށް ގެންދާށެވެ. ކުރިއަށް ދާންވީ ރާސްތާ ހުޅުދާންކޮށްދޭށެވެ.
''އެކަމަކު...'' ޒަރާރް ފަސްޖެހުނެވެ.
''ތަނާލް ގާތު ނުބުނާހާ ހިނދަކު ދަރިފުޅަށް ހަމަޖެހުމެއް ނުލިބޭނެޔޭ، ދަރިފުޅުގެ ހުށަހެޅުމަށް ތަނާލް ދެކޮޅުހަދަންވީ ކީއްވެގެންތަ؟، ދަރިފުޅަކީ އަހުލާޤު ރަނގަޅު ޒުވާނެއް، ހަޔާތުގެ ބައިވެރިޔަކަށް އެދޭނެ ފަދަ ސިފަތައް ދަރިފުޅަށް ލިބިފައިވޭ، މާމަ މިހެން ބުންޏަސް ތީ ހަމަ އެންމެ ހޭންޑްސަމް...'' ސަރުވާ ބުންޏެވެ. ކުލުނާއެކު ޒަރާރްގެ ކޯތާފަތުގައި ސަރުވާ އަތްތިލަ ޖައްސާލިއެވެ.
''މަމާ...'' މާމަގެ ދުލުން ތަނާލްގެ ނަން އަޑުއިވުމާއެކު ޒަރާރްއަށް ދެލޯބޮޑުކޮށްލެވުނުނެވެ. ތަނާލްގެ ނަން ހާމަނުކުރަނީސް، މާމައަށް އެހާ ފަސޭހައިން ނަގައިގަނެވުމުން ޒަރާރްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގި ސިހުމެއްގެ ތެރޭގައެވެ.
''މާމައަށް ތިދެކުދިން މިއަދު ފެނުނު ވަތުން ފެށިގެން އެނގުނޭ ދަރިފުޅާއި ތަނާލްގެ ދެމެދުގައި ވަނީ ހާއްސަ ގުޅުމެއްކަން، ދަރިފުޅު ތަނާލްއަށް ބަލައިލާ ގޮތް މާމައަށް ފާހަގަކުރެވުނޭ...'' ޒަރާރްގެ ވާހަކަ ފެށުނީއްސުރެން ހުރިހާ ކަމަކާ ސަރުވާއަށް ގުޅުވާލެވުނީ ތަނާލް އެވެ. އޭނަ ހުރީ ޒަރާރްގެ ހޮވުމާ މެދު ނިކަން އުފާވެފައެވެ. މިއަދު ހަވީރު ތަނާލްއާއި ބައްދަލުވީއްސުރެން އެއަންހެންކުއްޖާއަށް އޭނަގެ ސަމާލުކަން ވަނީ ދެވިފައެވެ. ތަނާލްއަކީ މަޑުމައިތިރި އަދި ރީތި އަހުލާޤެއްގެ ވެރިޔެއްކަން ވެސް ޔަޤީންކުރެވުނެވެ. ދީނަށް ލޯބިކުރާ ސާދަ މިޒާޖެއްގެ އަންހެންކުއްޖެއްކަން ވެސް މެއެވެ.
''ދެޓް އޮބްވިޔަސް؟...'' ލޯބީގައި އާވާރާވެފައިވާ މަޖުނޫނެއް ފަދައިން ޒަރާރްއަށް ހިނިތުންވެވުނެވެ.
''މާމަގެ ތަޖުރިބާ ހުރީމަ އެހާ ފަސޭހައިން ނަގައިގަނެވުނީ...'' ސަރުވާ ބުނެލިއެވެ.
''ތަނޫ ހުރިހާ އަންހެންކުދިންނާ ތަފާތު...'' ތަނާލްގެ މާޒީ ޒަރާރް ހިއްސާކުރިއެވެ. ތަނާލްއަކީ ފިރިމީހާ މަރުގެ ހުވަފަތްވެފައިވާ އަންހެންކުއްޖެކަން ބުނެދިނެވެ. ހިތުގެ ހާލު ބަޔާންކޮށްދޭން ފަސްޖެހޭ ސަބަބު ވެސް ޒަރާރް ހާމަކުރިއެވެ. އެކުވެރިކަމަށް ނިމުމެއް އަންނަން ބޭނުންނުވާކަން ހާމަކުރެވުނު ހިނދު، ޒަރާރްގެ އަޑުގައި ވަނީ ހިތާމަވެރިކަމެވެ. ނާއުއްމީދެވެ.
ޒަރާރްގެ ވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔަ ސަރުވާގެ މެއަށް ފުން އަސަރުތަކެއް ކުރިއެވެ. އެހާ ހަނގު އުމުރެއްގައި ފިރިމީހާ މަރުވުމުން އުފުލާނެ ހިތާމަތައް އޭނައަށް ތަސައްވަރުކުރެވުނެވެ. ތަނާލް އިންނާނެ ނާޒުކު ހާލަތު ވެސް މެއެވެ. ނަމަވެސް ތަނާލްއާއި މިއަދު ބައްދަލުވުމުން ސަރުވާއަށް މުޅިން އެހެންކަމެއް ފާހަގަ ކުރެވުނެވެ. ޒަރާރްއަށް ތަނާލް ބަލައިލާ ނަޒަރުގައި ގާތްކަމެއް ވާހެން އޭނައަށް ހީވިއެވެ. ޒަރާރްގެ ވާހަކަތަކުން ތަނާލްގެ ތުންފަތަށް ގެނުވާ ހިނިތުންވުންތައް ވެސް އޭނައަށް ފެނުނެވެ. އެއީ ތަނާލްއަށް ޒަރާރް ހާއްސަވެފައިވާ ކަމުގެ ނިޝާނެކެވެ. ތަނާލްގެ ނަޒަރުގައިވާ ގާތްކަން ޒަރާރްއަށް ފާހަގަކުރެވިފައިވާހެނެއް ހިޔެއް ނުވެއެވެ. އެހެންކަމުން އޭނަގެ ވާހަކަތައް ސަރުވާ ބިނާކުރީ އޭނައަށް ފެނުނު ކަންތަކުގެ މައްޗަށެވެ. ދެޒުވާނުންނަށް ރޭކާ ނުލިޔަސް އެދެމެދުގައި އާ ވިންދެއް އުފަން ވެއްޖެއެވެ.
''މާމަ ދޭ ނަސޭހަތުގައި ދަރިފުޅު ހިފާނަންތަ؟...'' ސަރުވާ ބުނެލިއެވެ. އެއާއެކު އިސްއުފުލައި ޒަރާރް ބޯޖަހާލިއެވެ.
''ތަނޫ އެއިނީ ނާޒުކު ހާލަތެއްގައި، އެކަމަކު އޭގެ މާނައަކީ އެހިތުން ދަރިފުޅަށް ޖާގައެއް ނުލިބޭނެޔެކޭ ނޫން، ލޯބިވާކަން ނުބުނެ ހުންނަން ވެއްޖެނަމަ ލިބޭ ވޭން ބޮޑުވާނެ، ލިބޭ ފުރުސަތުގެ ބޭނުން ނުހިފި ފަހުން ދަރިފުޅު ހިތާމަކުރަންޖެހޭ ހާލަތެއް އަންނަން މާމަ ބޭނުމެއް ނޫން... ލޯބިވާކަން ހާމަނުކުރެވުނަސް ހިތުގައި އުފެދެމުން އަންނަ އިހުސާސްތަކަށް ޖާގަ ދިނުމަށް ތަނޫއާއި ވާހަކަދައްކާލާ، މާމައަށް ހީވަނީ ތަނޫ އެހުންނަނީ ދަރިފުޅުގެ އިޝާރާތަކަށް އިންތިޒާރުކޮށްގެންހެން، ބިރުން ހުރުމަށް ވުރެން އަމަލީ ސިފައެއް ގެނެވުމުން ލުޔެއް ވެސް ލިބޭނެ...'' ސަރުވާ ބުންޏެވެ.
''ތިބުނީ... ތިބުނީ ތަނޫއަށް އަޅުގަނޑު ކަމުގޮސްފާނެޔޭތަ؟...'' ޒަރާރްއަށް އަވަސްއަވަހަށް ބުނެވުނެވެ. ޤަބޫލުކުރަން ދަތިވެވިފައިވާކަމުގެ ނިޝާންތައް ޒަރާރްގެ މޫނުން ފާޅުވެލިއެވެ.
''ތި ސުވާލުގެ ޖަވާބު ހޯދަން ޖެހޭނީ ދަރިފުޅު...'' ޒަރާރްގެ ސުވާލަށް ސީދާސީދަލަށް ސަރުވާ ޖަވާބެއް ނުދިނެވެ. އެއީ ޖަޒުބާތުގެ މައްޗަށް އަމަލުކުރަން އޭނަ ދިން ހިތްވަރެކެވެ.
''ތެންކިއު މާމާ، އަޅުގަނޑު ތިކަމާ ވިސްނާނަން...'' ޒަރާރް ބުނެލިއެވެ. މާމަގެ ނަސޭހަތަށް އެކި ގޮތްގޮތަށް ވިސްނުން ހިންގާލެވުނެވެ.
''ތަނޫ ހަޤީޤަތުގަވެސް އަހަރެންގެ ލޯބި ޤަބޫލުކޮށްފާނެތަ؟...'' ހިމޭންކަމުގެ ދުލުން ޒަރާރްއަށް ބުނެވުނެވެ. އެސުވާލުން ޒަރާރްއަށް އުއްމީދު ގެނެސްދިނެވެ. މެޔަށް ފިނިކަމެއް ލިބުނެވެ. ފިކުރުތައް ގިނަވެފައިވި ސިކުނޑީގެ އުދާސްތަކަށް ނިމުމެއް އަތުވެއްޖެއެވެ. އޭނަގެ ތުންފަތަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ. އެކަމަށް އަމަލީ ސިފައެއް ގެނައުމުގެ ކުރިން ޒަރާރް ގަސްދުކުރީ އިސްތިހާރާ ނަމާދުކޮށްލުމަށެވެ. އޭނަގެ ނަސީބުގައި ތަނާލްގެ ލޯބި ލިޔެވިފައިވާނަމަ މާތްﷲ އޭނައަށް އެކަން ހިންމަވައި ދެއްވާނެއެވެ.
*****
ޖެހިގެން އައި ދުވަހުގެ ރޭގަނޑެވެ. އިވެންޓްގައި ބުރަކޮށް އުޅުމުގެ ސަބަބުން ޒަރާރްއަށް ތަނާލް ބަލާ އާދެވޭ ގޮތެއް ނުވިއެވެ. ދުރާލާ ތަނާލްއަށް ގުޅާފައި އެކަމުގެ ޚަބަރު ޒަރާރް ދިނެވެ. އެހެންކަމުން ތަނާލް ދާން ޖެހުނީ އެކަންޏެވެ. އަށެއްޖަހަން ވާއިރަށް ދަރުބާރުގެއަށް ދާން ތައްޔާރުވެގެން ތަނާލް ކޮޓަރިން ނިކުތެވެ. ތަނާލް ހުރީ މަޑު ސޭޖް ކުލައިގެ ހެދުމެއްގައެވެ. ހެދުމުގެ އަތާއެކު މޭމައްޗަށް ވާހެން ހުރީ ސެޓިން ފޮތިން ފަރުމާކޮށްފައެވެ. ހެދުމުގެ އުނަގަނޑުން ފެށިގެން ތިރިއަށްވާހެން ހުރީ ދެ ލާޔަރަކަށެވެ. ފުރަތަމަ ސެޓިންގް ފޮއްޗެވެ. ދެން ހުރީ އެސްތަކުން ފުރާލާފައި ހުރި ލޭސްފޮތިން ޑިޒައިންކޮށްލާފައެވެ. ހެދުން އޮތީ ތަނާލްގެ ލޫޅާފަތި ހަށިގަނޑަށް ދޫކޮށް ވިޔަސް އެހެދުމުގައި ތަނާލް ފެންނައިރު ވަރަށް ވެސް ފުރިހަމައެވެ. އެހެނިހެން ރޭތަކާއި ޚިލާފަށް ބުރުގާ ވެސް އަޅާފައި ވަނީ ތަފާތު ޑިޒައިނަކަށެވެ. މޭމަތި ނިވާވާނެހެން ގެންގޮސް ބުރުގާގެ ފަސްބައި އޮތީ ފަހަތަށް ދޫކޮށްލާފައެވެ. ތަނާލްގެ އަތުގައި ބިސްކުލައަށްދާ ކުޑަ ކްލަޗެއް އޮތެވެ. ކޮށްފައިވަނީ އާދައިގެ މޭކަޕަކެވެ. ތުންފަތުގައި ޖައްސާފައި ވަނީ މަޑު ރަތް ކުލައެކެވެ.
ބޮޑުކޮޓަރިއަށް ތަނާލް ނިކުތް އިރު، ޓީވީ ބަލަން މަންމައާއި ބައްޕަ ތިބީ ސޯފާގައެވެ. ޒަރާރް އޮތީ ތަނާލްގެ މައިންބަފައިންނަށް ވެސް ހަފްލާއަށް އައުމަށް ދައުވަތު ދީފައެވެ. ނަމަވެސް ބައްޕަ ބަލިވެ އުޅެތީ ދެވޭ ގޮތް ނުވީއެވެ. ބައްޕަ ހުމާ އުޅޭތީ ފަހު ވަގުތު މަންމަ ވެސް އުޒުރުވެރިވީއެވެ. ޒަރާރްއަށް އެކަން ތަނާލް އެންގިއެވެ.
''މިހާރު ހުން ރަނގަޅުތަ؟...'' ބައްޕައަށް ގޮވާލަމުން ތަނާލް ސުވާލުކޮށްލިއެވެ. ގަޑި ބަލަމުން މައިބްނަފައިންނަށް ވަގުތުކޮޅެއް ހުސްކޮށްލިއެވެ.
''ބޭސް ކެއިފަހުން ރަނގަޅު، އެހެންނޫނަސް ބައްޕަގެ ޕާސަނަލް ނާރސް އެބަހުއްޓެއްނު...'' ސުމައްޔާއާއި ސަމާސާކޮށްލަމުން ހާރޫން ބުނެލިއެވެ. ޒަރާރްއާއި ތަނާލްގެ އެކުވެރިކަން ސުމައްޔާގެ ފަރާތުން ހާރުނަށް އޮތީ އެނގިފައެވެ. އެކަމަށް އޭނަ މަރުޚަބާ ކިޔެވެ. ޒަރާރްއަކީ ޒިންމާދާރު އަދި ރަނގަޅު ޒުވާނަކަށް ވީތީއެވެ. އިތުބާރުކުރެވޭތީއެވެ.
''ދެން ދަނީ، އަށެއް ޖަހާއިރު ދާން ޖެހޭ...'' ތަނާލް ބުނެލިއެވެ.
''ޒަރާރްއަށް މަންމަމެންގެ ސަލާން ބުނެދެއްޗޭ، ބައްޕަ ބަލި ނޫންނަމަ ދެވުނީސް...'' ސުމައްޔާ އެދުނެވެ.
މަންމައަށް ބަލަމުން ތަނާލް ބޯޖަހާލިއެވެ. ފައިވާން ހަރުގަނޑު ކުރިމަށްޗަށް ހުއްޓެމުން ތަނާލް ނެގީ އުސްކަށީގެ ފައިވާނެކެވެ. ހެދުމުގެ ފަސްބައި ބޮޑުވުމުން ހިނގަން ފަސޭހަވާނީ އޭރުންކަމުގައި ވާތީއެވެ. އެޕާޓްމެންޓްގެ ދޮރު ހުޅުވަމުން އަނެއްކާ ވެސް މަންމަމެންގާތު ދާ ވާހަކަ ތަނާލް ބުނެލިއެވެ.
''ހާރޫން...'' ތަނާލް ނިކުތް މަންޒަރު ބަލަން އިނދެފައި، ހާރޫންގެ އަތުގައި ސުމައްޔާ ކޮއްޓާލިއެވެ.
ޓީވީގެ ސްކްރީނާއި ނަޒަރުވަކިކޮށް ސުމައްޔާގެ މޫނަށް ހާރޫން ބަލައިލިއެވެ.
''ޒަރާރްއާއި ތަނޫ ވަރަށް ބޮޑަށް ކްލޯޒްވެއްޖެހެން ހީނުވޭތަ؟...'' ސުމައްޔާ ބުނެލިއެވެ. ޒަރާރްއާއެކު ތަނާލް ހޭދަކުރާ ވަގުތު ގިނަވެފައިވުމުން ސުމައްޔާއަށް އެކަމާ ވިސްނާލެވުނެވެ.
''ތިބުނީ؟...'' ހަރޫންއަކަށް ނޭނގުނެވެ.
''ގޯސް އެއްޗެއް ނޫނޭ، އަހަންނަށް ހީވާނީ ތަނޫއަށް ޒަރާރް ހާއްސަވެއްޖެހެން...'' ސުމައްޔާއަށް ހީވާ ގޮތް އޭނަ ބުންޏެވެ. ކުރީ ދުވަހު ބެލްކަނީގައި ހުރެގެން ހީހީފައި ފޯނުން ޒަރާރްއާއި ވާހަކަދެއްކި އަޑު ސުމައްޔާއަށް އިވުނެވެ. ތަނާލްގެ ޕްރައިވެސީއަށް އުނިކަމަށް އަންނަން ބޭނުންނުވާތީ ސުމައްޔާ ވަނީ އޭނަގެ ކޮޓަރިއަށެވެ. ނަމަވެސް ތަނާލްގެ ހީނލުންތަކުގެ އަޑު ކަންފަތުގައި ހުރީ ގުގުމާލާފައެވެ. އެފަދައިން ތަނާލް ހީނލާ އުޅުނީ ހިދާން ދުނިޔޭގައި ހުރި އިރުގައެވެ. އެހެންކަމުން ވިސްނާލަން ސުމައްޔާއަށް މަޖުބޫރުވިއެވެ. ތަނާލްގެ މޭގައިވި ޒަހަމްތަކަށް ޝިފާ ލިބެން އުޅެނީ ހެއްޔެވެ؟
''އެކަމާ ހާސްނުވެބަލަ، ޒަރާރްއަކީ ރަނގަޅު ޒުވާނެކޭ...'' ހާރޫންގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ. އޭނަ ދެކުނީ އެއީ ހެޔޮ ފާލެއްކަމުގައެވެ. މާޒީ ދޫކޮށް ކުރިއަށް ދިއުމަށް ތަނާލް ކުރަމުންދާ މަސައްކަތުގައި ލިބޭނެ ކާމިޔާބެއް ކަމުގައެވެ.
''އަހަރެން އެއްޗެކޭ ނުބުނަމެއްނު، ފާހަގަވީމަ ބުނެލިއްޔޭ...'' ސުމައްޔާ ބުންޏެވެ.
''އިނގެޔޭ، ދެން އެވަރަށް ނުވިސްނާ، ވަގުތު ޖެހުމުން ބުނާނެ އަހަރުމެން ގާތު...'' ހާރޫން ބުނެލިއެވެ.
*****
މާހައުލުގެ ހަލަބޮލިކަމުގެ ތެރެއިން ދައްޔާން ހުރީ ފާޑަކަށް ފޫހިވެފައެވެ. އޭނަ ހުރީ އިވެންޓަށް ނާންނަން ވެގެންނެވެ. ފަހު ވަގުތު ޚިޔާލު ބަދަލުކޮށްލީ ރައްޓެހިންނާއެކު ސަފާރީއަކަށް ދާން ރާވާފައި އޮތުމުންނެވެ. އިވެންޓްގެ ތެރެއިން މަކަރު ހަދަންވެގެންނެވެ. މޫނު ދައްކާފައި ދިއުމުން ޝައްކެއް ނުވާނެތީއެވެ.
ޒަރާރްއާއި ހިނގި ޒުވާބަށް ފަހު ޒަރާރް ފެންނަ ހިސާބަކަށް ނާރާ ވޭތޯ ދައްޔާން ބެލިއެވެ. ބަލިކަމުގެ ބަހަނާ ދައްކައިގެން މިހާރު އުޅެނީ އޮފީހުން ޗުއްޓީ ނަގައިގެންނެވެ. މީހަކަށް ޝައްކުވެދާނެތީ ބޭރަށް ދިއުން މަދުކޮށްފިއެވެ. ކިރިޔާ ވެސް ބޭރަށް ނިކުންނަނީ ގޭތެރެއިން މީހުންގެ ފިޔަވަޅުތަކުގެ އަޑު ކެނޑި ހަމަހިމޭންވުމުންނެވެ. އެހެން އުޅޭތާ ވެސް ދުވަސްކޮޅެކެވެ.
ދައްޔާން ހުރީ ބުއިންތަކަށް ހާއްސަކުރެވިފައި ހުރި ސްޓޭންޑް ކައިރީގައެވެ. އޭނައަށް ކަމުދާ އެކައްޗެއް ވެސް ނުފެނުނެވެ. މޫޑު ގޯސްވުން ނޫންކަމެއް ނުވިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ސޫޓްގެ ގޮށް ނައްޓާލަމުން ފަޓުލޫނުގެ ޖީބަށް އަތް ޖަހާލިއެވެ. އަންހެންކުދިންތައް އޭނައަށް ބަލައި ފަރިވެލާ މަންޒަރު ދައްޔާނަށް ފެނުނެވެ. އެއީ އޭނަގެ ބޮޑާ ނަފުސަށް އުފާވެރިކަން ގެނެސްދިން ކަމެކެވެ. ކަމުދާ ކުއްޖަކު ފެނެތޯ ބަލަމުން ދަނިކޮށް އެއްލިކަޅިއަކުން ދައްޔާންގެ ލޮލުގައި އަޅައިގަތީ ހޯލުގެ މައިދޮރުން ވަދެގެން އައި އިސްކޮޅުން ދިގު އަންހެންކުއްޖާއެވެ. އެއާއެކު އެދިމާއަށް ދައްޔާނަށް އެނބުރިލެވުނެވެ. ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން ފުން ނަޒަރަކުން ބަލަންފެށިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ދެން މިހާކުރީކޮޅުން ދައްޔާންއަށް ތަނާލް ނުދައްކަބަލަ މިރޭ ތަނާލްއާ ޒަރާރު ގުޅުވައްޗޭ ޕްލީޒް
ފާތު - 4 ދުވަސް ކުރިން