ހަފްތާއެއް ފަސް...
ވިއްސާރަ ދުވަސްކޮޅަކަށްފަހު އުޑުމަތި ސާފުވެއްޖެ އެވެ. ހެނދުނު އަރައިގެން އައި އިރާއެކު ރީތި ދުވަހަކަށް ވާނެކަމުގެ އުއްމީދު ހިތްތަކަށް ގެނެސްދިނެވެ. މެންދުރު އަތަށް އެޅީ އިރުގެ ގަދަ ހޫނުން ދުނިޔެ ދޮންކޮށްލަމުންނެވެ. އެހޫނުކަން ކެނޑުނީ ހަވީރަށެވެ. އިރުއޮއްސި ދުނިޔެ މައްޗަށް ވެރިވި އަނދިރިކަމާއެކު ސާފު އުޑުގައި ބަބުޅަން ފެށި ތަރިތަކުގެ ފުރިހަމަކަން ފާޅުވިއެވެ. ކަޅުފޮއި ރެޔެއްކަމުން އެމަންޒަރު ބަލާ ފޫހިނުވާނެހާ ޗާލެވެ.
އިޝާނަމާދަށް ފަހު އަށެ ޖަހަން ކައިރިވެފައި ވަނިކޮށް ތަނާލް ބަލާ ޒަރާރް ދިޔައެވެ. އެޕާޓްމެންޓް ހުންނަ ގޯޅިން އަޅަމުން ތަނާލްއަށް އޭނަ މެސެޖެއް ފޮނުވާލިއެވެ. ދުވާރު ކައިރީގައި ކާރު މަޑުކޮށްގެން އިންތިޒާރުގައި އިންދާ އިމާރާތުގެ މައިދޮރުން ނިކުމެގެން އައި ތަނާލް ފެނިއްޖެއެވެ. ތަނާލްއަށް އޭނަގެ ނަޒަރު އަމާޒުވުމާއެކު ޒަރާރް ކާރުން ފޭބިއެވެ. ލުއި ހިނިތުންވުމަކާއެކުގަ އެވެ.
މަޑު ހިނގުމެއްގައި އައި ތަނާލްއަށް ބަލައިލި ޒަރާރްގެ މެޔަށް އެނގުން ވިއެވެ. މެޔަށް ފިނިވެލައި ހިތުގެ ހިނގުން އަވަސް ކުރުވިއެވެ. ބަނިޔާދަންކަން އެކުލެވިގެންވި ފަރި އާދާތަކަށް ސަމާލުވެ ބެލުނެވެ. އެދެމެދުގައި އެފެދުނު ދަގަތްޕާނީ ބާރާއެކު އެހެން ކަމަކަށް ސަމާލުކަމެއް ވެސް ނުދެވުނެވެ. އިޖާބަދެވުނީ ހިތުގެ ފުނުގައި ވިންދުޖަހާ އެހެނަސް ސިއްރުކުރެވިފައިވާ އިހުސާސްތަކަށެވެ. ފަހަކަށް އައިސް އެއިހުސާސްތަކަށް އިންކާރުކުރުން ވެފައިވަނީ އުނދަގޫކަމަކަށެވެ. ތަނާލްގެ ޚިޔާލުތަކުން ސިކުނޑި ފުރިފައިވާތީއެވެ. ތަނާލްއާ މެދު އުފެދުނު ޝައުޤުވެރިކަން މިހާރު އިޝްޤުގެ ޖަޒުބާތުތަކަށް ބަދަލުވެއްޖެއެވެ. އެހަޤީޤަތް އޭނައަށް ދޮގެއް ނުކުރެވުނެވެ. ދޮގު ކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެކަނިވާ ހިނދުގައި ވިސްނުމުގައި ވަނީ ތަނާލް އެވެ. އެލޮބުވެތި ހީނލުންތަކެވެ. އެރީތި ދެލޮލެވެ. ހީނލާ ހިނދުގައި އިވިގެންދާ މާމުއިގެ ކަންވާރެއްފަދަ ރީތި އަންހެންވަންތަ އަޑެވެ. ހުވަފެންނުން ނަމަވިޔަސް ފެންނަން އެދެނީ އެސޫރަ އެވެ. ވަމުންދާ ގޮތް ރޭކާލިޔަސް، އެޖަޒުބާތުތަކަށް އަމަލީ ސިފައެއް ގެނައުން އެއީ ކުރެވޭނެކަމެއް ނޫންކަން ޒަރާރްއަށް އެނގެއެވެ. ފަހަރެއްގައި ހިތުގައި އުފެދޭ ބޭޤާޤަރުކަމުގެ އަސްލަކީ ވެސް އެއެވެ.
މަޑު ދަނބުކުލައިގެ ކުރުތާއަކާއި ކްރީމްކުލައިގެ ހަރުވަޅިއެއްގައި ތަނާލް ހުރިއިރު، ހެދުމުގެ ކުލަތަކާއި ގުޅޭނެހެން އަޅާފައިވަނީ ކްރީމް ކުލައިގެ ޝޯލް އެކެވެ. ލުއި މޭކަޕެއް ކޮށްފައި ހުރިއިރު ދެލޮލުގައި އަޅާފައިވި އަނދުނުގެ އެހީގައި މުށިކުލައިގެ ދެލޮލުގައިވަނީ މަހިނޫރުގެ ޖާދުލެވެ. ތާނާލްގެ ހިލަންވުމާއެކު ފަޒާގެ ތެރެއަށް ފެތުރުނީ ލުއި އަންހެންވަންތަ ސެންޓެއްގެ ވަހެވެ. ވެނީލާއާއި އެމްބާރގެ ނޯޓްތައް އެކުލެވިގެންވި ފޮނި މީރު ވަހެކެވެ. ހިތްތައް ލަންބުވާލާ ފަދަ ރީތިކަމުގެ އަސަރު އޭގެ ފުރިހަމަކަމާއެކު ޒަރާރްގެ މެޔަށް ފޭދުނެވެ. ކުރިމައްޗަށް ހުއްޓެމުން ތަނާލް ހަދިޔާކޮށްލި ރީތި ހިނިތުންވުމާއެކު ޒަރާރްއަށް ހިނިތުންވެވުނީ ބޭއިހްތިޔާރުގައެވެ.
އެދެމެދުގައި އޮތް ދާއިރާ ހަނިކޮށްލަމުން ތަނާލްގެ ގާތަށް ޖެހިލަން ޒަރާރް ބޭނުން ވިއެވެ. ތަނާލްގެ އޮމާން ކޯތާފަތުގައި ބީހިލަން ވެސް އެދެވުނެވެ. ހަތަރުކަޅިހަމަކޮށް އެފުން ދެލޮލަށް ބަލައިލަން ވެސް މެއެވެ. އެހިތުގެ ހާލު ބަޔާންކޮށްދެވޭނެ ނަމައެވެ. ޖަޒުބާތުތައް ބަންޑުންކޮށްލެވޭނެ ނަމައެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ އެއިހުސާސްތައް ތަނާލް ޤަބޫލުކޮށްފާނެ ހެއްޔެވެ؟ އެހިތަށް ރަހުމުކޮށްފާނެ ހެއްޔެވެ؟ ލަގަނުން ދޫވެފައިވި ލޯބި ބަލައިގެންފާނެ ހެއްޔެވެ؟
އަވަސްވި ހިތުގެ ވިންދުތަކާއެކު ވިސްނާލަން ޒަރާރްއަށް މަޖުބޫރުވެއްޖެއެވެ. ތަނާލް ހުރި ނާޒުކު ހާލަތެވެ. އޭނައާއި ހިއްސާކޮށްފައިވި ވާހަކަތަކެވެ. ފިރިމީހާގެ ކުއްލި ވަކިވުމުން ޒަހަމްވެފައިވި އެހިތުން އޭނައަށް ޖާގައެއް ލިބުން އެއީ ނާދިރު ކަމެކެވެ. އެހެންނޫނަސް ތަނާލްގެ އެކުވެރިޔެއްގެ ގޮތުގައި ހުންނަން އޭނަ ވަނީ އަމިއްލަ ނަފުސަށް ވަޢުދުވެފައި ނޫން ހެއްޔެވެ؟ ދެން އެވަޢުދުގެ މަތީގައި ދެމި ހުރުން ދަތިވެފައިވަނީ ކީއްވެގެން ހެއްޔެވެ؟ އިޝްޤުގެ އަވާގައި އެޅިގެންދާ ކަތި ފިޔަވަޅަކުން ފަހުން ހިތާމަކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެކުވެރިކަން ހީނަރު ވިޔަސް، ވަޒީފާގެ މާހައުލުން ތަނާލްއާއި ބައްދަލުކުރަން ޖެހޭނެއެވެ. އޭނަގެ ސަބަބުން ތަނާލްއަށް ނުތަނަވަސްކަމާއި، ތަކުލީފު ލިބުމުގެ ފުރުސަތު ދެވޭކަށް ނެތެވެ.
''ޒަރާރް؟...'' ދެޒުވާނުންގެ ދެމެދަށް ވެރިވި ހިމޭންކަމުގެ ތެރެއިން ލިބުނު ހައިރާންކަމުގައި ތަނާލް ގޮވާލިއެވެ.
ޚިޔާލުގެ ތެރެއިން ނިކުމެވުނު ޒަރާރް ހަމައެކަނި ހިނިތުންވެލީއެވެ. އޭނަ އިޝާރާތްކޮށްލީ ކާރަށެވެ. އެއަށްފަހު ތަނާލް އަރަން ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލަދިނެވެ. އިރުކޮޅެއް ވަންދެން ޒަރާރްއަށް ބަލަން ހުރެފައި ތަނާލް ކާރަށް އެރިއެވެ. ކާރުގެ ދޮރު ލައްޕާލި ޒަރާރްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
''ކީޕް އިޓް ޓުގެދާރ...'' އަމިއްލަ ޒަމީރަށް ވިސްނައިދެމުން ޒަރާރް ގޮސް އެރީ ޑްރައިވަރުގެ ސީޓަށެވެ. އެދެމެދުގައި ނުތަނަވަސްކަން އުފެދިދާނެތީ ކާރު ދުއްވާލުމުގެ ކުރިން ޒަރާރް ވާހަކަދައްކަން ފެށިއެވެ. ދެޒުވާނުން ނިންމާފައި އޮތީ މިރޭ ޕިއްޒާ ކެއުމަށެވެ. ޓޭކްއަވޭ ހިފައިގެން، ހުޅުމާލެ ފޭސްޓޫގެ އިރުމަތީ ފަރާތުގައި އޮތްނަ ބީޗަށް ދާ ގޮތަށެވެ. ދުރާލާ ޒަރާރް އޮތީ ޕިއްޒާއަށް އޯޑަރު ދީފައެވެ. ޕާސްތާ މޭނިޔާއަށް ދިޔައިރުގައި އޯޑަރާއި ބުއިންތައް ވެސް ހުރީ ތައްޔާރަށެވެ.
''ޗިކެން އެންޑް މަޝްރޫމް؟...'' ޕިއްޒާ ހިފައިގެން ބޭރަށް ނިކުންނަމުން ތަނާލްއަށް ބުނެވުނެވެ.
''ކަމުނުދަނީތަ؟...'' ތަނާލް ނިކުންނަން ދޮރު ހުޅުވާލަދިން ޒަރާރްގެ ނަޒަރު ތަނާލްގެ މޫނަށް ހުއްޓުނެވެ.
''އުހޫނ، އަހަރެންގެ ފެވެރިޓްވީމަ...'' މާނަފުން ހިނިތުންވުމަކާއެކު ތަނާލް ބުންޏެވެ. ޕިއްޒާ އޯޑަރާ ގުޅުވައިގެން ޒަރާރް އޭނައާއި ސުވާލުކޮށްފައި ނުވެއެވެ. އެވެސް އޭނައަށް ޒަރާރް ބަހައްޓާ ސަމާލުކަމުގެ ކުޑަ މިންވަރެއްކަން ތަނާލް ދެނެގަތެވެ. ހިތަށް އެކަމުން ތަސައްލީއެއް ގެނެސްދިނެވެ.
''ސޮރީ ކުރިން އަހާނުލެވުނީމަ...'' ޒަރާރްއަށް ބުންޏެވެ. ހިސާބަކަށް އޭނަ ނުތަނަވަސް ވެއްޖެއެވެ. ތަނާލް އެކަމާ ދެކެފާނެ ގޮތެއް ނޭނގިގެންނެވެ.
''ކީއްވެ ސޮރީއޭ ތިބުނީ؟...'' ތަނާލް ބަލައިލީ ޒަރާރް އަށެވެ.
''ދެން...'' ބޮލުގެ ފުއްކިބައިގައި އަތްތިލަ ހިންގަމުން ޒަރާރް އުޅުނީ އޭނަގެ ނުތަނަވަސްކަން ފޮރުވާށެވެ.
''ހެހެހެ...'' ރައްދުގައި ތަނާލްއަށް ހީނލެވުނެވެ. ޚިޔާލެއް ފިކުރެއް ނެތި ހިނިތުންވެވުނު ފަހަރެކެވެ.
ތަނާލް ހީނލުމުން ފުން ނޭވާއެއް ދޫކޮށްލި ޒަރާރްއަށް ވެސް ރައްދުގައި ހިނިތުންވެވުނެވެ. މާބޮޑަށް ކަންތަކާ ވިސްނެނީ ހެއްޔެވެ؟
*****
ބީޗާއި ތަންކޮޅެއް ދުރުގައި ކާރު ޕާކްކޮށްލަމުން ދެޒުވާނުން އެކުގައި ފޭބިއެވެ. ކުރިއަށް ހިނގައިގަތުމުގެ ބަދަލުގައި، ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލަމުން ޒަރާރް ބްލޭންކެޓެއް ނެގިއެވެ. އެމަންޒަރު ބަލަން ކައިރީގައި ތަނާލް ހުއްޓެވެ. ތަނާލް ހުރީ ޕިއްޒާއާއި ބުއިންތައް އާޅާފައި ހުރި ކޮތަޅު ހިފަހައްޓައިގެންނެވެ.
''އައި ތޯޓް ވީ ކޭން ހޭވް އެ ސްމޯލް ޕިކްނިކް؟...'' އަތުގައި އޮތް ބްލޭންކެޓް ދައްކަމުން ޒަރާރް ބުނެލިއެވެ. މިރެއަށް އޭނަ ތައްޔާރު ވިއިރު އެއިންތިޒާމުތަކާ މެދު އޭނަ ހުރީ ރުހިގެންނެވެ. ކުޑަކޮށް އަމިއްލަ ނަފުސަށް ފަހުރުވެރިވެވުނެވެ. ނަމަވެސް މަންޒިލާ ހަމައަށް އާދެވުމާއެކު، ސިކުނޑީގައި ބުރުޖަހަމުންދާ ޚިޔާލުތައް ގިނަވިވަރަކަށް އެއީ ކިހާ މޮޔަކަމެއްކަން އޭނައަށް ރޭކާލައިފިއެވެ. ލޯބީގެ އާލަމަގައި އުދުހެމުންދާނެ ފަދަ ދެލޯބިވެރިން އެކުގައި ވަގުތު ހޭދަކުރާނެ ފަދަ ގޮތަށް ކަންތައް ރޭވުނީ ކީއްވެގެން ހެއްޔެވެ؟ ހިތުގެ ފުނުގައި އެހެން އުއްމީދެއް ފޮރުވިފައިވާތީ ހެއްޔެވެ؟
''މޮޔަ ޚިޔާލެއްދޯ...'' ޒަރާރް އުޅުނީ ކާރުގެ ދޮރު ހުޅުވާށެވެ. ބްލޭންކެޓް ބާއްވާށެވެ. އެވަގުތު ޒަރާރްގެ އަތުގައި ތަނާލް ހިފައި ހުއްޓުވިއެވެ. ތަނާލްގެ ބީހުމާއެކު ޒަރާރްގެ ޖިސްމަށް އެނގުން ވިއެވެ. ލޭގެ ހިނގުން އަވަސް ކުރުވިއެވެ. މޭގައި އުތުރިގަތް ޖަޒުބާތާއެކު ހިންދިރުވާލެވުނީ އުނދަގުލުންނެވެ. މާހައުލަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރެއިން ތަނާލްއަށް ޒަރާރް ބަލައިލިއެވެ.
''ނޫން، އިޓްސް އެ ޖީނިއަސް އައިޑިޔާރ... ދޮންވެލިގަނޑު މަތީ ބްލޭންކެޓް އަޅައިގެން ތިބުން މާ ފަސޭހަވާނެ...'' ޒަރާރްގެ އަތުން ދޫކޮށްލުމެއް ނެތި ތަނާލް ބުނެލިއެވެ.
''ރިޔަލީ؟...'' ޒަރާރް ޔަޤީންކުރަން ބޭނުން ވިއެވެ.
''ޔެސް، ދެން ހިނގާބަލަ، ތިހާ ވަރަށް ވިސްނާކަށްނުވާނެޔޭ...'' ތަނާލް ހިނިތުންވުންވެލިއެވެ.
ޒަރާރް ބޯޖަހާލިއެވެ. ކާރުގެ ދޮރު ލައްޕައި، ޖިންސުގެ ޖީބުގައި އޮތް ތަޅުދަނޑިން ލޮކްކޮށްލަމުން ތަނާލްއާއެކު އޭނަ ހިނގައިގަތެވެ. ވިއްސާރ ދުވަސްތަކަށް ފަހު ރީތި ރެޔެކަށް ވުމުން ބޭރަށް ނިކުމެ އުޅޭ މީހުން ގިނައެވެ. ރައްޓެހިންނާއެކު ބޭރަށް ނިކުމެއުޅޭ ނޫކަށިފުރައިގެ ޒުވާނުންނާއި، ލޯބިވެރިންތައް ވެސް މަދެއް ނޫނެވެ.
މީހުންނާއި ދުރުން ޖާގައެއް ހޯދަމުން، ދޮންވެލިގަނޑު މަތީ ޒަރާރް ބްލޭންކެޓް ފަތުރާލިއެވެ. އެއަށްފަހު އިށީނުމަށް ތަނާލްއަށް އިޝާރާތްކޮށްލިއެވެ.
ބްލޭންކެޓް މަތީ ތަނާލް އިށީނީ ދެފައި ވަށްކޮށްލަމުންނެވެ. އަތުގައި އޮތް ޕިއްޒާ ފޮއްޓާއި، ކޯކުފުޅިތައް ކޮތަޅުން ނަގައި ބްލޭންކެޓް މަތީ ބެހެއްޓިއެވެ. ޒަރާރް އިށީނީ ތަނާލްގެ އަރިމައްޗަށް ވާނެހެންނެވެ. ޕިއްޒާ ފޮށި ހުޅުވާލުމުން ނޭފަތުގައި ޖެހުނީ ކުޅިދިޔާވާ ފަދަ މީރު ވަހެކެވެ. ޕިއްޒާ ފޮއްޗެއް ނަގައި ޒަރާރްއަށް ތަނާލް ދިއްކޮށްލިއެވެ. އޭގައި ޒަރާރް ހިފީ އުފަލާއެކުގައެވެ.
ރޭގަނޑުގެ ފޭރާމުން ނިވާވެފައިވި އުޑުގައި ބަބުޅަމުންދާ ހާސްތަރިތަކުގެ އަލީގައި ކެއުމަށް އިންސާފު ކުރެވުނެވެ. ކަނޑުން އަންނަ ފިނިރޯޅިތައް ވެސް ދެޒުވާނުން ސަނާ ކިޔާ ކަހަލައެވެ.
''އިވެންޓް ބާއްވާ ދުވަސް ވެސް ކައިރިވެއްޖެދޯ؟...'' ކައި ނިމިގެން ތަނާލް ސުވާލުކޮށްލިއެވެ.
''މާދަން ފައިނަލް ސެޓަޕް...'' ޒަރާރް ބުންޏެވެ. ''ތަނޫއާ ނުލާ އެހާ ފުރިހަމައަކަށް އިންތިޒާމުތައް ކުރިއަށް ނުގެންދެވުނީސް...''
ޒަރާރްގެ ވެދުން ކުރި ތައުރީފުގެ ބަސްތަކުން އެހެންޏާ އިހުސާސްނުކުރެވޭ ފަދަ އުފާވެރިކަމެއް ތަނާލްއަށް ލިބުނެވެ. ތެރަޕީ ސެޝަންގައި ރާނިޔާއެކު ދެކެވުނު ވާހަކަތަކަށްފަހުގައި ރާނިޔާގެ ނަސޭހަތުގައި ހިފަން ތަނާލް ހުރީ ތައްޔާރަށެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސްހުގެ ތެރޭގައި ސިކުނޑި ހުޅުވައިގެން އޭނަ ވިސްނިއެވެ. ހިތުގައި ވިންދު ޖަހަމުން އެދާ ޖަޒުބާތުތަކުގެ އަޖުމަ ބަލައިލަން އޭނަ ބޭނުމެވެ. ޒަރާރްއަކީ ހަރުދަނާ ޒުވާނެކެވެ. ހެޔޮ ހިތެއްގެ ވެރިޔެކެވެ. މީހުންގެ އިހުސާސްތައް ގާތުން ދަންނަ ތޫނުފިލި ޒުވާނެކެވެ. މަޑުމައިތިރިކަމާއި ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެފަދަ ޒުވާނަކު ހަޔާތުގެ ބައިވެރިޔަކަށް ލިބޭނީ ނަސީބު ގަދަ އަންހެންކުއްޖަކަށެވެ. އެފަދަ ނަސީބެއް ތަޤުދީރުގައި ލިޔެވިފައިވެދާނެ ހެއްޔެވެ؟
މިވީހާ ތަނަށް ތަޤުދީރުގެ ނިންމުންތަކާ ޝަކުވާކުރުން ނޫންކަމެއް ތަނާލްއަކަށް ނުކުރެވުނެވެ. އެނޫންކަމަކަށް ވަގުތު ވެސް ނުދެވުނީއެވެ. އެކަނިވެރިކަމާއި ގިލަންވެރިކަމުގެ ދިލަ ހޫނުގައި ހަފުސްވަމުން ދަނިކޮށް އޭނަގެ ނަޒަރިއްޔާތު ބަދަލުކޮށްލީ ޒަރާރް އެވެ. ދެޒުވާނުންގެ ގުޅުން ފެށިގެން އައީ ވެސް ހާއްސަ ގޮތަކަށެވެ. މިއަދު ޒަރާރްއާ މެދު ވިސްނާލެވުމުން ލިބިގެންދަނީ އުއްމީދެވެ. ނުތަނަވަސްކަމެއް ނޫނެވެ. އެހެންކަމުން އެއިހުސާސްތަކުން އޭނަ ގެންގޮސްދޭނެ މަންޒިލެއް ބަލައިލަން ތަނާލް ބޭނުމެވެ. ޒަރާރްއަށް ފުރުސަތެއް ދޭން އޭނަ ހުރީ ތައްޔާރަށެވެ. އެނިންމުމާ ހަމައަށް އާދެވުނީ ހާސްކަމުގެ ގަދަ އޮޔެގައި ޖަޒުބާތުތަކާ ދެކޮޅަށް ފީނި ފަހުންނެވެ. މިއަދު ދިރިއުޅުމުގެ މުޅިން އައު ބާބަކަށް އޭނަ އިންތިޒާރުކުރެއެވެ. އޭނަގެ މޭގައި ޖަހަމުންދާ އާވިންދުތައް، ހަމަ އެގޮތުގެ މަތީން ޒަރާރްގެ މޭގައި ވެސް ތަކުރާރުވެދާނެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބު އޭނަ ހޯދާނީ ކިހިނެއް ހެއްޔެވެ؟
''ބަލާބަ...'' ތަނާލްގެ ލޮލުގައި އުދަރެހުން ފާޅުވި ގިނިހިލަ އަޅައިގަތެވެ. އެއާއެކު ޒަރާރްއަށް އެމަންޒަރު ދައްކާލިއެވެ.
ތަނާލް އިޝާރާތްކުރި ދިމާއަށް ޒަރާރް ބަލައިލިކަމުގައި ވިޔަސް ގިނިހިލަ ދުށުމުގެ ނަސީބެއް އޭނައަށް ނުލިބުނެވެ. ދެން ޒަރާރްގެ ނަޒަރު ހުއްޓުނީ ލޮބުވެތި ހިނިތުންވުމަކުން ޖަރީވެފައިވި ތަނާލްގެ މޫނަށެވެ. ވަށައިގެންވި ޤުދުރަތުގެ ރީތިކަމަށް ވުރެން އޭނައަށް ތަނާލް މާ ބޮޑަށް ވެސް ހާއްސައެވެ. އެއަންހެންކުއްޖާގެ އަތުގައި ލޯބިން ހިފާލަން އެދެވުނުވީ އިންތިހާ އަށެވެ. ދެކަފިވަމުންދާ ޚިޔާލުތަކުގެ ތެރޭގައި ވަނިކޮށް ޒަރާރްއާއި ދިމާއަށް ތަނާލް އެނބުރުނެވެ. ތަނާލްގެ ބެލުމުގައި މީގެ ކުރިން ނުވާ ފަދަ ގާތްކަމެއް އެކުލެވިގެންވާ ހެން ޒަރާރްއަށް ހީވިއެވެ. އެއާއެކު އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. އެއީ މަޖްނޫނެއްގެ ވޭނީ އާހުތަކުން އުފަންކުރުވި ބިލާހެއް ހެއްޔެވެ؟
ބްލޭންކެޓް މަތީ ދެޒުވާނުން އޮށޯތީ ދެމެދުގައި ހުސް ޖާގަ ބާއްވަމުންނެވެ. އެއީ ވެސް ޒަރާރްއަށް އޭނަގެ ސިކުނޑި ދިން އިންޒާރެކެވެ. މޭމަތީ އަތް ބާއްވަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ސިއްރިސިއްރުން ތަނާލްގެ މޫނަށް ޒަރާރް ބެލިއެވެ. އުޑަށް އިޝާރާތްކޮށް ދޭތެރެއަކުން ފެނިލާ ގިނި ހިލަތައް ތަނާލް ދައްކައެވެ. ފަނޑުވުމެއް ނުވާ ހިނިތުންވުމަކާއެކުގައެވެ. ތަނާލްގެ އުފާވެރިކަމުން ޒަރާރްގެ ދިލަ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ތަނާލްގެ ލޮބުވެތި ހިނިތުންވުމާއި އުފާވެރިކަން ގާތުން ތަޖުރިބާކޮށްލުމުގެ ނަސީބު ލިބޭނަމަ ވޭނަށް އޭނަ ކެތްކޮށްފާނެއެވެ. ލޯތްބަކީ ކޮންމެކޮންމެ މީހެއްގެ ނަސީބުގައި ލިޔެވިފައިވާ އެއްޗެއް ނޫނެވެ. ބައެއް މީހުންގެ ނަސީބުގައިވަނީ އެލޯބީގެ ރާހަތު ދުރުން އިހުސާސްކޮށްލެމެވެ. ލޯބިވާ މީހާގެ އުފަލަށްޓަކައި ޤުރުބާން ވުމެވެ. އެފަދަ ކުޑަމީސް ޖާގައެއް ތަނާލްގެ ހަޔާތުން އޭނައަށް ލިބޭނެމަ އެކަމަށް އޭނަ ޝުކުރުވެރި ވާނެއެވެ.
*****
ޖެހިގެން އޮތް ދުވަހަކީ އިވެންޓް އިންތިޒާމުކުރެވުނު ދުވަހަށްވުމުން، އިވެންޓަށް ވަމުންދާ ފަހުގެ ތައްޔާރީތައް ބަލައިލަން ދަރުބާރުގެއަށް ސަރުވާ ދިޔަ އެވެ. އޭނަ ދިޔައީ އެކަންޏެވެ. ޒަރާރްއަށް ގުޅަން އުޅެފައި ވެސް މަސައްކަތުގައި ބުރަކޮށް އުޅޭނެކަން އެނގޭތީ ފަހު ވަގުތު ނުގުޅައެވެ. ހޯލަށް ވަނުމާއެކު ތަން ޒީނަތްތެރި ކުރެވިފައިވާ ގޮތުގެ ރީތިކަން ސަރުވާއަށް ތަސައްވަރުކުރެވުނެވެ. އޭރު ވެސް ކޮޅުކޮޅަށް ހޭލަމޭލަވަމުންދާ މުވައްޒަފުންތައް ފެނެއެވެ. ސަރުވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ، ތަންކޮޅެއް ދުރުގައި ހުރި ޒަރާރް ފެނުމުންނެވެ. ޒަރާރް ގާތަށް ދިއުމަށް ހިނގައިގަތް ވަގުތު، ސަރުވާގެ ލޮލުގައި ޒަރާރް ކައިރީ ހުރި އަންހެންކުއްޖާ އަޅައިގަތެވެ. އެއާއެކު ސަރުވާއަށް ލިބުނީ ހައިރާންކަމެވެ. ޒަރާރްގެ ގާތުގައި ހުއްޓި ހުރި ގޮތުންނާއި ޒަރާރް އެއަންހެންކުއްޖާއާއި ވާހަކަދައްކަމުންދާ ހިނދު މޫނުން ފާޅުވާ ގާތްކަމުން އެއީ މުވައްޒަފެއް ނޫންކަން ސަރުވާގެ ތަޖުރިބާކާރު ސިކުނޑިއަށް ނަގައިގަނެވުނެވެ. ވަކިން ބޮޑަށް އެއަންހެންކުއްޖާއާ މެދު ޝައުޤުވެރިކަން އުފެދުނެވެ. ސުވާލު ވެސް މެއެވެ.
''މާމާ...'' މާމަ ފެނުމާއެކު ޒަރާރްއަށް ގޮވާލެވުނީ ހައިރާންކަމާއެކުގައެވެ. ތަނާލްއާއި ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލައި މާމަގެ ގާތަށް ދިޔަ އެވެ. އެމަންޒަރު ބަލަން ދުރުގައި ތަނާލް ހުއްޓެވެ. ޒަރާރްއާއި އޭނަގެ މާމައަށް ވަގުތު ދެމުންނެވެ. ސަރުވާއާއި ނަޒަރު ބައްދަލުވުމުން ލުއި ހިނިތުންވުމެއް ތަނާލް ދިނެވެ.
''އަޅުގަނޑަށް ގުޅާލިނަމަ...'' ޒަރާރް ބުންޏެވެ. މާމެ އެކަނި އައުމުން ޒަރާރްއަށް ލިބުނު ކަންބޮޑުންވުންތައް ސިއްރެއްނުކުރެވުނެވެ.
''ދަރިފުޅު ބިޒީވާނެކަން އެނގޭތީއޭ ނުގުޅީ، އެހެންނޫނަސް އެކަނި ތަންތަނަށް ނާދެވޭވަރަށް މާމަ މުސްކުޅިއެއް ނޫނޭ...'' ހިނިތުންވުމަކާއެކު ސަރުވާ ބުނެލި އެވެ.
މާމަގެ ނަޒަރު ތަނާލްއަށް ހުއްޓިފައިވާތަން ޒަރާރްއަށް ފާހަގަ ކުރެވުނެވެ. އެއާއެކު ފަސްއެނބުރި ތަނާލްއަށް ޒަރާރް ބަލައިލިއެވެ. ދެން އޭނަ އަވަސްވެގަތީ މާމައަށް ތަނާލް ތަޢާރަފްކޮށްދޭށެވެ.
''މާމާ، މީ ތަނާލް، އަޅުގަނޑުގެ ރައްޓެއްސެއް...'' ތަނާލްއަށް ގޮވާލަމުން ގާތަށް އައުމަށް ޒަރާރް އެދުނެވެ. އޯގާތެރިކަމާއެކު ތަނާލްއަށް މާމަ މަރުހަބާ ކިޔާކަމުގެ ޔަޤީންކަން އޮތެވެ. ހަމައެއާއެކު ޢާއިލާގެ ހާއްސަ މެންބަރަކަށް ތަނާލް ތަޢާރަފްކޮށްދެވޭތީ ޒަރާރް އުފާ ވިއެވެ.
''ތަނާލް، ދުރުގަ ނުހުރެބަލަ، ޒަރާރްގެ ރައްޓެއްސެއްވިއްޔާމު ދެން ގޮވަންވާނީ މާމައޭ ކިޔާފަ...'' ތަނާލް ލަދުން ހުންނަން ފެށުމުން ސަރުވާ ބުނެލިއެވެ. ފުޅާ ހިނިތުންވުމަކާއެކު ތަނާލްގެ އަތުގައި ސަރުވާ ހިފިއެވެ. އެއަށްފަހު ގާތުން ތަނާލްއަށް ބަލައިލިއެވެ. ހިތާހިތުން އެރީތިކަމަށް ތައުރީފުކުރެވުނެވެ. ދެން ސަރުވާ ބަލައިލީ ޒަރާރް އަށެވެ. އެއީ މާނަ ފުން ބަލައިލުމެކެވެ. ޒަރާރްއަށް ފަހުމުވިހެނެއް ހިޔެއް ނުވެއެވެ.
ސަރުވާގެ ގާތްތަކަމުން ތަނާލްގެ ހާސްކަމަށް ނިމުމެއް ގެނެސްދިނެވެ. ވާހަކަދައްކަން ފަސޭހަ ވިއެވެ. ޒަރާރް ދެކެ ސަރުވާ ވާ ލޯބި އެމަދު ވަގުތުކޮޅުގެ ތެރޭގައި ވެސް ތަނާލްއަށް އަންދާޒާކޮށްލެވުނެވެ. މަސްރޫރުގެ އިތުރުން، ޒަރާރްގެ ޢާއިލާގެ އެހެން މެންބަރަކާ ބައްދަލުވުމުން ތަނާލް ހުރީ އުފަލުންނެވެ. ޒަރާރްގެ ޢާއިލާގެ ހުރިހާ މެންބަރުންނާއި ބައްދަލުކުރަން ތަނާލް ބޭނުމެވެ. އިވެންޓްގެ ތެރެއިން އެލަނޑުދަނޑި ހާސިލްވެދާނެކަމަށް އޭނަ އުއްމީދުކުރިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ވަރައް ރީތިކޮއްކުރިއައް މިދަނީ އެއްމެކިޔާ ހިތްވާ ހިސާބުން ނިންމާލާނީވެސް ދެން އަވަހަށް ތަނޫ އެން ޒަރާރް ގުޅުވާ މިހާރު އެއްމެ އިންތިޒާރުކުރެވޭ ސްޓޯރީއަކީ މީ
ޤަސާމަތު - 7 ދުވަސް ކުރިން