(5 ޖޫންގެ އަދަދާ ގުޅޭ)

ރާމްނާތު އެ ރޭ ހޭދަ ކުރެއްވީ ޖަންގަލީގައެވެ. އޭގެ އަނެއް ދުވަހު އޭނާ ޖަމްނާ ކޯރު ހުރަސް ކުރައްވައިފައި ގުނޫޖުގެ ސަރަޙައްދަށް ވަދެވަޑައިގެންފިއެވެ. އޭނާއަށް ކުރިމަތި ވެފައިވާ ނުރައްކާތެރިކަން މިހާރު ވަނީ ތަންކޮޅެއް ކުޑަ ވެފައެވެ. ނަމަވެސް އޭނާއަކަށް ހިތްޕުޅު ހަމަޖެހުމެއް ލިބިވަޑައެއްނުގަނެއެވެ. ރޭގަނޑު އޭނާ ހޭދަ ކުރައްވަނީ ކޮންމެވެސް ދަނޑުވެރިއެއް ނުވަތަ ބަކަރި ހުއިހައްޕާ މީހެއްގެ ޖިފުޓީގައެވެ. ދުވާލު ހޭދަ ކުރައްވަނީ ފަޅު ތަންތަނާއި ޖަންގަލިތަކުގައެވެ. އެ ހިތާމަވެރި ދުވަސްވަރު އޭނާއަށް ކުޑަވެސް ހިތްޕުޅު ހަމަޖެހުމެއް ލިބިވަޑައިގަންނަވަނީ ހަމައެކަނި ރޫޕަވަތީގެ ޚިޔާލުފުޅުންނެވެ. އޭނާ ގިނިކަންޏާ ހުންނަވާ އިރު ޚިޔާލު ކުރައްވައެވެ. ޙަޔާތުގެ އަޑިގުޑަން އުނދަގޫ މަގުތައް ކަޑައްތު ކުރެއްވުމަށް ފަހު ކޮންމެވެސް ދުވަހަކުން އޭނާއަށް ރޫޕަވަތީގެ އަރިހަށް ވަޑައިގެންނެވިދާނެއެވެ. ކޮންމެއަކަސް މި ވަގުތު ސޫމްނާތަށް ވަޑައިގަތުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަޅުވެރިޔާ ގަތުލު ކުރެއްވުމުގެ ހާދިސާގެ މަތީން އެހެން މީހުން ހަނދާން ނެތޭހައި ދުވަސް ވުމުން އެތަނަށް ވަޑައިގެންނެވިދާނެއެވެ.

ރާމްނާތު މިސްރާބު ޖެއްސެވީ ހިމާލިޔާގެ ސަރަޙައްދުން ކޮންމެވެސް ދުރު ރަށަކުން ޙިމާޔަތް ހޯއްދެވުމުގެ ޚިޔާލުފުޅުގައި އެ ދިމާޔަށެވެ. އެއް ފަހަރަކު، އޭނާ ޖަންގައްޔެއްގެ ކައިރީން ދަތުރުފުޅު ކުރައްވަނިކޮށް އިރު އޮއްސިއްޖެއެވެ. އޭނާ އެ ރޭ ހޭދަ ކުރެއްވީ ހުއިހައްޕާ މީހެއްގެ ޖިފުޓީގައެވެ. އޭގެ އަނެއް ދުވަހު ވެސް އޭނާ ދަތުރު ކުރެއްވީ ޖަންގަލި އޮތް ގޮތަށް އިރުމައްޗަށެވެ. އޭނާއަށް ފެނިވަޑައިގެންނެވީ ސަވާރުންގެ ބަޔަކު، އަސްވާރަކު ފަހަމުން އަންނަ މަންޒަރެވެ. އޭނާ ކުއްލިޔަކަށް ޖަންގައްޔަށް ވެދެވަޑައިގެން ގަހެއްގެ ނިވަލުގައި ހުއްޓިވަޑައިގެންފިއެވެ. ސަވާރުން ކައިރިޔަށް އައުމުން އޭނާ އަސްމަތީން ފައިބައިވަޑައިގެން ތަންކޮޅެއް ދުރުގައި ހުރި ގަހެއްގައި އަސް ބަނދެލައްވައިފައި ވަޑައިގެން ޖަންގަލީގެ އައްސޭރީން ގަސްތަކެއްގެ ނިވަލުގައި އިށީނދެވަޑައިގެންފިއެވެ.

ރަންބީރުގެ ނަސީބުފުޅު ރަނގަޅުކަމުން، އޭނާ ޖަންގައްޔަށް ވެދެވަޑައިގެންނެވުމަށް ފަހު ވަޑައިގެންނެވުނީ ރާމްނާތު އިންނެވި ދިމާޔަށެވެ. ރަންބީރަށް އެންމެ ފަހުގެ ޙަމަލަ އަމާޒު ވާން އުޅުނު ވަގުތު، އޭނާގެ ދުޝްމަން ރާމްނާތުގެ ދުނީން މަރު ވެގެން ވެއްޓުނީއެވެ. އެންމެ ފުރަތަމަ ރާމްނާތު ގަސްތު ކުރެއްވީ އެބައިމީހުންގެ ހަނގުރާމައިގެ ތެރެޔަށް ވެދެވަޑައިނުގެން ކުޅި ބައްލަވާން އިންނަވާށެވެ. ނަމަވެސް ހަނގުރާމަ އޭގެ ނިހާޔަތަށް ދިޔުމުން، ރާމްނާތުގެ ހިތްޕުޅަށް ކުއްލިޔަކަށް އެރިއެވެ. އޭނާ އޭގެ ތެރެޔަށް ވެދެވަޑައިގެންފި ކަމުގައި ވާނަމަ ހިތްވަރުގަދަ ޒުވާނެއްގެ ފުރާނަ ސަލާމަތް ކުރެއްވިދާނެއެވެ. އެހެންކަމުން އޭނާ ނަތީޖާއާ މެދު ފަރުވާލެއް ނުބަހައްޓަވައި ދުނި އުއްކަވާން ފެއްޓެވީއެވެ.

ރާމްނާތުގެ ވާހަކަފުޅު އިވިވަޑައިގަތުމުން ރަންބީރު ވިދާޅުވިއެވެ. "އެހެން ވީއިރު، މަނިކުފާނު އަޅުގަނޑަށް އެހީ ވެވަޑައިގަތީ އަޅުގަނޑު އެކަނި ހުރެފައި އަޅުގަނޑުގެ ދުޝްމަނުންގެ އަދަދު ގިނަ ވީމާ ދޮގެއްތޯއެވެ؟"

"އާދޭހެވެ! ނަމަވެސް އަޅުގަނޑަށް އަސަރު ކުރީ މަނިކުފާނުގެ ހިތްވަރުފުޅުގަދަކަމާއި ކެރިވަޑައިގަތުމުގެ ސަބަބުންނެވެ. އެބައިމީހުން ދެންނެވި ދެންނެވުމަށް މަނިކުފާނު ހަތިޔާރުތައް އުއްކަވައިލެއްވި ނަމަ، އަޅުގަނޑަށް ހީ ވާ ގޮތުގައި މަނިކުފާނާ އެހީ ވުމުގެ ބަދަލުގައި އަޅުގަނޑު ވިސްނާނީ އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރުމާ މެދުގައެވެ. ނަމަވެސް މަނިކުފާނު އެހެން އެއްވެސް ގޮތެއް ނެތުމުން ވެސް ހިތްވަރުފުޅު ދޫ ކޮށްނުލައްވައި ޙަޔާތާއި މަރާ މެދު ފަރުވާކުޑަ ކޮށްލައްވައިފައި ދުޝްމަނުންނާ ދިމާ ކުރެއްވުމުން އަޅުގަނޑަށް އިހުސާސް ކުރެވުނީ މަނިކުފާނާ އެހީ ނުވުމަކީ ނިހާޔަތުގެ ފިނޑި ކަމެއް ކަމެވެ."

"މަނިކުފާނު ތިޔަ ފުރާނަ ސަލާމަތް ކޮށްދެއްވި މީހަކީ ދުވަހަކުވެސް މީހެއްގެ އިޙުސާންތެރިކަން ހަނދާން ނައްތައިނުލާ މީހެކެވެ. މިއަދުގެ ފަހަށް މަނިކުފާނަކީ އަޅުގަނޑުގެ އަޚެކެވެ." މިހެން ވިދާޅުވެފައި ރަންބީރު އޭނާގެ އަތްޕުޅު ރާމްނާތާ ދިމާޔަށް ދިއް ކޮށްލައްވައިފިއެވެ. ރާމްނާތު އޭނާގެ އަތްޕުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަކީ މަނިކުފާނުގެ ކޮއްކޮއެވެ."

ގުނޫޖުގެ އުތުރު ސަރަޙައްދު ހުރަސް ކުރެއްވުމަށް ފަހު ރަންބީރާއި ރާމްނާތު ދުވަސްކޮޅަކު އެތަން މިތާނގައި ބިކަތެޅިވަޑައިގެންނެވިއެވެ. ރަށްފުށު މީހުން ބޭރުގެ ޙަމަލައިގެ ސަބަބުން ތިބީ އެބައިމީހުންގެ ވަޠަނުގެ ކޮންމެ ސިފައިންގެ މީހަކަށް ކަމޭ ހިތާން އާދަ ވެފައެވެ. އެހެންކަމުން އެ ބޭފުޅުން ވަޑައިގަންނަވާ މަގުމަތީން ކޮންމެ އަވަށެއްގެ ވެސް ކުރިޔަށް ތިބޭ މީހުން އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވައެވެ. ރާމްނާތު އޭނާ ސިފައިންގެ ތެރޭގައި އުޅުއްވި އެންމެ ފަހުގެ ދެތިން މަހެއްގެ މުސާރަފުޅުން ރަންރިހީގެ ފައިސާކޮޅެއް ރައްކާ ކުރައްވައިފައި ހުއްޓެވެ. ޝަކުންތަލާގެ ގަހަނާކޮޅުތައް އަޅުއްވައިފައި ވާ ކޮތަޅު ގެއްލުމަށް ފަހު، ރަންބީރުގެ އަތްޕުޅު ވަނީ ހުސް ވެފައެވެ.

+ + + +

ރަންބީރު އަވަހާރަފުޅަށް އޮންނަވާ އިރާއި، ހޭފުޅު ލައްވައި ހުންނަވާ އިރާއި، އޮށޯވެވަޑައިގެން އޮންނަވާ އިރާއި، އިށީނދެވަޑައިގެން އިންނަވާ އިރު، އަބަދުވެސް ހުންނެވެނީ އޭނާގެ ކޮއްކޯފުޅުގެ ޚިޔާލުފުޅުގެ ތެރެޔަށް ގެއްލިވަޑައިގެންފައެވެ. އެއް ދުވަހަކު ކުޑަ އަވަށެއްގެ އަވަށުވެރިޔާގެ ގޭގައި ދެ ބޭފުޅުން މެހުމާނުންގެ ގޮތުގައި މަޑު ކުރެއްވިއެވެ. ރޭގަނޑު ފަރީއްކުޅުއްވުމަށް ފަހު ކުޑަ ކޮޓަރިއެއްގެ ދެ އެނދުގައި ދެ ބޭފުޅުން ތިއްބަވައިފައި ރާމްނާތު ސުވާލު ކުރެއްވިއެވެ. "މިހާރު އަޅުގަނޑުމެންނަށް މިވަނީ ނުރައްކާތެރި ސަރަޙައްދާ ވަރަށް ދުރަށް އާދެވިފައެވެ. މަނިކުފާނު ގަސްތު ކުރައްވަނީ މާދަމާ ހެނދުނު ކޮން ޕްރޮގްރާމަކަށް ޢަމަލު ކުރައްވާންތޯއެވެ؟"

ރަންބީރު އިރުކޮޅަކު ހިމޭނުން އޮންނަވައިފައި ކުއްލިޔަކަށް ތެދު ވެވަޑައިގެން އިށީނދެވަޑައިގެންފައި ވިދާޅުވިއެވެ. "ރާމްނާތެވެ! ކަން ދިމާ ވި ގޮތުން، އަޅުގަނޑުމެން ދެ މީހުންނަށް މިހާރު މިތިބީ އެއް އޮޑިޔަކަށް އެރިފައެވެ. މަނިކުފާނު ތިޔަ ހޯއްދަވާ ބޭފުޅާ މިތަނާ އެތަކެއް ހާސް މޭލު ދުރުގައި ސޫމްނާތުގެ ފައްޅީގައިމަނިކުފާނުގެ އިންތިޒާރުގައި އިންނަވާނެއެވެ. ނަމަވެސް އަޅުވެރިޔާގެ މަރުގެ ހާދިސާ މީހުންގެ ހަނދާނުން ނުފިލަނީހެއް މަނިކުފާނަކަށް އެތަނަކަށް ވަޑައެއްނުގެންނެވޭނެއެވެ. މި ގޮތުގައި ވޭތު ވެދާނީ ކިހައި ދުވަހެއްކަމެއް ވެސް ނޭނގެއެވެ. ނަމަވެސް މަނިކުފާނު މާޔޫސް ވެވަޑައިނުގަންނަވާށެވެ. މަނިކުފާނުގެ ބަދަލުގައި ސޫމްނާތަށް ދާން އަޅުގަނޑު ގަސްތު ކޮށްފީމެވެ. އަޅުގަނޑަށް އެތަނުން ރޫޕަވަތީ ގެނައުމުގައި ކާމިޔާބު ނުހޯދުނު ކަމުގައި ވިޔަސް މުސްތަގުބަލުގައި މަނިކުފާނުގެ ކާމިޔާބީ އާއި ނާކާމިޔާބީގެ އެކަށޭނަކަން އޮތީ ކިހައި ވަރަކަށްކަން އޮޅުން ފިލުވޭނެއެވެ. ނަމަވެސް އަޅުގަނޑުގެ މައްސަލަ އެޔާ ތަފާތެވެ. އަޅުގަނޑުގެ ހަތަރު ފަރާތުގައި ވެސް ވަނީ އަނދިރިކަމެވެ. އަޅުގަނޑަކީ ކަނޑައެޅިފައި ނެތް މަންޒިލަކަށް ދަތުރު ކުރާ ދަތުރުވެރިޔަކީމުއެވެ. އަޅުގަނޑަށް އެންމެ ކުޑަ މިނުން ޝަކުންތަލާ ވީ ތަނެއް އެނގޭނެ ނަމަވެސް ކިހައި ރަނގަޅުތޯއެވެ؟ މިހާރު އަޅުގަނޑު މި ހިތަށް އަރަނީ އޭނާ ޖޭކްރިޝަން ދެކެ ބިރުފުޅުން ގުނޫޖް ދޫ ކޮށްލެއްވީ ކަމަށާއި، އެކި ގޮތްގޮތުން ރަށުގެ ޚަބަރު ބައްލަވަމުން ގެންދަވާނެ ކަމަށެވެ. އަޅުގަނޑަށް އަޅުގަނޑުގެ ރަށާއި ގަނޑުވަރަށް ވެރި ވެވިއްޖެ ނަމަ ޝަކުންތަލާގެ ޚަބަރު ހޯދުން މާކަ އުނދަގުލެއް ނުވާނެ ކަމުގައެވެ. އެހެން ވެއްޖެ ނަމަ، އޭނާ ދުނިޔޭގައި އިންނެވި ކަމުގައި ވާނަމަ، އަމިއްލަފުޅަށް ވެސް އެނބުރިވަޑައިގަންނަވާނެއެވެ. ނަމަވެސް އެކަމަށް ޓަކައި ޖޭކްރިޝަނާއި އޭނާގެ އެކުވެރި އަމީރުން ބަލި ކޮށްލާން ޖެހޭނެއެވެ. މިހާރު ކަން ހުރި ގޮތުން އަޅުގަނޑުގެ މި ޚިޔާލުގައި މޮޔައެއްގެ ހުވަފެނަކަށް ވުރެ ބޮޑު ހަގީގަތެއް ނެތެވެ. ގުނޫޖުގެ މިހާރުގެ ރަސްގެފާނު ހުންނެވީ ޖޭކްރިޝަންގެ ފަހަތްޕުޅުގައެވެ. އެހެންކަމުން ޖޭކްރިޝަން ބަލި ކޮށްލެވޭނީ ގުނޫޖުގެ ތަޚުތު އެކޮޅުކޮޅުން ޖަހައިލެވޭފަދަ ބާރަކަށެވެ. އަޅުގަނޑު މިއަދު މަނިކުފާނުގެ އަރިހުގައި ވަރަށް ޚާއްސަ ވާހަކައެއް ދަންނަވައިލާން ބޭނުމެވެ. އެއީ، އަޅުގަނޑުގެ ފުރާނައިގެ ގޮވުމެވެ. އަޅުގަނޑުގެ ހިތުގެ އަޑެވެ. ފަހަރެއްގައި މަނިކުފާނު އެ ވާހަކަ އަޑު އެއްސެވުމަށް ފަހު، އަޅުގަނޑަކީ އަޚެއް ކަމުގައްޔާއި ރަޙުމަތްތެރިއެއް ކަމުގައި ބެއްލެވުނީތީ ހިތާމަ ކުރެއްވުން ވެސް އެކަށީގެން ވެއެވެ. އަޅުގަނޑުގެ އެންމެ ފަހުގެ އުއްމީދަކީ سلطان محمود غزنوی އެވެ."

ރަންބީރު މި ހިސާބަށް ވާހަކަފުޅު ގެންދަވައިފައި ހިމޭން ވެވަޑައިގެންފިއެވެ. އޭނާ ހީފުޅު ކުރެއްވީ ރާމްނާތު ކުއްލިޔަކަށް ތެދު ވެވަޑައިގެން އޭނާގެ ކަރުފުޅުގައި ހިއްޕަވާން އުޅުއްވާނެ ކަމުގައެވެ. ނަމަވެސް އޭނާ ހަމަހިމޭނުން އޮންނަވަނިކޮށް ފެނިވަޑައިގަތުމުން ރަންބީރު ވިދާޅުވިއެވެ. "އަޅުގަނޑުގެ ހިތް ހެކި ދޭ ގޮތުގައި އޭނާ ވަޑައިގަންނަވާނެކަން ޔަޤީނެވެ. ޤުދުރަތުން އޭނާއާ ޙަވާލު ކުރައްވައިފައި ވާ މަސައްކަތް ދާނީ ފުރިހަމަ ވެގެންނެވެ. ކަލަންޖަރުގެ ރަސްގެފާނު މަސްރަޙަށް ގެންނަވައިފައި ވާ ކުލައެއްގެ ސަބަބުން އަޅުގަނޑުގެ ފަރިޔާދު އޭނާޔަށް އަސަރު ކުރުވާނެ ކަމުގައި އަޅުގަނޑަށް ޔަޤީންކަމާ އެކުގައެއް ނުދެންނެވޭނެއެވެ. ނަމަވެސް އޭނާގެ ލަޝްކަރުގައި عبدالواحد ފަދަ ބޭފުޅުން އެބަ ތިއްބެވިއެވެ. އޭނާ އަޅުގަނޑަށް އެހީ ވެދެއްވާނެކަން އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑު ގައުމަށް ޚިޔާނާތްތެރި ވަނީ ކަމުގައި މަނިކުފާނު ވިދާޅުވާނޫއެވެ. ނަމަވެސް އަޅުގަނޑުގެ ޟަމީރު އަޅުގަނޑަށް މަލާމާތެއް ނުކުރެއެވެ. ޖޭކްރިޝަން ކަހަލަ މިނިކާ ޖަނަވާރުތަކުގެ ކިބައިން ޤައުމު ސަލާމަތް ކުރުމަށް ވުރެ ގައުމަށް ކުރެވޭނެ ބޮޑު ޚިދުމަތަކީ ކޮބައިތޯއެވެ؟ މަނިކުފާނު އަޅުގަނޑަކީ މުޖުތަމަޢުގެ ދުޝްމަނެއް ކަމުގައި ވިދާޅުވާނޫއެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އިންސާނުން މިނިކާ ޖަނަވާރުގެ ޖަމާޢަތްތަކަށް ބައި ކުރާ މުޖުތަމަޢުގެ ސިޙުރު ބާޠިލު ވެއްޖެއެވެ. ރާމްނާތެވެ! އަޅުގަނޑު ދާނީ سلطان محمود غزنوی ގެ އެހީފުޅު ހޯދާށެވެ. އަޅުގަނޑުގެ މި އުއްމީދު ފުރިހަމަ ވެއްޖެ ކަމުގައި ވާނަމަ، އަޅުގަނޑަށް ޝަކުންތަލާ ހޯދުން މާކަ އުނދަގުލެއް ނުވާނެކަން ޔަޤީނެވެ. އެޔަށްފަހު އަޅުގަނޑު މަނިކުފާނަށް ޓަކައި ސޫމްނާތަށް ދިޔުމުގެ ވަޢުދު ފުރިހަމަ ކުރާނަމެވެ. ޝަކުންތަލާ ފެނުމުގެ އުއްމީދު ކެނޑުނު ކަމުގައި ވިޔަސް އަޅުގަނޑު ކޮންމެހެން ވެސް ސޫމްނާތަށް ދާނަމެވެ. ނަމަވެސް މި ވަގުތު އަޅުގަނޑު މަނިކުފާނު އަޅުގަނޑާ ބައިވެރި ވެވަޑައިގަތުން މަޖުބޫރެއް ނުކުރާނަމެވެ."

ރާމްނާތު ތެދު ވެވަޑައިގެން އިށީނދެވަޑައިގެންފައި ވިދާޅުވިއެވެ. "މަނިކުފާނުގެ ދޫފުޅުން ތިޔަ ފައުޅު ކުރައްވަނީ އަޅުގަނޑުގެ ހިތުގެ އަޑުކަން އެނގިވަޑައިގަންނަވާނެ ނަމައެވެ. سلطان محمود އަކީ ހަމައެކަނި މަނިކުފާނުގެއެއް ނޫނެވެ. އަޅުގަނޑުގެ ވެސް އެންމެ ފަހުގެ އުއްމީދެވެ. އަޅުގަނޑު ކުއްލިޔަކަށް ސޫމްނާތަށް ދާން ޖެހިލުން ވަނީ މަރު ދެކެ ބިރު ގަންނާތީއެއް ނޫނެވެ. އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑުގެ ފުރާނައިގެ އެއްވެސް އަގެއް ނެތެވެ. އަނެއްކާ އެންމެ ދެތިން މިނިޓެއްހައި އިރަށް އަޅުގަނޑު ދުށް އަޅުވެރީންގެ ބަޔަކަށް އަޅުގަނޑު ފެނުމާ އެކު އޮޅުން ފިލުމަކީ ވެސް ލާޒިމު ކަމެއް ނޫނެވެ. އަޅުގަނޑު ފަސް ޖެހޭ ސަބަބަކީ ރޫޕަވަތީ އަކީ އެހެން ކުދީން ފަދައިން އަމިއްލަފުޅަށް ސޫމްނާތަށް ވަޑައިގެން، އަމިއްލަފުޅަށް އެތަނުން ނުކުމެވަޑައިގެންނެވޭނެ ބޭފުޅެއް ނޫނެވެ. އޭނާ ދުނިޔެއަށް ވަޑައިގަތުމުގެ ކުރީން ވަނީ ސޫމްނާތަށް ވެދުމަށް އަރުވައިފައެވެ. އެހެންކަމުން ޕަރައުހަތުގެ ގަބޫލުފުޅާ ނުލައި އިންޑިޔާގެ ހުރިހައި ރަސްރަސްކަލުން އޭނާ އެތަނުން ނެރުއްވާން އުޅުއްވި ކަމުގައި ވިޔަސް ކާމިޔާބު ލިބިވަޑައެއްނުގަންނަވާނެއެވެ. އަޅުގަނޑާއި ރޫޕަވަތީއާ ދެމެދު ޕަރައުހަތުގެ ރުހިވަޑައިގަތުމާއި ފައްޅީގެ ގިރާ ނުކުރެވޭ ފަދަ ފާރުތައް ވަނީ ހުރަސް އަޅައިފައެވެ. އެއް ދުވަސްވަރެއްގައި އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ ރަސްގެފާނުގެ ސިފައިންގެ ވެރިޔަކަށް ވުމަށެވެ. އެޔަށްފަހު ޕަރައުހަތުގެ އަރިހަށް ޖަވާހިރު ފުންޏެއް ޖަހައިފައި، އަޅުގަނޑު މި އައީ ރޫޕަވަތީގެ މިނިވަންކަމުގެ އަގު އަދާ ކުރާށޭ ދަންނަވާށެވެ. ނަމަވެސް މިހާރު އަޅުގަނޑުގެ އެންމެ ފަހުގެ އުއްމީދަކީ ގުދުރަތުގެ ނުފެންނަ ނޭނގޭ ބާރު އަޅުގަނޑުގެ އުނދަގޫތައް ދުރު ކޮށްދެއްވުމެވެ. މަނިކުފާނު ވާސިދިޔޫގެ ވާހަކަ ވިދާޅުވެދެއްވި ދުވަހު ވެސް އަޅުގަނޑުގެ ހިތަށް އެރީ سلطان محمود غزنوی އަށް މަގު ދައްކަވަމުން ގެންދަވާ އޭނާ ކަލާނގެއޭ ވިދާޅުވާ ބާރު، ކޮންމެވެސް ދުވަހަކުން އޭނާގެ އަހުގެ ލަގަން ސޫމްނާތާ ދިމާޔަށް އަނބުރުއްވާނެ ކަމަށެވެ. ރަންބީރެވެ. އަޅުގަނޑު މިހިރީ މަނިކުފާނާ އެކުގައެވެ.

(ނުނިމޭ)