ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނޭޝަނަލް ސްޓްރެޓީޖިޖް ޕްލޭން އަންނަ ޖޫން މަހު ލޯންޗުކުރުމަށް ތާވަލުކުރެވިފައިވާ ކަމަށް ހެލެތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާ އާލާވެ ފުޅާވަމުން އަންނަ ކަމަށާއި މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ހެލްތު މިނިސްޓްރީން ޑްރަގް ނޭޝަނަން ޑްރަޖް އެޖެންސީ (އެންޑީއޭ)ގެ ހިންގުމާ ހަވާލުވެ، އެ އެޖެންސީގެ މަސައްކަތާއި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމުތަކަށް ބޭނުންވާ ދިރާސާތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު މިހާރު ނިމިފައިވާ ކަމަށެވެ. އަދި ދިރާސާތަކުގެ އަލީގައި ތައްޔާރުކުރި ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނޭޝަނަލް ސްޓްރަޓެޖިކް ޕްލޭން ޖޫން މަހު ލޯންޗުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މި ފުރުސަތުގައި އަޅުގަނޑަށް ފާހަގަކުރަން މަޖުބޫރުވާ އަނެއް ހަގީގަތަކީ އަޅުގަނޑުމެންގެ މުޖުތަމާއުގައި އިތުރު ބަލިމަޑުކަމެއް އާލާވެ ފެތުރެމުން ދާކަން. އާދެ، މަސްތުވާތަކެތީގެ ވަބާ. ފާއިތުވީ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު، މިނިސްޓްރީ އޮފް ހެލްތުން ޑްރަގުން ރައްކާތެރިވުމާ ގުޅޭ މަސައްކަތާ ހަވާލުވުމަށްފަހު ގިނަ ކަންތައްތަކެއް ދަނީ ކުރެވެމުން. ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު މިހާރުވަނީ މިކަމާ ގުޅުން ހުރި ދިރާސާތައް ކުރެވިފައި. މި މަސައްކަތްކާ ގުޅިގެން ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނެޝަލް ސްޓްރެޓީޖިކް ޕްލޭން އަންނަ ޖޫން މަހު ލޯންޗްކުރުމަށް ވަނީ ތާވަލުކުރެވިފައި،" ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އަހުމިއްޔަތުތަކަމެއް ދެމުންދާ ކަންތައްތަކުގެ ތެރޭގައި ތިމާވެއްޓާއި އިންސާނުންގެ ސިއްހަތު ރައްކާތެރިކުރުން ހިމެނޭ ކަމަށެވެ. އަދި ސަރުކާރުން "ހަށިހެޔޮ ދުޅަހެޔޮ" ރައްޔިތުންތަކެއް ބިނާކުރުމުގެ ބޭނުމުގައި އަލަށް ފެށި މަޝްރޫއުތައް ކާމިޔާބުވުމުން ދުޅަހެޔޮ ރައްޔިތުންތަކެއް ބިނާވެ، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ރާއްޖޭގައި އުފެދޭ އަދި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މިގޮތުން، ކަމާބެހޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިދާރާތަކުން ކުރާ މަސައްކަތުގައި ބައިވެރިވެ، އެ އިދާރާތަކުގެ ފަންނީ ލަފާއާއި އިރުޝާދާ އެއްގޮތަށް، އަދި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް، އައު ސިޔާސަތުތައް ވަނީ ކަނޑައެޅި ތަންފީޒުކުރަން ފެށިފައި. ކަމާބެހޭ ރާއްޖޭގެ މުއައްސަސާތަކުގެ އިދާރީ އޮނިގަނޑުތަކާ ފަންނީ ގާބިލުކަން ހުރި މިންވަރު މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ވަނީ ފަށާފައި. ފަންނީ އަދި މާލީ ވަސީލަތްތައް ފޯރުކޮށްދީ އެ އިދާރާތައް ދަނީ ހަރުދަނާ ކުރެވެމުން. މީގެ ނަތީޖާއަކަށް ވެގެންދާނީ، ތިމާވެއްޓާއި ސިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ، ދެމެހެއްޓެނިވި އަދި ނަތީޖާ ނެރެވޭނެހެން ކުރިއަށް ގެންދެވޭނެކަމުގެ އިތުބާރު ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެންދިއުން،" ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށްވުރެ ބޮޑަށް މިހާރު ރައްޔިތުން ސިއްހީ ދާއިރާއަށް އިތުބާރުކުރަނީ ރައީސް ސޯލިހު އެ ދާއިރާއަށް ގެނެސްދެއްވި ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ބިނާކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތާއި ޓެސްޓުތައް ސަރަހައްދީ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމު އެމަނިކުފާނު ހަމަޖައްސަވާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާ ކުރިއެރުވެނީ ސަރުކާރާއި ޕްރައިވެޓް ސެކްޓާ އަދި ޖަމިއްޔާތައް ގުޅިގެންކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ، އެންމެން ގުޅިގެން ސިއްހީ ދާއިރާއަށް ކާމިޔާބު ހޯދާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ސިއްހީ ދާއިރާގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެއީ މައްސަލަތަކުން ފުނިޖެހިފައިވާ ދާއިރާއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ގޮންޖެހުމަކާއެކު ރައީސް ސޯލިހު ކޮވިޑު މެނޭޖުކުރެއްވީ އެހެން ގައުމުތަކައް ނަމޫނާ ދައްކަވަމުން ކަމަށާއި ކޮވިޑުގެ ސަބަބުން ދިމާވި އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖޭގެ ބޯޑަރު ހުޅުވައި ޓޫރިޒަމް ސިނާއަތް އަލުން ފަށަން ސަރުކާރުން ނިންމުމުން އިގުތިސޯދަށް ލިބުނު ގެއްލުންތައް ފޫބެއްދެން ފެށި ގައުމުގެ އިޖުތިމާއީ އަދި އިގުތިސޯދީ މަސައްކަތްތައް އަލުން ފެށިގެން ދިޔަ ކަމަށެވެ.
ރާއްޖެ ކޮވިޑުގެ ނުރައްކަލުން ސަލާމަތްވީ ތަފާތުކުރުމެއްނެތި ދިވެހިންނާއި ބިދޭސީންނަށް ވެކްސިން ދިނުމުން ކަމަށާއި ކޮވިޑުން ދަސްވި އެންމެ އިބުރަތްތެރި ފިލާވަޅަކީ ސިއްހީ ހިދުމަތަކީ ކޮންމެ އިންސާނެއްގެ ވެސް އެންމެ މުހިންމު ހައްގުކަން އެނގުން ކަމަށެވެ. އަދި އެ ހައްގު ފޯރުކޮށްދިނުމަށް ހުރިހާ މުއައްސަސާއަކުން ވެސް މަސައްކަތްކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު