ޚަބަރު

މިދިޔަ 16 އަހަރު އެމްޑީޕީއަށް ލިބުނު ފައިސާ ހޭދަކުރި ގޮތް ބަލައިފިނަމަ, ވައްކަން ކުރި މީހުން އެނގޭނެ: ރީކޯ މޫސަ

1

މިދިޔަ 16 ވަރަކަށް އަހަރު އެމްޑީޕީއަށް ލިބުނު ފައިސާ ހޭދަކުރި ގޮތް ބަލައިފިނަމަ, ވައްކަން ކުރި މީހުން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީއަށް ލިބުނު ފައިސާ ހޭދަކުރި ގޮތާއި ޕާޓީގެ ހިދުމަތްތެރިން ޕާޓީން ނެރެ ބޭރުކޮށްލި ގޮތެއް ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކުރިން ހާމަކުރުމަށް ގޮވާލައިފައެވެ.

"އެމްޑީޕީ އުފެދުނީއްސުރެ ފާއިތުވި 16 ވަރަކަށް އަހަރު ޕާޓީއަށް ލިބުނު ފައިސާ ހޭދަކުރި ގޮތަކާއި, ޕާޓީގެ ހިދުމަތްތެރިން ޕާޓީން ނެރެ ބޭރުކޮށްލި ގޮތެއް މި އިންތިހާބުގެ ކުރިން ހާމަކޮށްބަލަ. ނަޒާހާތްތެރިކަމާއި ސާފުތޯހިރު މީހުންނާއި ޕާޓީން ވައްކަންކުރި މީހުން ނިކަން ރީތިކޮށް ފެންނާނެ," މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް އަމާޒުކޮށް މޫސަ ވަނީ ނަޒާހަތްތެރި މީހާ ކަމަށްވަނީ ފިޔަވަޅު އަޅާ ކޮމިޓީގައި އިންނަވައިގެން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަންގަވާގޮތަށް މީހުންގެ ބޮލުގައި އެކި ތުހުމަތު އަޅުވައި އަދަބުދީ, ޕާޓީން ބޭރުކުރީމަތޯ ސުވާލު އުފައްދަވައިފައެވެ. އަދި އިންތި އަމިއްލައަށް ވިޕްލައިނާ ހިލާފުވަމުންދާ އިރު, އެއީ ތެދުވެރިވުންތޯ ވެސް މޫސަ ސުވާލުކުރައްވާފައިވެއެވެ.

އެމްޑީޕީން މޫސަ ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މޫސަ ވަކިކުރަން އެމްޑީޕީގެ މައްސަލަ ބަލާ ކޮމިޓީން ނިންމާފައިވަނީ އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒް ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި މައްސަލައިގައެވެ. އެމްޑީޕީން އޭރު ވިޕްލައިން ނެރެފައިވަނީ އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެ, އެ ދެ ބޭފުޅުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދިނުމަށެވެ.

އެމްޑީޕީން މޫސަ ވަކިކޮށްފައިވަނީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް ވިދާޅުވެ، މޫސަ ގެންދަވަނީ ގިނަ ތުހުމަތުތަކެއް ކުރައްވަމުންނެވެ. އަދި ޕާޓީއަށް ލިބުނު ފައިސާ ރައީސް ނަޝީދު ބޭނުންކުރެއްވި ކަމަށް ވެސް މޫސަ ތުހުމަތުކުރައްވައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އިންތިއާ ދެކޮޅަށް ނުކުންނަވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އެ އިންތިހާބުގެ ވާދެވެރިކަން ވަނީ މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވެސް ވަދެފައެވެ. އިންތިގެ ޓީމުން ތުހުމަތުކުރާ ގޮތުގައި ފައްޔާޒުގެ ޓީމުން ދަނީ ސަރުކާރު ކުންފުނިތަކަށް ބިރުދައްކައި އިންތިއަށް ވޯޓު ނުލުމަށް އަންގަމުންނެވެ. އަދި އިންތިއަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ވެސް ތުހުމަތުކުރެއެވެ. ފައްޔާޒުގެ ޓީމުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.

ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.

އިންތިހާބުގެ ފޯރި ގަދަވެ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެމުންގެންދާ އިރު، އޭގެ އެންމެ ކުރީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ގެންދަވަނީ ތުހުމަތުތަކަކާއެކު ނުސީދާކޮށް ރައީސް ސޯލިހަށްވެސް ބައެއް ބަސްތައް އަމާޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު އެއްވެސް ރައްދެއް ދެއްވައިފައެއް ނުވެއެވެ.