ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ ލެގު މެޗުގައި ބާސެލޯނާއާއި ޖަރުމަނުގެ އެއިޓްރަޗްޓް ފްރެންކްފާޓް 1-1 އިން އެއްވަރުވެއްޖެއެވެ.

ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު ކުޅުނީ ފްރެންކްފާޓްގައެވެ. ރޭގެ ނަތީޖާއާއެކު ސެމީގެ ފުރުސަތު ބޮޑަށް ފަހިވެފައި އޮތީ ބާސާއަށެވެ. އެއީ ދެޓީމު ކުޅޭ ދެވަނަ މެޗު ބާސާ ދަނޑުގައި ކުޅޭތީއެވެ. އެހެން ނަމަވެސް މި ސީޒަންގައި އެކުލަވާލި އާ އުސޫލުގެ ދަށުން ޔޫރޮޕާ ލީގުގެ ނޮކްއައުޓް މެޗުތަކުގައިވެސް އަވޭ ގޯލަށް މިހާރު ނުބަލާނެއެވެ.

ބާސާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން ރަނގަޅު ފޯމެއްގައި ޓީމު ކުޅެމުން އަންނަ އިރު، މިރޭގެ މެޗަށް ނުކުތީ މިދިޔަ އަހަރު ޑިސެންބަރަށް ފަހު މެޗަކުން ބަލިނުވެ އޮވެގެންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ފްރެންކްފާޓުންނެވެ. އަންސްގަރު ނައުފް ދުރުން ޖެހި ހިތްގައިމު ގޯލާއެކު ދެވަނަ ހާފުގެ ކުރީކޮޅުގައި ފްރެންކްފާޓުން ލީޑު ނެގި އިރު، ބާސާއިން ނަތީޖާ ހަމަހަމަ ކުރީ 66 ވަނަ މިނެޓުގައެވެ.

ފްރޭންކް ޑި ޔޯންގާއެކު ރަނގަޅު ޕާހެއް ޖަހައި، ބާސާއަށް ގޯލު ޖަހައިދިނީ މިދިޔަ ޖެނުއަރީ މަހު ކްލަބާ ގުޅުނު ފެރާން ޓޮރެސްއެވެ. މެންޗެސްޓާ ސިޓީން ޖެނުއަރީ މަހު ބާސާއަށް ބަދަލުވި ސްޕެއިންގެ ޓޮރެސްގެ ފަރާތުން މިހާތަނަށް އަންނަނީ ރަނގަޅު ކުޅުމެއް ފެންނަމުންނެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ފެރެންކްފާޓްގެ ޑިފެންޑަރު ސިލްވާ މެލޯއަށް ރަތް ކާޑު ދެއްކިއެވެ. އޭގެ ފަހުން ބާސާ ވަރަށް ބޮޑަށް އެޓޭކަށް ޖެހިލި ނަމަވެސް މެޗުގައި އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ޔޫރޮޕާ ލީގުގައި ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ވެސްޓް ހަމްއާއި ލިޔޯން ވާދަކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ލަންޑަންގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ވެސްޓްހަމްގެ އެރޮން ކްރެސްވެލްއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. ކުޅުންތެރިޔަކު މަދުކޮށް ފަހު ހާފުގައި ކުޅުނު ވެސްޓް ހަމްއިން މެޗުގައި ލީޑު ނެގީ ޖެރަޑް ބޮވެން ޖެހި ގޯލަކުންނެވެ. ލިޔޯންގެ ގޯލު ޖަހައިދިނީ ކުރިން ޓޮޓެންހަމްއަށް ކުޅުނު ޓަންގައި އެންޑޮންބެލޭއެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލުގެ އަނެއް ދެ މެޗުގެ ފުރަތަމަ ލެގަށް ބަލައިލާ އިރު، އެޓަލާންޓާއާއި އާރްބީ ލެއިޕްޒިގް، ޖަރުމަނުގައި ކުޅުނު މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސްޕޯޓިން ބްރާގާ ވަނީ ޕޯޗުގަލްގައި ރޭންޖާސްގެ މައްޗަށް 1-0 އިން ކުރި ހޯދައިފިއެވެ.

ކުއާޓާގެ ދެވަނަ ލެގުގެ މެޗުތައް އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެއެވެ.