އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ރޭ ކްލަބު އީގަލްސްއިން ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އީގަލްސްއިން މާޒިޔާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މިއަހަރުގެ ލީގުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ. މާޒިޔާއިން ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުގައި ވެލެންސިއާ ކައިރިން ބަލިވި ފަހުން އެ ކްލަބާ ހަވާލުވީ ސާބިއާގެ މަޔޮޑްރަގް ޖެސިކެވެ. އޭނާ ހަވާލުވިފަހުން އަދި ބަލިނުވެ އޮތް މާޒިޔާ ރޭ ބަލިވީ ޖެހިޖެހިގެން ހަތް މޮޅާއެކު މޮޅުވުމުގެ ސިލްސިލާއެއް ދަމަހައްޓަމުން ދިއުމަށް ފަހުގައެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް މާޒިޔާ އޮތީ ލީގުގެ އެއް ވަނައިގައި އަށް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސްއިން ވަނީ މާޒިޔާއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކައިރިކޮށްފައެވެ. އީގަލްސްއިން އަށް މެޗުން ހޯދާފައިވަނީ 19 ޕޮއިންޓެވެ.
އަނިޔާގެ ސަބަބުން އީގަލްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އަހުމަދު ރިޒްވާން (ރިޒޭ) ރޭގެ މެޗުގައި ކުޅެފައި ނުވާ އިރު، މާޒިޔާ އިން މެޗު ފެށީ ބިދޭސީ މިޑްފިލްޑަރު ޓަނާގެ ބަދަލުގައި އަކުރަމް އަބްދުލް ގަނީ (އަކޫ) މިޑްފީލްޑް ލައިނުގައި ހިމަނައިގެންނެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ރަނގަޅު ޓެމްޕޯއެއްގައި ދެޓީމު ކުޅުން ފެނިގެން ދިޔަ އިރު، މެޗުގެ 20 ވަނަ މިނެޓުގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނުރައްކާތެރި ބޯޅައެއް ގޯލަށް ފޮނުވާލިއެވެ. އޭރިއާ ބޭރުން ކަނާ ދިމާލުން ބޭރުގައި ހުރެފައި ހަންނަ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.
މެޗުގެ ހަމައެކަނި ގޯލު އީގަލްސް އިން ޖެހީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ޒައިން ޒަފަރު މެދުތެރެއިން ދިން ބޯޅަ ހަންނަ ވަނީ މާޒިޔާގެ ގޯލްކީޕަރު ކިރަން ކުމާރު ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
އޭގެ ފަހުން މާޒިޔާގެ ހަމަލާތައްވެސް ފެނިފައިވެއެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔަ އިރު، ނާއިޒް ހަސަން (ދާދު) އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބާރު ބޯޅަ ގޯލު ކުރިމަތިން ހުރަސް ވެގެންދިޔައީ އީގަލްސްގެ ޒުވާން ގޯލްކީޕަރު ކީޕަރު ހަސަން އަލީފް އަތުގައި ޖެހިފައެވެ.
ދެވަނަ ހާފުގައިވެސް މާޒިޔާއިން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ އިރު، ކޯނެލިއަސް ސްޓެވާޓް (ކޯނޭ)އާއި ބަދަލަކަށް ނުކުތް ޓަނާ ޑޮމިނިގޭޒް ފޮނުވާލި ބޯޅަތައް ދިޔައީ ބޭރަށެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ކުލަބު ވެލެންސިއާ ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު