ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެޓީމުން ޗެލްސީ ބަލިކުރީ 3-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ރެއާލްއިން ޖެހި ތިން ގޯލުވެސް ޖެހީ އުމުރުން 34 އަހަރުގެ ކަރިމް ބެންޒެމާއެވެ.
ފްރާންސްގެ ނުރައްކާތެރި ފޯވަޑް ބެންޒެމާ ޗެމްޕިއަންސް ލީގުގައި 80 ގޯލު ހަމަކޮށްފައިވާ އިރު، ރޭގެ މެޗު ވެގެން ދިޔައީ ފުލުފުލުގައި އޭނާ ހެޓްރިކް ހެދި ދެވަނަ މެޗަށެވެ. ރެއާލްއިން ގަދަ 16ގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގައިވެސް ބެންޒެމާ ހެޓްރިކް ހެދިއެވެ.
ރޭގެ މެޗަށްފަހު އެމަޒޮން ޕްރައިމްއާ ވާހަކަދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންސެލޯޓީ ވަނީ ބެންޒެމާއަށް ތައުރީފު އޮއްސާލައިފައެވެ. އޭގެ އިތުރުން އެންސެލޯޓީ ބުނީ ރޭގެ މެޗަށް ބެންޒެމާއަށް ސްޓޭޑިއަމްއަށް ވަދެވުނީ ކިރިޔާ ކަމަށެވެ.
"މެޗުގެ ކުރިން ބެންޒެމާ އުޅުނީ ފާސް ގެއްލިގެން. ސްޓޭޑިއަމްއަށް ވަދެވޭނީ އެ ފާސް ބޭނުންކޮށްގެން. ހާސްވެގެން އައިސް އަހަރެން ގާތުގައިވެސް އެވާހަކަ ބުނި. އަހަރެން ބުނިން އަވަހަށް ފާސް ހޯދާށޭ. އެހެން ނޫނިއްޔާ ރޭގެ މެޗުގައި ނުކުޅެވޭނެއޭ. ނަސީބަކުން ބެންޒެމާއަށް ފާސް ފެނުނު،" އެންސެލޯޓީ ބުންޏެވެ.
"ބެންޒެމާ ސިފަކޮށްދޭން ނުވެސް އެނގޭ. އެއީ ވަރަށް މުހިންމު ވަރަށް ބޮޑު ކުޅުންތެރިއެއް. ރެއާލްއަށް އޭނާ ވަރަށް ވަރަށް މުހިންމު،" އެންސެލޯޓީ އިތުރަށް ބުންޏެވެ.
ބެންޒެމާ މި ސީޒަންގައި މިހާތަނަށް ޖުމްލަ 37 ގޯލު ޖަހައިފައިވެއެވެ. އޭނާ 37 ގޯލު ޖެހީ 36 މެޗު ކުޅެގެން ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.