ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ރެއާލް މެޑްރިޑުން އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކުރި އިރު، ސްޕެއިންގެ ވިލަރެއާލް އަތުން ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކް ބަލިވެއްޖެއެވެ.

ރޭ ކުޅުނު ދެ މެޗަކީވެސް ފުރަތަމަ ލެގުގެ ދެ މެޗެވެ. ރެއާލްއިން ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި ކުޅެ، ޗެލްސީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަވޭ ގޯލުގެ އުސޫލު މިފަހަރުގެ ޗެމްޕިއަންސް ލީގަށް އުވާލި ނަމަވެސް، އެ ނަތީޖާއާ އެކު ޗެލްސީއަށް ސެމީ ފައިނަލަށް ދެވެން އޮތީ އުނދަގޫ މަގެކެވެ. ރޭގެ މެޗުގައި ރެއާލްއަށް ތިން ގޯލުވެސް ޖަހައިދިނީ ކަރިމް ބެންޒެމާއެވެ.

ރޭގެ މެޗު ޗެލްސީން ވަރުގަދަކޮށް ފަށައި ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ރެއާލްއިން ފުރަތަމަވެސް ނުރައްކާ ކުރީ ކައުންޓާ އެޓޭކުގައެވެ. ރެއާލްގެ ފުރަތަމަ ކައުންޓަ އެޓޭކުގައި އެ ޓީމުން އުފެއްދި ހަމަލާގައި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ރެއާލްއިން ލީޑު ނެގިއެވެ. ވިނީޝިއަސްގެ ހުރަސް، ބެންޒެމާ ބޮލުން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

އެ ގޯލާއެކު ހަމަޖެހި ނުލެވިގެން އުޅެނިކޮށް ބެންޒެމާ، އޭނާގެ ދެވަނަ ގޯލު ޗެލްސީ ކޮޅަށް ޖެހިއެވެ. އެ ގޯލުވެސް ޖެހީ ބޮލުންނެވެ.

ނާއުންމީދާ އެކު ހާފު ނިންމާލަން ދިޔަ ޗެލްސީއަށް ކުޑަ ހިތްވަރެއް ލިބުނީ މެޗުގެ 40 ވަނަ މިނެޓުގައި ކައި ހަވާޓްސް އެޓީމަށް ޖަހައިދިން ގޯލުންނެވެ. ޖޯޖީނިއޯ ނެގި ބޯޅައިން ހަވާޓްސް ގޯލު ޖެހީވެސް ބޮލުންނެވެ. އެ ގޯލާ އެކު ހިތްވަރާއާކޮށް ޗެލްސީން ދެވަނަ ހާފު ފެށި ނަމަވެސް ގޯލްކީޕަރު އެޑުއާޑް މެންޑީގެ ގޯހެއްގެ ބޭނުން ހިފައި، ދެވަނަ ހާފުގެ ކުރީކޮޅުގައި ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ.

އުމުރުން 34 އަހަރުގެ ބެންޒެމާ ރޭގެ މެޗުގައި ހެޓްރިކް ހެދި އިރު، އެންމެފަހުން ގަދަ 16ގެ ދެވަނަ ލެގުގައި ޕީއެސްޖީ ކޮޅަށްވެސް އޭނާ ވަނީ ހެޓްރިކް ހަދައިފައެވެ. މިވަގުތު ހުރި ފޯމަށް ބަލައި، ބެންޒެމާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވަޑް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ބަޔާން މިއުނިކުން ރަށުން ބޭރުގައި ވިލަރެއާލް ކައިރީ ބަލިވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. ބަޔާންއަކީ އާންމު ގޮތެއްގައި ޗެމްޕިއަންސް ލީގުގައި އެންމެ ނުރައްކާތެރި ޓީމުގެ ގޮތުގައި ގިނަ ފަހަރުތަކެއް މަތިން ފާހަގަވެފައި އޮތް ނަމަވެސް، ރޭގެ މެޗުގައި ފެނުނީ ދަށް ކުޅުމެކެވެ. ފުރަތަމަ ހާފުގައި ބަޔާންގެ ފަރާތުން ހަމަލާއެއްވެސް ފެނިފައެއްް ނުވެއެވެ.

މެޗުގައި ވިލަރެއާލުން ޖެހި ހަމައެކަނި ގޯލު، އަށްވަނަ މިނެޓުގައި ޖަހައިދިނީ އަރްނޯޓް ޑަންޖޫމާއެވެ.

މެޗުގައި ވިލަރެއާލްގެ ޑިފެންސް ފޯމު ރަނގަޅުކޮށް ފެނުނު އިރު، ބަޔާންގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ރޮބާޓް ލެވަންޑޯސްކީއަށް މާ ބޮޑު ޖާގައެއް މެޗުގައި ދީފައެއް ނުވެއެވެ. މިހާތަނަށް ސީޒަންގައި 51 ގޯލު ޖަހައިފައިވާ ލެވަންޑޯސްކީގެ ފަރާތުން ރަނގަޅު ހަމަލާއެއްވެސް މެޗުގައި ނުފެނުނު އިރު، ދެވަނަ ލެގުގައި ނަތީޖާ އަނބުރާލަން ބަޔާންއަށް ލެވަންޑޯސްކީ ރަނގަޅު ފޯމެއްގައި ހުރުން މުހިންމު ވާނެއެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެމެޗުގެވެސް ދެވަނަ ލެގު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގައެވެ.