އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނާ ސުވާލުކުރުމަށް އޮތް ވަގުތުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް ސުވާލު ކުރެއްވީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ލަސްވާ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެކަން އޮޅުންފިލުއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އައްޑޫ ސީޓިގެ ބިން ހިއްކުމުގެ މަސައްކަތް ލަސްވެގެން ދިޔައީ، އީއައިއޭ ހެދުމުން ފާހަގަވި ގިނަ ކަންތައްތަކަކަށް ބަލަންޖެހޭތީ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ކޮންޓްރެކްޓުގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދަށުން، އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މިހާރު ކުރަމުންދަނީ، ބިން ހިއްކުމަށްޓަކައި އައްޑޫ ސީޓީގެ އެތެރެވަރީގެ ކިތައްތަނުން ވެލިނަގަން ޖެހޭތޯ ބެލުމުގެ މަސައްކަތް ކަމަށާއި އެހެންކަމުން ވެލި ޕަމްޕުކުރުމަށް ތިން ހަތަރު މަސްވަރު ނަގާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނެދަލެންޑްސްގެ ވެން އޫޑްއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ ހުސްވި މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގެ ތިން ރަށަކުން ބިން ހިއްކުމުގެ އިތުރުން މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެ ރައްތަކަކީ ރިސޯޓު ތަރައްގީކުރަން ހިއްކާ ރަށްތަކެކެވެ. 

  • ހިތަދޫއަށް 90 ހެކްޓަރުގެ ބިން ހިއްކައި 4700 މީޓަރުގެ ބޮޑުހިލަ ޖަހާނެ
  • މަރަދޫ/ މަރަދޫފޭދޫއަށް 76 ހެކްޓަރުގެ ބިން ހިއްކައި 3400 މީޓަރުގެ ބޮޑުހިލަ ޖަހާނެ
  • ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން 8.3 ހެކްޓަރުގެ ތިން ރަށް ހިއްކައި 4100 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖަހާނެ
  • ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ އެމްބާކްމަންޓަށް 3.3 ހެކްޓަރުގެ ބިން ހިއްކައި 1575 މީޓަރުގެ ބޮޑުހިލަ ޖަހާނެ