މިސްރުގެ ފުޓުބޯޅަ ތަރި މުހައްމަދު ސަލާހު ހުރީ ލިވަޕޫލްގައި މަޑުކުރާ ގޮތަށް ކަމަށް އެގައުމުގެ ކުޅިވަރާބެހޭ ވަޒީރު އަޝްރަފު ސޮބްހީ ވިދާޅުވެއްޖެއެވެ.

ސޮބްހީ އެހެން ވިދާޅުވެފައި ވަނީ ސަލާހުގެ ކުރިމަގާ މެދު މީޑިއާއަށްވެސް ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އުމުރުން 29 އަހަރުގެ ސަލާހު މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ގަސްދުކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެފައި ވަނީ އެއްބަސްވުން އާކުރަން ކްލަބާއި ސަލާހާ ދެމެދު ދެކެވުނު ވާހަކަތަކަށް ހުއްޓުމެއް އައިސްފައިވާތީއެވެ. ލިވަޕޫލާއި ސަލާހަށް އެއްބަސްވުމަކަށް ނާދެވި އޮތީ ސަލާހުގެ ޑިމާންޑުތަކަށް އިޖާބަދޭން ލިވަޕޫލުން ބޭނުންނުވާތީ ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. ލިވަޕޫލާ އެކު ސަލާހު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު ޖޫން މަހާ ހަމައަށެވެ.

"އަހަރެން ސަލާހަށް އިރުޝާދު ދިނީ އެހެން ކްލަބެއްގައި ކެރިއަރު ކުރިއަށް ގެންދަން. އެހެން ނަމަވެސް މިހާރު ސަލާހު ވިސްނުން ހުރީ އެއްބަސްވުން އާކޮށް ލިވަޕޫލާއެކު ކުރިއަށްދާން،" ސޮބްހީ ވިދާޅުވިއެވެ.

ސޮބްހީ، ސަލާހާ ވާހަކަ ދައްކާފައިވަނީ ޕެނަލްޓީ ޖަހައިގެން ސެނެގާލް އަތުން ބަލިވެގެން ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނު މެޗަށްފަހުއެވެ. ސޮބްހީ ވިދާޅުވީ އޭނާ ސަލާހު ގާތުގައި ބުނީ ގައުމީ ޓީމުގެ ބައްޔާ މެދު މާޔޫސް ނުވުމަށް ކަމަށާއި ދެން އޮތް ފުރުސަތުތަކަށް ވިސްނުމަށް ކަމަށެވެ.

އެ މެޗުގެ ހިތްދަތިކަމާ އެކު މިސްރުގެ ގައުމީ ޓީމުން ސަލާހު ރިޓަޔާކުރާނެ ކަމުގެ ވާހަކަތަކެއްވެސް މީޑިއާގައި ދެކެވުނެވެ. ނަމަވެސް އެކަމަށް އަދި ރަސްމީ ޖަވާބެއް ސަލާހުގެ ފަރާތުން ލިބިފައެއް ނުވެއެވެ.

ސަލާހުގެ ލިވަޕޫލް އެއްބަސްވުމާއި ގުޅިގެން ކޯޗު ޔާގަން ކްލޮޕް ބުނީ "ކުރިއެރުންތައް ފެންނަ،" ކަމަށާއި އެކަމަށް އުފާކުރާ ކަމަށެވެ. ނަމަވެސް ސަލާހުގެ އެޖެންޓް ރެމީ އައްބާސް އީސާ އަދިވެސް ހުރީ ލިވަޕޫލަށް ދޫ ދޭ ވިސްނުމެއްގައި ނޫން ކަމަށް ނޫސްތައް ބުނެއެވެ. ސަލާހު ބޭނުންވާ މުސާރައަކީ ހަފުތާއެއްގެ މައްޗަށް ހަތަރު ލައްކަ ޕައުންޑް ޖެހޭ މުސާރައެއް ކަމަށްވީ އިރު، އެއްބަސްވުމަށް ބޭނުން ވަނީ ހަތަރު އަހަރު ދުވަހަށް ކަމަށްވެސް އިތުބާރު ނޫސްތަކުން ބުނެފައިވެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ރޯމާއިން ލިވަޕޫލަށް ބަދަލުވެ ސަލާހު ވަނީ ކްލަބަށް 240 މެޗު ކުޅެ، 153 ގޯލު ޖަހައިދީފައެވެ. އޭނާ ވަނީ ލިވަޕޫލާއެކު 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު އަދި 2020 ވަނަ އަހަރުގެ ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައެވެ.