މާލޭގައި އޮތް ޒަމާންވީ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ތަޅާލައި، އެ ބިމުގައި އަޅަން ނިންމާފައިވާ އާ ސްޓޭޑިއަމްގެ ހިތްގައިމު ކުރެހުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާންމު ކުރައްވައިފިއެވެ.
މިނިސްޓަރު ހިއްސާކުރެއްވި ކުރެހުމުގައިވާ ގޮތުން ސްޓޭޑިއަމްގެ ޑިޒައިނުގައި ބޭރު ފުށުގައި އާކިޓެކްޗަރަލް ހިތްގައިމު ޑިޒައިނެއް ހިމެނިފައިވާ އިރު، ޑިޒައިނުގެ ކުލަތަކަކީ ގައުމީ ދިދައިގެ ކުލަތަކެވެ. އެއީ ފެއްސާއި ރަތާއި ހުދެވެ.
ގައުމީ ދަނޑުގެ ޖާގަ ބޮޑުކޮށް މަރާމާތު ކުރުމުގެ ވާހަކަ މީގެ ކުރިންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވާ އިރު، އެކަން ކުރަން ގަސްދު ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ލޯނު އެހީތެރިކަމެއްގެ ދަށުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ސްޓޭޑިއަމް ތަރައްގީކުރާނީ ގާތްގަނޑަކަށް 12،000 ސަޕޯޓަރުންގެ ޖާގައިގައެވެ. ސްޓޭޑިއަމްގެ މަސައްކަތް މިއަހަރު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ގައުމީ ސްޓޭޑިއަމް ވަރަށް ބޮޑަށް ބާވެފައިވުމާއެކު ސާފް ޗެމްޕިއަންޝިޕްގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ގައުމީ ދަނޑު އާކޮށް، އަލުން ހަދަން ޕްލޭނެއް އޮތް ކަމަށް ވިދާޅުވެފައެވެ. ގައުމީ ސްޓޭޑިއަމަކީ ކުރިން 12،000 މީހުންނަށް ވަދެވޭ ދަނޑެއް ނަމަވެސް ޒަމާނީ ގޮނޑިތައް ހަރުކުރުމާއެކު އެ އަދަދު 8000 އަށް ވަނީ ތިރިވެފައެވެ.
1980 ގެ އަހަރުތަކުގައި އިމާރާތް ކުރި ގައުމީ ދަނޑު އޭގެ ފަހުން ޒަމާނީކޮށް މަރާމާތު ކުރީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށެވެ. އޭރު 8000 މީހުންނަށް ވަދެވުނު ނަމަވެސް ސިޑިބަރީގެ ބައެއް ދިމަދިމާލުގައި ރެނދުލުމާ ގުޅިގެން ސަލާމަތީ ގޮތުން ބަލައި ދަނޑަށް މިހާރު ވަދެވެނީ 5000 މީހުންނަށެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ