އައްޑޫ ސިޓީގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަންހެނަކު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ބުނެ ނުރުހުންފާޅުކުރަމުންދާތީ އެ މައްސަލައިގެ ހަގީގަތަށް ވާސިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން މައްސަލަ ބަލައިދޭން އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފިއެވެ.
ރޮޒެއިނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަ އަހަރުގެ ކުއްޖާގެ މައްސަލައިގައި ފުލުހުން އަންހެނަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅުންހުރި ވާހަކަތައް އެކި ގޮތްގޮތަށް ދެކެވެމުންދާ ކަމަށެވެ.
"ހަ އަހަރުގެ ކުއްޖާގެ މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލައާ ގުޅުންހުރި އެކި ވާހަކަ އެކި ގޮތްގޮތްތަށް ދެކެވޭތީ، މިކަމުގެ ހަގީގަތް، ކަމާބެހޭ ފަރާތްތަކުން އޮޅުންފިލުވުމަށް އެޗްއާރް ކޮމިޓީގެ ބައްދަލުވުމެއް މާދަން ބާއްވައި ދިނުމަށް އަޅުގަނޑު އެދެފިން، އަދި މާދަން ބައްދަލުވުން ބާއްވައިދެއްވާނެ ކަމަށް ކޮމިޓީގެ ޗެއާ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަނީ ޔަގީންކަން ދެއްވާފައި. މިހާރުވެސް މިކަމާ ގުޅޭ މައުލޫމާތު ލިޔެކިޔުމުން ހޯދުމަށް ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުން އޮތީ ނިންމާފައި،" ރޮޒެއިނާ ވިދާޅުވިއެވެ.
އެ މައްސަލައިގެ ހަގީގަތް ހޯދަން ޖެހޭ ކަމަށާއި މިހާރު ވެސް ބައެއް މީހުން ސިޔާސީ މަންފާއަކަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ދޮގު ތުހުމަތުތަކެއް ކުރަމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް ސިޔާސީ ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ 59 އަހަރުގެ އަންހެނެކެވެ.
އެ އަންހެން މީހާގެ އާއިލާއިން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ އެ ދުވަހު ކުއްޖާ ފާހާނާއަށް ގެންދިޔައީ އެ މީހާ ކަމަށްވާތީ ކަމަށެވެ. އާއިލާއިން ބުނީ ކުއްޖާ ގޮވައިގެން ފާހާނާއަށް ދިޔައިރު ވެސް ކުއްޖާ އުޅުނީ ބަނޑުގައި ރިއްސާތީ ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށެވެ. އެ އަންހެން މީހާއަކީ އެރަށު ސްކޫލެއްގައި މަސައްކަތު މީހެއްގެ މަގާމު އަދާކުރާ މީހެކެވެ. އެ ކުއްޖާ ގޮވައިގެން އަންހެން މީހާ ގޮސްފައިވަނީ ސްކޫލު ފާހާނާއަށެވެ.
އެ މައްސަލައިގައި އަންހެން މީހާގެ އާއިލާއިން ކުއްޖާގެ ކާފައަށް ތުހުމަތުކުރިޔަސް ފުލުހުން ބުނެފައި ވަނީ އިތުރު އެހެން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް މިހާތަނަށް ހެކި ލިބިފައި ނުވާ ކަމަށެވެ. އެކަމަކު އެއީ ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އިތުރު މީހަކާ މެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކުޑަކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމުގެ ތުހުމަތު އަޅުވައި އޭނާގެ ގޭގެ ދޮރުމަތީގައި ގިނަ ބަޔަކު ވަނީ މިދިޔަ ހަފުތާގައި އިހުތިޖާޖުކޮށް އަޑުއުފުލައިފައެވެ. އެ އެއްވުން ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ކުރުމުން ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށްކަމަށް އެރަށު މީހުން ތުހުމަތުކުރާ ކާފައަކީ ފައްޔާޒުގެ ކެމްޕޭން މެނޭޖަރު ޝާފިއު ޖަމީލުގެ ބައްޕައެވެ. އެރަށު މީހުން ތުހުމަތުކުރާ ގޮތުގައި ޝާފިއު ވަނީ ނުފޫޒު ބޭނުން ކޮށްގެން އަންހެން މީހާ ފްރޭމްކޮށް އެ ފިރިހެން މީހާ އިންޑިއާގެ ކޮޗިން އަށް ފުރުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު