ޚަބަރު

އަންނަ އަހަރުގެ ޖުލައި މަހު އައްޑޫ ޕޯޓުގެ ތަސައްވުރުގައި ކުލަޖެހިގެންދާނެ: އެމްޕީއެލް

އަންނަ އަހަރުގެ ޖުލައި މަހު އައްޑޫ އިންޓަރނޭޝަނަލް ޕޯޓު ބޮޑުކުރުމުގެ މަރުހަލާގެ ފޭސް އެކެއްގެ މަސައްކަތް ނިމި ބޮޑެތި ބޯޓުފަހަރަށް މަގަތު ފާލަމަށް ކައިރިކޮށް މުދާ ބޭލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްއިން މިއަދު ބުނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އައްޑޫ އިންޓަނޭޝަނަލް ޕޯޓް ބޮޑުކުރުގެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ އީއައިއޭގެ މަސައްކަތް ކަމަށާއި އަދި އަންނަ އަހަރުގެ ޖުލައި މަހުގައި، ފޭސް އެކެއްގެ މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ފޭސް އެކެއްގެ މަސައްކަތުގެ ތެރޭގައި މަގަތު ފާލަން މިހާރު އޮތްތަނުން ބަދަލުކޮށް ބޮޑުކުރެވޭނެ ކަމަށާއި ޕޯޓް ސަރަހައްދު ހިއްކައި ބްރޭކްވޯޓާގެ މަސައްކަތްވެސް ނިމޭނެ ކަމަށެވެ.

އެމްޕީއެލް އިން ބުނީ ޕޯޓަށް ބޭނުންވާ އިކުއިޕްމަންޓްސް ގަންނަން ހަވާލުކޮށްފައިވާ ކަމަށާއި ސަޕްލައިން ޗެއިންއަށް އަށް މަސް ދުވަސް ނަގާތީ އެ ތަކެތި ލިބުމުގައި ލަސްކަމެއް އުޅޭ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އެތަކެތި ލިބޭނެ ކަމަށާއި ޕޯޓުގެ މަޝްރޫއާ ގުޅިގެން މުވައްޒަފުން ޓްރެއިން ކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ އެމްޓީސީސީން ޕޯޓް މަސައްކަތް ނިންމައި އެ ކުންފުންޏާ ހަވާލުކުރުމާ އެކު ޕޯޓް އޮޕަރޭޝަނަށް ގެނެވޭނެއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމްޓީސީސީގެ ބޭފުޅުން އެމަނިކުފާނާ ބައްދަލުކުރައްވައި ޕޯޓްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

"ހިތަދޫ ޕޯޓް މިހާރު ހެދިފައި އޮތް ގޮތުން އެ ޕޯޓްގެ ކީވޯލް އިންނަނީ ގަމު ކަނޑާއި ވިލިނގިލި ކަނޑާ ދިމާ މެދަށް ވެފައި އެތަނުގެ ބާނި އޮންނަ ގޮތުގެ ސަބަބުން އެތަނާ ކައިރިކޮށްފައި އޮންނަ ބޯޓުތައް ވަރަށް ބޮޑަށް ހަލާކުވާނެ. އެކަމުގެ ސަބަބުން ރައްކާތެރިކަމާއެކު މުދާ ބޭލުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވެ ގިނަ ޝިޕިން ލައިންތަކުން އެ ޕޯޓަށް އައުމަށް ފަސްޖެހޭ،" އެމްޕީއެލުން ބުންޏެވެ.

ނަމަވެސް އެ ޕޯޓްގެ މާސްޓާ ޕްލޭން ޑިޒައިންކޮށްފައި ވަނީ ކަމާ ގުޅުންހުރި މާހިރުންނާއެކު މަޝްވަރާކޮށްގެން ކަމަށާއި އެތަން ބޮޑުކުރުމުގެ މަޝްރޫއު ނިމޭއިރު އެ ޕޯޓްގެ އެތެރެއަށް ބޯޓްތަކަށް ވަދެވޭގޮތަށް ރައްކާތެރި ބަނދަރަކަށް އެ ބަނދަރު ވާނެ ކަމަށެވެ. އަދި ކުރިން ދިމާވި ހުރިހާ ކަމަކަށް ހައްލު ލިބި، ރައްޔިތުންނަށް ގިނަ މަންފާތަކެއް ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އައްޑޫ ސަރަހައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500,972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޕީއެލުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 211.771 މިލިއަން ރުފިޔާއަށެވެ. 2 އޭޕްރީލް 2021 ގައި ހަވާލުކުރެވުނު އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 525 ދުވަހުގެ ތެރޭގައެވެ.