ޚަބަރު

ވެކްސިން ސެންޓަރުތަކާއި ފްލޫ ކްލިނިކްތަކުން ހިދުމަތްދޭ ވަގުތަށް ބަދަލުތަކެއް

އަލީ ޔާމިން

ރޯދަ މަސް ފެށުމާއެކު ކޮވިޑް ވެކްސިން ޖަހައިދޭ ގަޑިތަކާއި ފްލޫ ކްލިނިކްތަކުގެ ހިދުމަތް ލިބޭ ގަޑިތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުތަކެއް ގެނެސްފިއެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދެނީ ދެ ހޮސްޕިޓަލަކުންނެވެ. އެއީ މާލޭގެ ހުޅަނގުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުންނެވެ.

އެޗްޕީއޭއިން ބުނީ، މިއަދުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭނީ 21:00 އިން 23:00 އަށް ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭނީ 21:00 އިން 22:00 އަށް ކަމަށެވެ.

އެ ދެ ހޮސްޕިޓަލުންވެސް ޖަހައިދޭނީ ފައިޒާ ވެކްސިނެވެ.

ރާއްޖޭގައި ވަނީ ފައިޒާގެ އިތުރުން ހަ ވައްތަރެއްގެ ކޮވިޑް ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑާއި ސައިނޯފާމާއި އެސްޓްރާޒެކާއާއި ސްޕްޓްނިކް ވީގެ އިތުރުން ޖަންސެން އާއި މޮޑާނާ ވެކްސިނެވެ.

އެޗްޕީއޭއިން ވަނީ މި ރޯދަ މަހު ފްލޫ ކްލިނިކްތައް ހުޅުވާފައި ހުންނަ ގަޑިތަކަށްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން ސެހެނިޔާގައި ހުންނަ ފްލޫ ކްލިނިކްގެ ހިދުމަތް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަކުން 22:00 އަށް ލިބޭނެއެވެ. އަދި ހުކުރު ދުވަސް ދުވަހު ފްލޫ ކްލިނިކް ހުޅުވާނީ 16:00 އިން 22:00 އަށެވެ.

ވިލިމާލެ ފްލޫ ކްނިލިކުގެ ހިދުމަތް ހެނދުނު 9:00 އަކުން 13:30 އަށް ލިބޭއިރު، ހުޅުމާލެ ހޮސްޕިޓަލުގައި ހުރި ފްލޫ ކްލިނިކް މި ރޯދަ މަހު ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން 21:00 އަށެވެ.

އެޗްޕީއޭއިން ބުނީ އެފްއޭއެމް ބިލްޑިންގައި ހުންނަ ޕޮޒިޓިވް ކްލިނިކްގެ ހިދުމަތް މި ރޯދަ މަހު، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކު ލިބޭނީ 13:00 އިން 15:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު އެ ކްލިނިކް ހުޅުވާނީ 14:00 އިން 16:00 އަށް ކަމަށްވެސް ބުންޏެވެ.

ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް މަދުވުމާއެކު ކޮވިޑް ކޮންޓްރޯލް ކުރުމަށް އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އުވާލައިފައެވެ. އަދި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިތައް ދީފައެވެ.