ޚަބަރު

ފޭކު ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މުދާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ފޭކު ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މުދާ ހޯދި މައްސަލައެއްގައި އެކަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.

މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހާފައިވަނީ ގ. ސިނަމާލެ، 1 31-50 (މިހާރު ދިރިއުޅޭ، ހުޅުމާލެ ލޮޓް ނަމްބަރު 10345) ޒައިދާން މުހައްމަދު ހާޝިމް 25އ އެވެ.

ހާޝިމްއަކީ މީގެ ކުރިން ވެސް މަކަރާއި ހީލަތް ހެދުމުގެ ކުށްތަކުގެ ރިކޯޑު އޮންނަ މީހެކެވެ. އޭނާ ބަންދުކުރުމަށް ފުލުހުން ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި އޭނާ ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ ރިސިޓްތަކާއި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތަކާއި އޮޅުވާލައިގެން މުދާ ހޯދުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ބޭންކް ސްލިޕްތަކާއި ކޯޓޭޝަނާއި އަދި އިންވޮއިސްތައް ވެސް ހިމެނެއެވެ.

ފުލުހުން ކޯޓުގައި ބުނީ، ހުޅުމާލޭގައި ހުންނަ ހާޑްވެއާ ފިހާރައެއް ކަމަށްވާ "ހޯމްވޯކް" އިން، ހާޝިމް ބޮޑެތި އަދަދުތަކުން ގަނެވިއްކުމުގެ މުއާމަލާތް ކޮށްފައިވާއިރު، އެ މުދަލުގެ އަގަށް ވަގުތުން ފައިސާ ދޭން ޖެހޭއިރު، އޭނާގެ ނަމުގައި އާއި އޭނާގެ ކުންފުނީގެ ނަމުގައިވާ އެއްވެސް އެކައުންޓެއްގައި އެ މިންވަރަށް ފައިސާ ނެތް ކަމަށެވެ.

އޭނާއާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހޯމްވޯކް ފިހާރަ އިން އޮޅުވާލައިގެން ނެގި ކަމަށް ބެލެވޭ ފްލައިވުޑް ފިލާތަކެއް ވިއްކާލި ކަމަށް ބެލެވޭ މުއާމަލާތްތަކުގެ ކޮޕީއެއް ހިމެނެއެވެ. ފިލާތައް ގަންނަން މުއާމަލާތްކޮށްފައި ވަނީ އަގު އަދާކުރެވޭ ގޮތެއް ނެތި ކަމަށާއި ފަހުން އަގު އަދާކުރުމަށް އެއްބަސްވުމެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ އެ މުއާމަލާތްތައް ކޮށްފައި ވަނީ ކުށްކުރުމުގެ ނިޔަތުގައި ކަމަށް ވެސް ފުލުހުން ހެކި ހުށަހަޅަމުން ބުންޏެވެ.

މީގެ އިތުރުން ހާޝިމް ކުރި އަމަލުގައި އަނިޔާވެރިކަން ހިމެނިފައިނުވިޔަސް، އޭނާ އަކީ އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން، ތަކުރާރުކޮށް މަކަރާއި ހީލަތް ހަދާ މީހެއް ކަމަށް ބެލެވޭތީ އޭނާ ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޗެސް ފުލުހުން ބުންޏެވެ.

ބަންދުގެ މުއްދަތުގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ދައުލަތް ތަމްސީލު ކުރައްވާ ވަކީލު ވިދާޅުވީ، ހާޝިމްއަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު މައްސަލައަކަށްވާއިރު، އިތުރު ފަރާތެއް އެފަދަ ކުށެއްގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދޭ ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ ބަދަލު ދޭންޖެހޭ އެއްވެސް ފަރާތަކަށް މިހާތަނަށް ބަދަލު ދީފައިވެސް ނުވާ ކަމަށް ވިދާޅުވިއެވެ.

ދިފާއުގައި ވާހަކަ ދައްކަވަމުން ހާޝިމް ބުނީ، އޭނާ ބަންދުނުކޮށް ދޫކޮށްލައިފި ނަމަ، އެއް މަސް ދުވަހުގެ ތެރޭގައި އޭނާ ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށެވެ. އެއީ މަދަނީ މުއާމަލާތުތަކެއް ހިމެނޭ މައްސަލައެއް ކަމުން، އޭނާ ބަންދު ކޮށްފިނަމަ، ފައިސާ ނުދެއްކި އިތުރަށް ލަސްވާނެ ކަމަށެވެ.

ހުރިހާ ފަރާތެއްގެ ވާހަކަ އަޑުއެއްސެވުމަށްފަހު ގާޒީ މުހައްމަދު މިސްބާހު ނިންމެވީ، ހާޝިމް ރިމާންޑު ޖަލެއްގެ ބަންދުގައި ބެހެއްޓުމަށެވެ. އެއީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ހުރިހާކަމެއް ފުރިހަމަވާތީއެވެ.