ހިޔާ ޓަވަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ލޯކަލް މާރުކޭޓުގެ ގޮޅިތައް، ގުރުއަތުން ހޮވުނު މީހުންނާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނީ ހިޔާ ސަރަހައްދުގައި ގާއިމުކުރާ ހިޔާ ލޯކަލް މާރުކޭޓް ގޮޅިތަކުގައި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މީހުންނާއެކު ގޮޅި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. އެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހިދުމަތްދޭން ފަށަންޖެހޭ އިރު، އެ މުއްދަތުގައި ހިދުމަތް ދޭން ނުފަށާ ނަމަ އެއްބަސްވުން ބާތިލުކުރާނެއެވެ.

ހިޔާ ސަރަހައްދުގައި މާރުކޭޓެއް ހަދަން އެޗްޑީސީން ހުޅުވާލީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

ހިޔާ މާރުކޭޓުގެ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާއެވެ. އަދި އެތަނަށް އެއް މަހުގެ އެޑްވާންސް ކުލީގެ ގޮތުގައި 2000 ރުފިޔާއާއި ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހެއެވެ. މި ފައިސާއަކީ ގޮޅި ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން ގޮޅި އަނބުރާ ހަވާލުކުރާ އިރު، ގޮޅިއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ނަމަ އަނބުރާ ދޭ ފައިސާއެކެވެ.

ނަމަވެސް ގޮޅި ދޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ގޮޅި ކުއްޔަށް ނެގުމުގެ ފުރުސަތު ދޫކޮށްލައިފި ނަމަ، އެ ފައިސާ އެޗްޑީސީއަށް ނެގޭނެއެވެ.