ކުރިއަށް އޮތް ގަތަރު ވޯލްޑް ކަޕް 2022ގައި ދުނިޔޭގެ ފުޓުބޯޅައިގައި ވާދަވެރި ދެ ގައުމު ކަމަށްވާ ސްޕެއިންއާއި ޖަރުމަނު އެއް ގުރޫޕެއްގައި ލައްވާލައިފިއެވެ.
ވޯލްޑް ކަޕް 2022ގެ ގުރުއަތު ނެގުނުން މިރޭ ބާއްވާފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާގެ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސެންޓަރުގައެވެ. ގުރުނެގުމުގެ ރަސްމިއްޔާތުގައި ދައުވަތު ދީގެން 2000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. ގުރުނެގުން ކުރިއަށް ގެންދިޔައީ ކުރީގެ ކޯޗުންނާއި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އަށް މީހުންގެ ޓީމަކުންނެވެ.
އެ ޓީމުގައި ކުރިން ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނުގެ ލޯތާ މެތައުސްއާއި ބްރެޒިލްގެ ޑިފެންޑަރު ކަފޫވެސް ހިމެނެއެވެ. އެ ދެކުޅުންތެރިންގެ އިތުރުން ދެން ގުރުނެގި ޓީމުގައި ހިމެނެނީ އޮސްޓްރޭލިއާގެ ލެޖެންޑް ޓިމް ކޭހިލްސްއާއި ޖޭޖޭ އޮކޯޗާ އަދި އަޑެލް އަހުމަދުމަﷲ، އޭޝިއާގެ ފުޓުބޯޅަ ލެޖެންޑް އަލީ ދާއީގެ އިތުރުން އެކިއެކި ގައުމު ތަކާއެކު ވޯލްޑް ކަޕަށް ދިޔަ ކޯޗު ބޯރާ މިލުޓިނޮވިޗް އަދި ރަބާހް މާޖާއެވެ.
ގުރު ނެގުމުގެ ރަސްމިއްޔާތުގެ ހޯސްޓް ކޮށްފައިވަނީ އިދްރީސް އަލްބާއާއި އެމެރިކާގެ ކުރީގެ ކުޅުންތެރިޔާ ކާލީ ލޮއިޑެވެ. ގުރުނެގުން ހޯސްޓް ކުރީ ކުރީގެ ކުޅުންތެރިޔާ ޖެމައިން ޖީނަސްއެވެ.
ޖަރުމަނާއި ސްޕެއިންގެ ކުރިމަތިލުން ގްރޫޕް އީގައި ވާދަވެރިކޮށް ފެންނާނެއެވެ. ޖަރުމަނުން މިހާތަނަށް ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާއިރު، އެ ގައުމުން ވޯލްޑް ކަޕް ކާމިޔާބުކުރީ 1954، 1974، 1990 އަދި 2014 ވަނަ އަހަރެވެ. ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި ޖަރުމަނާ އެކު ފާހަގަކުރެވޭ ސްޕެއިނުން މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވަނީ 2010 ވަނަ އެކަނި ނަމަވެސް، އެ ދެ ގައުމުގެ ފުޓުބޯޅަ ވާދަވެރިކަން ޔޫރޯ ފަދަ އިތުރު މުބާރާތްތަކުންވެސް ފެނިގެން ގޮސްފައިވެއެވެ.
ވޯލްޑް ކަޕަށް ކޮލިފައިވާ 32 ޓީމުގެ ތެރެއިން 29 ޓީމެއް މިހާރު ވަނީ ޔަގީންވެފައެވެ. މިހާތަނަށް ޔަގީން ނުވެ އޮތީ ޔޫރަޕްގެ ފައިނަލް ބުރުގެ ކޮލިފިކޭޝަންގައި ހިމެނޭ ވޭލްސްއާއި ސްކޮޓްލޭންޑް އަދި ޔޫކްރެއިން ވާދަކުރާ ބްރެކެޓްގެ ޓީމަކާއި އިންޓާ ކޮންޓިނެންޓަލް ޕްލޭ އޮފްއިން ކޮލިފައިވާ ދެޓީމެކެވެ. ޔޫރަޕްގެ ކޮލިފިކޭޝަން ނުނިމި އޮތީ ޔޫކްރެއިންގެ ހާލަތު ގޯސްވުމުންނެވެ. އިންޓާ ކޮންޓިނެންޓަލް ޕްލޭ އޮފް މެޗުތައް ތާވަލުކޮށްފައިވަނީ ޖޫން މަހަށެވެ.
- ގްރޫޕް އޭ
ގަތަރު (ހޯސްޓް)
އިކުއޭޑޯ
ސެނެގާލް
ނެދަލޭންޑްސް
- ގްރޫޕް ބީ
އިންގްލެންޑް
އިރާން
އެމެރިކާ
(ވޭލްސް/ ސްކޮޓްލޭންޑް/ ޔޫކްރެއިން)
- ގްރޫޕް ސީ
އާޖެންޓީނާ
ސައުދީ އަރަބިއްޔާ
މެކްސިކޯ
ޕޮލެންޑް
- ގްރޫޕް ޑީ
ފްރާންސް
(ކޮސްޓަރީކާ/ ނިއު ޒީލެންޑް)
ޑެންމާކު
ޓިއުނޭޝިއާ
- ގްރޫޕް އީ
ސްޕެއިން
(ޔޫއޭއީ/ އޮސްޓްރޭލިއާ/ ޕެރޫ)
ޖަރުމަން
ޖަޕާން
- ގްރޫޕް އެފް
ބެލްޖިއަމް
ކެނެޑާ
މޮރޮކޯ
ކްރޮއޭޝިއާ
- ގްރޫޕް ޖީ
ބްރެޒިލް
ސާބިއާ
ސުއިޒަލޭންޑް
ކެމަރޫން
- ގްރޫޕް އެޗް
ޕޯޗުގަލް
ގާނާ
އުރުގުއޭ
ދެކުނު ކޮރެއާ
މިރޭގެ ރަސްމިއްޔާތުގައި ގަތަރު ވޯލްޑް ކަޕް 2022ގެ ރަސްމީ މެސްކޮޓްވެސް ވަނީ ދައްކާލައިފައެވެ. މިފަހަރު މެސްކޮޓް އަރަބިންގެ ބޮލުގައި އަޅާ ސްކާފަށް ހާއްސަކޮށްފައިވާއިރު، މެސްކޮޓްގެ ނަމަކީ ލައީބެވެ. މީގެ ދެ ދުވަސްކުރިން ފީފާ ވޯލްޑް ކަޕް 2022ގެ ރަސްމީ ބޯޅަވެސް ދައްކާލާފައިވެއެވެ. އެ ބޯޅައަށް ދީފައިވާ ނަމަކީ "އަލް ރިހްލާ" އެވެ.
ވޯލްޑް ކަޕަށް ފުރަތަމަ ރިލީސްކުރި ލަވަވެސް މިރޭ ރިލީސް ކޮށްފައިވާ އިރު، އެ ލަވައިގެ ނަމަކީ "ހަޔާ ހަޔާ" އެވެ. ލަވައިން އަރަބި ސަގާފަތް ދައްކުވައިދެއެވެ. އޭގެ އިތުރުން އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މައްޗަށް ލަވައިގެ ޅެން ވަރަށް ބޮޑަށް އަލިއަޅުވާލައިފައިވެއެވެ.
މިރޭގެ ހަފުލާގައި ވާހަކަދައްކަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އަރަބިންގެ އަރަބިވަންތަކަން ގަތަރު ވޯލްޑް ކަޕުން ފެނިގެންދާނެ ކަމަށާއި ގަތަރު ވޯލްޑް ކަޕަކީ އެކުވެރިކަމާއި ސުލްހަމަސަލަސް ކަމަށް ބާރުދޭ ވޯލްޑް ކަޕަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެގޮތުން ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލައި މަޝްވަރާއަށް ދާންވެސް އިންފަންޓީނޯ ގޮވާލެއްވިއެވެ.
ގުރުއަތުނެގުމުގެ ހަފުލާގައި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ސާނީ ވިދާޅުވީ ކޮވިޑް-19ގެ ދަތި ހާލަތަށްފަހު ވޯލްޑް ކަޕް ވެގެންދާނީ މުޅި ދުނިޔެ އެކުވެރިކުރާނެ އިވެންޓަކަށް ކަމަށެވެ.
މިފަހަރު ވޯލްޑް ކަޕް ގަތަރުގައި ކުރިއަށްދާނީ ނޮވެމްބަރު މަހު 21 އިން ޑިސެންބަރު 18 އަށެވެ. ފިނި މޫސުމުގައި މިފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފީފާއިން ނިންމީ ހޫނު މޫސުމުގައި ގަތަރުގެ ހޫނު ގަދަކަމުންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022