މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަޝިޕްގައި ތިިއްބެވީ ގައުމަށްޓަކައި ގުރުބާންވި ބޭފުޅުން ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި އެމްއެންޕީގެ އޮފީހެއް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްހަރު ބަދަލުކުރުމުގައި އިސް ދައުރެއް އަދާކުރެވޭނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ވަރަށް ޅަފަތުގައި އޮތް ޕާޓީއެއް ނަމަވެސް ޕާޓީގެ ވެރިންގެ ފެންވަރު އެބަހުރި ކަމަށެވެ.

"ރާއްޖެއަށް ދިމާވި ބޮޑެތި ކަންކަމުގައި އުޅެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯދި އަދި ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއްވި ބޭފުޅުން ތިބި ޕާޓީއެއް،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީ ވުޖޫދުކުރީ ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ކަމަށާއި އެކަން އެމްއެންޕީން ކުރާނެ ކަމަށެވެ. އަދި ޒުވާނުން ގުނބޯ ހެއްދުން އެމްއެންޕީން ނިމުމަކަށް ގެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ސަރުކާރުތަކުން ކުރާ ކަމަކީ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި ކުރުން ކަމަށާއި ނަމަވެސް އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުންނަކީ ފުދުންތެރި ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭ ބަޔަކަށް ހަދާނެ ކަމަށެވެ.