ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ބަލިކޮށް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޗެމްޕިއަންކަން ތ. ތިމަރަފުށިން ހޯދައިފިއެވެ.

ހުޅުމާލޭގެ ޓާފް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ތިމަރަފުށިން ޕެނަލްޓީ ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ފައިނަލަކީ ގާފަރުން މުބާރާތުގައި ކުޅުނު ދެވަނަ ފައިނަލެވެ. މީގެ ކުރިން 2015 ވަނަ އަހަރު ގާފަރުން ފައިނަލްގައި ކުޅެ ބަލިވީ ބ. ހިތާދޫ އަތުންނެވެ. އަނެއްކޮޅުން ތިމަރަފުށި މިރޭ ނުކުތީ ތަށި ދިފާއުކޮށް، ތާރީހު ލިޔެލުމަށެވެ. އަދި މުބާރާތް ތިންވަނަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ޓީމަށް ވުމަށެވެ. އެކަން ތިމަރަފުށިން ކާމިޔާބުވެސް ކޮށްފިއެވެ. އެޓީމަކީ މިހާރު ގޯލްޑަން ފުޓްސަލް ތަށި އެންމެ ގިނައިން ހޯދައި، ތަށި ދިފާއުކުރުމުގެ ޝަރަފު ހޯދި ހަމައެކަނި ޓީމެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ދާދި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔަ އިރު، ހަމަލާތައް ފެނުނީ ގިނަކޮށެވެ. ގާފަރުގެ އަލީ މާއިސް (މައްޓު) އާއި ސާމިން މުހައްމަދު ނަސީރުގެ ހަމަލާތައް ފެނިގެން ދިޔަ އިރު، އަނެއްކޮޅުން އަލީ ޝިފާއު (ރޮނާ) އާއި އިބްރާހީމް އަސްވަދު (ގަބޭ) އަދި އާދަމް ނާސިހު (އާދަންނާ)ގެ ހަމަލާތައް މަތަކުރީ ފައްޔާޒު ފަޔާޒު (ފައިއްޓި) އެވެ.

މެޗުގެ ހަތަރު ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ދެ ގޯލު ޖެހީ ތިމަރަފުށިންނެވެ. ފުރަތަމަ ގޯލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ގަބޭ ޖެހި އިރު، ގަބޭގެ ހިތްގައިމު ކުޅުމަކުން ތަނަވަސްކުރި ފުރުސަތެއްގެ ތެރެއިން ތިމަރަފުއްޓަށް ލީޑު ފުޅާކޮށްދިނީ އާދަންނާއެވެ.

އެ ދެ ގޯލާއެކު ހަމަޖެހިލި ނަމަވެސް ގާފަރުން ދުލެއް ނުދިނެވެ. ހިތްވަރާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ގާފަރުގެ ފުރަތަމަ ގޯލު އަޒްޔާން އިބްރާހީމް ޖަހައިދިން އިރު، އެޓީމަށް ތަފާތު ދައްކައި ނަތީޖާ ހަމަހަމަކޮށްދިނީ މައްޓުގެ ހިތްގައިމު ގޯލަކުންނެވެ. މެޗު ފޯރިގަދަވެ ސަޕޯޓަރުން ގުގުމާލިއެވެ.

މެޗު އެއްވަރުވެ ޕެނަލްޓީއަށް ގޮސް، ތިމަރަފުއްޓަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އާދަންނާއާއި، ސިނާއާއި، އަބްދުﷲ ހަމްދާން (ހަމްދޭ) އެވެ. ގާފަރަށް ކާމިޔާބުކުރެވުނީ މައްޓުއާއި ސާމިން ޖެހި ޖެހި ޕެނަލްޓީތަކެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.