ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗުގައި ތ. ތިމަރަފުއްޓާއި ކ. ގާފަރު ބައްދުލުކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ފެށީ 91 ޓީމާއެކު. މުބާރާތުގެ ފައިނަލާ ހަމައަށް ދެޓީމު ދަތުރުކުރީ އަތޮޅު ބުރަކާއި، ޒޯން ބުރެއްގެ އިތުރުން، ގަދަ 16 ގެ މެޗުތައް، ކުއާޓާ ފައިނަލްގެ މެޗުތަކުގެ އިތުރުން ސެމީ ފައިނަލްގެ މެޗުތައްވެސް ކުޅެފައި. ފައިނަލް މެޗަކީ މުބާރާތުގައި ކުޅޭ 177 ވަނަ މެޗު.

އަތޮޅު ޗެމްޕިއަންކަން ތިމަރަފުށިން ނެގީ ފަސޭހަކަމާ އެކުގައި. އެ ދިޔަ ސްޕީޑުގައި ގޮސް ޒޯން ޗެމްޕިއަންކަންވެސް ތިމަރަފުށިން ނަގާފައިވާ އިރު، ނޮކްއައުޓް ބުރުގައި ފެނުނީ އަދި މާ ވަރުގަދަކޮށް. ގަދަ 16 ގައި އއ. މަތިވެރި ބަލިކުރީ ފަހަތުން އަރައި 6-2 ގެ ނަތީޖާއަކުން. އެ މެޗުގައި މަތިވެރިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި ނަމަވެސް ފަހު ހާފުގައި ތިމަރަފުށިން ވަނީ ހަ ގޯލު ޖަހައިފައި. ކުއާޓާ ފައިނަލުގައި ވަރުގަދަ ފޯމެއްގައި އޮތް ރ. ދުވާފަރު ކައިރީ ތިމަރަފުށި މޮޅުވީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން. ސެމީ ފައިނަލަށް ނުކުމެ ދ. އަތޮޅު ޗެމްޕިއަން ކުޑަހުވަދޫ ބަލިކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން. ތިމަރަފުއްޓަކީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން. އަދި އެއީ މިހާތަނަށް މުބާރާތް ދެފަހަރު ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމު.

  • ތިމަރަފުށީގެ ސްކޮޑު
  • މުހައްމަދު އައިމަން (1)
  • އިބްރާހީމް ސިނާހް، ސިނާ (4)
  • ސައިފާން އަހުމަދު މަނިކު (5)
  • އިސްމާއީލް ސިޔާދު (6)
  • އަލީ ޝިފާއު، ރޮނާ (7)
  • އިބްރާހީމް އަސްވަދު، ގަބޭ (8)
  • އިސްމާއީލް މުނީޒް (9)
  • އިބްރާހީމް ހަމްދާން، ހަމްދެ (10)
  • އަބްދުﷲ ޒިޔާން، ޖަންކީ (11)
  • މުޖުތާޒު މުހައްމަދު، މުޖޭ (13)
  • ހުސައިން އަލީ (15)
  • އާދަމް ނާސިހް، އާދަންނާ (17)
  • މުހައްމަދު ޝަރުހާން (25)
  • މުހައްމަދު ޒަޔާން މުލާޒް (88)

ގާފަރަކީ ކ. އަތޮޅުގެ ޗެމްޕިއަން ކަމާއި ޒޯން ޗެމްޕިއަންކަންވެސް ނެގި ޓީމު. ގަދަ 16 ފެނުނީ ނަތީޖާ ނެރުމަށް މުހިއްމު ކުޅުމެއް ކުޅުނު ތަން. ގަދަ 16 ގައި ގާފަރުން ކޮނޑޭ ބަލިކުރީ 2-1 އިން. ކުއާޓާ ފައިނަލް މެޗުގައި ގާފަރުން ވަރުގަދަ މާފަންނު ކޮޅަށް ހަތަރު ގޯލު ޖަހައި، މެޗު 4-0 އިން ވަނީ ކާމިޔާބުކޮށްފައި. އެ ދެމެޗުގެވެސް ތަރިއަކީ މައްޓު. ސެމީ ފައިނަލުގައި ގާފަރުން މާލެގަން ކަޓުވައިލީ ޕެނަލްޓީ ޖަހައިގެން. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ އޮތީ 3-3 އިން އެއްވަރުވެފައި. ޕެނަލްޓީން ގާފަރު މޮޅުވީ 7-6 ގެ ނަތީޖާއަކުން. ޕެނަލްޓީ ޝޫޓްއައުޓްގެ ހީރޯއަކީ ގޯލްކީޕަރު ފައިއްޓެ.

ދެހާސް ފަނަރަ ވަނަ އަހަރުވެސް ގާފަރުން ގޯލްޑަން ފުޓްސަލްގެ ފައިނަލަށް ދަތުރުކުރި ނަމަވެސް އެފަހަރު ބ. ހިތާދޫ އަތުން ބަލިވެ ލިބުނީ މާޔޫސްކަން. މިފަހަރުގެ ޓީމުން އޮތީ އެ ހިތި ފިލުވަން ނުކުމެ އެ އަޒުމުގައި. ޓީމު ފައިނަލަށް ދިޔުމުގައި ސަޕޯޓަރުންގެ ޖޯޝު ފެނުނު.

  • ގާފަރު ސްކޮޑު
  • ފައްޔާޒު ފަޔާޒް، ފައިއްޓެ (2)
  • ސާމިން މުހައްމަދު ނަސީރު (4)
  • އިބްރާހީމް ރިމާހް (7)
  • އަލީ މާއިސް، މައްޓު (10)
  • އައްޒާމް ނިޔާޒް (11)
  • ގައިސާން އަބޫބަކުރު މާހިރު (12)
  • އަޒްޔާން އިބްރާހީމް (17)
  • ނިފާލް ނަސީރް (19)
  • މުހައްމަދު ސަމްއާން (22)
  • ޝާފީ އުމަރު (23)
  • ސަނީމް ޝަމާއިލް (32)
  • ނާއިހް މުފީދު (51)