ޚަބަރު

ޖުޑީޝަލް އެކެޑަމީގެ ޗާންސެލާކަމުން މާޖިދު ވަކިކުރި މައްސަލައިގައި، ޓްރައިބިއުނަލުގެ ނިންމުން ސުޕްރީމް ކޯޓަށް

އިބްރާހިމް ޒަކީ

ޖުޑީޝަލް އެކެޑަމީގެ ކުރީގެ ޗާންސެލަރު އަލް އުސްތާޛް އަހުމަދު މާޖިދު، މަގާމުން ވަކި ކުރި މައްސަލަ ބެލުމުގެ އިހުތިސާސް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ، 2019 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެން، ދިމާވި މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އަކީ ސުޕްރީމް ކޯޓުގެ 31 އޮކްޓޫމަރު 2015ގެ ސާކިއުލާއިން ގާއިމު ކުރި ތަނެކެވެ. އެ ސާކިއުލާގައިވާގޮތުން، ޖުޑީޝަލް އެކަޑަމީގެ ތަންފީޒީ އެންމެ އިސް ފަރާތަކީ އެތަނުގެ ޗާންސެލަރެވެ. އެގޮތުގެ މަތީން ޗާންސެލަރުގެ ޒިންމާ އަދާކުރާ ފަރާތެއްގެ ގޮތުގައި، އަހުމަދު މާޖިދު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދެމެދު "މަސްއޫލިއްޔަތު" އަދާކުރުމަށް ފަހެއް އޯގަސްޓް 2018 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެހެންކަމުން އެ ތާރީހުން ފެށިގެން މާޖިދު ހުރީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފެއްދި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރުގެ މަގާމުގައެވެ.

އޭރު އެކަން އެގޮތަށް އޮތް ނަމަވެސް، ޖޭއެސްސީގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދިއެވެ. އަދި އެޑިޕާޓްމަންޓްގެ އިދާރީ އެންމެ އިސްފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގައި އެގާނޫނުން ކަނޑައެޅިއެވެ.

ތިނެއްް ސެޕްޓެމްބަރު 2019 އިން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފެށުމާއެކު، ސުޕްރީމް ކޯޓުގެ ސާކިއުލާގެ ދަށުން ގާއިމުކޮށް ހިންގަމުން ގެންދިޔަ ޖުޑީޝަލް އެކަޑަމީ އުވި، އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި، އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަން ބަދަލުވިއެވެ. އަދި ޖުޑީޝަލް އެކަޑަމީގެ އެންމެ އިސްފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގައި ގާނޫނުން ކަނޑައެޅި، މާޖިދު އަދާކުރަމުންދިޔަ ޗާންސެލަރު ކަމުގެ މަގާމުން އޭނާ ވަކި ވެގެން ދިޔައެވެ.

އެމައްސަލައާ ގުޅިގެން، ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު ކަމުގެ ވަޒީފާއިން މާޖިދު ވަކި ކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއްނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ބޭއިންސާފުން ކަމަށް ބުނެ ދޭއް ނޮވެމްބަރު 2020 ގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

ސިވިލްކޯޓުން ބުނެފައި ވަނީ، މާޖިދުގެ ފަރާތުން ހުށަހެޅި ދައުވާއަކީ އޭނާ ވަޒީފާއިން ވަކިކުރިގޮތުގެ މައްޗަށް ހިލާފު އުފައްދައި، ވަޒީފާގެ އެއްބަސްވުމެއްގެ މައްޗަށް ބިނާވާ މުސާރަ އާއި އިނާޔަތްތަކާއި އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއަކަށް ވާތީ، އެފަދަ ދައުވާގެ މައްސަލަތައް ގިންތި ކުރެވެނީ ވަޒީފާގެ މައްސަލަތަކުގެ ގޮތުގައިކަމަށެވެ.

ވަޒީފާގެ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް އެމައްސަލައެއް ބެލުމުގެ އިހުތިސާސް ލިބިގެންވަނީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އެހެން ގާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި، ފަރާތްތަކުގެ ވަޒީފާގެ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެހެން ގާނޫނަކުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި، ވަޒީފާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިދެވެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަން އެނގެން އޮންނާތީ، މާޖިދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ސިވިލްކޯޓުގެ އެ ނިންމުމާ ގުޅިގެން މާޖިދުގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު، ޓްރައިބިއުނަލުން ބުނެފައި ވަނީ، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމާބެހޭ މައްސަލަތައް، ހުށަހަޅަން ޖެހޭނީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން މާޖިދު ޗާންސެލާ ކަމުގެ މަގާމުން ވަކިކުރިއިރު، ހިންގުމުގެ އިސްމަގާމުތަކުގައި ތިބޭ މީހުން ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިހުތިސާސް ލިބިގެންނުވާ މައްސަލައެއްކަމުގައި ކަނޑައަޅާކަމަށެވެ.

މާޖިދު އެ މައްސަލަ ހައިކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލައިގައި ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދު ކޮށްފައެވެ.