ޚަބަރު

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސްޓޭޓް މިނިސްޓަރު ސޯލިހުގެ މައްޗަށް ސާބިތެއްނުވި

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ މައްސަލައެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް ކުރި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތެއްނުވިއެވެ.

ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައި ވަނިކޮށް އެ މައުލޫމާތު އެނގި ހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ދެ ފަރާތަކަށް ސިޓީ ފޮނުވައި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރުމަށް ހުއްދަ ދިން ކަމަށްބުނާ މައްސަލައެއްގައެވެ.

މި މައްސަލަ ބެއްލެވުމަށްފަހު، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް މިއަދު ކުރެއްވި ހުކުމްގައި ވަނީ، ސޯލިހުގެ މައްޗަށް، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ ސަބް ލީސް ބަދަލު ކުރުމަށް ހުއްދަ ދިނުމަށް ސޯލިހު ފޮނުއްވި ކަމަށްބުނާ ސިޓީތަކުގައި ހެޑްލީސް ބަދަލުކުރުމަށް ނުވަތަ ހިއްސާ ބަދަލުކުރުމަށް، ނުވަތަ ހެޑްލީސް ރައިޓްސް ބަދަލުކުރުމުގެ ހުއްދަ ދީފައި ނުވާކަން ފާހަގަވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން އެދިފައި ވަނީ ވެސް އެފަދަ ކަމަކަށް ނޫންކަން އެނގެން އޮންނަ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

އެ މައްސަލަ ސޯލިހުގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން 22 ކިތާބީ ހެއްކާއި ދެ ޝަފަހީ ހެކި ހުށަހެޅިއެވެ. އެއާއެކު، ސޯލިހަކީ 2018 ވަނަ އަހަރުން ފެށިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށާއި، މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ މަސައްކަތްތައް ބަލަހައްޓަވަނީ ސޯލިހު ކަމަށް ދައުލަތުން ފާހަގަ ކުރިއެވެ.