ކުރެންދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށާއި އެ ދާއިރާއަށް ޕީޕީއެމުން ކެނޑިޑޭޓަކު ނެރޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރެންދޫ ކައުންސިލުން ހުސްވި ގޮނޑި ޕީޕީއެމަށް ކާމިޔާބުވުމުގެ އުފަލުގައި އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ, ކައުންސިލުގެ ބައި އިލެކްޝަންގެ ސަބަބުން އެރަށުގެ ރައްޔިތުން އެކަތިގަނޑަކަށްވެފައިވާ ކަމަށެވެ. އަދި އެ ބަދަހިކަމާއެކު ކުރެންދޫ ދާއިރާގެ ގޮނޑިވެސް ޕީޕީއެމުން ކާމިޔާބުކުރާނެ ކަމަށް ވިދާޅުވިއެވެ.

"މިދާއިރާގެ ގޮނޑި އޮތީ ހުސްވެފަ. މިދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ މެމްބަރަކު، ޕީޕީއެމްގެ ކެންޑިޑޭޓަކު ރައްޔިތުންގެ މަޖިލީހުގައި ހޮވިގެން ޕީޕީއެމްގަ ކުރެންދޫ ދާއިރާގައި ރައްޔިތުން މަޖިލީހުގެ މެންބަރަކީ ޕީޕީއެމްގެ މެންބަރަކަށް ވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ޔާމީން ވިދާޅުވިއެވެ.

ކުރެންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ޔާމީން ވިދާޅުވި ސަބަބެއް ނޭނގެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ ފާހަގަކުރައްވަނީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި މިހާރު ހުންނެވި އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ސާބިތު ދަރަނީގެ ހުކުމް ހައިކޯޓުން ދެމެހެއްޓުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުވާލު އުފެދިފައިވާތީއެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން, ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަނި ނުދެއްކުމަކީ މެމްބަރުކަން ގެއްލޭނެ ޝަރުތެކެވެ. ނަމަވެސް އެ ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތުމުން, ގޮނޑި ގެއްލިއްޖެ ކަމަކަށް ކަނޑައެއް ނޭޅޭނެއެވެ.