ދިގު އިންތިޒާރަކަށް ނިމުން އަންނަނީއެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗަށް ވަގުތު ކުޑަތަން ވެއްޖެއެވެ. 176 މެޗު ކުޅެ، ފައިނަލް މެޗާ ހަމައަށް އަތުވެއްޖެއެވެ. 91 ޓީމުން ގަދަ ދެޓީމު ޔަގީން ވެއްޖެއެވެ. އިތުރު ވާހަކަތަކެއް ދައްކާނެ ކަމެއް ނެތެވެ. އެ ދެޓީމަކީ ތ. ތިމަރަފުއްޓާއި، ކ. ގާފަރެވެ. މިރޭގެ ފައިނަލް މެޗުން ޔަގީންވާނީ ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަނުންނެވެ. ދެޓީމަށް އޮތް ހަމަހަމަ ފުރުސަތަށް ބަލައިލުން މުހިއްމެވެ.
މުބާރާތުގައި މިހާތަނަށް ބަލިނުވެ ތިމަރަފުށި އައީ ގިނަ ގޯލްތަކެއް ޖަހަމުންނެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށްވެސް މޮޅަށް ކުޅެ ތަފާތު ދައްކަމުންނެވެ. އެޓީމުގެ އޮތް އެންމެ ވަރުގަދަ އަޒުމަކީ ތަށީގެ ހެޓްރިކެއް ހެދުމެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދި ތިމަރަފުށްޓަކީ އެންމެފަހުގެ ޗެމްޕިއަނުންވެސް މެއެވެ. މިހާތަނަށް މުބާރާތް ދެފަހަރު ހޯދި ހަމައެކަނި ޓީމަކީވެސް ތިމަރަފުށްޓެވެ. މިރޭ އެޓީމަށް އޮތީ މުބާރާތުގެ ޝަރަފުވެރި ތަށި ދިފާއުކުރާނެ ހަމައެކަނި ޓީމަށް ވުމުގެ ފުރުސަތެވެ. ޓީމުން މިހާތަނަށް ދެއްކި ކުޅުމާއި، ޓީމުގެ ތަރިން ތިބި ފޯމަށް ބަލައި، އެކަން ކުރުމަށް ޓީމަށް އިތުބާރު ބޮޑެވެ.
މިހާތަނަށް މުބާރާތުގައި ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) އެޓީމަށް 13 ގޯލު ޖަހައިދީފައިވާ އިރު، އެއީ މިވަގުތަށް މުބާރާތުގެ ޓޮޕް ސްކޯރާއެވެ. ޓީމުގެ ހަމަ ކޮންމެ ކުޅުންތެރިއެއްވެސް ލިބޭ ކޮންމެ ވަގުތެއްގައި ތަފާތު ދައްކަމުންދާ ތިމަރަފުށީގެ ޓީމުގައި ވަކި ކުޅުންތެރިޔަކު ނަގަންވެސް އުނދަގުލެވެ. އިބްރާހީމް އަސްވަދު (ގަބޭ) އާއި އިބްރާހީމް ސިނާހް (ސިނާ) އަދި އާދަމް ނާސިހާއި ގޯލްކީޕަރު މުހައްމަދު ޝަރުހާން، އިސްމާއީލް މުނީޒް ފަދަ ކޮންމެ ކުޅުންތެރިޔަކުވެސް ދައްކަމުން އަންނަނީ ތަފާތެވެ. ސަޕޯޓަރުންނާއެކު ޓީމު ފައްކާވެފައި އޮތީ ތިންވަނަ ތަށްޓަކަށެވެ.
- ނަތީޖާތަކަށް ނަޒަރެއް
އަތޮޅު ޗެމްޕިއަންކަން ތިމަރަފުށިން ނެގީ ފަސޭހަކަމާ އެކުގައެވެ. އެ ދިޔަ ސްޕީޑުގައި ގޮސް ޒޯން ޗެމްޕިއަންކަންވެސް ތިމަރަފުށިން ނަގާފައިވާ އިރު، ނޮކްއައުޓް ބުރުގައި ފެނުނީ އަދި މާ ވަރުގަދަ ކޮށެވެ. ގަދަ 16 ގައި އއ. މަތިވެރި ބަލިކުރީ ފަހަތުން އަރައި 6-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މަތިވެރިން ފުރަތަމަ ހާފްގައި ދެ ގޯލު ޖެހި ނަމަވެސް ފަހު ހާފުގައި ތިމަރަފުށިން ވަނީ ހަ ގޯލު ޖަހައިފައެވެ. ކުއާޓާ ފައިނަލްގައި ވަރުގަދަ ފޯމެއްގައި އޮތް ރ. ދުވާފަރު ކައިރީ ތިމަރަފުށި މޮޅުވީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ސެމީ ފައިނަލަށް ނުކުމެ ދ. އަތޮޅު ޗެމްޕިއަން ކުޑަހުވަދޫ ބަލިކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ނަތީޖާތަކަށް ބަލާއިރުވެސް ތިމަރަފުށްޓަށް އޮތީ އިތުބާރެވެ.
- ކޯޗު އަލީ ފަހުމީގެ ބަސް
"މި ތަށި އަބަދުވެސް ވަރަށް ސްޕެޝަލް. އަޅުގަނޑުގެ ކައްޕި ކަމުގައި ރަށަށް ތަށި ނެގިއްޖެ. ކޯޗު ކަމުގައިވެސް އެއްފަރު ނެގިއްޖެ. އެހެންވީމަ މި ލިބެނީ ތިންވަނަ ފަހަރަށް ތަށި ހޯދައިދިނުމުގެ ފުރުސަތު. އެހެންވީމަ ފައިނަލް މެޗު ހާއްސަ ވާނެ. އެކަމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. ތަށި ދިފާއުކުރަން ކުރެވެން އޮތް ހުރިހާ ކަމެއްވެސް ކުރާނަން،"
"ކާމިޔާބީތަކާއެކު މިހިސާބަށް އާދެވުނީމަ އަލްހަމްދުލިﷲ ޝުކުރު. މިއީ އުންމީދު ކުރި ނަތީޖާއެއް. މުބާރާތަށް ތައްޔާރުވީ ހަމަ ހުރިހާ ސްޓްރެންތެއް، ހުރިހާ އެފޮޓެއް ލައިގެން. މިކަމަށް ފުރުސަތު ފަހިކޮށްދޭ ޓީމެއް ފަހަތުގަ އެބަތިބި، އެއްބާރުލުންދޭ ޓީމެއް. އެންމެ ބޮޑު ހިތްވަރަކީވެސް، ކާމިޔާބީއަކީވެސް އެހެން ފަރާތްތަކުން މިކަމަށް ދޭ ހިތްވަރު. ހިސާބަށް ކާމިޔާބީއަށް އޮތް ހިތްވަރަކީވެސް އެއީ،"
ދެހާސް ފަނަރަ ވަނަ އަހަރުވެސް ގާފަރުން ގޯލްޑަން ފުޓްސަލްގެ ފައިނަލަށް ދަތުރުކުރި ނަމަވެސް އެފަހަރު ބ. ހިތާދޫ އަތުން ބަލިވެ ލިބުނީ މާޔޫސް ކަމެވެ. މިފަހަރުގެ ޓީމުން އޮތީ އެ ހިތި ފިލުވަން ނުކުމެ އެ އަޒުމުގައެވެ. ޓީމު ފައިނަލަށް ދިޔުމުގައި ސަޕޯޓަރުންގެ ޖޯޝު ފެނުނެވެ. ކުޅުންތެރިން ބުރަ މަސައްކަތް ފެނުނެވެ. ގޯލްކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ)ގެ އިތުރުން އަލީ މާއިސް (މައްޓު) އާއި ގައިޝާން އަބޫބަކުރު މާހިރާއި ނާއިހު މުފީދު، އަދި ސަނީމް ޝަމާއިލް ފަދަ ކުޅުންތެރިން ރަށަށްޓަކައި ނެރުނު ހިތްވަރު ފެނުނެވެ.
ގާފަރަށް އޮތް އެންމެ މުހިއްމު ފައިދާއަކީ ސަޕޯޓަރުންގެ ރޫހެވެ. މުޅި ގާފަރު އެދެމުން އަންނަ އެދުމެވެ. ގާފަރު ފައިނަލަށް ނުކުންނާނީ ބެލެންސް ޓީމެއްގެ ގޮތުގައެވެ. "ޕެކް ކޮށް" ރަނގަޅަށް ޑިފެންސްކޮށް، ޓެކްޓިކަލީ އެންމެ ރަނގަޅު ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައެވެ. އެ ވަރުގަދަ އޯގަނައިޒިންއާއެކު ގާފަރު ފެންނަނީ މުހިއްމު ވަގުތުތަކުގައި ގޯލްވެސް ޖަހާ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް މައްޓުގެ ނުރައްކާ ގާފަރުން ބޮޑެވެ. އަނެއްކޮޅުން ގޯލްކީޕަރު ފައިއްޓެއަކީ ޓީމުގެ ތަނބެވެ.
މިރޭގެ ފައިނަލަށް ގާފަރަށް ލިބޭ އަނެއް ހިތްހަމަ ޖެހުމަކީ އެޓީމުން ގައުމީ ޓީމަށް ނެގި ސާމިން މުހައްމަދު ނަސީރަށް ކުޅެވޭނެ ކަމުގެ އިޝާރާތެއް އޮތުމެވެ.
- ނަތީޖާތަކަށް ނަޒަރެއް
ގާފަރަކީ ކ. އަތޮޅުގެ ޗެމްޕިއަން ކަމާއި ޒޯން ޗެމްޕިއަންކަންވެސް ނެގި ޓީމެކެވެ. ގަދަ 16 ފެނުނީ ނަތީޖާ ނެރުމަށް މުހިއްމު ކުޅުމެއް ކުޅުނުތަނެވެ. ގަދަ 16 ގައި ގާފަރުން ކޮނޑޭ ބަލިކުރީ 2-1 އިންނެވެ. ކުއާޓާ ފައިނަލް މެޗުގައި ގާފަރުން ވަރުގަދަ މާފަންނު ކޮޅަށް ހަތަރު ގޯލު ޖަހައި، މެޗު 4-0 އިން ވަނީ ކާމިޔާބު ކޮށްފައެވެ. އެ ދެމެޗުގެވެސް ތަރިއަކީ މައްޓުއެވެ. ސެމީ ފައިނަލްގައި ގާފަރުން މާލެގަން ކަޓުވައިލީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ އޮތީ 3-3 އިން އެއްވަރު ވެފައެވެ. ޕެނަލްޓީން ގާފަރު މޮޅުވީ 7-6 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގެ ހީރޯއަކީ ގޯލްކީޕަރު ފައިއްޓެއެވެ.
- ކޯޗު މުހައްމަދު އައްޒާމުގެ ބަސް
"ފުރަތަމަ މެޗުން ފެށިގެން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެންމެ އުންމީދުކުރި ދުވަހަކީ މި ފައިނަލް ކުޅުން. ހުރިހާ ކުޅުންތެރިންވެސް ފައިނަލް ކުޅެން ވަރަށް ބޮޑަށް ކޮމިޓްވި. ފައިނަލް ކުޅެ މޮޅުވާންވެސް އަދި އުންމީދުކުރޭ. އެ އުންމީދުގައި ވަރަށް ކިކުގައި ޓީމު ހުރިހާ ކުޅުންތެރިންނާއި މެނޭޖުމަންޓްވެސް އޮތީ. ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ދަނީ ސަޕޯޓަރުން ފަރާތުން. ގާފަރު ހުރިހާ ރައްޔިތުން އޮތީ ޓީމާ އެކުގައިކަން އެނގޭ. ދުވަހެއް ދުވަހަކަށް ސަޕޯޓަރުން ދަނީ އިތުރު ވަމުން. އެއީ ފައިނަލް މެޗަށް ޓީމަށް ލިބޭ އިތުރު ހިތްވަރެއް،"
"ތިމަރަފުށްޓަކީ އެންމެފަހުގެ ޗެމްޕިއަންއަށް ވުމާއެކު ފައިނަލް މެޗު ޗެލެންޖަކަށްވާނެ. އެކަމަކު ގާފަރަކީވެސް މިހާރު ވަރަށް އަސްލު އިމްޕްރޫވްޑް އަދި އިންސްޕަޔާޑް ޓީމެއް. މެޗަށް ނުކުންނާނީ ތިމަރަފުށްޓަކީ ގާފަރަށްވުރެ ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން. އެގޮތަށް ވިސްނާފަ ފައިނަލް މެޗަށް ނުކުންނާނީ،"
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
މިރޭ 21:00 ގައި ހުޅުމާލޭ ޓާފް ދަނޑުގައި ފައިނަލް އޮންނަ އިރު، "ވަން" އިން ފައިނަލް މެޗުގެ ކަވަރޭޖް ގެނެސްދެވޭނެއެވެ. އަދި މި މެޗު ޔެސް ޓީވީންނާއި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖް، ޔޫޓިއުބް ޗެނަލްގައި ލައިވް ކުރާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް