ކ. ގާފަރުން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޅޭ ދެވަނަ ފައިނަލެވެ. 2015 ވަނަ އަހަރުވެސް ގާފަރުން ގޯލްޑަން ފުޓްސަލްގެ ފައިނަލަށް ދަތުރުކުރި ނަމަވެސް އެފަހަރު ބ. ހިތާދޫ އަތުން ބަލިވެ ލިބުނީ މާޔޫސް ކަމެވެ. މިފަހަރު އޮތް ތަރިންގެ ޓީމަށް އޮތީ އެ ހަނދާންތަކުން ދުރުވެ، ކަރުގައި ރަން މެޑަލް އަޅާލުމަށް އޮތް ފުރުސަތެވެ. އެކުވެ ބަދަހި ޓީމެއްގެ ގޮތުގައި ގާފަރުން މިރޭގެ ފައިނަލަށް ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން، ތ. ތިމަރަފުއްޓަށް ދޭން ޖެހޭ އިހުތިރާމް ދީގެން ނަމަވެސް، ޝަރަފުވެރި ތަށްޓަށެވެ. ދެވަނަ ވިސްނުމެއް ނުވެސް ނެތެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޓީމުގައި އޮތީ އެ ރޫހެވެ. އެ ޖޯޝެވެ.
"ފުރަތަމަ މެޗުން ފެށިގެން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެންމެ އުންމީދުކުރި ދުވަހަކީ މި ފައިނަލް ކުޅުން. ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ފައިނަލް ކުޅެން ކޮމިޓްވި. ފައިނަލް ކުޅެ މޮޅުވާންވެސް އުންމީދުކުރޭ. އެ އުންމީދުގަ ވަރަށް ކިކުގަ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި މެނޭޖުމަންޓްވެސް އޮތީ. ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ދަނީ ސަޕޯޓަރުން ފަރާތުން. ގާފަރު ހުރިހާ ރައްޔިތުން އޮތީ ޓީމާ އެކުގަކަން އެނގޭ. ދުވަހެއް ދުވަހަކަށް ސަޕޯޓަރުން ދަނީ އިތުރުވަމުން. އެއީ ފައިނަލް މެޗަށް ޓީމަށް ލިބޭ އިތުރު ހިތްވަރެއް،" ގާފަރުގެ ކޯޗު، ފުޓްސަލް ލެޖެންޑް މުހައްމަދު އައްޒާމް "ވަން" އަށް ބުންޏެވެ.
ގާފަރު ގޮވައިގެން އައްޒާމް މުބާރާތަށް ނުކުމެ، ތަފާތު ދެއްކިއެވެ. އަމިއްލަ ސަބަބުތަކާ ހެދި ނޮކްއައުޓްގެ ބައެއް މެޗުތަކުގައި އައްޒާމް ބެންޗުން ނުފެނުނު ނަމަވެސް ފައިނަލްގައި އޭނާ އިރުޝާދު ދޭތަން ފެންނާނެއެވެ. ކްލަބު މޯލްޑިވްސް އާއި ރާއްޖޭގެ ފުޓްސަލްގެ އެންމެ މަތީ ފަންތީގައި މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެގެން ދިޔަ އައްޒާމް ބެންޗުގައި ހުރުން ވެގެންދާނީ ގާފަރަށް ލިބޭނެ އިތުރު ހިތްވަރަކަށްވެސް މެއެވެ. އައްޒާމްގެ ނަޒަރުގައި މެޗަށް ނުކުންނަން ޖެހޭނީ އިހުތިރާމް ދީގެން އޯވަ ކޮންފިޑެންސް ނުވެއެވެ.
"ތިމަރަފުއްޓަކީ އެންމެފަހުގެ ޗެމްޕިއަނުންނަށް ވުމާއެކު ފައިނަލް މެޗު ޗެލެންޖަކަށްވާނެ. އެކަމަކު ގާފަރަކީވެސް މިހާރު ވަރަށް އިމްޕްރޫވްޑް އަދި އިންސްޕަޔާޑް ޓީމެއް އަސްލު. މެޗަށް ނުކުންނާނީ ގާފަރަށްވުރެ ތިމަރަފުއްޓަކީ ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން. އެގޮތަށް ވިސްނާފަ ފައިނަލް މެޗަށް ނުކުންނާނީ. ތިމަރަފުށީގެ ކޮންމެ ކުޅުންތެރިޔަކީވެސް މޮޅު ކުޅުންތެރިއެއް ކަމަށް ބަލައިގެން މެޗަށް ނުކުންނާނީ. އިންޝާ ﷲ އޯވަ ކޮންފިޑެންސް ނުވާނެ،" އައްޒާމް ބުންޏެވެ.
ފުޓްސަލް ތަޖުރިބާ ބޮޑެތި ކުޅުންތެރިން ގާފަރުގައި އެބަތިއްބެވެ. މިހާތަނަށް އައި އިރު އެ ކުޅުންތެރިންގެ ލީޑާޝިޕްވެސް ފެނުނެވެ. އެ ކުޅުންތެރިން ތަފާތު ދެއްކިތަންވެސް ފެނުނެވެ. ޒުވާން ހުނަރާއެކު އެ ތަޖުރިބާކާރު ކުޅުންތެރިން ތަޖުރިބާ ބޭނުންކޮށް ގާފަރަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖެއް ކަމަށް ކޯޗު އައްޒާމް ދެކެނީ "ބެލެންސް" ވުމެވެ.
"ގާފަރަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ގާފަރަކީ ވަރަށް ޕެކް ޓީމަކަށް ވުން. ސްކޯރިންނަށް ބަލާއިރުވެސް ތިމަރަފުށި ނަގާފަ ދެން އެންމެ ގިނަ ގޯލު ޖެހި ޓީމުތަކުގެ ތެރޭގަ ހިމެނޭ ޓީމެއް. ބެލެންސްވުމަކީ އޮތް އެޑްވާންޓޭޖެއް،" އައްޒާމް ބުންޏެވެ.
ފައިނަލް މެޗަށް ގާފަރުގެ ރައްޔިތުންނަށް ކޯޗު އައްޒާމް ދިން ފުރިހަމަ މެސެޖެއްވެސް އެބައޮތެވެ. އެއީ ސަޕޯޓަރުންނަށްޓަކައި ތަށްޓައް ކުރާ އުންމީދުގެ މެސެޖެކެވެ.
"ސަޕޯޓަރުންނަށް ބުނެލަން އޮތީ ޓީމު އޮތީ އުންމީދުގައޭ. ސަޕޯޓަރުންގެ ސަޕޯޓް ބޭނުންވާނޭ. ޓީމު އޮތީ ސަޕޯޓަރުންގެ ސަޕޯޓާއެކު މޮޅުވާން ތައްޔާރަށް. ސަޕޯޓަރުންނަށްޓަކައި ފައިނަލުން މޮޅުވާން ބޭނުން ވަނީ. އިންޝާ ﷲ އުންމީދަކީ މޮޅަށް ކުޅެ ތަށި އުފުލައިލުން. އެ އަޒުމުގަ ޓީމު މިއޮތީ،" އައްޒާމް އެންމެ ފަހު ޖުމުލައެއްގެ ގޮތުގައި ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މިރޭ ހުޅުމާލޭގެ ޓާފް ދަނޑުގައި ފަށާނީ 21:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް