ލ. ގަމު ތުނޑީ އަވަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެކަމަށްޓަކައި ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތުނޑީ އަވަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމްއެވެ.

އެ ރަސްމިއްޔާތުގައި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމާއި ގަމު ކައުންސިލުގެ ރައީސް އަހްމަދު ޒަކީ އަދި އެމްޓީސީސީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގަމު ތުނޑީ އަވަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 71.24 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުއެވެ.

ފާއިތުވި ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެކުންފުނިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.