މެންޗެސްޓާ ޔުނައިޓެޑަކީ ފުޓުބޯޅަ ކްލަބެއްގެ ސްޓައިލަށްވުރެ ބޮޑަށް ވިޔަފާރި ސްޓައިލަށް ހިންގާ ކްލަބެއް ކަމަށް ކުރިން ޓީމުގެ ކޯޗުކަން ކުރި ލުއިސް ވެން ހާލް ބުނެފިއެވެ.

ވެން ހާލް އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަނީ ޔުނައިޓެޑުން ނެދަލޭންޑްސްގެ ކޯޗު އެރިކް ޓެން ހާގް ގެންދަން މަޝްވަރާ ކުރާތީ، އެކަމާ ގުޅިގެންނެވެ. ނެދަލޭންޑްސްގެ ލީގުގެ އެންމެ ކާމިޔާބު ކްލަބު އަޔެކްސްގައި ހުރި ޓެން ހާގް ގެންދަން ޔުނައިޓެޑުން ބޭނުންވަނީ އަންނަ ސީޒަނަށެވެ.

"ޓެން ހާގަށް އަހަރެން ލަފައެއް ނުދޭނަން ޔުނައިޓެޑަށް ދާކަށް. އަހަންނަށް އެނގޭ ޓެން ހާގް ލަފާ ހޯދަން އަހަންނަށް ގުޅާނެކަން. ޔުނައިޓެޑަށް ދާން ޓެން ހާގަށް ލަފާ ނުދޭނީ ޔުނައިޓެޑަކީ ކޮމާޝަލް (ވިޔަފާރި) ކްލަބަކަށް ވާތީ. ޓެން ހާގަށް އެކަށޭނީ ފުޓުބޯޅަ ކްލަބުގެ ވިސްނުމުގައި ހިންގާ ކްލަބެއް،" 2016 ވަނަ އަހަރު ޔުނައިޓެޑާއެކު އެފްއޭ ކަޕް ކާމިޔާބުކުރި ވެން ހާލް ބުންޏެވެ.

ވެން ހާލް އިތުރަށް ބުނީ ޓެން ހާގްއަކީ މޮޅު ކޯޗެއް ކަމަށާއި، އަދި އޭނާ ގެންގޮސްފި ނަމަ ޔުނައިޓެޑަށް ފައިދާވެސް ކުރާނެ ކަމަށެވެ. އެހެންނަމަވެސް ޔުނައިޓެޑްގެ ވިޔަފާރި ވިސްނުމުގެ ސަބަބުން ޓެން ހާގަށް ޔުނައިޓެޑް ވާނީ އުނދަގޫ ކްލަބަކަށް ކަމަށް ވެން ހާލް ބުންޏެވެ.

އުމުރުން 52 އަހަރު ޓެން ހާގް އަޔެކްސްއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2023 ވަނަ އަހަރު ނިޔަލަށް އޮތް ނަމަވެސް ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު ކްލަބު ބަދަލުކުރާނެއެވެ. އަޔެކްސްއާއެކު 2019، 2021 ވަނަ އަހަރު ޑަޗް ލީގު ހޯދައި، އެ ކްލަބާއެކު 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ސެމީއަށް ދިޔަ ކޯޗު، ޓެން ހާގް ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ޔުނައިޓެޑެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގައި މިވަގުތު ހުރި ރާފް ރަންގްނިކް ކްލަބަށް ގެންދިޔައީ ދިގު މުއްދަތުގެ ޕްލޭނަކަށެވެ. މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޯޗުކަމުގައި ރަންގްނިކް ހުރި ނަމަވެސް އޭނާ ކްލަބަށް ގެންދިޔަ މައިގަނޑު ބޭނުމަކީ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރަކަށެވެ. އެހެންކަމުން ޔުނައިޓެޑުން ދަނީ އަންނަ ސީޒަނަށް ކޯޗެއް ހޯދަމުންނެވެ.