ތިމަރަފުއްޓަކީ ރާއްޖޭ ފުޓްސަލްގެ "ބްރެޒިލް"ފަދަ ރަށެކެވެ. ފުޓްސަލްގައި އެންމެ ކާމިޔާބު ނަމެވެ. އެންމެ ގިނަ ތަރިންތަކެއް އެ ކުޅިވަރަށް ނެރޭ ޓެލެންޓް ހަބެކެވެ. ބޯން ޓެލެންޓެޑް ކުދިން މިއަދުވެސް އުފެދެމުން ދެއެވެ. ދެމެހެއްޓެނިވި ކާމިޔާބީއަށް ޓީމުގެ މިސްރާބު ހުރީ އެ ހުނަރާ އެކުގައެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ދިފާއުކުރަން ތިމަރަފުއްޓަށް ޖެހިޖެހިގެން ދެ ފައިނަލަށް ފުރުސަތު ލިބުމުން، އެކަމުން ދައްކުވައިދެނީ "ފެންވަރެވެ."
ގޯލްޑަން ފުޓްސަލް ޗެލެންޖް 2019 ވަނަ އަހަރު ކާމިޔާބުކުރި ތިމަރަފުށިން މާދަމާ ރޭ ކ. ގާފަރާ ދެކޮޅަށް ނުކުންނާނީ މުބާރާތުގެ ތާރީހު ލިޔެލާށެވެ. އެޓީމަށް އޮތީ ފުރަތަމަ ފަހަރަށް ތަށި ދިފާއުކުރުމުގެ ފުރުސަތެވެ. އަދި އެޓީމަށް އޮތީ މުބާރާތް ތިން ފަހަރު ކާމިޔާބުކުރި ފުރަތަމަ ޓީމަކަށްވެސް ވުމުގެ ފުރުސަތެވެ. 2016 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކުރި ތިމަރަފުއްޓަށް މިހާތަނަށް މުބާރާތުގައި ލިބުނު ކޮންމެ ކާމިޔާބީއެއްވެސް ހާއްސަވާ މުހިއްމު މީހެއް އެބަހުއްޓެވެ. ކުރީގެ ކެޕްޓަން، މިހާރުގެ ކޯޗު، ޓީމުގެ މާސްޓާ މައިންޑް ޓެކްޓީޝަން އަލީ ފަހުމީ (އައްޔަ) އެވެ.
"ކާމިޔާބީތަކާއެކު މިހިސާބަށް އާދެވުނީމަ އަލްހަމްދުލިﷲ ޝުކުރު. މިއީ އުންމީދު ކުރި ނަތީޖާއެއް. މުބާރާތަށް ތައްޔާރުވީ ހަމަ ހުރިހާ ސްޓްރެންތެއް، ހުރިހާ އެފޮޓެއް ލައިގެން. މިކަމަށް ފުރުސަތު ފަހިކޮށްދޭ ޓީމެއް ފަހަތުގަ އެބަތިބި، އެއްބާރުލުންދޭ ޓީމެއް. އެންމެ ބޮޑު ހިތްވަރަކީވެސް، ކާމިޔާބީއަކީވެސް އެހެން ފަރާތްތަކުން މިކަމަށް ދޭ ހިތްވަރު. އެއީ މިހާ ހިސާބަށް ކާމިޔާބީއަށް އޮތް ހިތްވަރަކީ،" ސެމީ ފައިނަލް މެޗަށްފަހު ހިތްހަމަ ޖެހުމާއެކު ހުރި އައްޔަ، "ވަން" އަށް ބުންޏެވެ.
މިއަހަރު މުބާރާތަށް ފުރިހަމައަށް ތައްޔާރުވި ތިމަރަފުއްޓަށް އަދި ނިމުނީކީ ނޫނެވެ. މާދަމާ ރޭގެ ފައިނަލަކީ އެޓީމުގެ ހައްގަކަށް ހެދުން އެއީ ޓާގެޓެވެ. މުބާރާތް ފެށުނީއްސުރެ އެ ޓާގެޓަކަށް ބަދަލެއް ނާދެއެވެ. 2016 ވަނަ އަހަރު އައްޔަގެ ކައްޕި ކަމުގައި ތިމަރަފުށިން ތަށި ނެގިއިރު، އައްޔަގެ އުންމީދަކީ ކޯޗެއްގެ ގޮތުގައިވެސް ދެ ފަހަރަށް ތަށި ނެގުމެވެ.
"މި ތަށި އަބަދުވެސް ވަރަށް ސްޕެޝަލް. އަޅުގަނޑުގެ ކައްޕި ކަމުގައި ރަށަށް ތަށި ނެގިއްޖެ. ކޯޗު ކަމުގައިވެސް އެއްފަރު ނެގިއްޖެ. އެހެންވީމަ މި ލިބެނީ ތިންވަނަ ފަހަރަށް ތަށި ހޯދައިދިނުމުގެ ފުރުސަތު. އެހެންވީމަ ފައިނަލް މެޗު ހާއްސަ ވާނެ. އެކަމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. ތަށި ދިފާއުކުރަން ކުރެވެން އޮތް ހުރިހާ ކަމެއްވެސް ކުރާނަން،" އައްޔަ އުންމީދުގައި ބުންޏެވެ.
އައްޔަގެ ފުޓްސަލް ވިސްނުން ގުޅިފައިވަނީ ވަރަށް ދުރު ހަނދާނަކާއެވެ. ސިކްސް އެސައިޑް ރާއްޖެއަށް ތައާރަފުވެގެން އައިސް ބޭއްވި ކުޑަ މޫސަ ކަޕް ފަދަ މުބާރާތްތަކުގެ ތެރެއިން ރާއްޖޭގައި އަލަށް ފުޓްސަލް ކުޅެން ފެށި މީހުން ތެރޭގައި އައްޔަ ހިމެނެއެވެ. މިއަދު ކޯޗިންގައި އޭނާއަށް އޮތް އެންމެ ބޮޑު "ޕްލަސް ޕޮއިންޓް" އަކީވެސް ނޭނގޭ ކުޅުންތެރިއެއް ނެތުމެވެ.
"އަޅުގަނޑަކީ ކުޑަ މޫސަ ކަޕް ކަހަލަ މުބާރާތްތައް، އެއީ ސިކްސް އެސައިޑް ކަޕެއް ކަންނޭނގެ، އޭރުން ފެށިގެންވެސް ފުޓްސަލް ކުޅެމުން އައި މީހެއް. ސިކްސް އެސައިޑުން ފެށިގެން ފުޓްސަލް އަށް ގޮސް އޭރުން ފެށިގެން މާލޭގެ ޓީމުތަކަށްވެސް ވަރަށް ފުޓްސަލް ކުޅުނިން. ވަރަށް ގިނަ ކުޅުންތެރިން އަޅުގަނޑަށް އެނގޭ. އެ އެނގުން އެއީ ވަރަށް މުހިއްމުވެސް ކަމެއް. އެ ހުރިހާ ދުވަހެއްގަ މީގެ ތެރޭ އުޅެ އެކަންކަން ދަސްވީމަކަންނޭގެ މިއަދު ކޯޗެއްގެ ގޮތުގަ ޓީމަށް ބޭނުން ހިފިގެން މިދަނީވެސް،" އައްޔަ ބުންޏެވެ.
އައްޔަކީ އަދިވެސް ރިޓަޔާ ކޮށްފައިވާ ކުޅުންތެރިއެއް ނޫނެވެ. ދަނޑު ބޭރުން އިރުޝާދު ދޭ ކޯޗަކަށް އައްޔަ ފައްކާވެފައި ހުރި ނަމަވެސް އޭނާއަކީ އަދިވެސް ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާގެ ނަޒަރުގައި ދަނޑު ރޮނގުން ފައި ބޭރުކޮށްލައި، ޓެކްނިކަލް އޭރިއާގައި ހުންނަން ޖެހުނީ ޒުވާން ކުޅުންތެރިންގެ ފުރުސަތަށްޓަކައެވެ.
"އަދިވެސް ފުޓްސަލް ކުޅެން. ކޯޗަކަށް ބަދަލުވީ ޒުވާން ކުޅުންތެރިން ތިބީމަ އެ ކުޅުންތެރިންނަށް ފުރުސަތު ދޭން. ރަށުގަ ކުޅުންތެރިން އުފެދޭ، އެ ކަމަށް ވިސްނާފަ ޓީމުގެ ކޯޗަކަށް މި ހުންނަނީ. އަދިވެސް ހަމަ ފުޓްސަލް ކުޅެން،" އައްޔަ ފާހަގަކުރިއެވެ.
ފުޓްސަލްއާއި ފުޓުބޯޅައިގެވެސް ތަރިން އުފެދުމުން އަންނަ ތިމަރަފުއްޓަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ވަސީލަތްތައް ކަމަށް އައްޔަވެސް ފާހަގަ ކުރެއެވެ. 2018 ވަނަ އަހަރު އެފްއޭއެމުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމުގެ އިތުރުން މުޅި ރާއްޖޭގެ އެއްވަނަ ފުޓްސަލް މުބާރާތްވެސް ކާމިޔާބު ކޮށްފައިވާ ތިމަރަފުށީގައި ރަނގަޅު ފެންވަރުގެ ދަނޑެއް ނެތުން އެއީ ތާ އަބަދު އެރަށުން ކުރަމުން އައި ޝަކުވާއެކެވެ. ދަނޑެއްގެ އުންމީދު ދެފަހަރަކަށް ލިބި، އެ އުންމީދުތައް އެކިއެކި ގޮތް ގޮތުން ލަސްވުން އެއީ އެރަށު އެތައް ޒުވާނުންގެ ކަންބޮޑުވުމެކެވެ. އަދި ޓާފް ދަނޑެއް އެޅި އަވަހަށް އެކަން ފުރިހަމަވުން އެއީ އެދޭ އެދުމެއްވެސް މެއެވެ.
"ތިމަރަފުއްޓަކީ ހުނަރުވެރި، ބޯން ޓެލެންޓެޑް ކުދިން ތިބި ރަށެއް. ފެސިލިޓީއެއް އަދިވެސް ނެތުމަކީ ކަންބޮޑުވުމެއް. ކުޅެވޭނެ ރަނގަޅު ދަނޑެއް އަދިވެސް ނިމިފައި ނެތުމުން ގިނަ ކުޅުންތެރިން އެހެން ސަރަހައްދުތަކަށްވެސް ވަރަށް ދޭ. މިހާރު ބޮޑު ދަނޑެއްގެ އުންމީދެއް އެބައޮތް. އެ ދަނޑު އެޅިގެން ފުޓުބޯޅައާއި ފުޓްސަލްއަށްވެސް ވަސީލަތް ގާއިމުވުން އެއީ ވަރަށް ބޮޑު އުންމީދެއް. ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ތިމަރަފުއްޓަކީ ފުޓުބޯޅައިގެ ހުނަރު އުފެދޭ ރަށެއްކަން ފާހަގަކޮށަލަން ޖެހޭ، އެ ހުނަރު އޮތް ރަށެއް. އަދިވެސް އެ ހުނަރު އެބައޮތް،" މުހިންމު ކަމެއްގެ ގޮތުގައި އައްޔަ ފާހަގަކޮށްލިއެވެ.
މުބާރާތް ތިންވަނަ ފަހަރު ހޯދަން ނުކުންނަ ތިމަރަފުއްޓަށް އެންމެ މުހިއްމީ އައްޔަގެ "ސިކުނޑި"އެވެ. އޭނާގެ ގޭމް ޕްލޭނެވެ. މިހާތަނަށް މުބާރާތުގައި އައްޔަގެ ގޭމް ޕްލޭން ކާމިޔާބެވެ. ފައިނަލުގައި އޮތީ ކ. ގާފަރެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް