ގޯލްޑަން ފުޓްސަލް ޗެލެންޖް

ރޮނާގެ ހެޓްރިކާއެކު ޗެމްޕިއަން ތިމަރަފުށި ފައިނަލަށް، ތަފާތު މޮޅު!

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ފައިނަލްގެ ދެވަނަ ޖާގަ، އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުށިން ހޯދައިފިއެވެ.

ފައިނަލްގެ ޖާގަ ޔަގީންކުރީ މިރޭ ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ބޮޑު ތަފާތަކުން ދ. ކުޑަހުވަދޫ ބަލިކޮށްގެންނެވެ. މެޗުގައި ތިމަރަފުށިން ވަނީ ހަތް ގޯލު ޖަހައިފައެވެ. ތިމަރަފުށިން މެޗު ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗާ ހަމައަށް ދެޓީމުންވެސް އައީ މެޗަކުން ބަލިނުވެއެވެ. ދެޓީމުންވެސް އަތޮޅު ބުރާއި ޒޯން ބުރުވެސް ނިންމާލި އިރު، އެއްވަރުވީވެސް އެންމެ މެޗަކުންނެވެ. އެއީ ޒޯން ބުރުގައި ދެޓީމު ވާދަކުރި މެޗުގައެވެ. އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން މިރޭގެ މެޗަށް ނުކުތީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ކެޕްޓަން އިބްރާހީމް ސިނާހް (ސިނާ) ނުލައެވެ. ސިނާ މިރޭގެ މެޗަށް ނުނިކުތީ ދެ ރީނދޫ ކާޑު ހަމަވެ ސަސްޕެންޝަންގައި ހުރުމުންނެވެ.

ދެޓީމުން ގަދަ 16 އިން ފެށިގެން ނެރެނު ނަތީޖާތަކަށް ބަލާ އިރު، ތިމަރަފުށިން ކުއާޓާއަށް ދިޔައީ އއ. މަތިވެރި ބަލިކޮށްފައެވެ. އަދި ކުއާޓާ ފައިނަލްގައި ތިމަރަފުށިން ވަނީ ވަރުގަދަ ރ. ދުވާފަރު ކައިރީ 8-2 ގެ ތަފާތު ބޮޑު މޮޅެއް ހޯދައިފައެވެ. އަނެއްކޮޅުން ކުޑަހުވަދޫން ނޮކްއައުޓް ދެމެޗުގައިވެސް ޕެނަލްޓީ ޖަހައިގެން ކާމިޔާބު ހޯދި އިރު، ގަދަ 16 ގައި ހއ. އިހަވަންދޫ ބަލިކޮށް، ކުޑަހުވަދޫން ވަނީ ކުއާޓާ ފައިނަލްގައި އެންމެފަހުގެ ރަނަރަޕް ބ. އޭދަފުށިވެސް ބަލިކޮށްފައެވެ.

އުންމީދު ކުރި ގޮތަށް މިރޭގެ މެޗުވެސް ވަރުގަދަކޮށް ފެށީ ތިމަރަފުށިންނެވެ. އެޓީމުން އެޓޭކަށް ޖެހި ރަނގަޅު ޓެމްޕޯއެއްގައި މެޗު ފެށުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅުގައި ލީޑުވެސް ނެގިއެވެ. އެ ގޯލަ ތިމަރަފުއްޓަށް ޖަހައިދިނީ އިސްމާއީލް މުނީޒެވެ. މުނީޒު ގޯލު ޖެހީ އަލީ ޝިފާއު (ރޮނާ) އަރިމަތިން ހުރަސްކޮށްލި ބޯޅަ، ބެކް ފްލިކްއަކުން ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ ކޮންޓްރޯލް ގެއްލުވައިނުލާ ކުރީކޮޅުގައި އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށް ކުޅުނީ ތިމަރަފުށިންނެވެ. ފުރަތަމަ ދިހަ ވަރަކަށް މިނެޓުގައި އެޓީމުގެ އިތުރު ހަމަލާތައްވެސް ފެނުނެއެވެ. އެގޮތުން އިސްމާއީލް ސިޔާދު ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވެ ދިޔައިރު، އިބްރާހީމް އަސްވަދު (ގަބޭ) އާއި އިބްރާހީމް ހަމްދާން (ހަމްދެ) ފޮނުވާލި ހަމަލާތައްވެސް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގައި ކުޑަހުވަދޫން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތް އިތުރަށް އުނދަގޫވީ ހަމްދެ ޖެހި ދެވަނަ ގޯލަކާ އެކުގައެވެ. ހަމްދެ އެ ގޯލު ޖެހީ މެދުތެރެއިން ސިޔާދު ދިން ރީތި ޕާހަކުން، ކުޑަހުވަދޫ ގޯލްކީޕަރު ނައްޓައިލުމަށްފަހުއެވެ. މެޗުގައި ސިނާ ނެތްތަން ފޫބެއްދުމަށް ސިޔާދު ކުރި ހިތްވަރު ފާހަގަކޮށްލަން ޖެހެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ތިމަރަފުއްޓަށް 3-0 އަކަށް ނަތީޖާ ބަދަލުކޮށްލީ ލިބުނު ހިލޭ ޖެހުމަކުން ރޮނާ ޖެހި ގޯލަކުންނެވެ. ހިލޭ ޖެހުމުގައި ގަބޭ މަޑުމަޑުން ޕާސްކޮށްލި ބޯޅަ ރޮނާ ގޯލަށް ވައްދާލީ ގޯލްކީޕަރު ބޯމަތިން މަޑުމަޑުންނެވެ. އެ ލީޑާއެކު ހާފު ނިންމާލަން ތިމަރަފުށިން ދިޔަ ނަމަވެސް މެޗަށް އަނބުރާ ވަނުމަށް ކުޑަހުވަދޫން ކުރި ހިތްވަރުގައި އެޓީމުން ފުރަތަމަ ހާފުގައި ގޯލެއްވެސް ޖެހިއެވެ. މުހައްމަދު އަރީޝްގެ ޕާހަކުން އެ ގޯލު ޖެހީ ޝައުކަތު އަމީނެވެ.

އެހެން ނަމަވެސް ތިމަރަފުށީގެ ކުޅުމަށް ބަދަލެއް ނާދެއެވެ. އެޓީމުގެ ހަލުވި ކުޅުމުގައި ކުޅެ، ރޮނާގެ ދެވަނަ ގޯލަކާއެކު ފުރަތަމަ ހާފުގައި ތިމަރަފުށިން ހަތަރުވަނަ ގޯލެއްވެސް ޖެހިއެވެ. އަނެއްކާވެސް ތިން ގޯލުގެ ލީޑެއް އެޓީމުން ނެގިއެވެ.

ދެވަނަ ހާފަށް ނުކުމެ ކުޑަހުވަދޫން ތަންކޮޅެއް ބޮޑަށް ކުރިއަށް ޖެހިލިތަން ފެނިގެން ދިޔައެވެ. ހާރޫން އިބްރާހީމް (ހާންޑޯ) ކުރިއަށް ޖެހި ތިމަރަފުށީ ޑިފެންސަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް ހާފުގެ ކުރީކޮޅުގައި ކުޑަހުވަދޫން އުފައްދަން މަސައްކަތް ކުރި ހަމަލާތަކަށް ހުރަސް އެޅުމުގައި ތިމަރަފުށީ ގޯލްކީޕަރާއި ފަހަތް ބެލެހެއްޓި ސިޔާދުގެ މޮޅު ކުޅުން ފާހަގަވެގެން ދިޔައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ތިމަރަފުއްޓަށް ލީޑު އިތުރަށް ފުޅާކުރަންވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވިއެވެ. ހަމްދެގެ އިތުރުން ރޮނާއާއި ގަބޭ އަދި މުޖުތާޒު މުހައްމަދު (މުޖޭ)ގެ ހަމަލާތައް ފާހަގަވެގެން ދިޔަ އިރު، އޭގެ ތެރެއިން ހަމްދެއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ. މުޖޭގެ ހަމަލާ ގޯލްކީޕަރު އަބްދުލް މާނިއު އަތުގައި ޖެހި ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. އަނެއް ދެ ހަމަލާވެސް މަތަކުރީ ކުޑަހުވަދޫގެ ގޯލްކީޕަރު މާނިއުއެވެ.

އޭގެ އިތުރުން މެޗުގެ ފަހު ހާފުގެ 12 ވަނަ މިނެޓުގައި އާދަމް ނާސިހް (އާދަންނާ) ފޮނުވާލި ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވެސް ވެއެވެ. އަދި އޭގެ މިނެޓެއް ފަހުން ހުސްކޮށް ލިބުނު ފުރުސަތުގައި އާދަންނާ ޖެހި ބޯޅަ ހުޝިޔާރުކަމާއެކު މަތަކުރީ ކުޑަހުވަދޫގެ ގޯލްކީޕަރު މާނިއުއެވެ.

އޭގެ ފަހުންވެސް އާދަންނާގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ތިމަރަފުށިން މެޗުގެ ފަސް ވަނަ ގޯލު ޖެހީވެސް ރޮނާއެވެ. ހުސައިން އަލީ (އަޗޭ) ހުސްކޮށްލައިފައި ދިން ބޯޅައިގައި ރޮނާ ގޯލު ޖެހީ ފަސޭހަކޮށެވެ. އެ ގޯލަކީ މިހާތަނަށް މުބާރާތުގައި ރޮނާ ޖެހި 13 ވަނަ ގޯލެވެ. ރޮނާއަކީ މިވަގުތު މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔާވެސް މެއެވެ.

އަޗޭ ވަނީ އިތުރު ހިތްގައިމު އެސިސްޓެއްވެސް ހަދައިދީފައެވެ. ތިމަރަފުށިން ޖެހި ހަވަނަ ގޯލު ޖެހީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. މެޗުގެ ފަހު މިނެޓުގައި ޖަންކީ އިތުރު ގޯލެއްވެސް ޖަހައި ތިމަރަފުށީގެ ހަތްވަނަ ގޯލުވެސް ޖެހިއެވެ. ތިމަރަފުށިން މެޗު ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. ޓީމުގެ ކުޅުން ފެނުނީ މާ ބޮޑަށްވެސް މޮޅުކޮށެވެ.

މެޗުގެ ފަހު ދިހަ ވަރަކަށް ސިކުންތަށް ވެފައި ވަނިކޮށް، ތިމަރަފުށީގެ ފައުލް ހަމަވެގެން ކުޑަހުވަދުއަށް ދުރު ޕެނަލްޓީއެއްވެސް ލިބުނެވެ. އެ ޕެނަލްޓީ ޖުމައިލް ޖަމީލް (ޖުމްބެ) ޖެހި ނަމަވެސް ތިމަރަފުށީގެ ގޯލްކީޕަރު މުހައްމަދު ޝަރުހާން ވަނީ ޑައިވްކޮށް ދިފާއުކޮށްފައެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ގައެވެ. މެޗުގައި ތިމަރަފުއްޓާ ދެކޮޅަށް ނުކުންނާނީ ކ. ގާފަރެވެ.