ގޯލްޑަން ފުޓްސަލް ޗެލެންޖް

ފޯރިގަދަ ސެމީގައި ޕެނަލްޓީ ޖަހައިގެން މާލެގަން ބަލިކޮށް، ގާފަރު ފައިނަލަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ފައިނަލްގެ ފުރަތަމަ ޖާގަ، ކ. ގާފަރުން ހޯދައިފިއެވެ.

ގާފަރުން ފައިނަލްގެ ޖާގަ ޔަގީންކުރީ މިރޭ ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ފުވައްމުލަކުގެ މާލެގަން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، 3-3 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. ޕެނަލްޓީގައި މާލެގަން ބަލިވީ 7-6 ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލާ ހަމައަށް ގާފަރު އައިސްފައި ވަނީ ކ. އަތޮޅުގެ ޗެމްޕިއަންކަމުގެ އިތުރުން ޒޯން ތިނެއްގެ ޗެމްޕިއަންކަންވެސް ހޯދައިގެންނެވެ. ސެމީއާ ހަމައަށް ދިޔައިރު ގާފަރުން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ގާފަރުން ގަދަ 16 ގައި ގއ. ކޮނޑޭ ބަލިކޮށްފައި ކުއާޓާއަށް ގޮސް ވަނީ މާފަންނު ބޮޑު ތަފާތަކުން ބަލިކޮށްފައެވެ.

އަނެއްކޮޅުން ނުކުތް ފުވައްމުލަކު މާލެގަން ޓީމަކީ ޒޯން ހަތެއްގެ ޗެމްޕިއަން ޓީމެވެ. ޒޯން ހަތެއްގައި ސ. ފޭދުއާއި މާލެގަން ވާދަކުރި އިރު، އެ ޒޯންގެ ޗެމްޕިއަންކަން މާލެގަން ނެގީ ދެ ލެގުގެ ނަތީޖާ އެއްވަރުވެ ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މިއީ މާލެގަންއިން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރި ފުރަތަމަ ފަހަރުވެސް މެއެވެ. އެޓީމުން ގަދަ 16 ގައި ވަރުގަދަ ށ. ކަނޑިތީމު ބަލިކުރި އިރު، ކުއާޓާ ފައިނަލްގައި ވަނީ ހުޅުމާލެވެސް ބަލިކޮށްފައެވެ.

މެޗު ވަރުގަދަކޮށް ފެށީ ގާފަރުންނެވެ. އަލީ މާއިސް (މައްޓު)ގެ އިތުރުން ގައިޝާން އަބޫބަކުރު މާހިރު ފޮނުވާލި ހަމަލާތައްވެސް ފެނިގެން ދިޔަ އިރު، ރަނގަޅު ޓެމްޕޯއެއްގައި ކުޅެމުން ދިޔަ ގާފަރުން މެޗުގެ ކުރީކޮޅުގައި ލީޑުވެސް ނެގިއެވެ. ގާފަރަށް ލީޑު ނަގައިދިނީ ސަނީމް ޝަމާއިލްއެވެ. އަރިމަތިން ވަދެ ސަނީމް ޖެހި ބޯޅަ ގޯލަށް ވަނީ މާލެގަންގެ ގޯލްކީޕަރު އަހުމަދު ޝަރަފު އަތުގައި ޖެހިފައެވެ.

އެ ގޯލަށްފަހު ގާފަރުން ތަންކޮޅެއް ބޮޑަށް ޑިފެންސިވް ކުޅުމަކަށް ބަދަލު ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން މާލެގަން ކުރިއަށްވެސް ޖެހިލިއެވެ. މުހައްމަދު ސާދު ނިޒާރާއި އިބްރާހީމް އަރީޝްގެ ނުރައްކާތެރި ހަމަލާތައްވެސް ފާހަގަވެގެން ދިޔަ އިރު، އެ ހަމަލާތަކަށް ހުރަސް އަޅައި ގާފަރަށް ލީޑު ހިފަހައްޓައިދިނީ ގޯލްކީޕަރު ފައްޔާޒު ފަޔާޒް (ފައިޓޯ)އެވެ.

މާލެގަންއިން ކުރަމުންދިޔަ އެޓޭކްތަކާއެކު އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ އަބްދުﷲ ރަޝީދުގެ ގޯލަކުންނެވެ. އެ ގޯލަށްފަހުވެސް ފުރަތަމަ ހާފުގައި އިތުރު ހަމަލާތައް ނުރައްކާތެރިކޮށް ފެނިގެން ދިޔައެވެ. މާލެގަންގެ އަރީޝްގެ ހަމަލާއެއްގެ އިތުރުން އަނެއްކޮޅުން ގާފަރުގެ މައްޓުގެ ހަމަލާއެއްވެސް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.

ދެވަނަ ހާފަށް ނުކުމެ ރަނގަޅަށް މެޗު ފެށީވެސް މާލެގަންއިންނެވެ. މާލެގަންއިން ދެވަނަ ހާފަށް ނުކުމެ މެޗުގެ ނަތީޖާ އަނބުރާލައި ލީޑުވެސް ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ އިސްމާއީލް އަލީފް އަހުމަދެވެ. އެ ގޯލާއެކު އަނެއްކާވެސް މާލެގަންއިން ހަމަޖެހިލައި ނަތީޖާ ހިފަހައްޓަން ފަހަތަށް ޖެހުނެވެ. ފަހަތަށް ޖެހުމާއެކު ގާފަރުން ޖާގަތައް ހޯދައި، ހަމަލާތައް އުފައްދަން ފެށިއެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ގާފަރުގެ ދެވަނަ ގޯލު ޖަހައި އެއްވަރުކޮށްދިނީ ގައިޝާންއެވެ. އެ ގޯލާއެކު ހިތްވަރު ހޯދައި ސާދު އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ގާފަރުން އަލުން ލީޑުވެސް ނެގިއެވެ. އެ ލީޑު ހިފަހައްޓަން ގާފަރުން މެޗުގެ ފަހު މިނެޓުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރިތަން ފެނިގެން ދިޔަ ނަމަވެސް މެޗު ނިމެން 30 އަކަށް ސިކުންތު އޮއްވައި އަރީޝް ޖެހި ގޯލުން މާލެގަންއިން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ.

ދެޓީމުގެ ސަޕޯޓަރުންވެސް ފޯރީގައި ދަނޑު ގުގުމަމުން ދިޔަ އިރު، މެޗު ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީގައި ގާފަރުން މެޗު ކާމިޔާބު ކުރީ 7-6 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކޮށްފައިވާ އިރު، މާލެގަންގެ ފަހު ދެ ޕެނަލްޓީ ނާކާމިޔާބު ކޮށްލީ އަބްދުﷲ ރަޝީދާއި ކެޕްޓަން އަޖުމަލް އަހުމަދެވެ. އަބްދުﷲ ރަޝީދުގެ ޕެނަލްޓީ ދަނޑީގައި ޖެހިގައި ބޭރަށް ދިޔަ އިރު، އަޖުމަލް ޖެހި ޕެނަލްޓީ ފައިން މަތަކުރީ ގޯލްކީޕަރު ފައިޓޯއެވެ.

މިރޭ ދެން އޮންނަ ސެމީ ފައިނަލް މެޗުގައި އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ނުކުންނާނީ ދ. ކުޑަހުވަދުއާ ދެކޮޅަށެވެ.