ޖިންސީ ފުރައްސާރައިގެ މައްސަލައެއް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ސަމީރު ވާހަކަ ދެއްކެވުމުން އޭނާއަަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ކުރިމިނަލް ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި މައްސަލަ ރައްދުވާ ފަރާތުގެ އެ އަމަލަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ދޭހަވާގޮތަށް ގާޒީ ސަމީރު ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަން ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީ ކަމަށާއި އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓު ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ ގާޒީ ސަމީރުގެ ވާހަކަތައް ޖޭއެސްސީގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އެއީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ ގާޒީ ސަމީރަށް ނަސޭހަތް ދިނުމަށާއި ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 17 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ، ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ވެސް ޖޭއެސްސީން ވަނީ މިދިޔަ ބުދަ ދުވަހު ތަހުގީގުކުރަން ނިންމައިފައެވެ.
ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް ގާޒީ ސަމީރު ޑްރަގު ކޯޓަށް ބަދަލުކުރީ 2021 ވަނަ އަހަރުގެ ޖޫން މަސް ތެރޭ އޭނާ އަމިއްލައަށް އެދިވަޑައިގެންނެވެ. ގާޒީ ސަމީރު ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން ހުންނެވީ ފެމިލީ ކޯޓުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު