ޚަބަރު

މަނީ ލޯންޑަރިން އާއި، ދޮގު މައުލޫމާތު ދިންކަން ސާބިތުކުރަން، އާޒިމާއާ ދެކޮޅަށް 31 ހެކި ހުށަހަޅައިފި

ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން 31 ހެއްކެއް ހުށަހަޅައިފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ކުދާ ދެ ދައުވާގެ ތެރޭގައި ހިމެނެނީ، ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ ކުރިމިނަލް ކޯޓަށް ބަލަިގެންފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތީ އެ ދެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށްޓަކައި، ދައުވާއާ ގުޅޭގޮތުން ދެ ފަރާތުން ހެކި ހުށަހެޅުމެވެ. އެގޮތުން މަނީ ލޯންޑަރިންއަށް މަގު ފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އާޒިމާގެ މައްޗަށް ސާބިތުކުރުމަށް 20 ހެއްކެއް، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް 11 ހެއްކެއް ދައުލަތުން ހުށަހެޅިއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

އާޒިމާގެ ފަރާތުން އޭނާގެ ދިފާއީ ވަކީލު އަލީ ސައީދު، ވެސް މިއަދު ބައެއް ހެކި ހުށަހެޅުއްވިއެވެ.

އެގޮތުން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އާއި، އޭރުގެ ރައީސް އަބްދުﷲ ޔާމީނާ ކޮށްފައިވާ މުއާމަލާތަކާއި، ބޭންކް އޮފް މޯލްޑިވްގެ އޭރުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މެސެޖުތަކެއްގެ ސްކްރީންޝޮޓެއް ހުށަހެޅުއްވިއެވެ. ހެއްކެއްގެ ގޮތުގައި ބިޝާމް ހުށަހެޅުއްވީ، އޭނާ އަކީ އެމްއެމްޕީއާރްސީ މައްސަލާގައި މަސްލަހަތު އޮތް މީހެއްކަން ސާބިތުކޮށްދިނުމަށެވެ. ރައީސް ޔާމީންގެ މެސެޖުގެ ސްކްރީން ޝޮޓް ހުށަހެޅުއްވީ، އާޒިމާ އަށް ދައުވާކުރުމުގައި ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ރައީސް އޮފީހުގެ ނޯޓަކީ، ރައީސް ޔާމީން ދެއްވި އިރުޝާދާ އެއްގޮތަށް ފޮނުއްވި ނޯޓެއްކަން ސާބިތުކޮށްދިނުމަށެވެ. އަދި ޝަރީފް ފޮނުއްވި މެސެޖް ހުށަހެޅީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ބޭންކް އޮފް މޯލްޑިވްސް އަށް އެނގޭކަން ސާބިތުކޮށްދިނުމަށެވެ.

ކޯޓުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވި ގޮތުގައި، ދައުވާގައި ބުނާ ގޮތުން ނަމަ، މަދަނީ މިންގަނޑުން އެ ދައުވާ ކުރިއަށް ގެންދެވޭނީ އޭނާ ކުރެއްވި އަމަލެއްގެ ސަބަބުން މަނީ ލޯންޑަރިން ހިންގަން ފުރުސަތު ލިބުނު ކަމުގެ ހެކި ހުރުމުންނެވެ. އޭސީސީއަށް ލަފައެއް ދެއްވީ އާޒިމާ ކަމަށް ދައުލަތުން ބުނެފައި ވާއިރު އެކަން އެނގޭނެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާއަކީ ލަފާ ދޭން ހުރި މީހެއް ވެސް ނޫން ކަމަށާއި، އޭނާއަކީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އިސް ލީގަލް އޮފިސަރު ކަމަށްވެސް ވިދާޅުވިއެވެ.

ދެން އޮތީ ދައުވާގައި ބުނާ ނޯޓް ނުވަތަ ސިޓީގެ މައްސަލަ ކަމަށާއި، އެއަށް ބެލުމުން އެނގެނީ، އެ ނޯޓް ފޮނުވާފައި އޮތީ ވެސް ޔާމީންގެ މައްޗަށް ކުށް ސާބިތުވުމަށް ބޭނުންވާ ދެ ކަންތައް ހިނގި ފަހުން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

ބޭންކުގައި ޔާމީން ފައިސާ އިންވެސްޓްކުރުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެކަން އެނގޭނެ އެއްވެސް ހެއްކެއް ވެސް ނެތް ކަމަށާއި، އަދި ޔާމީންގެ މައްސަލަ ހުރިހާ ކޯޓަކުން ނިމިގެން ދިޔައިރު، އާޒިމާގެ ބައިވެރިވުން އެކަމުގައި ހިމެނޭކަމަށް އެންމެ ފަހަރަކު ވެސް ދައުލަތުންބުނެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި، ހެކީގެ ތެރޭގައި ހިމެނޭ ނޯޓްގައި އޮތީ ދައުވާގައި ބުނާ މައްސަލައިގައި ހިމެނޭ އެކައުންޓް ނަންބަރު

ނޫން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.