ޚަބަރު

ދޮންދަރިޔަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ވަން" އަށް މިއަދު ވިދާޅުވީ ނޯތް ޕޮލިސް ރީޖަން ގައި ހިމެނޭ ނ،ރ،ބ،ޅ އަތޮޅުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް މި މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި އަދި މި މައްސަލަ ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

'ވަން' އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެ ކުޑަ އަންހެން ކުއްޖާގެ ދޮންބައްޕައެވެ.

މިދިޔަ މަހުގެ ފަހުކޮޅުވެސް ނ،ރ،ބ،ޅ އަތޮޅުގެ ރަށެއްގައި 12 އަހަރުގެ ދޮންދަރިޔަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދޮންބައްޕަ އަކީ އެރަށު މިސްކިތެއްގެ މުދިމެވެ.