ޚަބަރު

ވެރިކަމުގައި ތިބީ ކޮންބައެއްތޯ ނުބަލައި އިންޑިއާއިން އެހީވަނީ ސީދާ ދިވެހިންނަށް: ރައީސް

މުހައްމަދު ސިމާއު

އިންޑިއާއިން ދިވެހިންނަށް ވަމުން އަންނަ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮންބައެއްތޯ ބެލުމެއްނެތި ވަމުންދާ އެހީތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން އައްޑޫގައި އިމާރާތްކޮށްދިން "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމަށް މިއަދު އެތަނުގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އިންޑިއާ އިން ރާއްޖެއަށް ވަމުން އަންނަ އެހީތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ވެދޭ އެހީތަކެއް ކަމަށެވެ.

އެކަމުގެ ސާފު ހެކިތަކުގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓްޑީސް އާއި 34 ރަށެއްގެ ފެނާއި ނަރުދަމާގެ އިތުރުން ތިލަމާލެ ބްރިޖާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަަރައްގީކުރުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި އައްޑޫ މަގުތައް ހެދުމާއި ބިން ހިއްކުން އަދި ކޯސްޓްގާޑް ބިލްޑިންގާއި އުތުރުތިލަފަޅުގައި ގާއިމުކުރާ ފެސިލިޓީ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާއިން ދިވެހިންނަށް ވަމުން އަންނަ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއްނެތި ގައުމުގެ ތަރައްގީއަށް, ދިވެހިންގެ ކުރިއެރުމަށް ވަމުންދާ އެހީތަކެއް. މިއަދު ހުޅުވިގެން މިދާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ މި ދެންނެވި ހަގީގަތުގެ އެއް މިސާލު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ޕްްރޮޖެކްޓްގެ ވާހަކަ ފުރަތަމަ ދެ ސަރުކާރުގެ ދެމެދުގައި ދެކެވުނީ 2009 ވަނަ އަހަރު ކަމަށެވެ. އޭރު ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައި ކަމަށާއި ނަމަވެސް އޭގެ ފަހުން ޅ. މާބިންހުރާއަށް އަދި ދ. ވާންޏަށް ވެސް ޕްރޮޖެކްޓް ބަދަލުކުރި ކަމަށެވެ.

އެންމެފަހުން އައްޑޫ ސިޓީގެ މަރަދޫ ހިތަދޫ ގުޅޭ ސަރަހައްދުގައި ޕްރޮޖެކްްޓް ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ޔާމީންގެ ވެރިކަމުގައިކަން ފާހަގަކުރައްވައި ރައީސް ވަނީ، އެކަން ހަގީގަތަކަށް ހެދުމަށް ކުރީގެ ސަރުކާރުތަކުން ކުރި މަސައްކަތްތައް ފާހަގަކުރައްވައި އޭރު ރައީސްކަމުގައި ތިއްބެވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.