ޚަބަރު

ޑެޕިއުޓީ މޭޔަރާއެކު މުޒާހަރާއިން ހައްޔަރުކުރި ނުވަ މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި

ރިފާ ހަލީލު

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 17 މީހުންގެ ތެރެއިން އަށް މީހަކު ދޫކޮށްލައި، މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހިމެނޭހެން ނުވަ މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ހުކުރު ދުވަހު ބޭއްވި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 މީހުންގެ ތެރެއިން ދެ މީހަކު ޝަރުތަކާ ނުލައި ދޫކޮށްލައި ހަ މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދެން ތިބި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށާއި ދެ މީހަކަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ނޭވާ ހޮޅިއަށް" ނަމުގައި ބޭއްވި މުޒާހަރާގެ ތެރެއިން ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުވެސް ހައްޔަރު ކުރިއެވެ. ނަމަވެސް މީގެ ތެރެއިން ސައީދާއި ޣައްސާން ހިމެނޭހެން ހަ މީހަކު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލައިފަ އެވެ. އަދި ދެ މީހަކު ވަނީ ޝަރުތަކާ ނުލައި ދޫކޮށްލައިފަ އެވެ.

ބަންދުގައި މިހާރު ތިބި މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް ހިމެނެ އެވެ.

އެގޮތުން މުހައްމަދު އިސްމާއިލްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު، ނަރީޝްގެ ބަންދަށް ޖަހާފައިވަނީ ދެ ދުވަހެވެ. އަދި ނަބީލް ޒަމީލްގެ ބަންދަށް ތިން ދުވަސް ވަނީ ޖަހާފަ އެވެ. ދެން ހައްޔަރު ކޮށްފައިވާ އަހުމަދު (ދަފުތަރު އެސްސީ)ގެ ބަންދަށް ތިން ދުވަސް ޖަހާފައިވާއިރު އަލީ ނަސީމް (ތަކަނޭ)ގެ ބަންދަށް ޖަހާފައިވަނީ ހަތް ދުވަހެވެ. އަދި ޝާޔާން ޝާހިދުގެ ބަންދަށް ދެ ދުވަސް ޖަހާފައިވާއިރު އިބްރާހިމް ރަޒާން އާއި މުހައްމަދު ޔާފިއުގެ ބަންދަށް ޖަހާފައިވަނީ ދެ ދުވަހެވެ. އޭގެ އިތުރުން އަހުމަދު ޝައްމޫންގެ ބަންދަށް ޖަހާފައިވަނީ ތިން ދުވަހެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި މިދިޔަ ހުކުރު ދުވަހު މުޒާހަރާ ބޭއްވީ އެ ހަރަކާތް ނުބޭއްވުމަށް ފުލުހުން އަންގާފައި ވަނިކޮށެވެ.