ޚަބަރު

"ރޯދަ ސާފު" ޕްރޮގުރާމަކީ ނެތެމުންދާ ސަގާފީ އާދައެއް އާލާކުރުމަށްޓަކައި މުހިންމު ޕްރޮގުރާމެއް: ޝަރީފު

މުހައްމަދު ޖަމްޝަތް ވަހީދު

ޒަމާނުއްސުރެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގެދޮރާއި ދިރިއުޅޭ މާހައުލު ސާފުކުރުމަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ވަރަށް މުހިންމު ރީތި އާދައެއް ކަމަށާއި އެފަދަ ރިވެތި އާދަތައް އާލާކުރުމަށާއި މުޖުތަމައުގައި އެ ސަގާފަތް ދެމެހެއްޓުމަށްޓަކައި "ރޯދަ ސާފު" ހަރަކާތަކީ މުހިންމު ހަރަކާތެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު އެގޮތަށް ވިދާޅުވީ، އެޗްޑީސީން އިންތިޒާމުކޮށްގެން ހުޅުމާލެ ސާފުކުރުމަށްޓަކައި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި "ރޯދަ ސާފު" ޕްރޮގުރާމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެ ހަރަކާތުގައި ސްޓެލްކޯގެ އިތުރުން ހުޅުމާލޭގެ ސްކޫލުތަކުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ފުލުހުން ބައިވެރިވިއެވެ.

ޝަރީފު ވިދާޅުވީ، އެ ހަރަކާތަށް ހުރިހާ މުއައްސަސާއަކުންވެސް ތަރުހީބުދީ އެ މަސައްކަތުގައި ބައިވެރިވުމަކީ މުހިންމު އަދި އެދެވޭ ކަމެއް ކަމަށެވެ. އަދި އެ ހަރަކާތަކީ ރަމްޒީ ހަރަކާތަކަށް ވުރެ ފުޅާ ވިސްނުމަކުން ވިސްނަންޖެހޭ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ މީހަކީވެސް ފަރުދީ ހައިސިއްޔަތުން އެމީހަކު ދިރިއުޅޭ މާހައުލު ސާފުކުރުމުގެ ޒިންމާ އެޅިފައިވާ މީހެއް ކަމަށާއި އެހެންކަމުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނާއި ހުޅުމާލޭގައި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންވެސްފަރުދީ ހައިސިއްޔަތަކުން އެ ޒިންމާ ނަގައިގެން ނޫން ގޮތަކަށް ދިރިއުޅޭ ވެށި ސާފުތަނަކަށް ނުހެދޭނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މިއަދު އަޒުމް ކަނޑައަޅަންވީ، މިތަނުގައި ތިބި ހުރިހާ މުއައްސަސާތަކަކާއި ހުރިހާ ފަރާތްތަކުންވެސް އަޒުމް ކަނޑައަޅަންވީ، މި ރަމްޒީ ޕްރޮގުރާމަކީ ރަމްޒެއްކަމުގައި ބެލި ނަމަވެސް ހަގީގަތުގައި އަޅުގަނޑުމެން ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކެން" ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސުކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެފަދަ ޕްރޮގުރާމުތަކަށް ދެއްވާ ތަރުހީބަކީ ޝުކުރުވެރިކަމާ އެކީގައި ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވިއެވެ.