ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ބުރުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ކައިރިން ބަލިވި ތުރުކީގެ ކެޕްޓަން ބުރަކް ޔިލްމާޒް ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފިއެވެ.

ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ބުރުގައި ކުޅުނު ފުރަތަމަ ބުރުގެ މެޗުގައި ޕޯޗުގަލުން ތުރުކީގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

ޕޯޗުގަލްގެ ގޯލުތައް މެޗުގައި ޖަހައިދިނީ އޮޓޭވިއޯއާއި ޑިއޭގޯ ޖޮޓާގެ އިތުރުން މެތިއަސް ލުއިސްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލުން ދެ ގޯލުގެ ލީޑެއް ނެގި އިރު، ދެވަނަ ހާފަށް ނުކުމެ ޔިލްމާޒްގެ ގޯލުން ތުރުކީ މެޗުގެ ފަރަގު ކުޑަކުރިއެވެ. ނަތީޖާ އެއްވަރުކުރުމަށް ތުރުކީއަށް މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ޔިލްމާޒް ނާކާމިޔާބު ކޮށްލައިފައިވެއެވެ. ޕޯޗުގަލްގެ ތިންވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގައެވެެ.

އެކަމުގެ މާޔޫސް ކަމާއެކު މެޗަށްފަހު އުމުރުން 36 އަހަރުގެ ޔިލްމާޒް ވަނީ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފައެވެ.

"އަހަރެން ޕެނަލްޓީ ވެއްދި ނަމަ ޕޯޗުގަލްއަށް އުނދަގޫތަކާ ކުރިމަތިވާނެ. އެކަމަކު އަހަންނަށް ނާކާމިޔާބުވީ، އަހަރެންވެސް މިހުރީ ޝޮކެއްގައި. އެއީ ބޮޑު ހިތާމައެއް. އެކަމަކު މާ ގިނަ ވާހަކަތަކެއް ނުދައްކައި އަހަރެން ބުނަން ބޭނުންވާ ވާހަކަ ބުނެލަން ބޭނުން. މިއީ އަހަރެން ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗު. ބަދަލުތަކެއް ގެންނަން އެބަޖެހޭ. ޖަޒުބާތީ ނިންމުމެއް ނަމަވެސް އަހަރެން ރިޓަޔާ މިކުރަނީ ބަދަލުތަކަށް ފުރުސަތު ދޭން،" ޔިލްމާޒް ބުންޏެވެ.

ފްރާންސްގެ ލިލްއަށް ކުޅެމުން އަންނަ ޔިލްމާޒް ވަނީ ގައުމީ ޓީމަށް ކުޅުނު 77 މެޗުގައި 31 ގޯލު ޖަހައިދީފައެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން މިދިޔަ އަހަރު ބޭއްވި ޔޫރޯގައިވެސް ކުޅެފައެވެ.