ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ސެމީ ފައިނަލުގެ ޖާގަތައް ކ. ގާފަރު، މާލެގަން، ދ. ކުޑަހުވަދޫ އަދި އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުށިން ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ރޭ ކުޅެފައިވާ އިރު، ހަތަރު މެޗުވެސް ފެނުނީ ފޯރިގަދަކޮށެވެ. ރޭ ފުރަތަމަ ކުޅެފައި ވަނީ ކ. ގާފަރާއި މާފަންނު ވާދަކުރި ކުއާޓާގެ މެޗާއި ހުޅުމާލެއާއި މާލެގަން ވާދަކުރި ކުއާޓާގެ މެޗެވެ. މާލެގަންއިން ސެމީ ޔަގީންކުރީ 3-1 ގެ ނަތީޖާއަކުން ހުޅުމާލެ ބަލިކޮށްގެންނެވެ. އަނެއް މެޗުގައި ގާފަރުން ވަނީ މޮޅަށް ކުޅެ 4-0 އިން މާފަންނު ބަލިކޮށްފައެވެ.
އެއަށްފަހު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ތ. ތިމަރަފުށިން ރ. ދުވާފަރު ބަލިކުރީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަނެއް މެޗުގައި ދ. ކުޑަހުވަދޫން ބ. އޭދަފުށި ކަޓުވައިލީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު 4-4 އިން އެއްވަރުވެގެން ނިމިގެން ޖެހި ޕެނަލްޓީގައި 3-2 އިންނެވެ.
މެޗު ފެށިގެން ހަމްދާން އަބްދުލް ސައްތާރުގެ ދެ ގޯލުން އޭދަފުށިން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ޖުމައިލް ޖަމީލާއި މުހައްމަދު އަރީޝްގެ ގޯލުތަކުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގައި އޭދަފުށީގެ ހަމްދާން ހެޓްރިކް ފުރިހަމަ ކުރިވެސް މެއެވެ. އަދި ކުޑަހުވަދޫގެ އަބްދުލް މުސްތަގިމް އަތުން ބައިކޮޅަށް ވަން ގޯލާއެކު އޭދަފުށިން ހަތަރު ގޯލު ޖެހި އިރު، ކުޑަހުވަދޫގެ ޖުމައިލްއާއި އަރީޝް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.
ތިމަރަފުށިން ރޭގެ މެޗުގައި ކުޅުނީ ފޯމުގައެވެ. ފުރަތަމަ ހާފުގައިވެސް ފަސް ގޯލުގެ ލީޑެއް ނަގައިފައިވެއެވެ. ދުވާފަރުން ކުއާޓާއާ ހަމައަށް ފޯމުގައި ކުޅެމުން އައި ނަމަވެސް ތިމަރަފުއްޓާ ޖެހުމުން އެޓީމަށްވެސް އުނދަގޫތައް ދިމާވިއެވެ. ފުރަތަމަ ހާފުގެ ގޯލުތައް ޖެހީ އާދަމް ނާސިހު (އާދަންނާ)އާއި އަސްވަދު (ގަބޭ)، އިސްމާއީލް މުނީޒްގެ އިތުރުން އަލީ ޝިފާއު (ރޮނާ) އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެވެސް ފަސް ފައުލު ހަމަވެފައިވާ އިރު، ތިމަރަފުށީގެ ފަސް ފައުލް ހަމަވެގެން ދިން ދުރު ޕެނަލްޓީއެއްގައި ދުވާފަރުގެ އިސްމާއިލް އަހުމަދު ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފައެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ތިމަރަފުށިން އިތުރު ތިން ގޯލު ޖެހިއިރު، ގަބޭ ވަނީ ދެ ގޯލު ޖަހައި ހެޓްރިކެއް ހަދައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގަބޭގެ ބައިވެރިވުން އޮވެގެން ކުރި އެޓޭކެއްގައި ތިމަރަފުށީގެ އަނެއް ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް ސިޔާދު ބޮލުންނެވެ. ދުވާފަރުންވެސް ދެވަނަ ހާފުގައި ދެގޯލު ޖެހިއިރު، އެ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު އިސާމްއާއި މުހައްމަދު ޖުމާން އަހުމަދެވެ.
ޖުމުލަ 91 ޓީމާއެކު ފެށި ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
މުބާރާތުގެ ސެމީގެ ދެ މެޗު މާދަމާ ރޭ އޮންނަ އިރު، ގާފަރުން ސެމީގައި ނުކުންނާނީ މާލެގަންއާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ސެމީގައި ނުކުންނާނީ ކުޑަހުވަދުއާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް