ޚަބަރު

ފުވައްމުލަކާބެހޭ ކަންކަން ކުރިއަށްގެންދާނީ، ސިޓީ ކައުންސިލުގެ މަޝްވަރާގެ މަތިން: ރައީސް

ފުވައްމުލަކުގެ ތަރައްގީއާ ގުޅޭ ކަންކަން ކުރިއަށްގެންދާނީ، ސިޓީ ކައުންސިލުގެ ހިޔާލާއި މަޝްވަރާގެ މަތިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފުވައްމުލަކުގެ ސިޓީކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެ ފަރާތްތަކުން ފާހަގަ ކުރި ކަންތައްތަކާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަސައްކަތާ ގުޅިގެންނާއި، ހައުސިން ޔުނިޓްތަކުގެ ޑިޒައިނާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ސިޓީކައުންސިލުން ފާހަގަ ކޮށްފައިވާ ކަމަށެވެ.

އިޖްތިމާއީ އެންމެ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމުގައި، މުޅި ރާއްޖޭގައި ހުރި މި ފަދަ މައްސަލަތައް ހައްލުކުރުމަށް ޓާސްކްފޯހެއް އެކުލަވާލައިގެން މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި އެ މަސައްކަތުގައި ސިޓީތަކަށް އިސްކަންދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި ކަމަށާއި މީގެ އިތުރުން ކައުންސިލުން ފާހަގަކުރި ކަންކަމުގައި، އެ ކަންކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ފުވައްމުލަކު ސިޓީގެ ގިރާ ސަރަހައްދާއި ބަނދަރު ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލައްވައިފައެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސިޓީގެ ބަނދަރު ބޮޑުކުރުމަށް ބަނދަރުގެ ސާވޭގެ މަސައްކަތް، ކުރިން އެ މަސައްކަތް ކުރި ކުންފުންޏާ ހަވާލުކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވުމުގެ އިތުރުން ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓާވެސް ބައްލަވައިލައްވައިފައެވެ.

ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްގެންދަނީ އެމްޓީސީސީންނެވެ. މަގުހެދުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ބޮޑުބައެއް ނިމިފައިވާއިރު މަގުތައް ތަރައްގީކުރަނީ މަގުތަކުގައި ތާރުއެޅުމާއި ސްޓޯމްވޯޓަރ ޑްރެއިނޭޖާއި މަގުބައްތި ޖެހުން ވެސް ހިމެނޭގޮތަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް ފެންވަރު މަތިކުރުމުގެ ގިނަ މަސައްކަތްތައް ކުރިޔަށްދާއިރު އޭގެތެރޭގައިހަތަރު ކޮންސަލްޓިން ރޫމާއި، ލެބޯޓަރީ އާއި، ޕީސީއާރު ލެބާއި، ފިޒިއޯތެރަޕީ އާއި ވެއިޓިންގ އޭރިޔާ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލަކު ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.