ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި "ނޭވާ ހޮޅިއަށް" އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތްކުރީ އިންޑިއާ ސިފައިންގެ އޯޑަރަށް ކަމަށް އެ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

"ނޭވާ ހޮޅިއަށް" އެއްވުން ނިންމާލުމަށްފަހު ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވީ އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އިންޑިއާ ސިފައިންގެ ކޮމާންޑުތަކަށް ކަމަށެވެ.

"އިންޑިއާ ސިފައިން މިހާރު ވެސް މިތަނުގައި އެބައުޅޭ. ހަމަ ޓީޝާޓު ލައިގެން އައިސް އިންޑިއާ ސިފައިން ތިއްބައި އެ މީހުން ކައިރިން ކޮމާންޑު ނަގައިގެން މި ބޭފުޅުން (ފުލުހުން) އަމަލު ކުރަމުން މި ގެންދަނީ. އެ މީހުން ދޭ ކޮމާންޑާ އެއްގޮތަށް އަމަލު ކުރަމުން ގެންދަނީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ފުލުހުން އެގޮތަށް، ބޭރު ބައެއްގެ ކޮމަންޑަށް އަމަލުކުރުމުން ދޭހަވެގެންދަނީ މިގައުމު އަޅުވެތިވެފައިވާ މިންވަރު ކަމަށެވެ. އަދި ދިވެހި ފުލުހުންނަށާއި ސިފައިންނަށް ދިވެހި ސަރުކާރުން އަމުރުކުރުމުގެ ބަދަލުގައި މިހާރު އަމުރުކުރަމުން ދަނީ އިންޑިއާ ސިފައިންނާއި އެގައުމުގެ ސަރުކާރުން ކަމަށެވެ.

އަދުރޭ ވިދާޅުވީ އެ ކޯލިޝަނުން މަސައްކަތްކުރަނީ ސަރުކާރުން ވައްޓާލަން ނޫން ކަމަށާއި މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، އެއްވުން ހުއްޓުވުމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުދިން ބިދޭސީ މީހާ އިނީ ފުލުހުންގެ ވޭނެއްގައި ކަމަށެވެ. އަދި އެ މީހާ ފުލުހުންނަށް ކޮމާންޑުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯ އާއި ޕޮޓޯ އެ ކޯލިޝަނުން ނަގާފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ ފުލުހުން ބިދޭސީއެއްގެ ކޮމާންޑާ އެއްގޮތަށް އަމަލުކޮށް ގާނޫނީ އަސާސީން ލިބިދޭ ހައްގެއް ހިފެހެއްޓުމަށް މަސައްކަތްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފުލުހުންނަށް ކޮމާންޑްދިން ބިދޭސީ މީހާ، ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ޖަމިއްޔާތަކާ ގުޅިގެން ހޯދާނެ ކަމަށާއި އެއަށްފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެކަމަށް ޖަވާބުދާރީކުރުވާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ މިއަދުގެ އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އައި މީހުން މާލެއަށް އެރިޔަ ނުދީ އެމްއެންޑީއެފުން އެ މީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށާއި އެހެން ނޫންނަމަ މިއަދުގެ އެއްވުމުގައި 12،000 މީހުން ބައިވެރިވާނެ ކަމަށެވެ.

މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުން މިހާރު ތިބީ ފުލުހުންގެ މައި އިދާރާގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް ޑެޕިއުޓީ ޕާލިމެންޓް ލީޑަރު އަދި ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ޕީއެންސީ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ހިމެނެއެވެ. އަދި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ.

މިއަދުގެ އެއްވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެމްއެންޑީއެފްގެ ސެކިއުރިޓީގެ ފަރާތުން ހުއްދަ ނުލިބުމާ ގުޅިގެން އެމަނިކުފާނަށް އެއްވުމުގައި ބައިވެރިވެވަޑައިނުގަނެވުނެވެ.