މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުއްޓައި މިއަދު އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތި މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެ އިސްކޮށް ހުރި މީހާ ހައްޔަރުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެއިން ފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސް އިން މާލޭގައި ސާޗު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން އޮޕަރޭޝަންގައި މާފަންނު ގެއަކުން 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
އެ މަސްތުވާތަކެތީގެ މައްސަލައިގައި އެންމެ އިސް މޭސްތިރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮފައިވާ ކަމަށް ހަމީދު ވަނީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ. ނަމަވެސް ހައްޔަރުކުރި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހަމީދު ހާމައެއް ނުކުރައްވައެވެ.
މި މައްސަލައިގައި މިއަދު ވަނީ އިތުރު މީހަކުވެސް ހައްޔަރުކޮށްފައެވެ. އެމީހާގެ މައުލޫމާތެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
މަސްތުވާތަކެތި ފެނިފައިވަނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓް ކަމަށްވާ އެފްސީޕީޑީ އޮފީސް ކުރިމަތީގައި ދެބުރިއަށް ނަގާފައި ހުރި ގެއަކުންނެވެ. މަސްތުވާތަކެތި ފެނިފައިވަނީ އެގޭގެ ތަޅުންގަނޑުގެ އަޑީގައި ކުޑަ ގޯޅިއެއްހެން ހަދާފައި އިން ތަނަކުންނެވެ.
ފުލުހުން ވަނީ މިފަހުން ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެގޮތުން މިފަހުން ވަނީ 17 ކިލޯގެ މަސްތުވާތަކެތި ޕިކަޕަކަށް އަރުވައިގެން ދަނިކޮށް އަތުލައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު