ޚަބަރު

ތިލަމާލެ ބްރިޖު ޕްރޮޖެކްޓަށް ވިލިމާލެ ސިނާއީ ސަރަހައްދު ދޫކުރާނީ ގެއްލުމުގެ ބަދަލުދިނުމުން: ޑރ. މުއިއްޒު

މުހައްމަދު އިޝާން

ތިލަމާލެ ބްރިޖު ޕްރޮޖެކްޓަށް ވިލިމާލެ ސިނާއީ ސަރަހައްދު ދޫކުރާނީ އެ ސަރަހައްދަށް އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދިނުމުން ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ މާލޭ ރައްޔިތުންންނާ ބައްދަލުކުރުމުގެ ގޮތުން ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ތަރައްގީގެ މަޝްރޫއުތައްކަށް ހުރަސް އަޅަމުންދާކަމަށް ބުނެ ސަރުކާރުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ކައުންސިލުން މަސައްކަތްކުރަނީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ހިދުމަތް ކުރުމަށް ކަމަށާއި، ނަމަވެސް ސަރުކާރުގެ ވަކި ހިސާބަކުން އެކަމަށް ހުރަސްއަޅާ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ސިޓީ ކައުންސިލް ބަދުނާމުކޮށް ދައްކާ ވާހަކައިގެ ހަގީގަތް ހާމަކުރަން ބޭނުންވާ ކަމަށެވެ.

"މިތަނުގަ ހަމަ މިމައުލޫގަ ހަމަ މިކަމުގަ މިސާލެއްގެ ގޮތުގަ އެއް މައްސަލަ ތަފްސީލު ކޮށްދޭން އަޅުގަނޑު ބޭނުން، ވަރަށް ގިނަ ކަންކަން އެބަހުރި ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން މިކުރާ އިހުލާސްތެރި މަސައްކަތް ކޮންމެވެސް ނިޔަތެއްގަ، ނޫނީ ކަމަކަށް އޮޅުވާލަން ރައްޔިތުންނަށް އެހެން ގޮތަކަށް ސިފަކޮށްދޭން ކުރާ ކަންކަން، އެގޮތުން އަޅުގަނޑު ހަމަ ނަގާކަމަކީ ވަރަށް ފަހުން ތިބޭފުޅުން ހަނދުމަފުޅު ހުންނަވާނެ ވިލިމާލެ ބްރިޖު މައްސަލާގައި އެއްބާރުލުން ނުދޭކަމަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިކަމުގެ ހަގީގަތް، މީޑިއާގައިވެސް ސަރުކާރުން ފާހަގަކުރަނީ އެބޭފުޅުން ބޭނުންވާ ތަންކޮޅު އެކަނި" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއް ބައްދަލުވުމުގެ ބައިވެރިންނަށް ފެންނަނާހެން ބޮޑު ސްކްރީނެއްގައި އެޅުވުމަށްފަހު ޑރ. މުއިއްޒު ވިދާޅުވީ، އެ މިނިސްޓްރީން އެންމެ ފުރަތަމަ ތިމަލާލެ ބްރިޖު މަޝްރޫއަށް ބޭނުންވާ ވިލިމާލެ ސަރަހައްދުގައި ސިނާއީ ސަރަހައްދު ހިމަނާފައި ނުވާ ކަމަށެވެ.

"މި ޕްރެސެންޓޭޝަނުގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާ ސިޓީ ސަރުކާރުން މީޑިއާއަކަށް ތިލައެއް ނުކުރައްވާ މި ސިޓީގައި މިއޮތީ ވިދާޅުވެފަ، ތިމަންމެން ބޭނުންވެޔޭ ބްރިޖު މަޝްރޫއުގެ ވޯކް ސައިޓުގެ ގޮތުގަ މި ސިޓީގައި އެޓޭޗް ކުރެވިފައި އޮތްއެއްޗެއް މިއީ މި ޕްރޮޖެކްޓަށް ވިލިނގިލިން ބޭނުންވާ ސައިޓަކީ، މި ސިޓީއެއް އެ ބޭފުޅުން މީޑިއާއަކަށް ނުފޮނުއްވާ، ރިޕޯޓު ހައްދަވާއިރު އަޅުގަނޑުމެން ބަދުނާމު ކުރުމުގެ ބޭނުން ނުކުރައްވާ!، މީގަމިވާ ސިޓީގަ ތިބޭފުޅުންނަށް ފާހަގަވެގެންމިދާ ޗާޓު މިއީ އެ ބޭފުޅުން ފޮނުވި ޗާޓަކީ، ފެހިކުލައިން ކުލަޖައްސާފަމިވާ ސަރަހައްދަކީ އެ ސިޓީގަ ފާހަގަކޮށްފައިވާ ސަރަހައްދު، މި ޗާޓުން އެބަ ފާހަގަވޭ ޕްލޭނިން މިނިސްޓްރީން ބޭނުންވެލައްވަނީ ކޮން ސަރަހެއްދެއްކަން، ސިނާއީ ސަރަހައްދު ނާރާގޮތަށް އެބޭފުޅުން ބައުންޑަރީ ފާހަގަކޮށްފަ އަޅުގަނޑުމެންނަށް ދެންނެވީ އެ ސަރަހައްދު ކަނޑައަޅައިދޭށޭ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މަސައްކަތްކުރީ ޕްލޭނިން މިނިސްޓްރީން ސިޓީގައި އެދުނު ގޮތަށް ކަމަށާއި، މިނިސްޓްރީން އެދުނު ގޮތަށް ކަންތައްކުރުމުން ވެސް އެ ބޭފުޅުން ދިޔައީ ސިޓީ ކައުންސިލުން ތަރައްގީއާ ދެކޮޅުކަމަށް ބުނެ އޮޅުވާލަމުންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެ ސިޓީގައި ވިލިމާލެ ސިނާއީ ސަރަހައްދު ތިލަމާލެ ބްރިޖު މަޝްރޫއަށް ބޭނުންނުވާކަން އަންގާފައިވުމުން އެ ސަރަހައްދުން ބިން ދޫކުރާކަމަށް ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީއާ ބައްދަލުކޮށް ތިލަމާލެ ބްރިޖު މަޝްރޫއުގައި އެ ކައުންސިލް ހިމަނައިދެއްވުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ބައްދަލުވުމަށް ފޮނުވީ އެއްވެސް ނިންމުމެއް ނުނިންމޭ ލެވެލްގެ ޖޫނިއާ މުވައްޒަފަކު ކަމަށެވެ.

"މިއޮތީ އެ ޗާޓު، މި ފެހިކުލައިން ފާހަގަކޮށްފައިނުވާ ހުރި ބިންތައް އެތަންތަނުގައި ހުރި ހުސްބިންތައް ކުއްޔަށްދޭން މި ހުޅުވާލީ، މީގަ ކޮބާތޯ އަޅުގަނޑުމެން ތަރައްގީއަށް ހުރަސް އަޅާފަ، ބްރިޖު ޕްރޮޖެކްޓަށް ހުރަސް އަޅާފަ، ހުދުކުލައިގަ އެހުރި ބިންތައް ކުއްޔަށް ދޭން ހުޅުވާލީ، އެހެންވީމާ އަޅުގަނޑުމެން ނެތޭ ތަރައްގީއަށް ހުރަސް އަޅާފައެއް، އަޅުގަނޑުމެން މީގެކުރިން އެދިގެން ސިޓީ ފޮނުވައިގެން މީޓީންއަށް އެދިގެން ވަރަށް މަސައްކަތުން ޕްލޭނިން އިން މީޓިންއަކަށް ބޭފުޅަކު ފޮނުވީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރާކަން އިއުލާންކުރުމުން ޕްލޭނިން މިނިސްޓްރީން އެކަން އެގޮތަށް ނުކުރެވޭނެކަން އަންގައި ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީގައި ބުނެފައިވަނީ، ތިލަމާލެ ބްރިޖުގެ މަޝްރޫއަށް މިހާރު ސިނާއީ ސަރަހައްދު ބޭނުންވާ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ގައުމީ އިދާރާއަކުން އަންގައިފިނަމަ އެ އަންގާ ގޮތަކަށް ކައުންސިލުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ލާމަރުކަޒީ ގާނޫނާ ހަވާލާދެއްވައި ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ގައުމީ އިދާރާއަކުން އެދިގެން ކަމަށް ވިޔަސް ބިމެއް ކައުންސިލަށް ނެގޭނީ ގާނޫނުގައި ބުނާ ގެއްލުމުގެ ބަދަލު ދިނުމުން ކަމަށެވެ.

"13 މާޗު 2022 ސިޓީގައި މިއޮތީ ތިމަންނަމެން މުޅި ސަރަހައްދު އެބަ ބޭނުންވެޔޭ، އަޅުގަނޑުމެން މިހާރު މި ލުއި ސިނާއީ މަސައްކަތައް ދޫކުރަން މިއުޅޭ ސަރަހައްދު ތިމަންނާމެންނަށް ދޭށޭ، ގެންދަންވީ، ގާނޫނުގަ އެބަބުނޭ ގެންދެވޭނެ، އަޅުގަނޑުމެން ނޫޅެން ހުރަސް އަޅާކަށް، އެހެންވީމާ މިހާރު މި ބޭފުޅުން ބޭނުންވަނީ މުޅި ސަރަހައްދު، ވިލިނގިލީގަ ސިނާއީ މަސައްކަތަށް އެކިއެކި ފަރާތްތަކުން އިންވެސްޓުކޮށް އެތައް ސަތޭކެ މިލިއަން ހަރަދުކޮށްފަ އޮތް ސަރަހައްދު މި ބޭފުޅުން ބޭނުންވެޔޭ، ގާނޫނުގަ އެބަބުނޭ ގެއްލުމުގެ ބަދަލުދޭން، އެ ވާހަކަ މި ބޭފުޅުން ނުދައްކަވާ، ބަދަލުދިނިމާ ސިނާއީ ސަރަހައްދު ދޫކުރެވޭނީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ޕްލޭނިން މިނިސްޓްރީ މިހާރު އަމަލުކުރަމުންދަނީ ގާނޫނާ އެއްގޮތަށްކަމަށް ނޫން ކަމަށާއި، ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތްކުރާނީ ގާނޫނީ އިމުގެ ތެރެއިންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެދޭ ކޮންމެކަމެއް އެ އެދުނުގޮތަކަށް ސިޓީ ކައުންސިލުން ކޮށްދޭ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން ކަމަކަށް އެދެފިނަމަ އެކަމެއް ސަރުކާރަށް ނުކޮށްދެވޭ ކަމަށެވެ.