ޑްރަގްގެ ބަރުދަނާ މެދު ސުވާލު އުފެދިގެން މިނިވަންވި މީހަކު އުމުރަށް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އުމުރު ދުވަހަށް ޖަލަށްލާން ހުކުމްކުރީ ހ. ބްރެޑްލީ، ހުޒައިމަތު ނައީމްއެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހުގެ ރޭ 10:46 ހާއިރު ކެނެރީމަގުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ހަބަރު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔައިރު ހުޒައިމަތު މަސްތުގެ ހާލަތުގައި ހުއްޓައި ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، ލައިގެން ހުރި ޖަންގިޔާގެ ތެރެއިން މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅެއް ވަނީ ފެނިފައެވެ. ފެނުނު ދަޅުގައި ހުރި މަސްތުވާތަކެތީގެ ތަހްލީލު ރިޕޯޓަށް ބަލާއިރު، އެ ދަޅުގައި ހުރި މަސްތުވާތަކެތީގައި ޖުމުލަ 17.2872 ގްރާމްއެވެ.

އެ ދަޅުން ވަނީ ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައެވެ. އެއީ 11.3454 ގްރާމް ޓެޓްރާހައިޑްރޯ ކެނެބިނޯލް އާއި 1.0554 ގްރާމް ކެނެބިނޯލްއެވެ. ހުޒައިމަތުގެ މައްޗަށް ދައުލަތުން ދައުވާކުރުމުގައި ބެލީ މަސްތުވާތަކެތީގެ ހުރި ބަރުދަނަށެވެ. އެހެންވެ ދައުލަތުން ވަނީ އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާކޮށްފައެވެ.

ނަމަވެސް ހުޒައިމަތު ވަނީ އެ ދައުވާ އިންކާރުކޮށް އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި އޭނާ އަތުން ފެނުނު ތަކެއްޗަކީ އޭނާ ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށާއި ޓްރެފިކް ކުރުމަށް ގެންގުޅުނު ތަކެތި ނޫން ކަމަށް ބުނެފައެވެ.

ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ހުޒައިމަތުއާ ދެކޮޅަށް އެ މަސްތުވާތަކެތި ތަހުލީލުކުރި ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ އިނާސް އަބްދުއްލަތީފް ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ. ހެކިބަސް ދެމުން އިނާސް ވިދާޅުވެފައިވަނީ، ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެއްކަކީ އޭނާ ތައްޔާރުކުރި ސައްހަ ރިޕޯޓެއް ކަމަށެވެ. އަދި ދަޅުން ފެނުނު މަސްތުވާތަކެތީގެ ހުރި ބަރުދަނާ ގުޅިގެން ހުޒައިމަތުގެ ފަރާތުން ކުރި ސުވާލުތަކަށް ވެސް އޭނާ ވަނީ ޖަވާބު ދެއްވައިފައެވެ.

އެ މައްސަލަ ނިންމުމުގައި ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 141 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ އަކުރުގައި "މީހެއްގެ އަތުގައި ހުރި ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިވާނަމަ، އެ މަސްތުވާތަކެތީގެ ބަރުދަނަކީ އެ ހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަން" ކަން ފާހަގަކުރައްވައި އެމައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ ޖުމުލަ ބަރުދަން ކަމުގައި ބަލައި ހުޒައިމަތުގެ މައްޗަށް މަސްތުވާތަކެތީގެ ޓްރެފިކްކުރުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 25 އަހަރަށް ޖަލަށްލުމަށާއި 100،000 ރުފިޔާއިން ޖޫރިމާނާކުރުމަށް ހުކުމްކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ހުޒައިމަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުގައި ހުޒައިމަތުގެ ފަރާތުން ބުނެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގައި މަސްތުވާތަކެތީގެ ބަރުދަން ކަމަށް ބަލާފައިވަނީ ދަޅުގައި ހުރި ބަރުދަން ހިމަނައިގެންތޯ ނުވަތަ ނޫންކަން ސާފުނުވާ ކަމަށެވެ. އަދި ދަޅުން ފެނުނު މަސްތުވާތަކެތިން އެހެން ކެމިކަލެއް ފެނިފައިވާކަން ނުވަތަ ނޫންކަން ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިނާސް، ރިޕޯޓްގައި ނެތް ކަންކަމުގެ ވާހަކަ ކޯޓުގައި ދައްކާފައިވާ ކަމަށެވެ. އަދި އިނާސް ހެކިބަސްދެމުން މަސްތުވާތަކެތި ފެނުނު ދަޅުގައި ހުރި ކެމިކަލްގެ ބާވަތެއްކަމަށްވާ އިމްޕިއުރިޓީސްގެ މަސްތުވާތަކެތީގެ ބަރުދަނުގެ ގޮތުގައި ހިމަނާފައިވާ ކަމަށް ހެކިބަސް ދީފައިވާ ކަމަށެވެ.

އިސްތިއުނާފީ ނުކުތާތައް އެގޮތަށް ހުރުމުން ހައި ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުން ހުޒައިމަތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ހުކުމްކޮށްފައިވަނީ ގާނޫނާހިލާފަށް ކަމަށެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ކްރިމިނަލް ކޯޓުން ހުޒައިމަތުގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށާއި ހައި ކޯޓުގެ ހުކުމް ބާތިލު ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ މަސްތުވާތަކެތީގެ ބަރުދަން ބެލީ އެތަކެތި އަޅާފައި ހުރި ދަޅު ނުހިމަނައި ކަމަށް އެތަކެތީގެ ތަހުލީލުކުރި އިނާސް ހެކިބަސް ދީފައިވުމުންނާއި އެ ދަޅުން ފެނުނު ޓެޓްރާހައިޑް ރޯކެނަބިނޯލް އާއި ކެނަބިނޯލްގައި ހިމެނޭ އިމްޕިއުރިޓީސް ނުލައި ވެސް މަސްތުވާތެކެތި ޓްރެފިކްކުރުމުގެ ދައުވާ ކުރެވޭ މިންވަރަށް ބަރުދަން ހުރުމުންނެވެ.

ގާނޫނު ބަލައިގަންނަ ގޮތުގައި މަސްތުވާތަކެތީގެ ބަރުދަނަކީ އިމްޕިއުރިޓީސް ވެސް ހިމެނޭ ގޮތަށް ހުންނަ ބަރުދަން ކަމަށް ވާތީ، އިމްޕިއުރިޓީ ހުރުމަކީ ވަކި ތަފާތު ނަތީޖާއެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ފެނުނު ޑްރަގާ އެއްކޮށްފައި ހުރި އެއްޗަކީ ކޮބައިކަން ތަހުލީލު ރިޕޯޓުގައި ނެތުމަކީ އެ ރިޕޯޓުގެ އުނިކަމެއް ކަމަށް ނުބެލެވޭނެ ވެސް އެހުކުމުގައިވެއެވެ.

މީގެ އިތުރުން ހުކުމުގައި ބުނީ، އިމްޕިއުރިޓީސްއާ ނުލައި ހުރީ 17.28 ގްރާމްގެ ބަރުދަންތޯ ދަށު ކޯޓުގައި ދައުލަތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ހެކިވެރިޔާ "ލައްބަ" ބުނެފައިވާތީ އެއީ ހެކިބަހުގައި ހުރި ފުށުއެރުމެއް ކަމަށް ދިފާއުން ދެކުނަސް އެއީ ކުރިން އޭނާ ކިޔައިދިން ގޮތް ނަފީވާން ނުވަތަ ހެކިބަހުގެ ބާރުދަށްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެއީ ކުރިން އޭނާ ތަފްސީލުކޮށް އެއްގޮތަކަށް އެ ވާހަކަ ކިޔައިދީފައިވުމުންނެވެ.

މައްސަލައިގައި ހިމެނޭ ފަރާތްތައް އޭނާއާ ސުވާލުކޮށް، ދެ ފަހަރު ދެ ގޮތަކަށް ބުނަން މެދުވެރިވި ސަބަބެއް ތަފްސީލު ކުރެވިފައިވީ ނަމަ އެކަމުން އޭނާގެ ހެކިބަހަށް އަސަރު ކުރީސް ކަމަށް ހުކުމުގައި ބުންޏެވެ.

ހެކިވެރިޔާގެ ހެކިބަހަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ވަނީ ހުޒައިމަތުގެ އަތުން ފެނުނީ 12.4008 ގްރާމު ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅުކަމަށް ކަމަށް ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.